ޠާހިރު ސުންނަތުގައި އަހުލުބައިތުން










އަހުލުބައިތުންގެ ވާހަކަ ބަޔާންކުރައްވާފައިވާ އެތައް ޙަދީޘްފުޅުތަކެއް ވެއެވެ. މި މަޒުމޫނުގައި ގެނެސްދޭނީ އެއިން ބައެއް ޙަދީޘްފުޅުތަކެވެ.

ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(كُلُّ حَسَبٍ وَنَسَبٍ مُنْقَطِعٌ يَوْمَ الْقِيَامَةِ إِلا حَسَبِي وَنَسَبِي)
ރިވާކުރެއްވީ: އަލްބައިހަޤީ.

މާނައީ، "ތިމަންކަލޭގެފާނުގެ ޙަސަބާއި ނަސަބު ފިޔަވައި، (އެހެން) ކޮންމެ ޙަސަބަކާއި ނަސަބެއް ވަނީ ޤިޔާމަތް ދުވަހު މެދުކެނޑިފައެވެ." 


ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(تَعَلَّمُوا مِنْ أَنْسَابِكُمْ مَا تَصِلُونَ بِهِ أَرْحَامَكُمْ، فَإِنَّ صِلَةَ الرَّحِمِ مَحَبَّةٌ فِي الْأَهْلِ، مَثْرَاةٌ فِي الْمَالِ، مَنْسَأَةٌ فِي أَثَرِهِ)
ރިވާކުރެއްވީ: އައްތިރުމިޛީ އާއި އަޙްމަދު.

މާނައީ، "ތިޔަބައިމީހުންގެ ރަޙިމުގެ ގުޅުންތައް އެއިން ދަމަހައްޓާނެ ބައިތައް ތިޔަބައިމީހުންގެ ނަސަބުތަކުން ތިޔަބައިމީހުން އުނގެނޭށެވެ! ފަހެ، ރަޙިމުގެ ގުޅުމަކީ، ތިމާގެ މީހުންގެ މެދުގައި ލޯބި ދަމަހައްޓައިދޭ ކަމެކެވެ. (އަދި އެއީ) މުދާ ގިނަކޮށްދޭ ކަމެކެވެ. (އަދި އެއީ) ޢުމުރު ދިގުކޮށްދޭ ކަމެކެވެ."

ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(النُّجُومُ أَمَانٌ لأَهْلِ الأَرْضِ مِنَ الْغَرَقِ، وَأَهْلُ بَيْتِي أَمَانٌ لأُمَّتِي مِنَ اْلاخْتِلاَفِ)
ރިވާކުރެއްވީ: އިބްނު ޙަޖަރު (إتحاف المهرة ގައި)

މާނައީ، "ތަރިތަކަކީ، ބިމުގެ އަހުލުވެރިން ޣަރަޤުވުމުން ސަލާމަތްކޮށްދިނުމަށް ވާ އަމާންކަމެކެވެ. އަދި ތިމަންކަލޭގެފާނުގެ އަހުލުބައިތުންނަކީ، ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން ދެބަސްވުމުން ސަލާމަތްކޮށްދިނުމަށްވާ އަމާންކަމެކެވެ."

ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(مَنْ أَحَبَّ الْحَسَنَ وَالْحُسَيْنَ فَقَدْ أَحَبَّنِي، وَمَنْ أَبْغَضَهُمَا فَقَدْ أَبْغَضَنِي)
ރިވާކުރެއްވީ: އިބްނު މާޖާ.

މާނައީ، "ޙަސަނުގެފާނާއި ޙުސައިނުގެފާނު ދެކެ ލޯބިވެއްޖެ މީހާއެވެ. ފަހެ، އޭނާ ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖެކަން ކަށަވަރެވެ. އަދި އެ ދެ ބޭކަލުންނާ ރުޅިވެއްޖެ މީހާ އެވެ. ފަހެ، އޭނާ ތިމަންކަލޭގެފާނާ ރުޅިވެއްޖެކަން ކަށަވަރެވެ."
ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(عَنْ أُمِّ سَلَمَةَ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ لِفَاطِمَةَ: ائْتيِنِي بِزَوْجِكِ وَابْنَيْهِ، فَجَاءَتْ بِهِمْ، فَأَلْقَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَيْهِمْ كِسَاءً فَدَكِيًّا، ثُمَّ وَضَعَ يَدَهُ عَلَيْهِمْ، فَقَالَ: اللَّهُمَّ إِنَّ هَؤُلاءِ آلُ مُحَمَّدٍ، فَاجْعَلْ صَلَوَاتِكَ وَبَرَكَاتِكَ عَلَى آلِ مُحَمَّدٍ، فَإِنَّكَ حَمِيدٌ مَجِيدٌ)
ރިވާކުރެއްވީ: އައްޠަބަރާނީ.

މާނައީ، "އުއްމު ސަލަމާގެ އަރިހުން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ފާޠިމަތުގެފާނަށް ޙަދީޘްކުރެއްވިއެވެ. ކަމަނާގެ ފިރިކަލުންނާއި އެކަލޭގެފާނުގެ ދެ ދަރިކަލުން ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދެއްވާށެވެ! ފަހެ، އެކަމަނާ އެ ބޭކަލުންނާއެކު ވަޑައިގެންނެވުމުން، ﷲ ގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، އެއުރެންގެ މައްޗަށް ފަތުރައިލެވޭ ފޭރާންކޮޅެއް އެއްލަވާލެއްވިއެވެ. ދެން އެއުރެންގެ މަތީގައި އިތުރުއެކަލޭގެފާނުގެ އަތްޕުޅު ބޭއްވެވުމަށްފަހު ޙަދީޘްކުރެއްވިއެވެ. ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އެއުރެންނީ މުޙައްމަދުގެފާނުގެ އާލުންނެވެ. ފަހެ، އިބަރަސްކަލާނގެ ޞަލަވާތާއި، ބަރަކާތް، މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ލައްވައިފާންދޭވެ! ފަހެ، ހަމަކަށަވަރުން އިބަރަސްކަލާނގެއީ ޙަމްދު ލިބިވޮޑިގެންވާ، މާތް، ދީލަތިވަންތަ ރަސްކަލާނގެއެވެ."
               ----------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން