ޓީވީ ވައްޓާލުމުން އޭގެ މޫނުމަތި ތެޅިއްޖެ




















ނޯޓް: މިއީ މިސައިޓްގެ ކިޔުންތެރިއަކު ފޮނުއްވި ލިޔުމެކެވެ.

މަރިޔަމަކީ އެހާ ރުޅިގަދަ މީހެއްނޫނެވެ. އެހެންނަމަވެސް އަމިއްލަގޭގެ ޓީވީ އަމިއްލައަށް ވައްޓާލުމުން އޭގެ މޫނުމަތި ތެޅުނީމާ އެވީގޮތެއް ބަލާބަޔަކުވެސް އުޅޭނެތާއެވެ.

މަރިޔަމްގެ ފިރިމީހާ މަޖީދުގެ ބޭބެ އަލަށް ރާނާ ފިހާރައިގެ ކަރަންޓުގެ މަސައްކަތްކުރާ ތާނގައި އުޅެފައި ޢިޝާނަމާދަށް މިސްކިތަށް ދިޔުމަށްފަހު  މަޖީދު ގެއަށްދިޔައިރު އޭނާގެ އަންހެނުން މަރިޔަމް އިނީ ޓީވީއެމުން ފޮނުވަމުން ދިޔަ ކޮންމެވެސް ނޫހެއް ނެރުމުގެ ޙަފުލާއެއް ބަލާށެވެ. މިޙަފުލާއެއް މިރޭ ޓީވީން ދައްކާނެކަންވެސް މަރިޔަމް އޮތީ މަޖީދު ކައިރީ ބުނެފައެވެ.

އަދި ނެރޭ ނޫހަކީ މިހާރު މަރިޔަމް ސަޕޯޓްކުރާ ޕާޓީގެ ފަރާތުން އެޕާޓީގެ ނައިބު ރައީސަކު އެހުންނެވިގޮތެއްގައި އެހުންނެވި ސިފައެއްގައި އިސްކޮށް ހުންނަވައިގެން ނެރުއްވާ ނޫހެއްކަމަށްވެސް މަރިޔަމް ވަނީ ބުނެފައެވެ.

ގެއަށް ދިޔުމަށްފަހު އަވަހަށް ކާން ހެދުމަށް ބުނެފައި ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްގެން މަޖީދު ނުކުތްއިރުވެސް މަރިޔަމް އިނީ ޓީވީ ބަލާށެވެ. ކާން ހަދާކަށް ނޫޅެއެވެ. އެހެންވެ ޓީވީ ބަލަން އިރުކޮޅަކު އެތާ މަޑުކޮށްލުމަށްފަހު މަޖީދު ބުންޏެވެ. "ކަލޭމެންގެ ޕާޓީގެ ނައިބު ރައީސް ތިޔަ ތާނގައި އެބަ އިންނެވިހެއްޔެވެ. އަހަންނަކަށް ނުފެނެއެވެ. ކިހިނެއްވީހެއްޔެވެ. އަނެއްކާ އެބޭފުޅާ އާލާސްކަންފުޅާ އުޅުއްވަނީހެއްޔެވެ. ނޫނީ ތިޔައީ ކަލޭމެންގެ ޕާޓީގެ ނޫހެއްކަން ޢާއްމުކޮށް އަންގަން ބޭނުންނުވަނީހެއްޔެވެ. އެކަމަކު ތިޔަ ތަން ހަމަލޮލުން ބަލާމީހަކަށް އެކަން ނޭނގި ނުދާނެ ނޫންހެއްޔެވެ. ހަމައެކަނި އެފެންނަ ކުލައިންވެސް އެނގޭނެތާއެވެ." 

މަޖީދު މިހެންބުނުމުން މަރިޔަމް ބުންޏެވެ. "މަޖީދުމެން ތިޔަ އުޅެނީ ނުރުހިގެންކަން އަހަންނަށް އެނގެއެވެ. އިހަހަށްދުވަހު ފޯނުންގުޅައިގެން ރަޝީދު (މަޖީދުގެ ރައްޓެއްސެއް) އާއި ދެމީހުން ދެއްކި ވާހަކަވެސް އަހަރެން އަޑުއެހީމެވެ. ތިޔަ ނޫހެއް ނެރެންވެގެން ކޮންމެވެސް ނޫހެއްގައި މަސައްކަތްކުރާ ގިނަ ބަޔަކު އެތަނުން ވަކިކުރުވި ވާހަކައާއި އަހަރެމެންގެ ޕާޓީން ނެރޭ ނޫހާއި އޭގެއިތުރަށް އަހަރެމެންގެ ޕާޓީގެ ނައިބުރައީސް ރުހޭ ޓީވީ ރޭޑިޔޯ ނޫސް މަޖައްލާތަކަށް ނޫނީ ސަރުކާރުގެ އޮނިގަނޑުގެ ތެރޭ ހިމެނޭ އެއްވެސްތާކުން ސްޕޮންސާއެއްވެސް ނުލިބޭނެޔޭ ކިޔައިގެން ދެއްކި ހުރިހާ ވާހަކައެއްވެސް މަށަށް އިވުނެވެ. އަދި ފިރުޢައުނަށް ކާންދިނިއްޔޭ ކިޔައިގެން އެދެއްކި ވާހަކަތައްވެސް އަހަންނަށް އިވުނެވެ. 

މަރިޔަމް މާބޮޑަށް ރުޅިއައީހެން ހީވުމުން މަޖީދު ބުންޏެވެ. "ފިރުޢައުނަށް ކާންދިން ވާހަކައެއް ރަޝީދުއާއި އަހަރެން ނުދައްކަމެވެ. ފިރުޢައުނަށް ކާންދިނީ ކާކުހެއްޔެވެ. ރަޝީދު ބުނީ ފިރުޢައުނަކީ ކަލެއްކަމަށް އަމިއްލައަށް ދަޢުވާކޮށް އެތައްއެތައް ނުބައިކަމެއް ކުރި މީހެއްކަމަށް ވިޔަސް އެނުބައިކަމުގެ ޖަޒާ އޭނާއަށް ލިބުން ލަސްވީ އޭނާއަކީ މީސްތަކުންގެ ކެއިންބުއިމަށް ހުރަސްނާޅާ އަދި ފަގީރުންނަށްވެސް ކާއެތިކޮޅު ފޯރުކޮށްދޭ މީހަކަށްވާތީއޭ ކޮންމެވެސް ޝޭޚަކު ވިދާޅުވިކަމަށެވެ. އެކަމަކު ކަލޭމެންގެ ނައިބު ރައީސަކީ އޭނާގެ ނުފޫޒުން މީހުން ކާންބޯން ކުރާ މަސައްކަތަށްވެސް ހުރަސް އަޅާ މީހެއްކަމަށް މީހަކު ބުނިކަމަށެވެ. މިތާކު އަދި މަރިޔަމް ރުޅި އަންނަކަހަލަ ވާހަކައެއް ނެތެއް ނޫންހެއްޔެވެ."

މަޖީދުގެ ވާހަކަ ނުނިމި އުޅެނިކޮށް "މިއެއްޗެއް މިގޭގައި ނެތިއްޔާ އެއްވެސް އެއްޗެއް ނުބަލާނެޔޭ" ބުނުމާއެކު ޓީވީގައި އަތްއަޅައި ތަޅުންގަނޑުގެ މައްޗަށް އޭތި ވައްޓާލުމުން އިވުނު ގަދަ އަޑާއެކު އޭގެ މޫނުމަތި ތަޅައިގެން ދިޔައީއެވެ.

މިހިސާބަށް ދިޔުމުން މަޖީދު ބުންޏެވެ. "މިގެއަކީ މަރިޔަމްގެ މައިންބަފައިންގެ ގެއަށްވީމާ މިގޭގައި ހުންނަ އެއްޗިއްސަށް މަރިޔަމުމެން ބޭނުންގޮތެއް ހެދިދާނެއެވެ. އެކަމަކު އެހެން މީސްމީހުންގެ ދުލަކު މަރިޔަމުމެންނަށް ނުހިފެހެއްޓޭނެއެވެ. އެމީހުން ދައްކާ ވާހަކައެއް އެމީހުން ދައްކާނެއެވެ. މުޅި ރާއްޖޭގެ އެތަންމިތަނުގައި ގިނަ މީހުން އަބަދު އެއްވާހަކައެއް ދައްކާނަމަ އެވާހަކަދެއްކުމުގެ ސަބަބެއްވެސް އޮންނާނެއެވެ. އެވާހަކަދެއްކުމުގެ ޙަގީގަތެއްވެސް އޮންނާނެއެވެ." މިހެން ބުނެފައި ކާންވެސް ނޫޅެ މަޖީދު އެދިޔަތާކަށް ހިނގައްޖެއެވެ.
               ---------------------
01 ޑިސެމްބަރ 2014މ.