އެމަންޖެގެ އެއްލޯ ދުޅަކޮށްލުން















އަޅުގަޑުގެ ރައްޓެއްސެއްގެ އަންހެންދަރިއަކު ހަސްފަތާލުގައި އެނދުމަތިކުރި ޚަބަރުލިބިގެން އެތަނަށް ދިޔައިރު ފަރުވާދޭ ކޮޓަރީގެ ބޭރުގައި އެމަންޖެގެ މަންމައާއި އެޢާއިލާގެ ބަޔަކު ތިއްބެވެ. ވެގެންއުޅޭގޮތެއް އަހާލީމާ އެމަންޖެގެ މަންމަ ބުންޏެވެ. 

"މިފަހަކަށްއައިސް އެމަންޖެ ފިކުރުބޮޑުވެ މާޔޫސްވެފައި ހުންނާތީ ފެންނަންފެށުމުން އެއީ ކިހިނެއްވެގެންވާ ކަމެއްތޯ އަހައިލީމާ އޭނާބުނީ، ފިރިމީހާގެކަންތައް ވަރަށްބޮޑުވެއްޖެއެވެ. ދޮގުހެދުންވެސް އެހާބޮޑެވެ. އެހާ ރުޅިވެސް ގަދައެވެ. ކިރިޔާ ކަމެއްވާ އިރަށްވެސް ހުންނަނީ ނައްޓާފައެވެ. މިހެންވާންފެށީ އެމީހުންގެ ޕާޓީގެ އެކިކަންކަމުގައި މިފަހަކަށްއައިސް ގިނަވަގުތު އުޅޭން ފެށިފަހުންނެވެ. ވަގުތެއްވެއްޖިއްޔާ އޭނާ އަބަދުވެސް އުޅޭނީ ޕާޓީގެ ކަންކަމާއެވެ. ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުން ކޮންމެވެސް ނޫސް އިދާރާއެއްގައި އެމަންޖެ މަސައްކަތްކުރެއެވެ. އެތާގައި އެހެނިހެން ނޫސްނޫހުގެ ކުރީގެ ޢަދަދުތައްވެސް ހުރެއެވެ. އޭގެތެރެއިން މީހުންދޮގުހަދާވާހަކަ ލިޔެފައިއޮތް ހަވީރުނޫހުގެ ކުރީގެ ޢަދަދެއް ކިޔާފައި އެމަންޖެ ގެއަށްއައިސް އޭނާގެ ފިރިމީހާއާއި ދިމާއަށް "މިހާރަކަށްއައިސް މީހާ ތިޔަހާ ރުޅިގަދަވެ ހަގީގަތެއްނެތް ރޯމަރު ބުހުތާން ދޮގުހަދަނީ ސިޔާސީ ކަންކަމުގެ ހިތްހަމަނުޖެހުން ބޮޑުވީމައޭ" ބުނީމާ އެމަންޖެގެ ކަނާތު ލޯމަތީގައި ފިރިމީހާގެ ފައިވާނުން އެތިވަރެއް އަޅާ ވިހެލީއެވެ. ދެދަރިންގެ އަމަޔަށް އެހެންހަދަން ހެޔޮވާނީ ކިހިނެއްހެއްޔެވެ." 

އަޅުގަޑުބުނީމެވެ. 
"ތިޔަ ދެމަފިރިންގެ ދަރިންވެސް ތިބުމާއެކު ރަގަޅު ދިރިއުޅުމެއް ފެށޭތޯ ބެލުން ބުއްދިވެރިއެވެ. ދޮގުހަދާމީހުންނަކީ އޭގެޒާތުގައި ނަފްސާނީ ބަލިކަށި ބަޔެކެވެ. ހެޔޮވަރެއްގެ ދޮގެއްހަދާލުމުން ނޫނީ އެމީހުންގެ ލޮލަކަށް ނިންޖެއްވެސް ނާންނާނެއެވެ. ހިތްހަމަ ޖެހުމެއްވެސް ނުލިބޭނެއެވެ. އޭނާއަށް ނަޞޭޙަތްތެރިވެވޭތޯ ބަލާށެވެ."

ނަފްސާނީ ޢިލްމުވެރިން ބަޔާންކުރައްވަނީ ދޮގުހަދާމީހުންނަކީ ނަފްސާނީ ގޮތުން ބަލި ކަށި ކަމެއްލިބިފައިވާ ބައެކެވެ. އެފަދަ މީހުންނަށް ކޮންމެވެސް ދޮގެއް ހަދާލައިގެން ނޫނީ ހިތްހަމަ ޖެހުމެއް ނުލިބޭނެއެވެ. އެހެންނަމަވެސް ވަރަށް މަދު ޙާލަތެއްގައި މެނުވީ އިސްލާމީ ޝަރީޢަތުގައި ދޮގުހެދުން ހުއްދައެއް ނޫނެވެ. ދުޝްމަންވެފައިވާ ދެމީހަކު ޞުލްހަކުރުވުމަށާއި، ނުޙައްޤުން މީހަކު މަރުވެދާނޭ ޙާލަތްތަކުގައި އެމީހާގެ ފުރާނަ ސަލާމަތްކުރުމަށާއި، ރުޅި އައިސްގެން އުޅޭ ދެމަފިރިން ޞުލްޙަކުރުން ފަދަ މިކަހަލަ ނާދިރު ޙާލަތްތަކެއްގައި ނޫނީ ދޮގެއްހެދުން ހުއްދަނުވާނެއެވެ.


މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ وَأُولَئِكَ هُمُ الْكَاذِبُونَ  މާނައީ، ދޮގުހަދާކަން ކަށަވަރީ، اللهُގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ ދޮގުވެރީންނެވެ. - ސޫރަތުއް ނަޙްލު 105 -


މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ އާޔަތްތަކަށް އީމާންނުވާ މީހުންނަކީ ކާފަރުންނެވެ. ނުވަތަ މުޝްރިކުންނެވެ. އެހެންވީމާ ދޮގުހެދުމަކީ ކާފަރުކަމާއި އެއް ދަރަޖައިގެ ކަމެއްކަން ސާބިތުވެއެވެ.


އަދި މާތް ރަސޫލު صَلَّى اللهُ عَلَيْهِ وسَلَّمَ ޙަދީސްކުރައްވަނީ،  "މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. ވާހަކައެއް ދައްކައިފި ނަމަ ދޮގުހަދާނެއެވެ. ވަޢުދެއް ވެއްޖެނަމަ އެއާ ޚިލާފުވާނެއެވެ. އަމާނާތަކާ ޙަވާލުވެއްޖެ ނަމަ އެއަށް ޚިޔާނާތްތެރި ވާނެއެވެ."

އެމަންޖެ ބެލި "ހަވީރުނޫސް"

ދޮގު ވާހަކަ ފެތުރުމަކީ މުޖުތަމައު ހަލާކުވާނެ ކަމެއް


ސަޢުދުއްﷲ އަލީ
08 އޯގަސްޓް 2012


ބައެއް މީހުން ކަންކަމާ ހިތް ހަމަނުޖެހުމުން އަންނަ ރުޅީގައި ހަގީގަތާ ޚިލާފު ދޮގު ހަދައި އެފަދަ ވާހަކަތައް ފަތުރަން މަސައްކަތްކުރެ އެވެ. ވަކިން ޚާއްސަކޮށް ސިޔާސީ ކަންކަމުގައި ކުރިމަތިވާ ހިތްހަމަނުޖެހުމުގައި މިކަން ވަކިން ބޮޑެވެ. އެއީ މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން އަނެކާއާ މެދު މީހުން ދެކޭ ގޮތް ބަދަލުކުރެވޭނެ ކަމަށް މިފަދަ މީހުން ހީކުރާތީ އެވެ. ނުވަތަ އެންމެ ކުޑަމިނުން އަނެކާއާ މެދު އޮންނަ ރުޅިވެރިކަން ފާޅުކޮށްލެވުމުން ހިތަށް ތަސައްލީއެއް ލިބޭ ކަމަށް ގަބޫލުކުރެވޭތީ އެވެ. އެކަމަކު ރުޅިވެރިކަން އެއްކިބާކޮށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ވިސްނާލައި އިސްލާމީ އިރުޝާދުތަކަށް ނަޒަރު ހިންގާލައިފި ނަމަ މިއީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްކަން ވިސްނޭނެ އެވެ.


މާތްﷲގެ ވަހީ ބަސްފުޅެއްގެ މާނާގައިވެ އެވެ. "ދޮގުހަދާކަން ކަށަވަރީ މާތްﷲގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ." އަދި އަލްޙަސަން ބްނު ޢަލީއާ މުޚާޠަބުކުރައްވައި ކީރިތި ރަސޫލާ ޙަދީސްކުރައްވާފައިވެ އެވެ. "ކަލޭގެފާނަށް އެކަމަކާ މެދު ޝައްކު އުފެދޭ ކަންކަން ދޫކޮށްލައި ޝައްކު ނުއުފެދޭ ކަންކަމަށް ތަބާވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުހެދުމަކީ ޔަގީންކަން ގެއްލޭ ކަމެކެވެ. ތެދުބުނުމަކީ ޝައްކުކަން ފިލައި ހިތްހަމަޖެހުން ލިބޭ ކަމެކެވެ."


އިސްލާމް ދީން ގޮވާލަނީ ކޮންމެ ކަމެއްގައި ވެސް ތެދުވެރިވުމަށެވެ. މުސްލިމަކު ބުނާ ކޮންމެ ބަހެއް ވެސް ދޮގު ހެދުމަކާ ނުލައި ތެދުތެދަށް ބުނުމަށެވެ. (ޟަރޫރީ ޙާލަތްތައް މިއިން އިސްތިސްނާވާނެ އެވެ.) އެހެންކަމުން އިސްލާމީ މުޖުތަމައު ބިންގާ އެޅިގެން އައީ ހީކުރުންތަކާއި ބުންޏޭ ބުންޏޭ ކިޔައިގެން ފެތުރޭ ދޮގު ވާހަކަތަކާ އިދިކޮޅަށް ހަނގުރާމަ ކުރަމުންނެވެ.


މިގޮތުން ހީކުރުންތަކަށް ތަބާވެގެން ދިއުމުގެ ސަބަބުން އެ މީހުންގެ ގަބޫލުކުރުންތައް ޚުރާފާތުން ފުރިގެންވި، އަދި ދޮގުހެދުމުގެ ސަބަބުން އެ މީހުންގެ ހާޒިރާއި މުސްތަގުބަލް ފަސާދަވެގެން ދިޔަ ބައެއްގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެ އެވެ. މީގެ އިތުރުން ބައެއް ހީތަކަކީ ފާފައެއް ކަމުގައި ވެސް ބަޔާން ކުރައްވާފައިވެ އެވެ.


އިސްލާމީ މަތިވެރި ރިސާލަތާއިގެން ވަޑައިގެންނެވި ކީރިތި ނަބިއްޔާ މުޙައްމަދުގެފާނަކީ އެ މަތިވެރި ރިސާލަތު ބާވާލެއްވުމުގެ ކުރިން ވެސް އަރަބިންގެ ތެރޭގައި ތެދުވެރި އަމާނަތްތެރިއެއްގެ ލަގަބު ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. އެހެންކަމުން މީސްތަކުންގެ ލޯތްބާއި އިހުތިރާމު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. އަދި ތެދުވެރިކަން އެއީ އެންމެ މާތް ސިފަތަކުގެ ތެރެއިން ސިފައެއް ކަމުގައި ބެލެވި އެގޮތުގެ މަތީ އިސްލާމީ މުޖުތަމައު ބިނާވެގެންދިޔަ އެވެ.


ތެދުވެރިކަމަށް ބާރު އެޅުއްވުމުގެ ގޮތުން ކީރިތިރަސޫލާ ހަދީސް ކުރައްވާފައި ވެއެވެ. "ތިޔަބައިމީހުން ތެދުބުނުމަށް ފަރުވާތެރިވާށެވެ. އެކަމުގައި ގެއްލުމެއް ވާކަމަށް ތިޔަބައިމީހުންނަށް ފެނުނު ނަމަވެސް ފަހެ ހަމަކަށަވަރުން ސަލާމަތްކަން ވަނީ އެކަމުގަ އެވެ. އަދި ތިޔަބައިމީހުން ދޮގުބުނުމުން އެއްކިބާވާށެވެ. އެކަމުގައި ސަލާމަތްކަން ވާކަމަށް ތިޔަބައިމީހުންނަށް ފެނުނު ނަމަވެސް ފަހެ ހަމަކަށަވަރުން ހަލާކާއި ގެއްލުން ވަނީ އެކަމުގައެވެ."


ޢުމަރުގެފާނު ވިދާޅުވެފައިވެ އެވެ. "ތެދުބުނުމުގެ ސަބަބުން ތިމަންކަލޭގެފާނުގެ އަގު ވެއްޓުން ދޮގުހެދުމުގެ ސަބަބުން ތިމަންކަލޭގެފާނުގެ އަގު އުފުލުމަށްވުރެ ތިމަންކަލޭގެފާނުގެ އަރިހުގައި މާ އެދެވިގެންވެ އެވެ."


ދޮގުހެދުމަކީ މީހާގެ އީމާންކަން ނިގުޅައިގަންނަ ކަމެކެވެ. އެފަދަ މީހަކު ފުރިހަމަ މުއުމިނަކަށް ނުވާނެ ކަމެކެވެ. އެހެންކަމުން އެފަދަ މީހުންނަށް ސުވަރުގެ ވަނީ ވަރަށް ދުރުގަ އެވެ. ކީރިތި ރަސޫލާ އުނގަންނަވައި ދެއްވާ ގޮތުގައި މުއުމިނަކު ފަހަރެއްގައި ފިނޑި މީހަކަށް ނުވަތަ ދަހި މީހަކަށް ވެދާނެ އެވެ. އެކަމަކު މުއުމިނަކު ދޮގުހަދާ މީހަކަށް ނުވާނެ އެވެ. އެބަހީ ދޮގުހަދަންޏާ އޭނާގެ ކިބައިން އީމާންކަން ނެތިދާނެ އެވެ.


އިސްލާމީ ނަޒަރުން ބަލާއިރު ދޮގުގެ ތެރެއިން އެންމެ ނުބައި ދޮގަކީ ދީނުގެ ނަމުގައި ހަދާ ދޮގެވެ. ދެން އެންމެ ނުބައިކަން ބޮޑު ދޮގަކީ ދޮގުހެކި ދިނުމެވެ. ދޮގުހެކި ދޭ މީހުންނަކީ މުއުމިނުންގެ ސިފަތަކުން އެއްކިބާވެފައިވާ ނަރަކަވަންތަވެރިއެކެވެ. މިއީ ހައްގަކާ ނުލައި މީހަކަށް ބޮޑު ގެއްލުމެއް ދިނުމުގެ އިތުރުން މުޖުތަމައު ހަލާކު ކުރުމަށް އެހީވެދޭ ކަމެކެވެ.


އެހެންކަމުން ޝަރީއަތުގެ މަޖުލީހެއްގައި ރަސްމީކޮށް ދޭ ދޮގުހެއްކެއް ކަމުގައި ނުވިއަސް އެ ދޮގެއްގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް (މާއްދީ ގޮތުން ނުވަތަ ނަފްސާނީ ގޮތުންވެސް) އަނިޔާއެއް ލިބޭ ފަދަ އަދި މުޖުތަމައުގައި ފިތުނަ އާއި ހަމަނުޖެހުންތައް ހިނގާ ފަދަ ކޮންމެ ދޮގެއް ހިމެނޭނީ ދޮގުހެކި ދިނުމުގެ ދަރަޖައިގަ އެވެ.


ދޮގުގެ ތެރެއިން އެންމެ ނުބައިކަން ކުޑަ ދޮގުކަމުގައި ބެލެވެނީ ކުޑަކުދިން ރުއްސުމަށް ނުވަތަ ސަމާސާ އަށް ހަދާ ދޮގެވެ. ނަމަވެސް މިފަދަ ދޮގުހެދުން ވެސް އާދައަކަށްވެއްޖެ ނަމަ އެންމެ ބޮޑެތި ދޮގުހެދުމަށް ޖެހިލުމެއް ނުވާނެ އެވެ. އެހެންކަމުން އިސްލާމް ދީނުގައި މިފަދަ ދޮގުހެދުން ވެސް ވަނީ މަނާކުރައްވާފަ އެވެ.


ޢަބްދުﷲ ބުނު ޢާމިރުގެ ކިބައިން ރިވާވެގެންވާ ހަދީސަކުން އެނގޭ ގޮތުގައި ކުޑަކުދިން ރުއްސުމަށް ދޮގުހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ހަމައެފަދައިން ސަމާސަ އަށް ވެސް ދޮގު ނުހެދުމަށް ބާރުއެޅުއްވުމުގެ ގޮތުން ކީރިތި ރަސޫލާ ދުވަހަކު ވެސް ސަމާސަ އަށް ވެސް އިތުރުފުޅެއް ނުހައްދަވަ އެވެ.

ނަމަވެސް އިސްލާމް ދީނަކީ އިންސާނީ ތަބީއަތަށް ރިއާޔަތްކުރާ ދީނެއްކަމުން ސަމާސާކުރުމަކީ ނެތްކަމެއް ނޫންކަން ބަޔާންކޮށްދެއްވުމަށްޓަކައި އިތުރު އެކަލޭގެފާނު ސަމާސާވެސް ކުރައްވާ ހައްދަވަ އެވެ. އެކަމަކު އޭގައި ދޮގެއް އެކުލެވިގެންނުވާ ގޮތަށެވެ. ތަފާތު މާނަ ނެގޭ ފަދަ ބަލާޣަތްތެރި ގޮތްގޮތަށެވެ.


ވީމާ އިސްލާމީ މުޖުތަމައަކީ ދޮގުހެދުމާއި ދޮގުވާހަކަތައް ފެތުރުމުގެ ނުބައި އާދައިން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް ހުރިހާ މުސްލިމުން ވެސް މަސައްކަތްކުރަން ޖެހޭނެ އެވެ. އެހެނީ މިއީ އިޖުތިމާއީ ގޮތުން ވަރަށް ނޭދެވޭ ކަންތައްތަކެއް އިތުރުވާ ކަމަކަށް ވާތީއެވެ. މުޖުތަމައުގައި އެކަކު އަނެކަކަށް އޮންނަ އިތުބާރު ގެއްލި ޝައްކާއި ވަހުމްތަކުގެ ތެރޭގައި ހިތް ނުތަނަވަސްވެފައި ތިބެން ޖެހޭ ކަމަކަށް ވާތީ އެވެ.


ސިޔާސީ ނުވަތަ އިޖުތިމާއީ ނުވަތަ އިގުތިސާދީ ހަމަނުޖެހުންތައް ކުރިމަތިވާ ދަނޑިވަޅުތަކުގައި މިފަދަ ކަމެއް ކުރާނަމަ ތަޅާފޮޅުންތަކާ ހަމައަށް ގޮސްފާނެ ކަމަކަށްވާތީ އެވެ. ތިމާގެ އަމިއްލަ އަގު އެހެންމީހުންގެ ކުރިމަތީ ވެއްޓިދާނެ ކަމަކަށްވާތީ އެވެ. އަދި އެހެން މީހުންނަށް ނުރައްކާތަކާ ކުރިމަތިލާން ޖެހޭނެ ކަމަކަށްވާތީ އެވެ. މުޅި މުޖުތަމައުގެ އެއްބައިވަންތަކަމާއި ވަހުދަތު ގެއްލި އަމަންއަމާންކަން ވެސް ގެއްލޭނެ ކަމަކަށްވާތީ އެވެ. ވީމާ ދުނިޔޭގައި އަދި އާޚިރަތުގައި މިވަރުގެ ނުރައްކާތެރި ގެއްލުންތައް ލިބެން އޮތް މިނުބައި އާދައިން އަޅުގަނޑުމެން ސަލާތްވެގެން ތިބުން އައުލާކަން ބޮޑެވެ.

               --------------------------
ލިޔުއްވީ: އިބްރާހީމް އާދަމް