ފިޔޯރީ އަޙުމަދުދީދީގެ ހަނދާނުގައި - ދެވަނަބައި









އެއްގަމަށްގޮސް ހަތަރުއަގޮޅިބެދުނު ހިސާބުން ދިދަދަޑި ކައިރީގައި އަޅުގަނޑުމެން ކުރިން ވެރިކަންހޯދާދިން މީހަކުހުއްޓާ ފެނިއްޖެއެވެ. އަޅުގަނޑު ނަގާފައިހުރި ދިދަޔަށްބަލާލާފައި މިއީ ކޮން ދިދަޔެއްތޯ އަހާލައިފީމެވެ. "އަހަރެމެން މިހާރު މާލޭ ސަރުކާރުންނެއްޓި އަލުން ސުވައިދީބު ސަރުކާރަށް ވަދެއްޖައީމު" އޭނާބުނެލިއެވެ. އެހެންތާޔޭ ބުނެލާފައި  އަޅުގަނޑު އަލުން އެއްގަމަށް ހިގައިގެންފީމެވެ. އެރަށުގެ ގެޔަކަށްވެދެ އޮއްވާ ދޯނީންއައި ކެޔޮޅެއް އަޅުގަނޑުގެކޮޑުގައި ހިފައި ފަހަތަށް ޖައްސާލާފައިބުންޏެވެ. "އަޅުގަނޑަށް ހީވަނީ މިރަށުމީހުން ބޭބެ ހައްޔަރުކުރަން އުޅެނީހެންނެވެ. އެއިރު އަޅުގަނޑަށްވެސް ރަށުތެރެން އިތުރު ޙަރަކާތެއްވާހެން ހީވެއެވެ. ދެންއަޅުގަނޑު އައިކޮޅަށް އަނބުރާލާ ހިގައިގެންފީމެވެ. ދިދަދަނޑިޔާއި ހަމަޔަށްއައި އިރު ސަންގުފުންމާއަޑު އިވެންފަށައިފިއެވެ. ދެނަކާދެނެއްނެތެވެ. އެސާހިތަކު މީހުންތައް ހަޅޭލަވަމުން ހިތަށްއެރިހާ އަވަގުރާނަޔެއް ގޮވަމުން އަޅުގަނޑުފަހަތުން ދުވަން ފަށައިފިއެވެ. އަޅުގަނޑުވެސް ދުވަނީއެވެ.  އެއިރު އަދި މިހާރަށްވުރެވެސް އަޅުގަނޑުފަލައެވެ.

އަޅުގަނޑާއިއެކު ކުރިންދެންނެވި ކެޔޮޅުމީހާވެސް ދުވެއެވެ. ތަންކޮޅަކަށް ދެވުނުއިރު ވަރަށްވަރުބަލިވެސް ވެއްޖެއެވެ. ދޯންޏާހަމަޔަށް ދެވުނުއިރު ދޯނީގައިތިބި މީހުން ދޯނީގެކޮޅުފަސްކޮޅު އެއްގަމަށްދަމާ ހިފަހައްޓައިގެންތިއްބެވެ. އަޅުގަނޑަށްގޮސް ދޯނީގެތެރެޔަށް ވެއްޓިގަނެވުނީއެވެ. އެމީހުން ހުސިޔާރުކަމާއެކު ދޯނިކޮއްޕާލާ ޖަހައިގެންފިއެވެ. ތަންކޮޅަކަށް ނުކުމެވޭއިރަށް އެ ރަށުގެމީހުން މަސްދޯންޏަކަށް މީހުންއަރުވައިގެން ފުރިތަން ފެނިއްޖެއެވެ. ދާނޭތަނަކާމެދު ފިކުރުކޮށްލުމަށްފަހު ގައްދުއާ ދިމާއަށޭ ބުނެފީމެވެ.

އިރުވައިގެ ދުވަހަކަށްވުމާއިއެކު ދޯނީގެކެޔޮޅުން އެގޮތަކާ ގަބޫލެއްނުވިއެވެ. ދެން ފިޔޯރީއާއިދިމާލަށް ދިޔުމަށް ބުނެފީމެވެ. އަޅުގަނޑުމެން އައިސް ފިޔޯރީއާއި ކައިރިވިއިރު، ޙައިރާންވާހާ ބާރަށް ފަލިޖަހާފައި އަންނަ ދެ ދޯނި ފެނިއްޖެއެވެ. އެތަނުން އެއްދޯނި އަޅުގަނޑުމެން ދޯންޏާ ކައިރިކޮށްލާފައި އަޅުގަނޑު އެ ދޯންޏަށްއަރަން އަންގައިފިއެވެ. އެއީ ސުވައިދީބު ސަރުކާރުން އަޅުގަނޑުބަލައި ފޮނުވި ދޯންޏެކެވެ. އަވަހަށް އެތަނުން އެއްދޯންޏަށް އަރައި މީހުނަށްބަލާލައިފައި ހުންގާނުގަހުރި މީހާކައިރިޔަށް ޖެހިލާފައި މަޑުމަޑުން އަޅުގަނޑު ސަލާމަތްކޮށްދޭން ބުނެފީމެވެ. އެމީހާ އުނގުތެރެޔަށްވާހެން އަޅުގަނޑު ބައިންދާފިއެވެ. އެއިރު އަޅުގަނޑުގެ ދޯނީން އައި މީހުނަށް އަނިޔާކޮށް ބަދެފައި ދެ ދޯންޏަށް ބަހަނީއެވެ. ނަސީބަކުން އަޅުގަނޑަށް އަނިޔާކުރާތަނެއް ނައެވެ. ހުނގާނުގައި ހުރި މީހަކީ ހަވަރުތިނަދޫގައި އަޅުގަނޑު ހުރިއިރު ހިސާބަކަށް އެހީފޯރުވިފައިވާ މީހެއްކަމުން އޭނާ އަޅުގަނޑު ސަލާމަތްކުރީއެވެ.

ރަށަށް އާދެވުނުއިރު ގޮޑުދޮށުގައި އަޅުގަނޑުގެ ޞަބީޙާ ރޯން ހުއްޓެވެ. އޭނާ ހިތްހަމަޖައްސާދެމުންގޮސް އަވަހަށް ގެޔަށްގޮސް ސައިތައްޔާރުކުރާށޭ ބުނެ ފޮނުވާލީމެވެ. ދެ ދޯނީމީހުނަށް ރަގަޅަށް ސައިދިނުމުން މިހާރު ހީވަނީ ތަންކޮޅެއް ރަމަތަވެލައިފިހެނެވެ. އަޅުގަނޑު ދަތުރުކުރަންއެންގީ އަޅުގަނޑުގެ ދޯނީގައެވެ. ދަތުރުކުރަމުން ދިޔައީ އެ ދޯންޏާ އެކީގައެވެ. ހަވަރުތިނަދޫ ފާލަމާ ކައިރިކޮށްލުމާއިއެކު ނުފައިބާން އަންގައިފިއެވެ. ކުޑައިރުކޮޅަކަށްފަހު ބައިލާގެން ގެންގޮސް އެރަށު ގެޔަކު ބަންދުކޮށްފިއެވެ. ދެ ގެޔަކު ބަންދުކޮށްފައި ބެހެއްޓުމަށްފަހު، އަނެއްދުވަހު އޮފީހުން ބަލައި އަތުވެއްޖެއެވެ. އޮފީހަށްވެއްދުން މަނާޔޭ ބުނެ ބަހައްޓާލުމަށްފަހު، ގެންގޮސްލީ މަސްލާ ބަރާކޮށްފައި އޮތް ކުޑަވަރެއްގެ ބައްތެއްޔަކަށެވެ. އައްޑުއަށް ފޮނުއްވުމަށެވެ. އައްޑުއަށް ގެންގޮސްފިނަމަ ކޮންމެފަދަ އަނިޔާއެއްވެސް ދީފާނެކަންއެގެއެވެ.

މިކަހަލަ ފިކުރުތަކެއްގައި އިންދައި އެއްގަމުން ފެނުނީ މީހަކު ރޯނުގަނޑެއް ތެތްމައިގެން އަންނަމުން ފާލަންކައިރިޔަށް ވައްޓާލައި ރަގަޅަށް ވެލި ހާކާލިތަނެވެ. ދެން ފާލަމުގެ ތަނބެއްގައި ޖަހާލުމަށްފަހު، އެ ހިފައިގެންއައިސް ބައްތެއްޔަށްއަރައި އަޅުގަނޑު ދެއަތްއެއްކޮށް ބަންނަންފެށިއެވެ. އަދި އަޅުގަނޑު ރޮއިއާދޭސްކޮށް އޮއްވައި ލޮލުގައިއަޅައިފައި ހުރި އައިނު ނަގައި އެއްލައިލާފިއެވެ. އޭގެފަހުން އިގިލީގެ ހަންގަނޑުމަށާލައިފައި އަގޮޓި ދަމައިގެންފައި ޖީބުގައިހުރި އެއްޗެތި ބޯލްޕޮއިންޓާއިއެކު ނަގައިފިއެވެ. ދުލަށްއައިހާ ހުތުރުއެއްޗެތި ގޮވަމުން އަތް ބަދެލިލެއް ބާރުކަމުން އެސާހިތަކު އިގިލިތައް ނޫފައިގެންފިއެވެ. 

ދޯނީގެ ނެވިމީހާ ފުރަންއައިސް، އަޅުގަނޑުފެނި ވަރަށްދެރަވެލާފައި އަޅުގަނޑުގެންދާ ފޮއްޓެއްހުރިތޯ އަހާލައިފިއެވެ. ދެން ކޮންމެގޮތެއްވިޔަސް ފޮށި ގެންދަން ޚިޔާލުކޮށްލައިފައި ފޮށި ހުންނާނެ ގެ ބުނެފީމެވެ. އިރުކޮޅަކުންފެނުނީ ފޮށި ގެންނަނިކޮށް ފެނިގެން ފާލަންކައިރީ ފޮށިބެހެއްޓުމަށް އަމުރުކޮށް އެތާ ފޮށި ބެހެއްޓިތަނެވެ. ފޮށީގައި އަންނައުނުގެ އިތުރަށް ހުންނާނީ ދިވެހި ދޮޅުހާހެއްހާ ރުފިޔާ އާ ސިލޯނުގެ ދުއިސައްތައެއްހާ ރުފިޔާ ގައިމު ހުންނާނެއެވެ. ހުންނާނެ ހުރިހާއެއްޗެއް ހަދާނެއްވެސްނެތެވެ. ފޮށިހުޅުވާ ބެލުމަށްފަހު އެންގީ ފޮށި ނުގެންދެވޭނެކަމުގައެވެ. 

ދޯނި ފުރައިގެން ކަނޑަށް ނުކުތުމާއިއެކު، ނެވިމީހާ ދޯނީގައި ތިބި އެންމެންލައްވާ ވަރުގަދަ ހުވަޔެއް ކުރުވައިފިއެވެ. އޭނާ ބުންޏެވެ. "މިތިބީ އަހަރެމެން އަތޮޅުގެ މާތްމީހުންނެވެ. މިމީހުން މިގޮތަށް ބައިތިއްބައިގެން އައްޑުއަތޮޅާ ހަމަޔަށް ދާއިރު މަރުވެދާނެއެވެ. މި މީހުން ކަލޭމެން ހުވައިކޮށްފިއްޔާ އަހަންނަށް ފެންނަނީ މޮހައިލާށެވެ. ކިތަންމެ ސިހުންވެފައިތިބި ނަމަވެސް އެމީހުން އެގޮތާ އެއްބަސްވެއްޖެއެވެ. އެއިރު އަޅުގަނޑުމެންވެސް އަތްދުޅަވެ ތަދުވާވަރުން ދަނީ ކެތްވަމުން ނުވަމުންނެވެ. ދެން އެމީހުން އަހަރެމެން މޮހާލުމަށްފަހު، އެމީހުން ދަތުރަށްގެނައި މަލާފަތްމޮހާލައި ދެމީހުން ރަގަޅަށްކާން ބުނެފިއެވެ. ވަޅޯމަސް ހުރުމާއިއެކު ވަރަށްރަގަޅަށް ކެވިއްޖެއެވެ. ކައި ނިމުމުން ސިގިރެޓްދަޅަކާ އަލިފާން ފޮއްޓެއްވެސް ދީފިއެވެ. އެ ދޯނީގެ އެއްމެންވެސް އަޅުގަނޑުމެންނަށް ވަރަށްހެވެވެ. ދެން އިރުކޮޅަކަށްފަހު ކަނޑުން ވަންނަންވުމުން އަލުން ބަނީއެވެ.

އަޅުގަނޑުމެންނާއި އެކު ދަތުރުކުރި 5 ދޯނީގެތެރެއިން 3 ދޯނި ދިޔައީ ކޯއްޓެއާއިދިމާލަށެވެ. އަޅުގަނޑުމެން ދިޔަ މިސްރާބުގެގޮތުން ދެވުނީ އެމީހުނަށްވުރެ ތަންކޮޅެއް ފަހުންނެވެ. އެއިރު ރަށުގެ އެއްމެންހެން އެއްވެ ފާލަންކައިރިވަނީ ފުރާލައިފައެވެ. ފުރަތަމަ މީހާވެސްގޮވާލީ ފިޔޯރީ ޢަބުދުﷲދީދީ ގެނައިތޯއެވެ. ގެނައީ ބަނދެގެންތޯއެވެ. ބައިލަން އައި ވާހަކަ ބުނުމާއިއެކު އެއްގަމުން މީހަކު ފިޔޯރީ ޢަބުދުﷲ ދީދީއަށް އަނިޔާއެއްދީގެން ނުވާނެޔޭ ގޮވާލިއަޑު އިވިއްޖެއެވެ. ނަސީބަކުން އެވަގުތަކު އަޅުގަނޑަކަށް އެއްވެސް އަނިޔާއެއްނުދެއެވެ. ކުޑައިރުކޮޅަކަށްފަހު، ރައީސްއޮފީހަށް ގެންގޮސް އަޅުގަނޑާ ސުވާލުކުރަން ފެށިއްޖެއެވެ.

ފުރަތަމަ ކުރެވުނުސުވާލަކީ އަޅުގަނޑުގެނެވުނީ ކީއްވެކަންއެގޭހެއްޔެވެ؟ ގެނެވުނުގޮތެއް ނޭގެޔޭ ދަންނަވާފައި ކަންހިގިގޮތް ދަންނަވާފީމެވެ. ވާހަކަދެއްކެވީ މިހާރު މި ފަސް އަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް މޫސާ ޢަލިދީދީއެވެ. ދެން ކުޑަކޮށް މަޑުކޮށްލައްވާފައި ވަރަށްދީލަތިގޮތެއްގައި އެރަށުގައި ބަންދެއްނެތި ހުރުމަށް ދޫކޮށްލައްވައިފިއެވެ.  ދުވަސްކޮޅަކަށްފަހު، އަނެއްކާވެސް ރައީސްއޮފީހަށް ގެންދަވާފިއެވެ. މިފަހަރު ސުވާލުކުރެއްވީ ސީދާ ރައީސްއެވެ. އެއިރު ހަވަރުތިނަދޫން ގެނެސްގެން ގެންގުޅޭ މަހަކީ، ގައްދޫން ގެނައި މަހޭ ބުނިންތޯއެވެ. އަޅުގަނޑު އާދޭހޭ ދެންނެވީމާ ދެން ސުވާލުކުރެއްވީ ކަލެޔަށް އެކަން އެގުނީ ކިހިނަކުންތޯއެވެ. އަޅުގަނޑަށް އެގުނުގޮތް ދެންނެވީމާ ރައީސްގެ އިސްތަށިފުޅުގައި އަތްޕުޅުޖައްސާލައްވާފައި ވިދާޅުވިއެވެ. ކަލޭހީކުރަނީ ކަލޭބޮލުގައި އެކަނި ބުއްދި ހުންނަކަމަށްހެއްޔެވެ؟ އެދުވަހުގެ ނިޔާއަކަށްވީ 15 އެތިފަހަރުން ތަޢްޒީރުކޮށް ބިޑިއަޅާފައި ބަންދުކުރުމެވެ. ( އެދުވަހު ކޮންމެވެސް މައްސަލަޔެއްގައި އަހްމަދުދީދީގެ  ފިރިހެންދަރިފުޅު މުސްޠަފާވެސް އެ އޮފީހަށް ގެންދެވިފައި ހުއްޓެވެ.) (ނުނިމޭ)
                --------------------

ލިޔުއްވީ: "މީޒާން" (އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ މީޒާން، ޅ.ނައިފަރު)