ފިޔޯރީ އަޙުމަދުދީދީގެ ހަނދާނުގައި - އެއްވަނަބައި

"ގަލެހިރި" އެޑްމިންގެ ނޯޓެއް:
މިލިޔުމުގައިވާ ފިޔޯރީ އަޙުމަދުދީދީ އަކީ، ފިޔޯރީ ގުލްފާމްގޭ އަލްފާޟިލް އަލްމަރުޙޫމް އަޙުމަދު ޙުސައިންދީދީ އެވެ. އަޙުމަދު ޙުސައިންދީދީގެ ބައްޕައަކީ ފުވައްމުލަކު ދަޑިމަގު ކޮއްކިރި މުޙައްމަދު އެދުރު ކަލޭގެފާނުގެ ފުވައްމުލަކު ދަޑުފީށި ޢަލިތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ހ)ގެ މައިގޭ ޢަލިތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ށ)ގެ މައިގޭ ޙުސައިން ތައްޚާނުގެ މައިގޭ މުޙައްމަދު ތައްޚާނު(ނ)ގެ ދަރިކަލުން ޙަސަން މާރާދަކަލޭގެފާނުގެ ޙުސައިންދީދީ(ފިޔޯރީތުއްތީދީ) އެވެ. ޙުސައިންދީދީ(ފިޔޯރީތުއްތީދީ)ގެ މަންމައަކީ ކޮނޑޭ ޢަލިމަނިކުފާނުގެ ދަރިކަނބަލުން ހުޅެދޫދީދީ އާއި ހަވަރުތިނަދޫ ދޮންޢަލިތަކުރުފާނާއި ދެ ކަނބަލުންނަށް ލިބިވަޑައިގެންނެވި އެއް ބޭފުޅެއްކަމަށްވާ ފާޠިމާދީދީ އެވެ.

ފިޔޯރީ ގުލްފާމްގޭ އަޙުމަދު ޙުސައިންދީދީގެ މަންމައަކީ ކޮނޑޭ ޢަލިމަނިކުފާނުގެ ދަރިކަނބަލުން ހުޅެދޫދީދީ އާއި ހަވަރުތިނަދޫ ދޮންޢަލިތަކުރުފާނު ދެ ކަނބަލުންނަށް ލިބިވަޑައިގެންނެވި އެއް ބޭފުޅެއްކަމަށްވާ އާމިނާދީދީގެ ގައްދަޑުގޭ ދޮންދީދީ(ށ) އެވެ.

(ގައްދަޑުގޭ ދޮންދީދީގެ ނަމުގެފަހަތަށް (ށ) އިތުރުކޮށްފައިއެވަނީ، ވާދޫ ގައްދަޑުގޭގައި "ގައްދަޑުގޭ ދޮންދީދީ" ކިޔަމުންދިޔަ ތިންބޭފުޅަކު ތިންދުވަސްވަރެއްގައި ގައްދަޑުގޭގައި އުޅުއްވައިފައިވުމުން އެ ތިންބޭފުޅުން ވަކިވަކިން ދެނެގަތުމުގެ ފަސޭހައަކަށްޓަކައެވެ. ގައްދަޑުގޭ ދޮންދީދީ(ހ) އަކީ، އެންމެފުރަތަމަ ގައްދަޑުގޭގައި އުޅުއްވި "ގައްދަޑުގޭ ދޮންދީދީ" އެވެ. އެއީ ގައްދަޑުގޭ ސަންފާމަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނުގެ ދޮންދީދީ އެވެ. ގައްދަޑުގޭ ދޮންދީދީ(ށ) އަކީ، ގައްދަޑުގޭ ސަންފާމަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނުގެ ދޮންދީދީގެ އިބްރާހީމްދީދީގެ ޚަދީޖާދީދީ(ދެއްވަދޫ ގަނޑުވަރުދީދީ)ގެ ފާޠިމާދީދީގެ އިބްރާހީމްދީދީގެ ދޮންދީދީ އެވެ. ގައްދަޑުގޭ ދޮންދީދީ(ނ) އަކީ، ގައްދަޑުގޭ ސަންފާމަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނުގެ ދޮންދީދީގެ އިބްރާހީމްދީދީގެ ޚަދީޖާދީދީ(ދެއްވަދޫ ގަނޑުވަރުދީދީ)ގެ ފާޠިމާދީދީގެ އިބްރާހީމްދީދީގެ ދަރިކަނބަލުން ދޮންތުއްތުދީދީގެ ދޮންދީދީ މ.ސީނާ އެވެ.)

ފިޔޯރީ ގުލްފާމްގޭ އަޙުމަދު ޙުސައިންދީދީގެ މަންމަ ދޮންދީދީގެ ބައްޕައަކީ ކޮނޑޭ ޢަލިމަނިކުފާނުގެ މުޙައްމަދުދީދީ(ތުއްކަލާދީދީ)ގެ ދޮންދީދީގެ ޚަދީޖާދީދީ(ދެއްވަދޫ ގަނޑުވަރުދީދީ)ގެ ފާޠިމާދީދީގެ އިބްރާހީމްދީދީ އެވެ. މި އިބްރާހީމްދީދީގެ ބައްޕައަކީ ވާދޫ "ގައްދަނޑު މަނިކުފާނު"(މުޙައްމަދު މަނިކުފާނު)ގެ އިބްރާހީމް މަނިކުފާނުގެ ވާދޫ "ގައްދަނޑުގޭ މަނިކުފާނު"(މުޙައްމަދު މަނިކުފާނު)އާއި، ހަވަރުތިނަދޫ މެދުއަވަށު ދޮން މޫސާ ކަލޭގެ ފުތް ރައްކަލާކަލޭގެ ދި ފާޠިމާފުޅާއި ދެކަނބަލުންގެ ބޭފުޅެއްކަމަށްވާ ޙުސައިން މަނިކުފާނެވެ. ޚަދީޖާދީދީ(ދެއްވަދޫ ގަނޑުވަރުދީދީ)ގެ ބައްޕައަކީ ކޮނޑޭ ޢަލިމަނިކުފާނުގެ ދޮންދީދީގެ އިބްރާހީމްދީ އެވެ. ޚަދީޖާދީދީ(ދެއްވަދޫ ގަނޑުވަރުދީދީ)ގެ ފިރިކަލުންނަކީ ކޮނޑޭ ޢަލިމަނިކުފާނުގެ މޫސާދީދީގެ އަޙުމަދުދީދީ އެވެ. ކޮނޑޭ ޢަލިމަނިކުފާނުގެ މޫސާދީދީ އަކީ ފިޔޯރީ ގުލްފާމްގޭ އަޙުމަދު ޙުސައިންދީދީގެ މާމަ ހުޅެދޫދީދީ އާއި އެއްބަނޑު އެއްބަފާ ބޭފުޅެކެވެ.

ފިޔޯރީ ގުލްފާމްގޭ އަޙުމަދު ޙުސައިންދީދީގެ އަނބިކަނބަލުންނަކީ، އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ އައްނާއިބު އަޙްމަދު ޝިހާބުއްދީންގެ ކުދުރަނިއަގެ ފާތުމާފާނުގެ އިބްރާހިމް ތަކުރުފާނުގެ ޙުސައިން ތަކުރުފާނުގެ ޙައްވާފާނުގެ އައިސާދަރު ފާޠިމާމަނިކެ(އެޅަމަނިކެ)ގެ ވާރުގޭ އެޅަތައްޚާނުގެ ވާރުގޭ މަރިޔަމް މަނިކުފާނެވެ.

ބަޔެއް ހަނދާންތަކަކީ، ވަރަށްފަސޭހައިން ހިތުން ފިލައިގެންދާ އެއްޗެއްކަމުގައި ވިޔަސް އަނެއްބައި ހަނދާން ތަކަކީ، އެހާފަސޭހައިން ހިތުން ފިލުވައިލެވޭ ހަނދާންތަކެއްނޫނެވެ. މިގޮތުން މިދިޔަ ނޮވެމްބަރމަހު ދެމިއޮތުމުގެޢާލަމަށް ދަތުރުކުރެއްވި ގދ.ފިޔޯރީ އަޙްމަދުދީދީގެ ހަނދާންތައް އަޅުގަނޑުހިތުން ވަރަށް ފިލައިގެން ނުދެއެވެ. މިދެންނެވި ޝަޚްޞިއްޔަތު އަޅުގަނޑާ ފުރަތަމަ ބައްދަލުވީ މީގެ ސާޅީހަކަށްއަހަރު ކުރިންނެވެ. ގދ.ހެލްތު ސެންޓަރުގައި ޚިދްމަތްކުރަމުން ދިޔަ ދުވަސްވަރު އަތޮޅުތެރެޔަށް ކުރި ދަތުރެއްގައި ފިޔޯރީންނެވެ. އަޙްމަދުދީގެ ހަރުދަނާ ޝަޚްޞިއްޔަތުގެ ވާހަކަ މިއަދު މި ހާމަކޮށްލަނީ އެއިރު އަޅުގަނޑު ލިޔުނު "ގދ.އަތޮޅު" ގެހަނދާންތަކުގެ ބަޔެއް ފަތްފުށްތަކުންނެވެ.

އަތޮޅުކޮމިޓީމެމްބަރު ފިޔޯރީ ޢަބުދުﷲދީދީ އާއިއެކު، މާތޮޑާއިން ފުރައިގެން ތިން ބަފައިންނާއި އެކު ކުޑަ ރިޔާދޯންޏެއްގައި ކުރިދަތުރުގައި ފިޔޯރީއަށް ފޯރީ ހަވީރު އިރުއޮއްސެން ކައިރިވެފައިވަނިކޮށެވެ. 5.30 ހާއިރުއެވެ. ޢަބުދުﷲދީދީ އަށް ރަށަށް ވަޑައިގެންނެވުނީއެވެ. ރަށުތެރެފެންނަނީ ވަރަށް ސާފުކޮށެވެ. މަގުތައް އެހެން ރަށްރަށަށްވުރެ ފުޅާވެފައި އެއްވަރެވެ. ޒަމާނުގެ މުއްސަދިކަންދައްކައިދޭ ބަޔެއް ޢިމާރާތާ އަލަށްރޭނި ރޭނެމުންދާ ގެތައްގިނައެވެ. ނަމަވެސް ރަށުތެރޭގައިހެދިފައިވާ ގާގޮޑުތަކާ އޮޅުތަކެއްވެސް ނެތެއްނޫނެވެ. ގަސްތައްކޮށައި ސާފުކުރެވުނު ދުވަސްވަރެއްވާނީ ދުރު މާޒީއެއްގައެވެ. 

ރަށަކީ،ފަޟީލަތުއްޝައިޚު ޢަލީ ޙުސެންދީދީ ފަޟީލަތުއްޝައިޚު ޢަބުދުﷲ ޒުހްރީ އަދި އައްޝައިޚު ޢަލީ ލުތުފީޔާ މިފަދައެތައް ޢިލްމުވެރިންގެވެސް ރަށެވެ. މިހާރު ރަށުގެވެރިޔަކީ، ޢަލީ ޙުސެންދީދީގެ ބޭބެ މަޝްހޫރު ފިޔޯރީ އަޙްމަދުދީދީ އެވެ. ހައިބަތުހުރި ހަށިގަޑުބޮޑު ބޭފުޅެކެވެ. އަޙްމަދުދީދީ ވަރަށްބޮޑު ގެޔެއްއަޅުއްވައިގެން އެގޭގައި އުޅުއްވަންފެއްޓެވިތާ އަދި މާގިނަ ދުވަހެއްނުވެއެވެ. ގެވަނީ އެއްމެ މިޒަމާނުގެ ޕްލޭނަކަށެވެ. އަޅުގަނޑު މަޑުކޮށްލަންޖެހުނު ގެޔަކަށްވީވެސް އެގެއެވެ. ދަތުރުގެ ބައިވެރިޔާ ޢަބުދުﷲދީގެ އަނބިކަބަލުންނަކީ، އަޙްމަދުދީދީގެ ޞަބީހާއެވެ. ކުރިން ކައިވެނިބައްލަވައިގެން އުޅުއްވިކަމަށްވަނީ ޞަބިޙާގެ ދައްތަ ޒުބޭދާޔާއެވެ. ޒުބޭދާ އަވަހާރަވުމުން ދެން ކޮއްކޮއެވެ.

ރޭގަނޑު: ރޭގައި އަޅުގަނޑުމެން ފުޅިބައްތިޔެއްގެ އަލީގައި ހޭދަކޮށްލަންޖެހުނު ނަމަވެސް މިރޭ މިގޭގައި ދެ ބިގަރު ދިއްލާފައި އެބަހުއްޓެވެ. ބޭނުންވަގުތަކު ހުޅުވާލެވެން ރޭޑިޔޯއެއްވެސް އެބަހުއްޓެވެ. ގޭގެތަނަވަސްކަމަށް އިތުރު ހިތްހަމަޖެހުމެއްގެނެސްދެނީ ހައްދާފައިވާ މާގަސްތަކެވެ.

8.30 ގައި ރަށުއޮފީހަށް ރަށުގެ ދެއަވަށުންކުރެ ކޮންމެއަވަށަކުން ތިން އަންހެނުންނާ ހަތަރު ފިރިހެނުން އެއްކުރެވުނެވެ. ބޭނުމަކީ، މާދަމާ ރަށުތެރެ ސާފުކުރުމުގައި ވެރިންނާބައިވެރިވެ އިސްނަގާއުޅުމުގެގޮތުން ވާހަކަދައްކާލުމެވެ. އެމީހުނަށް ރަށުގައި ޢާއްމުވެފައިވާ މެލޭރިޔާ ފައިލޭރިޔާ އަދި ޑައިރިޔާއާ ޓީބީއާއިބެހޭގޮތުން މަޢްލޫމާތުދިނީމެވެ. އަޅުގަނޑުގެ ވާހަކައަށްފަހު، އަތޮޅުކޮމިޓީމެމްބަރު ޢަބުދުﷲދީދީ އަޅުގަނޑަށް ތާއީދުކުރައްވާ ވާހަކަފުޅުދެއްކެވިއެވެ. ބައްދަލުވުންނިމިގެން ޢަބުދުﷲ ދީދީއާއިއެކު އޭނާގެ ގެޔަށްގޮސް ޢަބުދުﷲދީދީގެ ބައްޕަޔާ މަންމަޔާވެސް ބައްދަލުކޮށްލީމެވެ. މިގޭގައި ހޭދަކޮށްލެވުނު ވަގުތުކޮޅުގެތެރޭގައި ލަވަދަސްކުރާ ދެ އަންކުއްޖަކު ކިޔާލަދިން ދެލަޔެއްވެސް އަޑުއަހާލީމެވެ. މިގޭގައި ހަވަރުތިނަދޫ ރައްޓެހި ދެ ވަޙީދުވެސް އެބައުޅުއްވައެވެ. ނިދަންދެވުނީ އަޙްމައިދީ އިޝާރަތްކޮށްލެވުމުންނެވެ. އެއީ ދުވަސްވީ ތަޖްރިބާކާރެކެވެ. ގެޔަށްގޮސް އެތައްއިރެއްވަންދެން އެކި މަވްޟޫޢަށް ވާހަކަދެކެވެމުން ދިޔައެވެ. ނިދުމުގެކުރިން ދެންމެ ރުކުންބޭލި ރަހަމީރު ރާތެއްޓެއްލިބުނެވެ. ޢަޙްމަދުދީދީވެސް އެއްމެފަހު ދުންގަނޑު ހިތްޕެވުމަށް ސަރަންފީގައި ޖައްސާލައްވާފިއެވެ. އެވަގުތު އަޅުގަނޑަށްކޮށްލެވުނު ސުވާލަކުން އެ ހުޅުވާލަދެއްވީ އޭނާގެ ޙަޔާތުގެ މުހިއްމު ޞަފްޙާއެކެވެ. ހުވަދުއަތޮޅުގެ ދެވަނަ ބަޣާވަތުގައި އޭނަޔަށް ހޭދަކުރައްވަން ޖެހުނު އަދިރި ދުވަސްތަކުގެ ވާހަކައެވެ.  ހުވަދުއަތޮޅު ފުރަތަމަ ބަޣާވަތް ފަތަޙަކުރެއްވުމަށްފަހު، ދަވްލަތުންވަނީ އަޙްމަދުދީދީއަށް ރާއްޖޭތެރޭގެ އިނިސްޕެކްޓަރެއްގެ މަގާމްދެއްވާފައެވެ.

އެއްރެޔަކު ގޭގައި އަވަހާރަފުޅުލައްޕަވާފައި އޮއްވައި މީހަކުއައިސް ދޮރުގައިތަޅާ ހޭލައްވާލައިފަބުންޏެވެ. ބަލަ ދެނަހުރީމުހެއްޔެވެ؟ އަނެއްކާވެސް މިއަތޮޅު ސުވައިދީބަށް އެބުރިއްޖެއެވެ. ހަވަރުތިނަދޫންއައި މީހުން ޚަބަރު ދީފިއެވެ. އަޙްމަދުދީދީ ހަމަ އެދަންވަރު ނުކުމެވަޑައިގެން ވަކިގޭގެ ދޮރުފޮތިގަނޑު ހިއްލާލާ މީހުންޚަބަރުދާރުވެތިބުމަށް އެންގެވިއެވެ. އަދި އަޙްމަދުދީދީއަށް އިތުބާރުކުރައްވާ އަށެއްކަމީހުން ގެންނަވާ ހަމަމިހާރު އޭނާގޮވައިގެން ހަވަރުތިނަދުއަށް ދިޔުމަށް ދޯނި ތައްޔާރުކުރުމަށް ވިދާޅުވިއެވެ.

އެދުވަހު، އަޙްމަދުދީދީގެ އަނބިކަބަލުންނާ ޞަބީހާ ނޫން އެހެންކުދީންވީ ވާދޫއަށް ގޮހެވެ. ދެންގޭގައި އަރުވާލާފައިހުރި މީހަކާ ހުރިހާކަމެއް ހަވާލުކޮށްފައި ވާހާއިވެސް ސިއްރުވެރިގޮތަކަށްގޮސް ދޯންޏަށްއަރަނިކޮށް ރަށުގެ ގަދަރުވެރިބޭކަލެއް އޭނާ ގެންދިޔުންއެދުނެވެ. ދޯނިޖަހާފައި ނެރި ފުރަތަމަ ޚަބަރުސާފުކޮށްލުމަށް ފަރެހަށް ޖައްސާލުމަށް އަޅުގަނޑުބުނެފީމެވެ. އަޅުގަނޑާއިއެކު ދަތުރުކުރަން ތިބީ ވަރުގަދަ ފަހުލަވާނުންތަކެއްކަހަލަ ބަޔަކަށްވުމާއިއެކު އެރަށަށްކައިރިކޮށް ފައިބައިގެންދަމުން އޮޑިމަތި "ތަނަވަސްކޮށްލައިގެން" ތިބުމަށް ބުނީމެވެ. (ނުނިމޭ)
                 -------------------

ލިޔުއްވީ: "މީޒާން" (އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ މީޒާން، ޅ.ނައިފަރު)
ޢާއިލީ ވަނަވަރުގެ ޙިއްޞާ:
އަޙުމަދު ނާޞިޙު ޢަންބަރީވިލާ، ސ.މީދޫ
ޢަލިދީދީ ވިދުވަރުގެ، ފުވައްމުލައް
ޙަސަން ޙިލްމީ ޖަނަވަރީގެ، ގދ.ތިނަދޫ