އެންމެފުރަތަމަ ޝަރީޢަތްކުރި ގޮތާއި މިހާރު މަޙުކަމަތުއް ޝަރުޢިއްޔާގައި ޝަރީއަތްކުރާ ގޮތް ވަރަށްތަފާތެވެ. މިހާރު މަޙުކަމަތުއް ޝަރުޢިއްޔާގައި ގާނޫނީ ވަކީލުންތިބެގެން ޝަރީއަތްކުރެވެމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. ނަމަވެސް އަދި މިހާތަނަށް ޝަރީޢަތުގައި ވާހަކަދައްކާ އުޅެނީ އެއްފަރާތުން އެންމެ ވަކީލެކެވެ. މިގޮތަށްއައިސް ދެ ފަރާތުން ގާނޫނީ ދެ ވަކީލުން ތިބެގެން އެ ދެ މީހުން ވާހަކަދައްކައިގެން ފުރަތަމަ ޝަރީޢަތެއްކުރެވުނީ 17 އޮކްޓޫބަރ 1962މ. – 18 ޖުމާދިލްއައްވަލް 1282ހ. ވީ ބުދަދުވަހު ހަވީރު މަޙުކަމަތުއް ޝަރުޢިއްޔާގައެވެ.
މި ޝަރީޢަތަކީ މިހާރު
ހަމަޖެހިފައިވާ އިސްތިއުނާފުގެ ގާނޫނު ފާސްވީފަހުން އެންމެފުރަތަމަ ކުރެވޭ ގަޟިއްޔާއެވެ.
ދަޢުވާކުރާ މީހަކީ ހަވަރުތިނަދޫ ކުޑަ ޙައްވާފުޅެވެ. ދަޢުވާލިބޭ މީހަކީ ކުޑަ ޙައްވާފުޅުގެ
މާމަދަރިއެއްކަމުގައިވާ ސިއްތިދިޔަ އެވެ. މި ޝަރީއަތް އިސްތިއުނާފުކުރެއްވުމުގައި އުއްތަމަފަނޑިޔާރު
މަނިކުފާނާއި އިސްތިއުނާފު ކޮމިޓީގެ އަނެއް ދެ މެމްބަރުންކަމުގައިވާ ޞ.ސ. އަލްއުސްތާޛު
އިބްރާހީމް ޝިހާބާއި ޞ.ސ. އަންނަބީލު މަލިމް މުޙައްމަދުދީދީ ތިއްބެވިއެވެ.
ދަޢުވާގެ އަޞްލު
މައްސަލައަކީ ހަވަރުތިނަދޫ ކުޑަ ޙައްވާފުޅު އޭނާގެ މާމަދަރިފުޅު ސިއްތިދިޔަ އަށް ދީފައިވާ
ލިޔުމެއް ބާޠިލްކުރުމެވެ. މި ޝަރީޢަތުގައި ދަޢުވާކުރާ ފަރާތުގެ ވަކީލަކީ އަލްއުސްތާޛު
މުލީ އިބްރާހީމްފުޅެވެ. ދަޢުވާލިބޭ ފަރާތުގެ ވަކީލަކީ އަލްއުސްތާޛު ޢަބުދުﷲ ޙަމީދު
އެވެ. މިއީ ވަކީލުކަމުގެ 3ވަނަ ދަރަޖައިގެ ސަނަދުލިބިވަޑައިގެންފައިވާ 2 ވަކީލުންނެވެ.
---------------
މަޢުލޫމާތު: ދިވެހިރާއްޖޭގެ
އެކިއެކި ކަންކަން ހިނގިގޮތް 23