ޙަމީދުގެ ހަނދާނުގައި - 9


ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް އަޙްމަދު ނިހާނަކީ، ހެންވޭރު އަވަށު އޮފީހުގެ ރައީސް ކަމުގައި އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) ހުންނެވިއިރު، އެ އޮފީހުގެ ފަރާތުން އެކިއެކި މުނާސަބަތުގައި ތައްޔާރުކުރާ ފުޅަނދުތައް ތައްޔާރުކުރާ ކޮމެޓީގެ މެމްބަރެކެވެ. ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް އަޙްމަދު ނިހާން ވިދާޅުވެފައި ވެ އެވެ.

"ފުޅަނދު ހަދާ ތަނަށް ބަރާބަރަށް ވަޑައިގެން، ކަންކަން ކުރިއަށް ގެންދަންވީ ގޮތް ވަރަށް ރަނގަޅަށް އޭރު ވެސް (ޢަބްދުﷲ ޙަމީދު) ވިދާޅުވެދެއްވާނެ. ވަރަށް ގާތުން، ވަރަށް ފަރުވާތެރިކަމާ އެކު އެކަންކަން ބެއްލެވި."

އަޙްމަދު ނިހާން ވިދާޅުވާ ގޮތުގައި، ހަމައެކަނި އެމަސައްކަތަށް ބަލައިލިޔަސް އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) އަކީ، ކަންކަން ވަރަށް ގާތުން ބައްލަވައި އިރުޝާދު ދެއްވި މުރުޝިދެކެވެ. 

ހަވީރު ނޫހުގެ ޒުވާން މަޝްހޫރު މޮޅު ލިޔުންތެރިޔާ އަލްފާޟިލް އަޙްމަދު ޙަމްދޫން ލިޔުއްވާފައިވާ ގޮތުގައި އެމަނިކުފާނަކީ، ވަރަށް ރިވެތިކޮށް، މައްދިވެހި ބަހުން ތިލަކޮށް ވާހަކަދެއްކެވި ބޭފުޅެކެވެ. ދައްކަވާ ވާހަކަތައް ވަރަށް ސާފެވެ. އަކުރުތަކާއި މަޚުރަޖު ވަރަށް ފުރިހަމަ އެވެ. އެމަނިކުފާނަކީ، ދިވެހި ބަހަށް ވަރަށް އިސްކަން ދެއްވި ބޭފުޅެކެވެ. ދިވެހި ބަހާ ބެހޭ ގޮތުން ލިޔުއްވުންތައް ލިޔުއްވި އެވެ. ބަހުގެ މުއްސަނދި ކަމަށާއި ދިވެހި ބަސް ކުރިއެރުވުމަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވި އެވެ. އެކި ކަންކަމުގައި ދިވެހި ބަސް އިސްކުރެއްވި އެވެ. ދައްކަވާ ވާހަކަފުޅުތަކުގައި، ރިވެތި ދިރިއުޅުމަކަށް ރައްޔިތުންނަށް ހިތްވަރު ދެއްވަމުން ގެންދެވި އެވެ. ރިވެތި އާދަކާދަތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތް ދެއްވަމުން ގެންދެވި އެވެ.... އަދިވެސް އޭނާ ލިއުއްވާފައި ވެ އެވެ.

"މިހާރުގެ ގިނަ ޒުވާނުންނަށް ޙަމީދުގެ އެ ޚިދުމަތްތަކެއް ނޭނގޭނެ އެވެ. އެކަމަކު 1964 ގައި ނާޞިރު ފެށްޓެވި އެއާޕޯޓް ހެދުމުގެ މަސައްކަތަކީ ރާއްޖޭގެ ތާރީޚުގައި ވެސް ފެނުނު ރައްޔިތުން އެކުވެގެން ކުރި އެންމެ ބޮޑު އެއް މަސައްކަތެވެ. ދިވެހިން، އަތުން ގާ ނަގައި، ބިންގަނޑު ކޮނެ، އެއްވަރުކުރުމުގެ އެ ހުރިހާ ބުރަ މަސައްކަތެއް، ޤައުމީ ރޫޙުން ފުރިފައިވާ މާޙައުލެއްގައި ހިންގި އިރު، އެކަމުގެ އެންމެ އިސް އެއް ހިންގުންތެރިޔަކަށް، ހުޅުލޭގައި ހުންނެވީ ޙަމީދެވެ. އެހެންކަމުން އެމަނިކުފާނުގެ ޤައުމީ ޚިދުމަތް، ފަހުން ރާއްޖޭގެ އިޤުތިޞާދުގެ އެންމެ މުހިންމު ބަޔަށް ވި އެއާޕޯޓާ އެ އޮތީ އެންމެ ގާތުން ގުޅިފަ އެވެ."

ލިއުންތެރިންގެ ގުޅުމުގެ ވެބްސައިޓްގައި، އެމަނިކުފާނު އަވަހާރަވި ޚަބަރު ޝާއިޢުކުރުމުން "އިބުރާހީމް ހުސެން މަނިކު" ގެ ނަމުގައި ކޮމެންޓްކުރައްވާފައިވާ ބޭފުޅަކު ވިދާޅުވެފައި ވެ އެވެ.

"ޙަމީދަކީ ޢާލިޔާ ސްކޫލުގައި ދުވަސްކޮޅަކަށް އަޅުގަނޑުމެންގެ ދިވެހި މުދައްރިސެވެ. އެދުވަސްކޮޅުގެ ތަޖުރިބާއަށް ބަލައި ދެންނެވޭނީ އެއީ ހިތްޕުޅު ހެޔޮ، ދަރިވަރުންގެ ސަމާލުކަމާއި ޝައުޤު ހިފަހައްޓަވަން އެނގިވަޑައިގަތް ޤުދުރަތީ މުދައްރިސެއް ކަމުގަ އެވެ. ކިޔަވައިދިނުމުގެ ދާއިރާގައި މާގިނަ ދުވަހު އުޅުއްވައިފައި ނުވާތީ، މިއީ މަދު ބަޔަކު މެނުވީ ނުދަންނާނެ ކަމެއް ތޯއްޗެކެވެ. އެކަމަކު ވަރަށް ގިނަ ޢާންމުންނާއި ދިވެހިބަހުގެ ދަރިވަރުންނަށް އޮޅިފައި ނޯންނާނޭ ފަދައިން އެއީ ޅެންވެރިއެކެވެ. އެއަށް ވުރެ ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި އަޅުގަނޑު ދެކޭގޮތުގައި އެއީ ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި އުފެދުނު އެންމެ ކުޅަދާނަ ވާހަކަދެއްކުންތެރިޔާ ވެސް މެ އެވެ. އަޅުގަނޑުގެ ހަނދާނުގައި ފަންސާހަކަށް އަހަރު، އަތޮޅުވެރިކަމުން ފެށިގެން ވަޒީރުކަމާ ހަމަޔަށް، ސަރުކާރުގެ ތަފާތު މަޤާމުތައް ފުރުއްވި ޚިދުމަތްތެރިއެއް ވެސް މެ އެވެ. ޙަމީދުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ!"

"އިސްލާމިއްޔާ ހުޅުވުނީ ޢަބްދުއްﷲ ޙަމީދުގެ ބުރަ މަސައްކަތްޕުޅުން" މި ސުރުޚީގެ ދަށުގައި "ވަގުތު" ގައި ޝާއިޢުކޮށްފައިވާ ލިއުމަކަށް "ސަފްވާނު ޝަފީގު" ގެ ނަމުގައި ކޮމެންޓްކުރައްވާފައިވާ ބޭފުޅަކު ވިދާޅުވެފައި ވެ އެވެ.

"އައްޑޫ ހައިސްކޫލު ގައި ބޭއްވި އެސެމްބްލީ އަކީ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ގެ ޒިކުރާ ގައި ހިންގުނު ފުރަތަމަ ޙަރަކާތް ކަން ފާހަގަ ކޮށް މިކަމުގައި އެންމެ އިސްކޮށް ހުންނެވި ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ނަދީމަށާއި ދަރިވަރުންނަށް މަޢުލޫމާތު ދެއްވި ޝައިޚު ރުޝްދީ އަށް ޝުކުރު ދަންނަވަމެވެ. ނަދީމް ތިޔަ ދެއްކެވި ރިވެތި ނަމޫނާ ރާއްޖޭގެ ސްކޫލްތަކުން ބަލައި ގަންނާނެ ކަމަށް އުއްމީދު ކުރަމެވެ."

ކުރީގެ އިސްލާމިއްޔާ ހިންގެވުމުގައި އިސްކޮށް އުޅުއްވި އަދި މިހާރުގެ އައްޑޫ ހައި ސްކޫލްގެ ލީޑިންގ ޓީޗަރ އައްޝައިޚު ރުޝްދީ ވިދާޅުވެފައި ވެ އެވެ.

"މީގެ އަހަރުތަކެއް ކުރިން އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި އިސްލާމީ ތަޢުލީމު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހުޅުވުނު އިސްލާމިއްޔާ ސްކޫލް ވުޖޫދަށް އައީ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ޢަބްދުﷲ ޙަމީދުގެ އަގުހުރި ޚިދުމަތްތަކެއްގެ ސަބަބުންނެވެ."
"މަރުޙޫމް އަބްދުﷲ ޙަމީދުގެ ފުރާނަފުޅަށްޓަކައި ހެޔޮ ދުޢާކުރުމަކީ މިވަގުތު ކުރުން އެންމެ މުހިންމު އެއްކަންތައް."

މިހެން ވިދާޅުވެ، އައްޝައިޚު ރުޝްދީ ވަނީ، އެ ސްކޫލްގެ ދަރިވަރުންނަށް މަރްޙޫމް ޙަމީދުގެ ހެޔޮ ޒިކުރާތައް ހަނދާންކޮށްދެއްވައި، އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން އެ ސްކޫލްގެ އެސެމްބްލީގައި ވާހަކަ ދައްކަވަމުން، އެމަނިކުފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފަ އެވެ. މާތް ﷲ، ޝައިޚު ރުޝްދީ ކުރެއްވި ހެޔޮ ދުޢާ އިޖާބަކުރައްވާށި އެވެ! އާމީން!
               -----------------


މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން