ޙަމީދުގެ ހަނދާނުގައި - 5










ފަހުގެ ތާރީޚުގައި ދިވެހި އުންމަތުގެ ބިނާ އާރާސްތުކުރެއްވި އެންމެ އިސް ބާނީންގެ ތެރެއިން ހައިބަބިޔަ ބާނީ، ދައުލަތުގެ މަތީ މަޤާމުތަކެއް ފުރުއްވާފައިވާ ޚަބީރު، އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ގެ ޢިއްޒަތްތެރި ދީލަތި އަނބިކަނބަލުން އަލްފާޟިލާ ނަސްރީނާ އިބްރާހީމްގެ ބޭބޭފުޅު، އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމް ލިޔުއްވާފައި ވެ އެވެ.

"އަލްއުސްތާޛު ޢަބްދުﷲ ޙަމީދު މި ފަނާވަނިވި ދުނިޔެ ދޫކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އަޅުގަނޑު އެހީ ވަރަށް ފުން ހިތާމައެއްގެ އަސަރާއެކުގަ އެވެ. އެމަނިކުފާނުގެ ވަކިވަޑައިގަތުން އަޅުގަނޑަށް ވަޒަންކުރެވުނީ، އަޅުގަނޑުމެންގެ ޤައުމަށް ލިބުނު ފޫނުބެއްދޭ ފަދަ ބޮޑު ގެއްލުމެއްގެ ގޮތުގަ އެވެ. ޝައްކެއް ނެތެވެ. އަޅުގަނޑުމެންނަށް އެ ގެއްލުނީ އެފަދަ ދެވަނައެއް ނެތް ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. މަދުން ނޫނީ ނުފެންނަ ފަދަ ޅެންތަކެއް އަޅުގަނޑުމެންގެ ތެރެއަށް ދޫކުރައްވައިފައިވާ މޮޅު ޝާޢިރެކެވެ. އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ، ހަމައެކަނި އަދަބީ ރޮނގުން ކުރައްވާފައިވާ ގިނަގުނަ މަސައްކަތުން ފާހަގަކުރެވޭ ބޭފުޅެއް ނޫނެވެ. ދިވެހި ޤައުމު ބިނާކުރުމުގެ މަސައްކަތްތަކުގައި އެއް ރޮނގަށްވުރެ ގިނަ ރޮނގުރޮނގުން އަދި އެއް ދާއިރާއަށްވުރެ ގިނަ ދާއިރާއިން މަސައްކަތްކުރައްވާފައިވާ ހީވާގި، މުރާލި، ހަރުދަނާ މުދައްބިރެކެވެ. މުފައްކިރެކެވެ. ޚާއްޞަ ގޮތެއްގައި ރާއްޖޭގެ އަތޮޅުތައް ތަރައްޤީކުރެއްވުމަށާއި، ތަޢުލީމީ ދާއިރާއަށް އިސްލާމީ ތަރުބިއްޔަތު ގެންނެވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ، ރާއްޖޭގެ ތާރީޚު އަބަދުވެސް ހަނދާން ބަހައްޓާނޭ ކަންތައްތަކެކެވެ."

"އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ވަކިވެވަޑައިގަތުން އަޅުގަނޑުމެންނަށް ގެނެސްދޭ ޢިބްރަތަކީ، "އަބަދު ދިރިއުޅެން ބޭނުންނަމަ، އެ ދިރިއުޅުން ތިމާގެ ޤައުމަށް ވަޤުފުކުރަންވީ ކަމެވެ." 


ދިވެހި ދައުލަތުގެ މަތީ ފަންތީގެ ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ މަޝްހޫރު ލިއުންތެރިޔާ އަދި ކުޅަދާނަ ޝާޢިރު އޮނަރަބްލް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން ލިޔުއްވާފައި ވެ އެވެ.

"އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަޅުގަނޑު އެންމެ ފުރަތަމަ ދުށީ މީގެ ފަސްދޮޅަހަކަށް އަހަރު ކުރީންނެވެ. މަދްރަސަތުލް ޙަމީދިއްޔާ ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނަވަނިކޮށެވެ. އޭގެ ފަހުން އެމަނިކުފާނުގެ ޤައުމީ ޚިދުމަތްތއް ވަނީ ތަފާތު ރޮނގު ރޮނގުން ފެނިފަ އެވެ. އެއަރޕޯޓް ހެދުމުގެ މަސައްކަތުގެ ތެރެއިން އަތޮޅުތަކާއި ރަށްރަށުގެ ތަރައްޤީގެ ތެރެއިން ތަޢުލީމަށް ޚިދުމަތްކުރެއްވުމުގެ ރޮނގުންނެވެ. އަދި ތަފާތު އަދަބީ ޙަރަކާތްތަކުގެ ތެރެއިންނެވެ."

"އޮނަރަބްލް މަރްޙޫމް ޙަމީދަކީ ހިތްޕުޅު ހެޔޮ، އަރިހުގައި މަސައްކަތްކުރަން ފަސޭހަ ބޭފުޅެކެވެ. އެމަނިކުފާނު އަވަހާރަވުމުން ދިވެހި ޤައުމަށް އެ ގެއްލުނީ ހިންގުންތެރި ވެރިއެކެވެ. ކުޅަދާނަ ލިޔުންތެރިއެކެވެ. މޮޅު ޝާޢިރެކެވެ. ދަރިން ތަރުބިއްޔަތުކުރެއްވުމުގައި ނަމޫނާ ބައްޕައެކެވެ."

ދިވެހި އަދަބިއްޔާތަށް ގިނަގު ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ ލިޔުއްވާފައި ވެ އެވެ.

"ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް އެކިރޮނގުރޮނގުން ކޮށްދެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނޢޢވ) އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު މި ފަނާވަނިވި ދުނިޔެ ދޫކުރައްވައި، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އެހީ ފުން ހިތާމައާއެކުގަ އެވެ. އެމަނިކުފާނަކީ، ދިވެހި ބަހާއި ތާރީޚަށް އާދަޔާ ޚިލާފަށް މަސައްކަތްޕުޅުކުރެއްވި ބޭފުޅެކެވެ. ދިވެހި ނާދީގެ ނަމުގައި ބަހާއި އަދަބިއްޔާތު ރޯޝަންކުރެއްވުމަށް ޚާއްޞަ މަސައްކަތްޕުޅުތަކެއް ޤައުމީ ފެންވަރުގައި ކުރެއްވި އެވެ. އެކި ރަށްރަށުގައާއި އަތޮޅުތަކުގައި ނާދީގެ ގޮފިތައް ހައްދަވައިގެން ބަހާއި އަދަބުގެ ދާއިރާ ފުޅާކުރެއްވި އެވެ. އެމަނިކުފާނަކީ، ކުޅަދާނަ ޝާޢިރެކެވެ. މޮޅު ވާހަކަދެއްކުންތެރިއެކެވެ. ކުޅަދާނަ އުސްތާޛެކެވެ. ހަރުދަނާ ޒަޢީމެކެވެ. ކާމިޔާބު ބައްޕައެކެވެ. އޯގާވެރި، ހިތްޕުޅު ހެޔޮ، މުރާލިފުޅު ބޭފުޅެކެވެ. އެކުވެރިންނަށް ހެޔޮ ރަޙުމަތްތެރިއެކެވެ."

"އެމަނިކުފާނު ނެތްކަމުގެ ފަޅުކަން މުޅި ދިވެހި ޤައުމު އިޙުސާސްކުރެ އެވެ. ޚާއްޞަކޮށް ދިވެހި އަދަބީ އުދަރެހުން އޮއްސުނު އެއީ އެންމެ އަލި އެއް ތަރި އެވެ. އެއީ، ދިވެހި ނާދީގެ ބާނީ އެވެ. ރަށްވެހިކަމުގެ ފަތިހުގެ އަލިކަން ގެނުވި ވައިރޯޅި އެވެ. އަދަބީ ޝާޢިރުންނާއި ލިއުންތެރީންގެ ހިތްތަކުގެ ތަސައްލީ އެވެ."

ހއ. ތުރާކުނުން ފެށިގެން އައްޑުއަތޮޅުގެ ގަމާ ހަމައަށް އިސްލާމީ ޢުލޫމުގެ ބްރިޖްތައް އަޅުއްވައިދެއްވި އަދި ދިވެހިރާއްޖޭގެ އިސްލާމީ މަލައިގެ ކުރިބޯށިތަކުގެ ތެރެއިން ހައިބަބޮޑު ކުރިބޯށި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ލިޔުއްވާފައި ވެ އެވެ.

"އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ހިންގެވި ކުރު މުއްދަތަކީ، ޚިދުމަތުގެ ގޮތުން ދިގު މުއްދަތެކެވެ. މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އަށް އެމަނިކުފާނު ގެނެސްދެއްވި ތާޒާކަމާއި އާރޯކަން އެންމެ ގާތުން ދެކެފައިވާ މީހެއްގެ ހައިސިއްޔަތުން އެމަނިކުފާނު އިސްލާމީ ޢަރަބި ތަޢުލީމަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް ތަޘްމީނުކުރަމެވެ. މަޢުހަދު މެދުވެރިކޮށް، ޢަރަބި ބަސް ކިޔަވާދެއްވުމުގެ މަޝްރޫޢެއް އެމަނިކުފާނު ފެށްޓެވި އެވެ. މަޢުހަދު މެދުވެރިކޮށް، ކުޑަކުދިންގެ ޤުރުއާން މުބާރާތް ފުރަތަމަ ފަހަރަށް ތަޢާރަފުކުރެއްވި އެވެ. ރަމަޟާން މަސް އިޙުޔާކުރުމަށް ބޭރުން ވަޑައިގެންނެވި ވާޢިޡުންނާއި ޤާރީން، ރާއްޖެތެރެއަށް ފޮނުއްވައި، މާލޭގައި ހިނގަމުންދިޔަ ޕްރޮގްރާމް ރާއްޖެތެރެއަށް ތަޢާރަފްކުރެއްވި އެވެ. މަޢުހަދުގެ ރިސާލަތު ވަރުގަދަކޮށް ފެތުރުއްވުމަށްޓަކައި މަޢުހަދާ ކުރިމަތިވެފައި އޮތް ޢިމާރާތުގެ ދަތިކަން ފިލުއްވާ ދެއްވުމަށްޓަކައި، މަޢުހަދު ޢިމާރާތްކުރުމުގެ މަޝްރޫޢު ފަށްޓަވައި، މަޢުހަދަށް ޒަމާނީ ފެންވަރުގެ ބިނާއެއް ތަނަވަސްކޮށްދެއްވި އެވެ. މި ހުރިހާ ކަންތައްތަކެއްގެ އިތުރުން އެމަނިކުފާނު މަޢުހަދުގެ މުޙާމީ ކޯހުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ކިޔަވާދެއްވި އެވެ."

އިދާރީ ހިންގުމާއި ދިވެހި އަދަބިއްޔާތާއި ސަގާފަތުގެ ރޮނގުތަކުން ފުންނާބުއުސް މާހިރު އަދި ކުޅަދާނަ ޝާޢިރު އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާން ލިޔުއްވާފައި ވެ އެވެ.

"އޮނަރަބްލް ޢަބްދުﷲ ޙަމީދަކީ، ހިތްޕުޅު ހެޔޮ މިތުރެކެވެ. ވަފާތެރި ރަޙުމަތްތެރިއެކެވެ. މުހުތާދުވެރިންގެ މަދަދުގާރެކެވެ. ބަހަށް ލޯބިކުރެއްވި އަދީބެކެވެ. ދޫފުޅު ފަސޭހަ ވާހަކަދެއްކުންތެރިއެކެވެ. މޮޅު ލިއުންތެރިއެކެވެ. ނިވަލުގައި ހުންނެވި ޝާޢިރެކެވެ."
"މަރްޙޫމް ޙަމީދަކީ، ސިޔާސީ މުޙައްނިކެކެވެ. ކުޅަދާނަ ހިންގުންތެރިއެކެވެ. މުރާލިކަމާއި ހީވާގިކަމުގެ މިސާލެކެވެ. ރާއްޖެތެރެއަށް މިއަދު އައިސްފައިވާ ކުރިއެރުން ރާއްޖެތެރެއަށް ގެނެސްދެއްވި ރާއްޖެތެރޭގެ ރައްޔިތުންގެ ބައްޕަ އެވެ. މީގެ އިތުރުން "މައުމޫނީ" ދައުރުގައި ލިޔެވުނު ކޮންމެ ތަރައްގީގެ ސޮފްހާއެއްގައި އެޅުނު ކޮންމެ އަކުރެއްގައި ޖެހުނު ފިއްޔަކީ އެމަނިކުފާނެވެ."

ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޢުލީމީ ދާއިރާގެ އަލިގަދަ ތަރި، ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ އަދި މިހާރުގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ލަޠީފު ލިޔުއްވާފައި ވެ އެވެ.

"އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައި ވަނީ، އެމަނިކުފާނުގެ މާތް ޢާއިލާގެ އިތުރުން މުޅި ޤައުމު ވެސް ފެންކަޅިކުރައްވާފަ އެވެ. އެ ހިތާމަ އަޅުގަނޑު ވެސް މިކުރަނީ، ފުން އަސަރާއެކުގަ އެވެ. އެމަނިކުފާނުގެ އަގުހުރި ޚިދުމަތްތައް ފުޅާވެފައި ގިނަ އެވެ. ޚިދުމަތުގެ ދާއިރާތައް ވެސް ގިނަ އެވެ. އަތޮޅުތަކުގެ ތަރައްޤީ އާއި އެއާޕޯޓާއި، ތަޢުލީމާއި، ދިވެހި ބަހާއި، ޘަޤާފަތާއި، އަދި އިޖްތިމާޢީ ގޮތުން ގިނަގުނަ ދާއިރާތައް ހިމެނެ އެވެ. އެމަނިކުފާނަކީ، ހިތްޕުޅު ހެޔޮ އޯގާތެރި ބޭފުޅެކެވެ. އަނެކުންނަށް ކަމޭހިއްތަވާ އިޙްތިރާމްކުރައްވާ، މާތް އަޚުލާޤެއްގެ ވެރި ބޭފުޅެކެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުގެ ތެރެއިން، އެހެން ދާއިރާތަކާ ޚިދުމަތްތަކާ ޙަވާލުވެ ތިއްބަވާ ދައުލަތުގެ މުވައްޒަފުންނަށް އެހީތެރިވެދެއްވުން ބޮޑަށް ފާހަގަކޮށްލެވެ އެވެ. އަޅުގަނޑު އެކަން މި ފާހަގަކުރަނީ، އެ އެހީތެރިކަން ލިބުނު އަދި އެ އެހީތެރިކަމުން ގިނަ ކަންތައްތަކަކުން ނަތީޖާތައް ނެރުމުގެ ފުރުޞަތު ލިބުނު މީހެއްގެ ހައިސިއްޔަތުންނެވެ. އެކަންކަމަށްޓަކައި އެމަނިކުފާނަށް ފުން ޝުކުރު އަދާކުރުމާއެކު، އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ މިކުރަނީ، ހިތުގެ ލޯތްބާއެކުގަ އެވެ. އެމަނިކުފާނުގެ މާތް ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި އެވެ!"

އިންފޮމޭޝަން ކޮމިޝަނަރ، ފުންނާބު އުސް ލިއުންތެރިޔާ އަދި ޙިކުމަތްތެރި ޝާޢިރު އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ލިޔުއްވާފައި ވެ އެވެ.

"އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނޢޢވ) އަކީ، ދިވެހި ޤައުމުގައި މަދުންނޫނީ ނުފެންނަ ފަދަ އާދަޔާ ޚިލާފު ހުނަރުވެރި، ޤާބިލު، ޚިދުމަތްތެރި، އިޚްލާޞްތެރި ދިވެހި ދަރިއެކެވެ. އެމަނިކުފާނުގެ ތަޢުރީފަކީ، ދެތިން ފޮޅުވަތެއްގައި ނުވަތަ ދެތިން ހަތަރު ޞަފުޙާއެއްގައި ބަޔާންކުރެވޭނެ އެއްޗެއް ނޫނެވެ. އެކަމަށްޓަކައި ކުޅަދާނަ ލިޔުންތެރީންނަށް އެތައް ފޮތްތަކެއް ލިއުއްވަން ޖެހޭނެ އެވެ. އުންމީދުކުރަނީ، އުސްތާޛު މަރްޙޫމްގެ ޚިދުމަތްތަކުގެ މައްޗަށް ތަފާތު ފޮތްތައް ލިޔެވި ތަޞްނީފުކުރެވިގެން އަންނާނެ ކަމަށެވެ."

"ނޢޢވ. އަކީ، ޢުމުރުފުޅުން 18 އަހަރުގައި އިސް މަޤާމުތައް ފުރުއްވަން ފަށްޓަވައި، ފަންސާސް އެތައް އަހަރެއްގެ ޚިދުމަތުގެ ދިގު ތާރީޚެއް ދިވެހި ޤައުމަށް ދޫކުރެއްވި، ވަފާތެރި ޚާދިމެކެވެ. ސިޔާސީ މައިދާނުގައި ޙިކުމަތާއި ޑިޕްލޮމެސީގެ ނަމޫނާއެކެވެ. ހިންގުންތެރިކަމުގެ ދާއިރާގައި އެންމެ ކުޅަދާނަ މެނޭޖަރެވެ. މަޞްލަޙަތަށް އިސްކަން ދެއްވި ހުނަރުވެރި ސިޔާސީ މުޙަންނިކެކެވެ."

"އަދަބިއްޔާތުގެ މައިދާނުގައި ކޮންމެ ފަންނެއްގެ ވެސް އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަތެވެ. އަދި ވަރަށް ޚާއްޞަ ގޮތެއްގައި ބަސްމޮށުންތެރިކަމުގެ ދާއިރާގައި އެއީ ރަން ދޫފުޅެއްގެ ވެރިއެކެވެ. ޙާލަތާ ގުޅޭ ރީތި ބަސްކޮށާރެއް ގެންގުޅުއްވި ކުޅަދާނަ މުޤައްރިރެކެވެ. ކުރުކޮށް ދަންނަވާނަމަ، ދިވެހި ޤައުމީ ބިމުން އެ އޮއްސުނީ ފަސްމީރު ކުރިރުކެކެވެ. އަދަބީ ޖައްވުން އެ ގެއްލުނީ އެންމެ ގަދައަށް ވިދާ އަލިގަދަ ތަރި އެވެ."

މަޝްހޫރު ފުންނާބުއުސް ލިއުންތެރިއާ، މޮޅު އަތުލިއުންތެރިޔާ، ކުޅަދާނަ ޝާޢިރު އަދި މި ފޮތުގެ މުއްލިފުގެ ތާނަ އަތުލިއުމުގެ އުސްތާޛު އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމް، ހަތަރު ބަޔަށް ބައްސަވައިގެން ޅެންބަހުން ލިޔުއްވާފައިވާ ޅެމެއްގެ އެއްބައިގައި ވެ އެވެ.
"ދުށީ ފުރަތަމަ ކުރައްވަނިކޮށްނެ  ތަޤުރީރެއް  ލިޔާގައިޢާ،
                ކުރީގެ ހަނދާންތަކަށް  ދާއިރު  ގަނޑީއަޅު އޭރު ދަރިވަރެކޭ.
މުދައްރިސެކޭ އެއީ ލޮބުވެތި، މަދަރުސާ  ޢާލިޔާގެ  ދިވެހި
                ތެދެއް، ދިމައެއް ނުވޭ އެއިރަކު  ތަފާތު ކިލާސް އަހަރުތަކެކޭ.
ފަހުން އަޙްރާރުގައި ކިޔަވައި އެދެއްވި ދުވަސްތަކުން ލިބުނީ
                ލަހުންނަމަވެސް  ވެބައްދަލު  އަދި ތަޢާރަފުވާނެ ދަނޑިވަޅެކޭ.
ދިމާވީ  ދެން  މަޖީދިއްޔާގެ  ރަން  ޔޫބީލު  ތަމްސީލުން
                ޙަމީދުގެ މާތްވި ޝަޚުޞިއްޔަތު އޮޅުންފިލި އިތުރު ފުރުޞަތެކޭ.
ރިޔާސަތު ޚާއްޞަ މަޖިލީހުގެ  އެބެލެހެއްޓެވި  ދުވަސްތަކަކީ
                ހިޔާ ލިބިގެން  މަސައްކަތްތައް  އިދާރީ  ކުރި  ދުވަސްތަކެކޭ.
އެޓޮލްސާ ބަހުގެ މަރުކަޒުގައި އުޅުނުއިރު އަޅުގަނޑަށް ލިބުނީ
                އެ ދެއްކެވި  ގިނަ  ނަމޫނާއިން ނުހަނު އަގުހުރި ފިލާވަޅެކޭ."

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ކުރީގެ މުދީރު އަދި ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ކުރީގެ ރެކްޓަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ލިޔުއްވާފައި ވެ އެވެ.

"އަލްއުސްތާޛުލް މަރްޙޫމް ޢަބްދުﷲ ޙަމީދަކީ، ކުޅަދާނަ ހިންގުންތެރިއެކެވެ. ދިވެހި ބަހުގެ އުސްތާޛެކެވެ. ދެއްވާ ނަސޭހަތުގައި މަޢުލޫމާތުތައް މުއްސަނދި ބޭފުޅެކެވެ. މާތްވެގެންވާ އިސްލާމްދީނަށް ފުރިހަމަ މާނާގައި ކަމޭހިއްތެވި ދިވެހި މުސްލިމު ދަރިއެކެވެ. ދިވެހި ރާއްޖޭގެ ތަޢުލީމީ މަންހަޖުގެ ތެރެއަށް އިސްލާމީ ތަރުބިއްޔަތު ތަޢާރަފުކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ހެޔޮ ޖަޒާ އާއި، ޙައްޤު ޝުކުރު ޙައްޤުވެގެންވާ ދިވެހި ބަޠަލެކެވެ. އަލްއުސްތާޛުލް މަރްޙޫމް ޢާބްދުﷲ ޙަމީދު ފަދަ ޚިދުމަތްތެރިޔަކު ދިވެހި އުންމަތާ ވަކިވެދިއުމަކީ، އެ ޤާބިލުކަމާއި، އެ ރިވެތި ސިފަތަކުގެ ޚިދުމަތްތެރިންނަށް ޤައުމު ބޭނުންވެފައިވާ ހިނދު، ޤައުމަށް ލިބުނު ދެރައަކާއި ހިތާމައެކެވެ."
އަދަބިއްޔާތުގެ ރޮނގުން ފާހަގަކޮށްލެވޭ ފަދަ ދަރަޖައެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ މަޝްހޫރު މޮޅު ލިޔުންތެރިޔާ އަލްފާޟިލް މުޙައްމަދު ވަޙީދު (މ. މަޑުލު) ލިޔުއްވާފައި ވެ އެވެ.

"މީހަކު މިދުނިޔެ ދޫކުރުމުން އޭނާގެ ހަނދާންތައް އައުކުރަންޖެހޭނީ، އޭނާއާ ބެހޭ އުފައުވެރި ކަންތައްތައް ހިތްމައްޗަށް ގެނެސްގެންނެވެ. އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދަކީ، އަބަދުވެސް ހިނިފުޅުވަޑުވައިގެން ހުންނަވައި މީހުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދެއްކެވި ބޭފުޅެކެވެ. އެމަނިކުފާނުގެ ބަސްމަގުގެ ރީތިކަމާއި، އަދަބީ ގޮތުން ދައްކަވާ ވާހަކަފުޅުތައް ވަރަށްވެސް އޮމާންވެފައި ބަލާޣާތްތެރި އެވެ. ގެންގުޅުއްވި ޤަދަރުކުރެއްވުމާއި އިޙްތިރާމްކުރެއްވުމުގެ ސިފަފުޅުތަކުގެ ސަބަބުން އެމަނިކުފާނުގެ ކުރިފުޅުމަތީގައި ކޮންމެ މީހަކަށް ވެސް ލިބެނީ ހަމަޖެހުމާއި އަމާންކަމެވެ." (ނުނިމޭ)
                ------------------


މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން