ޙަމީދުގެ ހަނދާނުގައި - 4










ތަޢުޒިޔާގެ ދަފުތަރު -

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަވަހާރަވުމާ ގުޅިގެން، ބައެއް ފަރާތްތަކުން ތަޢުޒިޔާގެ ދަފުތަރުތައް ހުޅުވައިލެއްވި އެވެ. އެފަރާތްތަކުގެ ތެރެއިން އެއް ފަރާތަކީ، ރައްޔިތުންގެ މަޖިލީހެވެ. އަނެއް ފަރާތަކީ، ދިވެހި ބަހުގެ އެކެޑަމީ އެވެ.

އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ވިދިގެން އައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވަން ނިންމެވިކަން ފާހަގަކޮށްލަންޖެހެ އެވެ. އެކަމާބެހޭ ގޮތުން މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙުމަދު މުޙައްމަދު ވިދާޅުވީ، މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ މަސީޙު އެގޮތަށް ނިންމެވީ، އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި (ރައްޔިތުންގެ މަޖިލީހުން) ބައިވެރިވުމުގެ ގޮތުން ކަމަށެވެ. 


ރައްޔިތުންގެ މަޖިލީހުން ހުޅުވައިލެއްވި ދަފްތަރު އޮތީ ދެ ދުވަހުގެ މުއްދަތަށެވެ. 22 އޮގަސްޓް 2015 ވާ ހޮނިހިރު ދުވަހުން ފެށިގެން، 23 އޮގަސްޓް 2015 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. މި ދެ ދުވަހު ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް، މަޖިލީހުގެ ގޭގައި ދަފްތަރު ޢާންމުކޮށް ހުޅުވާލައްވާފައި ވި އެވެ.

ދިވެހި ބަހުގެ އެކަޑެމީން ހުޅުވައިލެއްވި ދަފުތަރު، ދެ ހަފުތާގެ މުއްދަތަށް ޢާންމުކޮށް ހުޅުވައިލެވުނެވެ. މި ފޮތުގެ މުއައްލިފު އެ ދަފުތަރުގައި ލިއުނުއިރު އެތައް ބޭފުޅުންނެއް އެ ދަފުތަރުގައި ތަޢުޒިޔާގެ ބަސްފުޅުތައް ލިއުއްވާފައި ވެ އެވެ. ތިރީގައި މިވަނީ އެއިން ބައެއް ބޭފުޅުންގެ ނަންފުޅުތަކެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު -
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަލްފާޟިލާ ދުންޔާ މައުމޫން.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ.
ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ.
އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާން.

އޭގެ ފަހުން ވެސް އެތައް ބޭފުޅުންނެއް އެ ދަފުތަރުގައި ލިއުއްވާފައި ވެ އެވެ. އޭގެ ތެރޭގައި، އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމް ފަދަ ބޭފުޅުންނާއި، އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީ ފަދަ ބޭކަނބަލުން ހިމެނިވަޑައިގަންނަވަ އެވެ.
             * * * * *
ތަޢުޒިޔާގެ ދަފުތަރުން

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަވަހާރަވުމާ ގުޅިގެން ދިވެހި ބަހުގެ އެކަޑެމީން ހުޅުވައިލެއްވި ތަޢުޒިޔާގެ ދަފުތަރުގައި އެކިއެކި ބޭފުޅުން ލިޔުއްވާފައިވާ ލިޔުންތަކަށް ބަލައިލީމެވެ. އެ ލިޔުންތަކުން އެނގޭ ގޮތުގައި އެމަނިކުފާނަކީ ދިވެހި ޤައުމަށް ނުހަނު އިޚުލާޞްތެރި، އަދިއެހައިމެ ވަފާތެރި ޚިދުމަތްތެރިއެކެވެ.

ތިރީގައި މިވަނީ، ތަޢުޒިޔާގެ ދަފުތަރުގައި ބައެއް ބޭފުޅުން ލިޔުއްވާފައިވާ ލިޔުއްވުންތަކުން ނަގާފައިވާ ބައެއް ޢިބާރާތްތަކެވެ.

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި އޮނަރަބްލް ޢަބްދުﷲ ޙަމީދު (ނޢޢވ) ގެ އެއްބަނޑުއެއްބަފާ ބޭބޭފުޅު، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ލިޔުއްވާފައި ވެ އެވެ.

"ޝައްކެއް ނެތް ގޮތުގައި، އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ، ވަރަށް ގިނަ ރޮނގުރޮނގުން ދިވެހި ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ވަރަށް ހަރުދަނާ ޝަޚުޞިއްޔަތެކެވެ. އެމަނިކުފާނުގެ ދެމިހުންނަނިވި ޚިދުމަތްތަކުގެ ތެރޭގައި، ދިވެހި ބަހަށާއި، ދިވެހި އަދަބިއްޔާތަށާއި، ދިވެހި ޘަޤާފަތަށާއި، ދިވެހި ތާރީޚަށް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތައް ހިމެނެ އެވެ. އެންމެ ތުއްޕުޅުއިރުއްސުރެ، އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޙަމީދަކީ، ދިވެހި ބަހަށް ނުހަނު ބޮޑަށް ލޯބިކުރެއްވި ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވިފައިވާ ބޭފުޅެކެވެ."

"އެމަނިކުފާނުގެ ޒުވާން ދުވަސްވަރު ސަރުކާރާ ގުޅިވަޑައިގެން ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި ދިވެހި މުދައްރިސްކަން ހިމެނެ އެވެ. އެއިރުއްސުރެ ފެށިގެން އެމަނިކުފާނު ވަރަށް ގިނަ ލިޔުންތަކާއި މަޒުމޫނުތައް އެދުވަސްވަރުގެ ނޫސް މަޖައްލާތަކުގައި ޝާއިޢުކުރައްވާފައި ވެ އެވެ. އަޅުގަނޑުގެ ރައީސްކަމުގެ ދުވަސްވަރު، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު އުފެއްދުމަށްފަހު، އެ މަރުކަޒުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން ގިނަ އަހަރުތަކެއް ވަންދެން ދިވެހި ބަހާއި އަދަބަށް ތަފާތު ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައި ވެ އެވެ. އެމަނިކުފާނުގެ ޙަޔާތްޕުޅުގައި މިރޮނގުން ކުރައްވާފައިވާ ޚިދުމަތްތަކަށްޓަކައި، ދިވެހި ދައުލަތުގެ ފަރާތުން ދިވެހި ބަހަށް ޚިދުމަތްކުރެއްވުމުގެ ރޮނގުންނާއި، ވާހަކަދެއްކުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު، އެމަނިކުފާނަށް ވަނީ އަރުވާފަ އެވެ."

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ގެ ޢިއްޒަތްތެރި ދަރިކަނބަލުން އޮނަރަބްލް އަލްފާޟިލާ ޔުމްނާ މައުމޫން ލިޔުއްވާފައި ވެ އެވެ.

"އަޅުގަނޑުގެ ލޮބުވެތި ބޮޑުބޭބެ އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ، ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަހު އަގުނުކުރެވޭ ފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ދިވެހި ބަހާއި ތާރީޚަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަން ވެސް މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ. ކުޅަދާނަ އަދީބެކެވެ. މޮޅު ވާހަކަދެއްކުންތެރިއެކެވެ. އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތަށް ދުޢާ ދަންނަވަމެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ." (ނުނިމޭ)
              --------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން