ގަލެހިރި – ވެބްސައިޓްހުވަދޫ ބަހުރުވައިގައި "ގަލެ"(ގައު) އަދި "ހިރި" މިއީ ދެ ބަހެކެވެ. ދެ އެއްޗެކެވެ. "ގަލެ" ކިޔަނީ ކުދި ގަލަށެވެ. "ހިރި" ކިޔަނީ ކުދި ގަލަށްވުރެ ބޮޑެތި ބިޔަ ބޯ ގައުތަކަށެވެ.


"ގަލެހިރި" ވެބްސައިޓް ވުޖޫދަށް އައުމުގެ ދެބޭނުމެއް އެބަ އޮތެވެ. ފުރަތަމަ ބޭނުމަކީ މުޖުތަމަޢަށް ފައިދާކުރަނިވި ޚިދުމަތެއް އަދާކުރުމެވެ. ދީނީ، ޞިއްޙީ، ތާރީޚީ، ސަގާފީ، އަދި އެހެނިހެންވެސް ބޭނުންތެރި ރޮނގުތަކުންނެވެ. އަނެއްބޭނުމަކީ ބައެއް ފަރާތްޕުޅުތަކާއި ދަރިކޮޅުގެގޮތުން ގުޅުންހުރި ޢާއިލީ ވަނަވަރުތަކެއް އެފަރާތްޕުޅުން ބައްލަވައިލައްވައި އަދި  އެވަނަވަރުތަކަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ އެކަން ހަމަޖެއްސެވުމަށްވެސް އެބޭފުޅުން ބޭނުންފުޅުވުމެވެ. 

މިހެންވުމުން އިލެކްޓްރޯނިކްސް އަދި ޕްރިންޓް މީޑިއާގައިވެސް "ގަލެހިރި" ވެބްސައިޓްގެ ފަރާތުން ބޭނުންކުރާ ތަފާތު އެންމެހައި ވަސީލަތަކީ މަތީގައިވާގޮތަށް
 "ގަލެހިރި" ވެބްސައިޓް ވުޖޫދަށްއައުމުގެ ބޭނުމާއި އެއްގޮތްވާ އެއްޗިއްސަށްވާނެއެވެ.

މިސައިޓުގެ ނަން "ގަލެހިރި" ނިސްބަތްވަނީ
 1962މ. ގައި ހުވަދުއަތޮޅު ތިނަދޫން މީހުންބޭލުމާއި ހަމައަށް ތިނަދޫއަށް ލިބިފައިވާ ޢިމްރާނީ ކުރިއެރުމާއި ތަނަވަސްކަމާއި ތަރައްޤީ ތިނަދޫގެ ފަސްގަނޑާއިހަމައަށް ވާޞިލްވުމުގެ މުހިއްމު ދައުރެއްއަދާކުރި ތިނަދޫގެ  އުތުރުފަރާތުގެ ނެރެއްކަމަށްވާ މަޝްހޫރު "ގަލެހިރި" މަގަށެވެ. މިއީ މީގެ އަހަރުތަކެއްގެ ކުރިއާއި ޖެހެންދެން ހުވަދުއަތޮޅު ތިނަދޫ ފަޅުތެރެއިން ބޭރަށް(ކަނޑުތެރެއަށް) ވަދެ ނުކުމެވޭގޮތަށް އެންމެ އުތުރުގައި އޮންނަ އެންމެ ގިނަދުވަސްވީ އަދި އެންމެފުން ނެރެވެ. މިނެރު ނުވަތަ މަގު ހަދާފައިވަނީ ވަރަށްގިނަ ކުދި ގަލާއި ބޮޑެތި ބިޔަ ބޯ ގައުތައްހުރި ދިމާލަކުން ރަށުގެ ވިލުތެރެއަށް ބޮޑު ދިޔައިގައި އުޅަނދުފަހަރަށް ވަދެ ނުކުމެވޭވަރަށް އެއެއްޗެތި ނަގައި ފުންކޮށްގެންނެވެ. މިކަންކުރީ ތިނަދޫގެ ރައްޔިތުންނެވެ.

އައްޑޫ ހުވަދޫ ފުވައްމުލަކުގެ ހަމަނުޖެހުމުގެތެރޭ ނުވަތަ ދެކުނު ގަޑުބަޑުގެ ދުވަސްވަރުގައި ހުވަދުއަތޮޅު ތިނަދޫ "ގަލެހިރި" މަގަކީ ނުވަތަ އެ ނެރަކީ  ބޭނުންވެއްޖެ ހިނދެއްގައި އެތަނުގެތެރެއަށް އެކިވަރުގެ ގައުތައްއަޅައި ކަނޑުދަތުރުކުރާ ބޮޑެތި އުޅަނދުފަހަރަށް ނުވަދެވޭވަރަށް ތިލަކުރި ނެރެކެވެ. އޭގެ ބޭނުމަކީ އެދުވަސްވަރުގެ އެއްކޮޅުނޫން ފަރާތެއްގެ ބޮޑެތި އުޅަނދުފަހަރަށް ދެކޮޅުވެރިކަމާއެކު ތިނަދޫގެ ފަޅުތެރެއަށް ނުވަދެވޭގޮތް ހެދުމެވެ.

ހުވަދުއަތޮޅު ތިނަދޫގެ "ގަލެހިރި"މަގު މެދުވެރިވެ ތިނަދޫއަށްލިބުނު ޢިމްރާނީ ކުރިއެރުމާއި ތަނަވަސްކަމާއި އަދި ތަރައްޤީ ފެނިފައިވާ މީހުންފިޔަވައި އެހެންބަޔަކަށް އެކަންކަމުގެ ބައިކުޅަ ބައެއްވިޔަސް މިހާރު ތަޞައްވަރުކުރެވޭނީ އެދުވަސްވަރުގެ އެކަންކަމުގެ ވާހަކަތައް އަޑުއަހައިލައި އަދި އެދުވަސްވަރުގެ (ފެންނަންހުރި) ފޮޓޯތައް ބަލައިލުމުންނެވެ.

ކުރީގެ ދުވަސްވަރު ތިނަދޫގެ "ގަލެހިރި"މަގު ފިޔަވައި އެރަށުގެ އެހެން ނެރުތަކަކީ ބޮޑު ދިޔައިގައިވެސް އެނެރުތަކުގެ ތިލަކަމާހުރެ ކަނޑުދަތުރުކުރާ ބޮޑެތި އުޅަނދުފަހަރު ވަދެ ނުކުމެވޭނޭ ނެރުތަކެއްނޫނެވެ. މިހެންވުމާއެކު 1980މ. ގެ އަހަރުތަކާއި ހަމައަށްވެސް ބޭރު ދަތުރުކުރާ އޮޑިފަހަރާއި އަދި ކަނޑުދަތުރުކުރާ ބޮޑެތި އުޅަނދުތައް ތިނަދޫ ފަޅުތެރެއަށް ވަދެ ނުކުތުމުގައި ބޭނުންކޮށްފައިވަނީ ތިނަދޫގެ މަޝްހޫރު ނެރު "ގަލެހިރި" މަގެވެ. މި މަޟްމޫނުގެ މަތީގައިވާ ފޮޓޯއިން އެފެންނަނީ 1980 ވަނަ އަހަރުގައި ތިނަދޫގެ "ގަލެހިރި" މަގުން ބޭރަށްނުކުންނަ ބައެއް އުޅަނދުފަހަރެވެ. އެއުޅަނދުގެފަހަރުގެ ފަހަތުން ފެންނަނީ ތިނަދޫއާއި ތިނަދޫމާފުއްޓާއި ދެރަށް ގުޅުވުމަށް ބިންހިއްކުމުގެކުރިން ތިނަދޫމާފުއްޓާއާއި ތިނަދޫގެ ބަޔެކެވެ. 

ތިރީގައި އެ ވަނީ ތިނަދޫމާފުއްޓާއާއި ތިނަދޫ ގުޅާލުމަށް 1 ނޮވެމްބަރ 2000މ. ގައި އެ ދެ ރަށުގެދޭތެރެ ހިއްކަން ފެށި ވަގުތު ނަގާފައިވާ ފޮޓޯއެކެވެ. 


"ގަލެހިރި" ވެބްސައިޓް ފަރުމާކޮށް، އަދި ބޭނުންވާ ޓެކްނިކަލް ކަންތައްތައް ޙައްލުކުރަނީ ހުވަދުއަތޮޅު ތިނަދޫ "މަދަރުސާދޮށުގެ"އިންނެވެ.
               --------------
ޢަބުދުﷲ ޙިލްމީ
01 ނޮވެމްބަރ 2009މ.