މާވާގަނޑުވަރު މަރިޔަމްދީދީގެ ޢާއިލާ
1.3 ކަކާގޭ
ޢަބްދުﷲ ދީދީ (ޢަބްދުﷲ ފާށަނާ ކިލެގެފާނު)
އިބްރާހިމް
ރަސްގެފާނުގެ ދަރިކޮޅުގެ ތެރެއިން އަލްއަމީރާ ޢާއިޝާ ކަނބާފާނުގެ ދަރިފަސްކޮޅާއި
ބެހޭ ގޮތުން އަޅުގަނޑު ލިޔަމުން މިގެންދާ ސިލްސިލާ މަޒްމޫނުތަކުގެ ފަސްވަނަ
ބައިގައި ވާނީ މި ޢައިޝާ ކަނބާފާނުގެ މާވާގަނޑުވަރު މަރިޔަމްދީދީގެ ޙުސައިންދީދީގެ
ޢައިޝަތުދީދީ، ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނާއި ކުރެއްވި ކައިވެނިފުޅުން
ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ޚަދިޖާދީދީ އާއި މަރިޔަމްދީދީގެ
ދަރިފަސްކޮޅު، އަޅުގަނޑަށް މަޢުލޫމާތު ލިބިހުރި މިންވަރަކުން ބަޔާންކޮށް
ނިމިފައެވެ. އެބައިތަކުގައި އެއްވެސް ކުށެއްވާނަމަ މި ލިޔުން ޝާއިޢުކުރެއްވި
ފަރާތާއި ގުޅުއްވައިގެން އެކަމެއް އިސްލާޙުކޮށްލަދެއްވުމާއި އެކު އަޅުގަނޑަށް
ދީލަތި މަޢާފެއް ދެއްވުމަކީ އަޅުގަނޑުގެ އެދުމެކެވެ.
އަދި ހަމަ މިއާއިއެކު މި
ގަލަންގަނޑު އަނެއްކާވެސް މި ނެގުނީ މާވާގަނޑުވަރު ޙުސައިންދީދީގެ ޢައިޝަތުދީދީގެ
ޢަބްދުﷲދީދީ އާއި އިސްމާޢިލްދީދީ ގެ ދަރިފަސްކޮޅާއިބެހޭ ގޮތުން އެކިއެކި
ފޮތްތަކުންނާއި މަޒްމޫނުތަކުންނާއި އަދި އެކި ބޭފުޅުންގެ އަރިހުން ނެގުނު
އިންޓަރވިޔުތަކުން އަޅުގަނޑު އެއްކޮށްލި މަޢުލޫމާތުތަކެއް ތިޔަބޭފުޅުންގެ އަރިހަށް
މަޒްމޫނެއްގެ ސިފައިގައި ގެނެސްދެވޭތޯއެވެ.
ކަކާގޭ ޢަބްދުﷲ
ފާށިނާ ކިލެގެފާނުން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދުން 1854 ވަނަ
އަހަރުއެވެ. އަވަހާރަވީ މީލާދުން 19 ޖުލައި 1931 ގައި މަލިކުގައެވެ.
ފަސްދާނުލެވިފައިވަނީ މަލިކު ހުކުރު މިސްކިތު ގަބުރުސްތާނުގައެވެ. ޢަބްދުﷲ ފާށިނާ
ކިލެގެފާނުން މަލިކުން ކުރެއްވި ކައިވެނީގެ އިތުރުން އެހެން ކައިވެނިތައްވެސް ވަނީ
ކުރައްވާފައެވެ. އަދި އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ފުށުން ވަނީ ބޭފުޅުންވެސް
ލިބިވަޑައިގެންފައެވެ. އެހެންނަމަވެސް އެބޭފުޅުންވަނީ ތުއްޕުޅުއިރު
އަވަހާރަވެފައެވެ. ދަރިފަސްކޮޅު ހިނގާފައިވަނީ މަލިކުން ކުރެއްވި ކައިވެނީންނެވެ. އާދެ،
މަލިކު ދިވެހި ގަނޑުވަރު ޢާއިޝާ މަނިކާ އާއި ކުރެއްވި ކައިވެނިންނެވެ.
ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:
1.3.1 ދިވެހި
ގަނޑުވަރު ޚަދީޖާ މަނިކާ
1.3.2 ދިވެހި
ގަނޑުވަރު އާމިނާ މަނިކާ
1.3.3 ދިވެހި
ގަނޑުވަރު ޢާއިޝަ މަނިކާ
1.3.4 ދިވެހި
ގަނޑުވަރު ޙުސައިން މަނިކުފާނު (ކަކާގޭ ޙުސައިންދީދީ)
1.3.1
ގައިވާ ދިވެހި ގަނޑުވަރު ޚަދީޖާ މަނިކާ
ދިވެހިގަނޑުވަރު
ޚަދީޖާ މަނިކާގެ ފިރިކަލުންނަކީ އިބްރާހިމް މަނިކުފާނެވެ. މި އިބްރާހިމް
މަނިކުފާނަކީ މަލިކު ލަނޑުރަން އައުގޯތި އިބްރާހިމް މަނިކުފާނެވެ. އަދި މި
މަނިކުފާނަކީ ލެކެޑިވްސް އައިލަންޑްސް އިން އެންމެފުރަތަމަ އިނގިރޭސި ތަޢްލީމް
ޙާސިލް ކުރެއްވި ފަރާތްކަމަށް އައްނަބީލް މާޖިދު ޢަބްދުލް ވައްހާބު
ލިޔުއްވައެވެ. (މަޢުލޫމާތު: މޯލްޑިވްސް
ރޯޔަލް ފެމެލީ ވެބްސައިޓް)
މިދެކަނބަލުންގެ
ބޭފުޅުންނަކީ:
1.3.1.1
ފާޠިމަތު ދީދީ (ފާޠިމާ މަނިކާ)
1.3.1.2
ޙަސަންދީދީ (ޙަސަން މަނިކުފާނު)
1.3.1.3
މުޙައްމަދު ދީދީ އެވެ.
1.3.1.4
މަރިޔަމް ދީދީ (މަރިޔަމް މަނިކާ)
1.3.1.1
ގައިވާ ފާޠިމަތުދީދީ (ފާޠިމާ މަނިކާ)
މި ފާޠިމާ
މަނިކާގެ ބޭފުޅެއްގެ ގޮތުގައި މަޢުލޫމާތު ލިބިފައިވަނީ
1.3.1.1.1
ރަޙީމާ މަނިކާ އެވެ.
1.3.1.2
ގައިވާ ޙަސަންދީދީ (ޙަސަން މަނިކުފާނު)
މި ޙަސަންދީދީ
ނުވަތަ ޙަސަން މަނިކުފާނުގެ ބޭފުޅުންކަމަށް މަޢުލޫމާތު ލިބިފައިވަނީ
1.3.1.2.1
ޙުސައިން މަނިކުފާނު
1.3.1.2.2
ޚަދީޖާ މަނިކާ އެވެ.
1.3.1.4
ގައިވާ މަރިޔަމްދީދީ (މަރިޔަމް މަނިކާ)
މި މަރިޔަމް މަނިކާގެ ބޭފުޅުންގެ ގޮތުގައި
މަޢުލޫމާތު ފިލާފައިވާ ބޭފުޅުންގެ ނަންތަކަކީ
1.3.1.4.1 ޢަލި
މަނިކުފާނު
1.3.1.4.2
މުޙައްމަދު މަނިކުފާނެވެ.
1.3.4
ގައިވާ ކަކާގޭ ޙުސައިންދީދީ (ޙުސައިން މަނިކުފާނު)
މި
ޙުސައިންދީދީ ކައިވެނި ކުރެއްވީ ޙުސައިންދީދީގެ ބޮޑުބޭބޭ ކަކާގޭ އިސްމާއިލް
ދޮށިމޭނާ ކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝަތުދީދީ އާއި އެވެ. ލިބިވަޑައިގެންނެވި
ބޭފުޅުންނަކީ
1.3.4.1
ފާޠިމަތުދީދީ
1.3.4.2 ޢަލިދީދީ
އެވެ.
1.3.4.1 ގައިވާ
ފާޠިމަތު ދީދީ
މި
ފާޠިމަތުދީދީގެ ފިރިކަލުންނަކީ ބޮޑުތިލަދުންމަތީ ކުޅުދުއްފުށީ އާދަމް
އިބްރާހީމެވެ. ލިބިވަޑައިގެންނެވި ބޭފުޅުންނަކީ
1.3.4.1.1
ޙުސައިން އާދަމް
1.3.4.1.2
ޢާއިޝަތު އާދަމް
1.3.4.1.3 ޢަލީ
އާދަމް އެވެ.
( މަޢުލޫމާތު:
ޢަލީ އާދަމް ފޮނުއްވި ޗާޓަކުން)
1.3.4.2
ގައިވާ ޢަލިދީދީ
މި ޢަލިދީދީ ގެ
ދަރިކަނބަލަކީ
1.3.4.2.1
އާމިނަތުދީދީ
މި އާމިނަތު
ދީދީ ކައިވެނި ކުރެއްވީ ބޮޑު ދަހަރާގޭ ޢަބްދުލްވައްހާބު މަނިއްޕުޅުގެ މާޖިދު
ޢަބްދުލްވައްހާބު އާއިއެވެ. ލިބިވަޑައިގެންނެވި ދަރިކަލުންނަކީ
1.3.4.2.1.1
ޑައިލާން އާރިޔާސް ދީދީ
1.4
ގައިވާ އިސްމާޢިލްދީދީ (އިސްމާއިލް ދޮށިމޭނާކިލެގެފާނު)
މި ކަކާގޭ
އިސްމާޢިލްދީދީ އަކީ ކަކާގޭ އިސްމާއިލް ދޮށިމޭނާ ކިލެގެފާނެވެ. މި ކިލެގެފާނު
ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 30 އޭޕްރިލް 1866 ވަނަ އަހަރުއެވެ. މި ކިލެގެފާނުންނަށް
ދޮށިމޭނާކަމަށް ކޮލިލެވިފައިވަނީ 21 ސެޕްޓެމްބަރ 1899 ވަނަ އަހަރުގައެވެ. ކަކާގޭ
އައްނަބީލް އިސްމާޢިލް ދޮށިމޭނާ ކިލެގެފާނުންނަކީ ކުޅަދާނަ ވިޔަފާރިވެރިޔެއްވެސް
މެއެވެ. ކޭ އައި ޑީ އެންޑް ސަންސްގެ ނަމުގައި ކުންފުންޏެއް އުފައްދަވާ އެ
ކުންފުނީގެ ފަރާތުން ފެކްޓްރީތައްވެސް އުފެދިގެން އައިސްފައިވެއެވެ. މި ކިލެގެފާނު
3 ކައިވެނިފުޅެއް ކުރެއްވިއެވެ. އެހެންނަމަވެސް ބޭފުޅުން ލިބިވަޑައިގަތީ އެންމެ
ފަހުން ކައިވެނިކުރެއްވި މަލިކު
ސެރިއްކަލް ދޮންމަނިކާގެ ފަރާތުންނެވެ. މި
ދޮންމަނިކާ އަކީ މަލިކު ލައުރަންއައު ގޯތި މުޙައްމަދު ތަކުރުފާނުގެ
ދަރިކަނބަލެކެވެ ކަކާގޭ އިސްމާޢިލް ދޮށިމޭނާ ކިލެގެފާނާއި މަލިކު ސެރިއްކަލް
ލައުރަންގޯތި ދޮންމަނިކާ ގެ ތިއްބެވި
ބޭފުޅުންނަކީ
1.4.1
އިބްރާހިމް ޙިލްމީދީދީ
1.4.2 އަޙްމަދު
ޙިލްމީދީދީ
1.4.3 ޙުސައިން
ޙިލްމީދީދީ
1.4.4 ޢަބްދުﷲ
ޙިލްމީދީދީ
1.4.5 ރުޤިއްޔާދީދީ
1.4.6 ޚަދީޖާދީދީ
1.4.7 ޢާއިޝަތުދީދީ
1.4.8 ފާޠިމަތުދީދީ
1.4.1
ގައިވާ އިބްރާހިމް ޙިލްމީ ދީދީ
އަލްއުސްތާޛުލް
މަރްޙޫމް އިބްރާހިމް ޙިލްމީ ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދުން 1909
ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 7 ވީ އާދީއްތަ ދުވަހުގައެވެ. އެންމެ ފުރަތަމަ
އިބްރާހިމް ޙިލްމީ ދީދީ ޢިލްމު އުނގެނިވަޑައިގަތީ ފަޟީލަތުލް އުސްތާޛުއް ޝައިޚް
ޙުސައިން ޞަލާޙުއްދީނުގެ އަރިހުންނެވެ. ޞަލާޙުއްދީނުގެ އަރިހުން ޢަރަބި ބަހާއި
ދީނީ ޢިލްމު އުނގެނިވަޑައިގަތެވެ. އަދި މީގެ އިތުރުން ފަޟީލަތުއް ޝައިޚް މުޙައްމަދު
ސަޢީދު ދީދީގެ އަރިހުންވެސް ދީނީ ޢިލްމު އުނގެނި ވަޑައިގަތެވެ. އެއަށްފަހު
އިންޑިޔާއަށް ވަޑައިގެން އިންޑިޔާގެ ޕޮންޑިޗެރީގެ ސެއިންޓް ލޯރެންސް ކޮލެޖުންނާއި
އަލީގަޅު ޔުނިވަރސިޓީ އިންވެސް ޢިލްމު އުނގެނިވަޑައިގަތެވެ.
އަލްއުސްތާޛުލް
މަރްޙޫމް އިބްރާޙިމް ޙިލްމީ ދީދީ އަކީ ކުޅަދާނަ އަދީބެކެވެ. ފަސޭހަ ދޫފުޅެއްގެވެރި
ވާހަކަ ދެއްކުންތެރިއެކެވެ. ހިނގާ ގަލަންކޮޅެއްގެ ޝާޢިރެއްވެސް މެއެވެ. ރާއްޖޭގައި
ނެރުނު ތަފާތު މަޖައްލާތަކުގެ ޒަރީޢާއިން އެމަނިކުފާނު ވަނީ އަޅުނގަޑުމެންނާއި
ހަމައަށް ގިނަގުނަ ޢިލްމީ މަޒަމޫނުތަކެއް ފޯރުކޮށްދެއްވާފައެވެ. ޢިލްމީ ގިނަގުނަ
ބަޙްޘްތަކެއްވެސް ލިޔުމުގެ ޛަރީޢާއިން އެމަނިކުފާނު ވަނީ ދޫކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ތަރުޖަމާ ކުރެވުނު އެންމެ ފުރަތަމަ ދިވެހި ގުރުއާން ތަރުޖަމާގެ
ބޮޑުބަޔެއް އިބްރާހިމް ޙިލްމީ ދީދީވެސް ވަނީ ކުރައްވާފައެވެ. އަދި މީގެއިތުރުން
ސަރުކާރުން ފާހަގަ ކުރައްވާ އެކިއެކި ކުލަގަދަ ދުވަސްތަކުގައްޔާއި އެކި ކަހަލަ
ސިޔާސީ ޕޯޑިޔަމްތަކުން އެމަނިކުފާނުންގެ ދޫފުޅުގެ ކުޅަދާނަކަން އެމަނިކުފާނު ވަނީ
ޘާބިތުކޮށްދެއްވާފައެވެ.
ކަކާގޭ
އިބްރާހިމް ޙިލްމީ ދީދީ އަކީ ސިޔާސީ ބޭފުޅެއްވެސްމެއެވެ. ސިޔާސީ މައިދާނުން އެންމެ
ބޮޑަށް ފާހަގަ ކުރެވިގެންދާ ކަމަކީ ސުމުއްވުލްއަމީރުލް މަރްޙޫމުލް ޙާއްޖު އަތިރީގޭ
މުޙައްމަދު އަމީންދީދީ ދޮށިމޭނާ ކިލެފާނާއި އެކު ރާއްޖޭގެވެރިކަން ހިފަން
ރާއްވަވައިގެން ހިންގެވި ނާކާމިޔާބުވި ޙަރަކާތެވެ. އެކަން ހިނގާފައިވަނީ އަމީނުގެ
ޖުމްހޫރީ ވެރިކަން އިންގިލާބަކުން ބަދަލުކޮށްލެއްވުމަށްފަހު އަމީންދީދީ ދޫނިދޫގައި
ބަންދުކޮށްފައި ހުންނެވި ދުވަސްވަރގައި ކަކާގޭ އިބްރާހިމް ޙިލްމީދީދީ އާއި ކަކާގޭ
ޝަމްސުއްދީނު ޙިލްމީ ދީދީ ( އަމީނުގެ ޅީ ދަރިފުޅު) އާއި މުޙައްމަދު އަމީންދީދީ
އަލުން ވެރިކަން ހިފަން ރޭއްވެވިއެވެ. އެހެނަސް ރޭވިފައިވަނީ އަލުން
ޖުމްހޫރިއްޔަތެއް ޤާއިމުކުރާ ގޮތަކަށް ނޫނެވެ. ރަސްކަމެކެވެ. އިބްރާހިމް ޙިލްމީ
ދީދީ އަށް ރަސްކަން، އަދި އަމީނަށް ބޮޑު ވަޒީރުކަން އޮންނާނޭ ގޮތަށެވެ.
ރޭވިފައިވީ
ގޮތަށް 30 ޑިސެމްބަރ 1953 ގައި އަމީންދީދީ މާލެ އަރައިވަޑައިގަތެވެ. އެވަގުތު
އިބްރާހިމް ޙިލްމީދީދީ ވަނީ ސިފައިންގެ ތެރެއިން ބާރު ހުރި 12 ވަރަކަށް ބޭކަލުން
ހޯއްދަވާ ކޮންމެ ބޭކަލެއްގެ އަތަށް ކުރެދި ބުރިގަޑެއް ދީފައެވެ. އެބޭކަލުން އެންމެ
ފުރަތަމަ ދުރުވީ އިންގިލާބު ކޮމެޓީގެ ވެރިޔާ ވެލާނާގޭ އިބްރާހިމްދީދީ އަތުލައްވާށެވެ.
އެހެނަސް އިބްރާހިމް ދީދީ އެބޭފުޅުންގެ އަތްދަށުވެވަޑައިނުގެން ފިއްލަވާ
ވަޑައިގަތެވެ. އިބްރާހިމް ޙިލްމީ ދީދީ ކުރެދިބުރި ހިއްޕަވާގެން ވަޑައިގަތީ
މާބަގީޗާގެއަށް މުޙައްމަދު ފަރީދު ހައްޔަރު ކުރައްވާށެވެ. އެހެނަސް އެތަނުން ހިނގި
ހަމަނުޖެހުމުގެ ތެރޭގައި ޙިލްމީގެ މަސައްކަތް ނާކާމިޔާބުވެ ސިފައިންގެ
އަތްދަށުވެވަޑައިގަތެވެ. އެއަށްފަހު ބަނޑޭރިގެޔަށް ގެންދެވި އަނދަގޮޑި ޖެހީއެވެ.
މި ނާކާމިޔާބުވި ގަޑުބަޑުގެ ޝަރީޢަތް ކުރެވި އިބްރާހިމް ޙިލްމީ ދީދީ އަރުވާލެއްވީ
ފުވައްމުލަކަށެވެ. ދެފައިންޕުޅުގައި ހިލިހިލާވެސް އަޅުއްވާފައެވެ. އަވަހާރަވީ އިރު
އިންނެވި އަނބިކަނބަލަކީވެސް ފުވައްމުލަކު ބޭކަނބަލެކެވެ.
ކަކާގޭ
އިބްރާހިމް ޙިލްމީ ދީދީ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ސިލޯނުގައި ހުންނަ
ދިވެހި ކިޔަވާ ކުދީންގެ ވެރިޔާކަމުގެ މަގާމާއި އިމްތިޙާން ކޮމެޓީގެ މެމްބަރު
ކަމާއި ދައުލަތް ހިންގާ ކޮމެޓީގެ މެމްބަރުކަމާއި ގަލޮޅު އަވަށުވެރިކަމާއި
ވުޒާރަތުއް ޞިއްޙާގެ ވަކީލު ކަމާއި ވުޒާރަތުއް ދާޚިލިއްޔާގެ ވަކީލުކަން
ހިމެނެއެވެ. އިބްރާހިމް ޙިލްމީ ދީދީ މި ފަނާވަނިވި ދުނިޔެ ދޫކުރައްވާފައި ވަނީ
މީލާދުން މީލާދުން 5 ސެޕްޓެމްބަރ 1992 ވަނަ އަހަރު ސިންގަޕޫރުގައެވެ. ﷲ އެ
މަރްޙޫމަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. އާމީން.
އަލްއުސްތާޛުލް
މަރްޙޫމް އިބްރާހިމް ޙިލްމީ ދީދީ އަށް ދެ ކައިވެންޏަކުން ބޭފުޅުން
ލިބިވަޑައިގަތެވެ. އެގޮތުން ބަޑިއަލިބޭގެ ސިއްތި އާއި ކުރެއްވި ކައިވެނިން
1.4.1.1 ޙަފްސާ
ޙިލްމީ
1.4.1.2 ޙަބީބާ
ޙިލްމީ
އަދި ޒުހައިރާ
ޙުސައިންދީދީ އާއި ކުރެއްވި ކައިވެނިން
1.4.1.3 ޙަނީފާ
ޙިލްމީ އެވެ.
1.4.2
ގައިވާ އަޙްމަދު ޙިލްމީ ދީދީ
އަޙްމަދު
ޙިލްމީ ދީދިގެ ހުންނެވީ އެންމެ ބޭފުޅެކެވެ އެއީ
1.4.2.1
އިސްމާޢިލް ޙިލްމީ އެވެ.
1.4.3
ގައިވާ ޙުސައިން ޙިލްމީ ދީދީ
ޙުސައިން
ޙިލްމީދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދުން 1893 ވަނަ އަހަރުގައެވެ.
އިންޑިޔާގެ ލަކަނޫއިންނާއި އަދި މަދަރާސީ އިންވެސް ޢިލްމު އުނގެނިވަޑައިގަތެވެ.
އިނގިރޭސި ބަހާއި އުރުދޫ ބަސް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ކުޅަދާނަ
އަދީބެކެވެ. އަދި މޮޅު ފޮޓޮގްރާފަރެއްވެސް މެއެވެ. ކަކާގޭ ޙުސައިން ޙިލްމީ ދީދީ
އަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ހަރުދަނާ ސިޔާސީ ބޭފުޅުންގެ ތެރެއިން އެންމެ ކުރީ
ސަފުގައި ގުނާލެވޭނެ ބޭފުޅެކެވެ. އާދެ، އަލްމަރްހޫމް މުޙައްމަދު އިސްމާޢިލް ދީދީ
އެބޭފުޅާ ލިޔުއްވި މޮޓަރުބޯޓު ގަޑުބަޑު ފޮތުގައި މި ޙުސައިން ޙިލްމީ ދީދީ އާއި
ބެހޭ ގޮތުން ލިޔުއްވާފައިވަނީ:
"ޕޮލިޓިކަލް
ސައިންސްގައި ރަންނަބަނޑޭރި ކިލެގެފާނު ފިޔަވައި ޙުސައިން ޙިލްމީދީދީ އަށް ވުރެން
ކުރިއަށް ގޮސްފައިވާ މީހަކު ރާއްޖެއަކު ނެތެވެ. ތިރީހަކަށް އަހަރު ވާންދެން
ސަފީރުކަން ކުރައްވާން ކޮޅުނބުގައި ހުންނެވި އަތިރީގޭ ޢަބްދުލް ޙަމީދު ދީދީ (އަފަންދީ)
އޭނާގެ ބަދަލުގައި ދިވެހި ރައްޔިތުން މި ޙުސައިން ޙިލްމީ ދީދީ އަށް ސަފީރުކަން
ދިނުމީ އަޅުނގަޑު މި ދަންނަވާ ވާހަކައިގެ އަލިވެގެންވާ ދަލީލެކެވެ."
އާދެ،
އަލްމަރްހޫމް ޙުސައިން ޙިލްމީދީދީ އަކީ ކުޅަދާނަ ސިޔާސީ ލީޑަރެކޭ ވާނީ
ދެންނެވިފައެވެ. އެގޮތުން ފާހަގަކޮށްލެވޭ ދެ ކަމެއްގެ ވާހަކަ ދަންނަވާލާނަމެވެ.
އެއީ ޤާނޫނު އަސާސީއެއް ލިޔުމަށް ނެންގެވި ކޮމެޓީގެ މެމްބަރުކަން ފުރުއްވަމުން
ގެންދެވި ދުވަސްވަރުގައި ޕޯސްޓު މާސްޓަރ އަތިރީގޭ އަޙްމަދު ދޮށިމޭނާ ކިލެގެފާނުން
އައު ޤަވާޢިދެއް ނެރުއްވައިފިއެވެ. އެއީ ސިލޯނު ނޫން އެހެން ތަންތަނަށް ފޮނުވާ
ތަކެތީގައި އިތުރަށް އިސްޓޭމްޕް ޖަހަންވާނެކަމުގެ އިޢްލާނެވެ. މި އިޢްލާނާއި
ގުޅިގެން މި ޙުސައިންދީދީ ވިދާޅުވީ މިފަދަ ޤާނޫނެއް ތިމަންމެން ލިޔަމުން ދާ
ދުވަސްވަރެއްގައި އެފަދަ ޤަވާޢިދެއް އެ ކޮމެޓީ އާއި މަޝްވަރާނުކޮށް އާއްމުކޮށްގެން
ނުވާނެކަމެވެ. ކޮންމެއަކަސް ބަޙްޘް ކުރެވުނު ނަމަވެސް އެ ޤަވާޢިދު ޕޯސްޓު މާސްޓަރު
އުވައެއް ނުލެއްވިއެވެ. އެހެންކަމުން ޙުސައިން ޙިލްމީދީދީ އެ މަޤާމުން އިސްތިޢްފާ
ދެއްވީއެވެ. ދެވަނައަށް ފާހަގަކޮށްލެވޭ ކަމަކީ "މަޝްހޫރު ޤާނޫނު ވިދާލި ޙާދިޘާއަށް
ފަހު" ރާއްޖެ ހިންގަމުން ގެންދެވި ސިޔާސީ މަޖިލިސްގެ ސިއްރީ ޒަޢީމަކަށް މ
ހުސައންދީދީ ހުންނެވުމެވެ. އަލްމަރްހޫމް ކަކާގޭ ހުސައިންދީދީ ފުރުއްވާފައިވާ
މަގާމުތަކުގެ ތެރޭގައި ސިލޯނުގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރުކަމުގެ މަގާމާއި
އަދި ޤާނޫނު އަސާސީ ލިޔާ ކޮމެޓީގެ މެމްބަރު ކަމާއި ރާއްޖޭގެ ވަލީ އަޙްދުގެ
ޕްރައިވެޓް ސެކްރެޓަރީކަމުގެ މަގާމް ހިމެނެއެވެ.
މި
ޙުސައިންދިދިއަށް 3 ކައިވެންޏަކުން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ޝަމްސުއްދީނު
ރަދުންގެ ތިއްތި ގޮމަފުޅާއި ކުރެއްވި ކައިވެނިފުޅުން
1.4.3.1
ޝަމްސުއްދީނު ޙިލްމީ ދީދީ
މާރަންދޫގޭ
ޢާއިޝަތުދީދީ އާއި ކުރެއްވި ކައިވެނިން
1.4.3.2
އަންވަރު ޙިލްމީ ދީދީ
އަދި ގިނިރާހި
އާމިނަތުދީދީ އާއި ކުރެއްވި ކައިވެނިން
1.4.3.3
ފާޠިމަތު ޙިލްމީ ދީދީ އެވެ.
1.4.3.1
ގައިވާ ޝަމްސުއްދީނު ޙިލްމީ
1.4.3.1.1
ޢާރިފް ޙިލްމީ
1.4.3.1.2
އަޝްރަފް ޙިލްމީ
1.4.4
ގައިވާ ޢަބްދުﷲ ޙިލްމީ
ޢަބްދުﷲ ޙިލްމީ
ކައިވެނި ކުރެއްވީ ހިލިހިލާގޭ ޅަދީދީ އާއި އެވެ. މި ކައިވެނިން ލިބިވަޑައިގެންނެވީ
1.4.4.1
އާމިނަތު ޙިލްމީ ދީދީ އެވެ.
1.4.7
ގައިވާ ޢާއިޝަތުދީދީ
1.4.7.1
ޢަލިދީދީ
1.4.8
ގައިވާ ފާޠިމަތުދީދީ
1.4.8.1
އާމިނަތު ޢަލިދީދީ
1.4.8.2
ޢާއިޝަތު ޢަލިދީދީ
1.4.8.3 ޙަސަން
ޢަލިދީދީ
1.4.8.4
ޙުސައިން ޢަލިދީދީ
1.4.8.5
އަޙްމަދު ޢަލީ ދީދީ
1.4.8.6
މުއުމިނާ ޢަލި ދީދީ
1.4.8.7 ޙައްވާދީދީ އެވެ. (ނުނިމޭ)
----------------------
ލިޔުއްވީ: އަޙުމަދު ޢަލާ (ޢަލާދީދީ)