ދިވެހިރާއްޖެ މިދެކޭ ނަމޫނާ ޑިމޮކްރަސީގެ ތެރެއިން އޭގެ ދެވަނަ
މިސާލެއްނުވާ ލާމަރުކަޒީ ގާނޫނު
ވިއްސުމުގައި ފޫޅުމަޔަށް އަތްގާތްކޮށް ދިން ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށް "ނަޖިދު"
ބްރޭންޑްގެ އަގުހުރި އެވޯޑެއް ދިނުމާމެދު ރަށުގެ ރައްޔިތުންގެ ފެންނަ/ނުފެންނަ ވޯޓެއް
ނެގުމަށް ބޭނުންވެގެން އޭނާގެ އެކުވެރީންގެ ގާތުގައި އާދަނު މިވާހަކަ ދެއްކީމާ އެމީހުން
ބުންޏެވެ.
"އާދަނާއެވެ. ރައްޔިތުންލައްވައި ވޯޓެއް ނެގުމަކީ ތިޔަހާ
ފަސޭހައިން ކުރެވޭނެކަމެއް ނޫނެވެ. އެކަހަލަ ކަންކަން ކުރެވޭނީ މަތީ ފަރާތަށެވެ. އެފަރާތުން
އަންގައިގެން ނޫން ގޮތަކަށް އެކަހަލަ ކަންކަމެއް ނުވާނެއެވެ. ޢާއްމު މީހަކު
އުޅެގެން އެފަދަ ވޯޓެއް ނެގުމަކީ ކުޑަކަމެއް ނޫނެވެ. އަދި ތިޔަ ބުނާހެން ލާމަރުކަޒީ
ގާނޫނު ވިއްސުމުގައި އަތްގާތްކޮށް ދިންނަމަ
އެބަޔަކަށް އެކޮށްދެވުނު ޚިދުމަތުގެ އަގު ވަޒަންކޮށް އެބަޔަކަށް ދޭންޖެހެނީ "ނަޖިދު"
ބްރޭންޑްގެ އެވޯޑެއްނަމަ އެވެސް ވަކި ކުޑަކަމަކަށް ނުވާނެއެވެ.
އެކަން
ކުޑަކަމަކަށް ނުވަނީ ނަޖިދު ބްރޭންޑް ނިސްބަތްވަނީ ނުބައިކުރެއްވި އިބްލީހަށްވާތީއެވެ.
އެހެންވީމާ ބަޔަކަށް ދޭން މިޖެހެނީ އެކަލޭގެ އެވޯޑެވެ. މިކަން މިހެން ހުރުމާއި އަދި ލާމަރުކަޒީ ގާނޫނު ވިއްސުމުގައި އަތްގާތްކޮށް ދިން ބަޔަކަށް އެކޮށްދެވުނު ޚިދުމަތެއް
ވަޒަންކުރާއިރު އެބަޔަކު އުޅެގެން ދުނިޔެއަށް އައި ތިޔަ ބުނާ ގާނޫނަކީ މިރަށުގައި
ފެންނަންހުރި އެހެން ގާނޫނުތަކާއި ޚިލާފު ވަކި މޮޅުކަމެއް ވަކި ފުރިހަމަކަމެއް އޭގައި
ހުރި އެއްޗެއްތޯއާއި އޭގެ ސަބަބުން ރައްޔިތުންނަށް ކުރާނެ ފައިދާއަކާއި ލިބޭނެ
ކުރިއެރުމަކީ ކޮބައިތޯ ވެރިން ބަލާނެއެވެ. އެކަމާ ސުއާލު ކުރާނެއެވެ."
އާދަނު ބުންޏެވެ. "ތިޔަ ސުވާލެއް ނުކުރާނެއެވެ. ކުރާކަށް
ހިތަކަށްވެސް ނާރާނެއެވެ. އެއީ މިރާއްޖޭގައި ގާނޫނުތައް ހަދަން ފެށީއްސުރެ އެންމެ ޙީލަތްތެރިކަމާއި
މަކަރުވެރިކަމާ އެކު ދުވަސްނުފުރާ ގަދަކަމުން ވިއްސި ގާނޫނަކީ ލާމަރުކަޒީއޭ މިކިޔާ
އެތިކަން މިރާއްޖޭގެ ބޯކޮޅުމައްޗަށް ހައްދަވައިފައިވާ އެންމެހައި އާދަމުގެދަރީންނަށް
ރަނގަޅަށް އެނގޭނެއެވެ. އެއެތީގައި ހުރި އެންމެ މަކަރުވެރި ލުއްޗާކަމަކީ ރައްޔިތުންގެ
މައްޗަށް އަމުރުމަޢުރޫފު ހިންގައި ރައްޔިތުންގެ ބިންބިމާއި ތަކެއްޗާއި ފައިސާކޮޅު ތަޅައި
ތިރިއަރުވާލާނޭ ކަމަށް ގާބިލުނޫން ބަޔެއްގެ އަތްމައްޗަށް ރައްޔިތުންގެ ބާރުވެރިކަން
ފުރޮޅައިލައި މުޅިރާއްޖެ ސުންނާފަތިކޮށްލުމުގެ މަކަރުވެރިކަން ނޫންހެއްޔެވެ.
އަނެއްކަމަކީ ކޮބައިކަން އަހަރެންނަށް ކިޔައިދިނީ ސަންޕާފުޅެވެ.
އޭނާ ބުނީ ލާމަރުކަޒީއޭ ލާމަޒުހަބީއޭ ކިޔައިގެން އެޖެހި ސަކަރާތްގަނޑުގެ އެންމެބޮޑު
ބޭނުމަކީ ބޮޑުވެގެންވާ އެޙީލަތްތެރި ރޭވުމުން ޒަމާނުއްސުރެ މިރާއްޖޭގައި އޮތް ދީނާއި
ގައުމިއްޔަތާއި ރައްޔިތުންގެ އެއްބައިވަންތަކަން އެއްފަރާތްކޮށް ނައްތައިލުމެވެ. މިކަން
ކުރެވެން އޮތީ ތިޔަ އެއްޗެއް އުފަންވެގެންނެވެ.
އެއެތި އުފަންވުމާއެކު މިރާއްޖޭގެ ދީނާއި
ގައުމިއްޔަތާއި ރައްޔިތުންގެ އެއްބައިވަންތަކަން ހިފެހެއްޓުމުގައި ރަށްރަށުގައި އިސްކޮށް
ތިބި އިމާމްވެ ނަމާދުކުރުމާއި ކަށުކަމާކެމީގެ ކަންތަކާއި ހެޔޮ ނުބައި ކަންކަމާއި ރައްޔިތުންނަށް
ލާބަހުރި ކަންކަން ކުރާނޭގޮތް ދަސްކޮށްދީފައިވާ ރަށްރަށުގެ ކަތީބުންކޮޅު ދުއްވާލައި
އޭގެ ބަދަލުގައި ރައްބި ރަސޫލު ނުދަންނަ މޮއްކޯރުންނާއި އީމާން އިސްލާން ނުދަންނަ ޖާހިލުންނާއި
ވަގުންނާއި ލުޓޭރުންނާއި ނުލަފާ މީހުންނާއި އަޑުގަދަ މީހުންނާއި މާރާމާރީ ހިންގާ މީހުންނާއި
ތާއަބަދަށް ހަމަބުއްދި ޓާޓާ ކިޔާފައިވާ މަދުނޫން ބަޔަކު އެތިބީ މިރާއްޖޭގެ ރައްޔިތުންގެ
މައްޗަށް ވެރިވެގެންނެވެ.
މިހެންވީއިރު ލާމަރުކަޒީ ގާނޫނު ވިއްސުމުގައި އަތްގާތްކޮށް ދިން ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށް އިބްލީހަށް
ނިސްބަތްވާ "ނަޖިދު" ބްރޭންޑްގެ އެވޯޑެއް ދިނުމާމެދު މަތީ ފަރާތުން ވަކި
އިންކާރެއް ނުކުރާނެއެވެ. ކުރާނެއެކޭ މަގޭ ހިތެއް ނުބުނެއެވެ. އަދި
މިލާމަރުކަޒީއެއްގައި ހުރި ހީލަތާއި މަކަރަކާމެދު މަތީ ފަރާތުން ސުވާލުކޮށް ބެލުމުގެ
ބޭނުމެއްވެސް ނޯންނާނެއެވެ. ތިޔަބުނާ މަތީފަރާތަށް އެކަންކަން ނޭނގޭނަމަ އެފަރާތަކީ
މަތީ ފަރާތަކަށް ނުވާނެއެވެ. އެފަރާތް ވާނީ ތިރީ ފަރާތަށެވެ. ތިރީ ފަރާތުގެވެސް އެންމެ
ދަށް ފަރާތަށެވެ."
ދިވެހިރާއްޖެ މިދެކޭ ނަމޫނާ ޑިމޮކްރަސީގެ ތެރެއިން އޭގެ ދެވަނަ
މިސާލެއްނުވާ ލާމަރުކަޒީ ގާނޫނު
ވިއްސުމުގައި އަތްގާތްކޮށް ދިން ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށް އިބްލީހަށް
ނިސްބަތްވާ "ނަޖިދު" ބްރޭންޑްގެ އަގުހުރި އެވޯޑެއް ދިނުމުގެ ބޭނުމަކީ ކޮބައިކަން
އެހާ ރަނގަޅަށް އާދަނު ބުނެދިނުމުން އޭނާގެ އެކުވެރީން ބުންޏެވެ.
"ތިޔަ ކިޔައިދިނީ އެލާމަރުކަޒީއެއްގެ ކަންކަން
ހުރިގޮތަށް ރަނގަޅަށެވެ. އަކުރެއް ފިއްޔެއް ސުކުނެއް މައްދެއް ވިއަސް މަދެއްނޫނެވެ.
ހަމަ ބަރާބަރެވެ. އާދަނު ތިޔަ ބުނާ ވޯޓެއް ނަގަން އަވަހަށް އުޅޭށެވެ. ލަސްކުރާނޭ
ކަމެއް ނެތެވެ. ލޮލުން ބޮލުން ރުހިގެން ވޯޓް ނުދޭނޭ އެއްވެސް މީހަކު މިރަށަކު ނުހުންނާނެއެވެ."
--------------
ލިޔުއްވީ: މީމު ނޫނު