އިންސާނުންނަކީ މާތްﷲ ދުނިޔޭގައި ލެއްވެވި އެންމެމާތް މަޚުލޫޤެވެ. އަދި އިންސާނާގެ ބުއްދި ނުވަތަ ފިކުރަކީ އިންސާނާއަށް މާތްﷲ ދެއްވި އެންމެ މާތް ނިޢުމަތްކަން ކަށަވަރެވެ. އަދި އެއީ ޙައިރާން ކުރުވަނިވި މުޢުޖިޒާތެއް ފަދަ ކަންތައްތަކެއް އޭގައި ހިމެނޭ ނިޢުމަތެކެވެ. މިހާރު މިވަގުތުވެސް ފިކުރުގައި އެތަކެއް މިލިއަަން ކަންތައްތަކެއް އެއްފަހަރާ ހިނގަމުންދާނެއެވެ. އަދި އެކަންތައްތަކުގެ އަލީގައި ތިމާގެ ޢަމަލާއި ކަންތައް ހިނގަމުންދާނެއެވެ. ކޮންމެއަކަސް އިންސާނާގެ ބުއްދި ބިނާވެފައި އޮންނަނީ އޭނާއަށް ޢާއިލީގޮތުން ވާރުތަވާ ކަންތައްތަކާއި އޭނާ އުޅެބޮޑުވި މާޙައުލުގައި ހުރި ކަންތައްތަކާއި އަދި އޭނާ އާއި އެކިފަހަރު ދިމާވެފައި ހުންނަ ކަންތައްތަކެއްގެ މައްޗަށެވެ. އިންސާނުންނަށް އިންސާނުންގެ ފިކުރު ކޮންޓްރޯލް ނުކުރެވެނީ މި ސަބަބުތަކަށްޓަކައެވެ. ގިނަފަހަރު އެމީހަކު ކިތަންމެ ބޭނުންވިއަސް އޭނާގެ ޚިޔާލު ނުވަތަ ފިކުރު ވަކި ދިމާލަކަށް އަނބުރާލަން އުނދަގޫވެއެވެ.
އަޅުގަނޑުމެންގެ ތެރޭގައި މިގޮތަށް އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލިފައި ތިބި އެތަކެއް ބައެއް އެބަތިއްބެވެ. އެއިީ ނަފްސުގެ ޤައިދީންނެވެ. ޝައްކެއްނެތެވެ. ތިމާގެ ނަފްސަށް ނުވަތަ ތިމާގެ އަމިއްލަ ފިކުރުގެމައްޗައް ތިމާނޫން އެހެންމީހަކު ވެރިވެގެންފިއްޔާ އެއީ ނަފްސުގެ މިނިވަނެކޭ ނުބުނެވޭނެއެވެ. ހިތާމައަކީ އަޅުގަނޑުމެންގެ ތެރޭގައި ގިނައީ ނަފްސުގެ ގައިދީންކަމެވެ.
ނަފްސުގެ ގައިދީން ގިނަފަހަރު ފާހަގަކުރެވެނީ ސިޔާސީ އަދި މާއްދިއްޔަތާއި ގުޅުންހުރި ކަންކަމުގައެވެ. ވަރަށް ގިނައިން އަޅުގަނޑުމެން އަޑުއަހަމުއެވެ. ތިމާ މިވެނި މީހަކަށް ތާއީދުކުރަނީ ނުވަތަ ތިމާ މިވެނިމީހަކު ދެކެ ރުޅި އަންނަނީ ތިމާގެ ކޮންމެވެސް ގާތްމީހަކު އެބުނާ މީހަކަށް ތާއީދުކުރާތީ ނުވަތަ ރުޅި އަންނާތީއެވެ. މިއީ އެހެންމީހަކަށް ފިކުރު ވިއްކާލުންފަދަ ކަމެކެވެެ. މާތްﷲ ދެއްވި ނިޢުމަތެއް ވިއްކާލުންފަދަ ކަމެކެވެ. ފަހަރެއްގައި ތިމާގެގާތް މީހާ އެނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމަކަށް ނުވުން އެކަށީގެންވެއެވެ. އޭގެ ރަނގަޅު ގޮތަކީ ތިމާގެ އަމިއްލަ ޚިޔާލާއި ފިކުރުގެ މައްޗަށް ބިނާކޮށް މީހަކަށް ތާޢީދުކުރުން ނުވަތަ ހިތްހަމަނުޖެހުމެވެ.
އަދި ބައެއްފަހަރު
ތިމާ ކުރަންނުވާކަހަލަ ކަންތައްތަކަށް ތިމާއަށް އަރައިގަނެވެނީވެސް އަމިއްލަނަފުސުގެ
މައްޗަށް އެހެން ދުނިޔެވީ ނުވަތަ މާއްދީ އެދުންތަކެއް ވެރިވީމައެވެ. މިގޮތުން އެކި
ޒާތުގެ ކުށްތަކާއި ކުރަންނުވާކަހަލަ ކަންތައްތައް ކުރެވޭތަން އާދެއެވެ. މީވެސް ނަފްސުގެ
މިނިވަންކަން ގެއްލި އަމިއްލަ ނަފްސުގެ ޤައިދީއަކަށް ވެވޭކަމެކެވެ.
ތިމާގެ އަމިއްލަ
ބާރު ތިމާގެ ނަފްސުގެ މައްޗަށް ނުފޯރަނީ އެހެން ބާރެއް ނުވަތަ އެހެން ނުފޫޒެއް ތިމާގެ
ނަފްސުގެ މައްޗަށް އޮވެގެންކަން ކަށަވަރެވެ. ގިނަ ފަހަރަށް އެއީ ކޮންމެވެސް ޖެހިލުންވުމެއް
ނުވަތަ އެހެންމީހެއްގެ ސީދާ ނުވަތަ ނުސީދާ ނުފޫޒެކެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް
ނޭނގި އަޅުގަނޑުމެންގެ ނަފުސު ވިއްކާލެވޭތަން އާދެއެވެ. އެކަމަކު އަމިއްލަ ފިކުރުގައި
ވިސްނާލުމުން މިކަން ފާހަގަވެސް ކުރެވޭނެއެވެ. ބައެއްފަހަރު އިންސާނުންގެ ނަފްސުގެ
ސާހިބާއަކީ ޚުދު އެމީހެއްނޫނެވެ.
މިގޮތަށް އެހެން
ނަފުސުތަކުގެ ސާހިބުންނަށް ދުނިޔޭގެ އަންޑަރ ގްރައުންޑް ނަމުން ކިޔަނީ "ގޯޑް ފާދަރސް"
އެވެ. އެމީހުންނަކީ އެހެންމީހުން ރުއްސުވައި އެހެން މީހުންގެ ކަންތައްތައް ކޮށްދީ އެ
މީސްތަކުންގެ ނަފުސު ގަނެގެން އެބައިމީހުންގެ އަމިއްލަ އެދުންތަކެއް ފުއްދާ ބަޔެކެވެ.
މިހެން ދެންނެވިއަސް މިއީ ވަރަށްވެސް ޤަބޫލުކުރަން ދަތި ސިއްރު ޖަރީމާތަކާއި މުޅި މަސްރަޙުގެ
ހަވާސާތައް ބަދަލުކޮށްލާވަރުގެ އެތެރެއާއި ބޭރުގެ އާރާއި ބާރުތައް ލިބިފައިވާ ބަޔެކެވެ.
އެއީ އެމީހުންނަކީ ގިނަ ފަހަރަށް ބޮޑެތި ގޭންގްތަކާއި، ވިޔަފާރިއާއި ސިޔާސީ ވެރިންނާއި
އަދި ބޮޑެތި އިސް ފަރާތްތަކުގެވެސް ނަފްސުގެ ސާހިބުންކަމަށްވާތީއެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގައި
ވެސް މިފަދަ ފިކުރީ ހަނގުރާމަކުރާ މީހުން މަދެއްނޫނެވެ.
ނިކަން ވިސްނާލަމާތޯއެވެ. ކުރުގޮތަކަށް ބޭސްފަރުވާއަށް ސަލާންޖެހުމާއިމެދުއެވެ. ދުޅަހެޔޮ
ޞިއްޙަތެއްގައި ހުރުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ނަމަވެސް މިފުރުޞަތު އަޅުގަނޑުމެންގެތެރެއިން ލިބެނީ މަދު ބަޔަކަށެވެ. އެހެންމީހުންނަށް މިކަމަށް ސަލާންޖަހަން
ޖެހެއެވެ. ސަބަބަކީ ދަޢުލަތުގެ މާލިއްޔަތުގައި
ފައިސާ ނެތުމެއްވެސްނޫނެވެ. އަދި ޞިއްޙީ ނިޒާމުގެ ބަލިކަށި ކަމެއްވެސްނޫނެވެ. ސަބަބަކީ ބަޔަކު މީހުން މިކަމުން ނަފުސުތަކެއް
ގަންނަން ބޭނުންވުމެވެ. އާދެ! އެމީހުންގެ
ބޭނުމަކީ ގިނަބަޔަކު އެމީހުންގެކައިރިއަށް އެކި ގޮތްގޮތަށް ސަލާންޖަހަން އައުމެވެ. މިގޮތަށް ސަލާންޖަހަން އަންނަ ކޮންމެފަހަރަކު އެ
ސަލާންޖަހާ މީހާގެ ނަފުސު އެމީހުންނަށް މިލްކުވެއެވެ. އަދި އެމީހުން ބުނިގޮތަކަށް ސަލާންޖަހަންދިޔަ މީހާ
އެނބުރެއެވެ. ސަލާންޖަހަންދިޔަ
މީހާއަށް ހީވާނީ އަދި ހީވާނީވެސް އެމީހުން އެކޮށްދިނީ ވަރަށްވެސް ބޮޑު ކަމެއްކަމުގައެވެ. އެހެންކަމުން އެކަމުގެ ބަދަލުގެގޮތުގައި
އެމީހުން ބުނާ ކޮންމެ ކަމެއްކުރަން މަޖުބޫރުވެއެވެ.
މިހެން ދެންނެވިއަސް ކޮންމެ މީހަކީ މިފަދަ ނާޖާއިޒު ފައިދާތަކެއް ނަގާ މީހެއްނޫނެވެ. އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ދީލަތި
އިޙްސާންތެރިންވެސް އުޅެއެވެ. އަޅުގަނޑު މިދެންނެވީ ވަރަށްވެސް ކުޑަ، ނަމަވެސް ނަފުސުތައް ގަތުމުގެ ވަރަށް ޢާއްމު މިސާލެކެވެ.
ގޯޑްފާދާސްގެ ވާހަކައަކީ
ވަރަށްވެސް ދިގުކޮށް ދެއްކިދާނެ ވާހަކައެކެވެ. ނަމަވެސް އަޅުގަނޑު މި ލިޔުމުން ބުނެލަން ބޭނުންވާ ވާހަކައަކީ ކޮންމެ މީހަކީވެސް
އަމިއްލަ ނަފުސުގެ މިނިވަނަކަށް ވާންޖެހޭ
ވާހަކައެވެ. އެހެންމީހުންގެ ބުއްދިއާއި ފިކުރު ތިމާގެމައްޗަށް ވެރިވިޔަދީގެން ނުވާނެއެވެ. ތިމާއަށް ހެޔޮކަމެއް ކޮށްދޭ މީހާވެސް ބަދަލުގައި ނުބައިކަމެއް ކުރަން އެދިއްޖެނަމަަ
އެކަމަކަށް އިންކާރު ކުރަންވާނެއެވެ.
އަދި ހަމަ އެހެންމެ އެހެން އެއްވެސް ނަފުސަކަށް ތިމާގެ ނަފުސު ވިއްކާލައިގެން ނުވާނެއެވެ. ތެދެކެވެ. ބުއްދީގެ ނިޢުމަތް
ރަނގަޅަށް ލިބިގެންފި މީހާ އަމިއްލަ ނަފުސު މިނިވަންކޮށްފިއެވެ.
---------------------------
ލިޔުއްވީ: ޙަސަން
ޢަބުދުﷲ ޙިލްމީ
19 އޮކްޓޫބަރ 2009 ގެ "ހަވަރުއޮންލައިން"
އިން ނަގާފައި