ދެކުނުގެ އަތޮޅުތަކާއި މާލެ މުޑިއެރުމުގެ ސިއްރުތައް 12ދެކުނު ތަޅައިލުމަށް މާލެއިން ލަޝްކަރުތައް ފޮނުވުން

ސުވާދީބު ދައުލަތަކީ ނާސިރުގެ ވިޔާނުދާ ސިޔާސަތުން ފައިދާވި ހިތި މޭވާއެކެވެ. ނާސިރަށްވުރެ ކުރިން ދިވެހި ގައުމު ފަސާދަކުރުމަށް މަސައްކަތްކުރި މުހައްމަދު އަމީނާއި ހަސަން ފަރީދުގެ މަސައްކަތްތަކުވެސް މޭވާއެކެވެ. އެހަގީގަތް ގަބޫލު ކުރެވޭހާ އުރަތްޕެއް ސަރުކާރު ހިންގަން ތިބި މީހުންގެ ނެތްތާގައި ދެން ފެށީ އޭގެ ހިތިކަން އިހުނަށްވުރެވެސް ބޮޑު ކުރުމުގެ މަސައްކަތެވެ. މިގޮތުން ދެކުނުގެ މީހުންނަކީ ދީނެއް ނެތް ވިޔާނުދާ މީހުންކަމުގައި ރާއްޖޭގެ ރައްޔިތުންނަށް ދެއްކުމަށް މާލޭ ސަރުކާރުން ނެރޭ ނޫސްތަކުގައި ރޯބުހުތާން ދޮގުވާހަކަ ކެނޑިނޭޅި ލިޔަމުން ދިޔައެވެ. މިމަސައްކަތުގައި ފާހަގަކުރެވުނީ ވިޔަފާރިމިއަދުގެ ނަމުގައި އޭރު ނެރުނު ނޫހެވެ. ދުނިޔޭގެ ބަޔަކު އޭގެ ކުރިންވެސް އަދި އޭގެފަހަށްވެސް ހަދައިފައިނުވާ ޒާތުގެ ބޮޑެތި ދޮގު އެނޫހުގައި ދިޔައީ ލިޔަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ދެކުނު މީހުންނާ ދޭތެރޭ އިންތިހާ ދަރަޖައިގެ ނަފްރަތު އުފެދިގެން ދިޔައެވެ.

ވެލާނާގޭ އިބްރާހިމް ނާސިރު ދެން ބެއްލެވީ ދޮން ބަންޑާރައިންނާއި އުތީމު މަހާރަދުން ފަދަ  އާޒީއަކަށް ވުމަށެވެ. މިގޮތުން މާލެއިން ހަތިޔާރާއި ސިފައިން ގެންގޮސް ނިކަމެތި ރައްޔިތުން މެރުމުގެ ކެމްޕޭނެއް ފެއްޓެވިއެވެ. ދެ ފަހަރެއްގެ މަތީން މާލެއިން ބޮޑު ލަޝްކަރެއް ގޮސް ހުވަދު އަތޮޅު ތިނަދޫ އަށް ހަމަލާދީ އެރަށް ވީރާނާކޮށް އެންމެފަހުން ފަޅު ރަށަކަށް ހަދާލި ހާދިސާއަކީ ވަކި ފަރާތަކަށް ނުޖެހުމުގެ ސިކުނޑިއަކުން ވިސްނައިފި ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލިގެންދާނެ ހިތާމަވެރި އަދި އަނިޔާވެރި ހާދިސާއެކެވެ. ބަޔަކު ނެތިކޮށް އަދި އެރަށްވެސް ފަޅުކޮށްލުމަށް ފަހު އެނބުރި މާލެ ފޭބުމުން ނާސިރު އާޒީއަކަށް ހެދިއެވެ. ނިޝާނުލް ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު ދިނެވެ. އޭގެ ކުރިންވެސް އަދި ފަހުންވެސް ނާސިރަށް ވުރެ ކުޅަދާނަ ގައުމީ ބަތަލަކު ނެތްކަމަށް ނިންމިއެވެ.

ތިނަދޫއަށް ދިން ފުރަތަމަ ހަމަލަ

މޯލްޑިވްސްޓާރ ކިޔުނު ބޮޑު އާގު ބޯޓެއްގައި ހުވަދުއަތޮޅަށް ގޮސް އެ އަތޮޅުގެ ވެރިރަށް ތިނަދޫ  ފުނޑައިލުމަށް 700 މީހުންގެ ބޮޑު ލަޝްކަރަކާއި ރައިފަލާއި ބޮޑު ބަޑި ފަދަ ހަތިޔާރާއެކު ޖުލައި 1959 ގައި ވެލާނާގޭ ނާސިރު ހުވަދުއަތޮޅަށް މިސްރާބު ޖަހައިފިއެވެ. މިލަޝްކަރު އެންމެ ފުރަތަމަ ބަނދަރުކުރީ ހުވަދުއަތޮޅު ގައްދޫ ބޭރުގައެވެ. ބަޑިން ބިރުދައްކައިގެން ދާދި އަވަހަށް އެރަށުގެ ރައްޔިތުން ކިޔަމަންކުރުވައި އޭގެ ތެރެއިން ބަޔަކު އަތްފައި ބަނދެ ބޯޓަށް ނަގައިގެން ދެން މިސްރާބު ޖެހީ ތިނަދޫއަށެވެ. ގައްދޫ ކައިރިން ނުކުމެ މާކަނޑުން އަތޮޅު ވަށާލައި ކާޑެއްދޫ ކައިރިން އަތޮޅުތެރެއަށް އަލުން ވަދެ ތިނަދޫ ބޭރުގައި ތިބެގެން ނާސިރުގެ އަމުރަށް ޓިނު އަލިފުޅާއި ކދ. އަހުމަދުމަނިކު ފަދަ މީހުން އެންމެ ފުރަތަމަ ކުރިކަމަކީ ތިނަދޫއަށް އައިސް ގޮސްވާ ބައްތެލި ފަހަރާއި ދޯނިތައް ފޭރި އޭގެ ތެރެއިން ބޯޓުގެ ބޭނުމަށް ގެންގުޅެވޭނެ ކުދިކުދި އުޅަނދުތައް ބޯޓުގެ ފަހަތުގައި ވާޖަހާފައި ބޭތިއްބުމާއި އެނޫން އުޅަނދުތައް އަންދައިލުމެވެ.

ސިފައިންގެ ތެރެއިން ހަތިޔާރު އެޅި ސާދަ މީހުންނާއެކު ނާސިރު އެންމެ ފުރަތަމަ ދިމާކުރީ ތިނަދޫގެ ބަރާސިލު ކިޔުނު ހިސާބު އަތިރިމައްޗާއެވެ. ހަވަޔަށް ފަޒާޔަށް އަދި ނުވިތާކަށް މީހުންގެ ތެރެއަށް ވެސް ބަޑިޖަހަމުން ނާސިރު ފޭބި ބަރާސިލަކީ ލެޕްރަސީ ބަލިމީހުން އެކަހެރިކޮށްފައި ބައިތިއްބާ ސަރަހައްދެވެ. ތިނަދޫއަށް ވެރިވެގަނެގެން ފާތިހެއްގެ ގޮތުގައި އެއް ހަފުތާގެ މުއްދަތަކަށް ނާސިރު އެރަށުގައި ދެމިހުއްޓެވެ. މި މުއްދަތުގެ ތެރޭގައި މުއްސަނދިންގެ ގޭގެއަށް ގޮސް ހޯދައި ބަލައި ފާސްކޮށް މުދަލަކަށްވާ ޒާތުގެ އެންމެހައި ތަކެތި ބޯޓަށް ގެންދެވުނެވެ. ނާސިރުގެ ދަރުބާރުގައިި ކުށްވެރިވި އެންމެނާއެކު އެނބުރި މާލެ ދިއުމަށްޓަކައި މި ލަޝްކަރު ފުރީ 17 ޖުލައި 1959 ގައެވެ. މާލެއަށް ދެވުނީ 20 ޖުލައިގައެވެ. ކުށްވެރިންގެ ގޮތުގައި މާލެ ގެނެވުނު މީހުންގެ ތެރެއިން ހިރިހަމާތި ކަލޭގެފާނާއި އޭނާގެ ދަރިންތައް މާލޭގެ ޖަލުގައި ތަޅައި އަނިޔާކޮށް މަރާލީ އެވެ.

މާލޭގެ ލަޝްކަރުގެ އަމަލުތައް ތިނަދޫގައި ހުރީ ގަދީމީ ޒަމާނުގައި ކަރަކަރައިގައި ހަނގުރާމަކުރާއިރު ބަލިވާ މީހުންނާ މެދު ކުރި ލިބޭ މީހުން ކަންތައް ކުރާ ބީދައިންނެވެ. މުދާތައް ޣާނީމާ ކުރުމާއި ޒުވާންފުރައިގެ އަންހެން ކުދީން ޖާރިޔާއިންނަށް ހެދުން އާންމުވެފައި އޮތެވެ.

ފުވައްމުލަކާއި ދިމާކުރުން

އެލިޒަބަތު ބޯޔާ ނަމަކަށް ކިޔުނު ބޯޓެއްގައި މާލޭގެ ލަޝްކަރެއް ސަރުކާރުގެ ފަރާތުން ފުވައްމުލަކަށް ފޮނުވިއެވެ. ދައްޕަރު މޫސާމަނިކާއި ވެލާނާގޭ އަބްދުލްމަޖީދު މާހިރުގެ ވެރިކަމުގެ ދަށުގައި ދިޔަ މިލަޝްކަރުގެ އެކަކަށް ވެސް ފުވައްމުލަކު އެއްގަމަށް ފޭބޭނެ ގޮތެއް ނުވިއެވެ. ރައްޔިތުންގެ ދެކޮޅު ހެދުމާއި ނުރުހުންތެރިކަމުގެ ކުރިމަތީގައި އެއްވެސް ކަމެއް ނުކުރެވެނުވެ. އެހެންވެގެން ނެރުމަތީގައި ތިބެފައި ރަށަށް ބަޑިން ހަމަލަދީފައި އަނބުރާލާފައި ދިޔައީއެވެ.

ފުވައްމުލަކާއި ދިމާކުރީ ރޯދަމަހެއްގެ 20 ވަނަ ދުވަހުއެވެ. އެވެސް މީލާދީން 1959 އެވެ. ފުވައްމުލަކު އިރުމަތީ ފަރާތުން ރަށާ ކައިރިއަށް އަންނަ ބޯޓެއްގެ ޚަބަރު ހޯދުމަށް ރަށުގެ އިސް މީހުން ދޯންޏެއްގައި ކަނޑަށް ނުކުމެއްޖެއެވެ. ރަށު ތެރޭގައި އެއްއަޑަކަށް ގުގުމާލައިފައި ވަނީ "ކާޑު ބޯޓެއް އަތުވެއްޖެ" މިހެންނެވެ. ރޯދަ މަހުގެ ފަހު ދިހައިގައި ކާނޭ ކާޑު ކޮޅެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ.

ބޯޓުގެ ޚަބަރު ހޯދުމަށް ރަށުގެ އިސް މީހުންނާއެކު ކަނޑަށް ނުކުތް ދޯނި ލަސްތަކެއް ނުވެ ބޯޓާއި ކައިރިކޮށްފިއެވެ. ދޯނީގައި ތިބީ ފަޅުވެރިންގެ އިތުރަށް ކޭހިގޭ އިބްރާހިމް ދީދީ އާއި މުދިން ތުއްތު ދީދީ ފަދަ ކަމުވޮށިގެންވާ މީހުންނެވެ. ގިނަ މީހުން ހީކުރީ މިއީ އައްޑުއަތޮޅު ގަމަށް މުދާހިފައިގެން އަންނަ ނެފީ ބޯޓު ކަމަށެވެ. ނަމަވެސް ބޯޓާއި ގާތްގަނޑަކަށް 200 ވަރަކަށް ފޫޓު ކައިރިވިތަނާ މިއީ އެލިޒަބަތު ބޯޔާ ކަން އެނގުނެވެ. މިއީ ސްރީލަންކާ އިން ރާއްޖެ އަށް މުދާ އުފުލާ ޗާޓަރު ބޯޓެކެވެ.
ބޯޓާއި އިތުރަށް ކައިރި ނުކުރުމަށް އެވަގުތު ކޭހިގޭ އިބްރާހިމް ދީދީ އެންގެވިއެވެ. އެއީ ބޯޓުން ސިފައިންގެ މީހުން ފެނުމުންނެވެ. މިއެންގުމަށް ދޯނި އަނބުރާލައިފައި ރަށާއި ދިމާލަށް ފަލި ޖަހަން ފެށިއެވެ. ސިފައިން ކުޑަ ލޯންޗެއްގައި ދޯނީގެ ފަހަތުން އަންނަން ފެށިއެވެ. އަދި އެމީހުންނާއި ދިމާލަށް ބަޑި އަމާޒު ކޮށްފައި މަޑު ކުރާށޭ ބުންޏެވެ. އެހެން ނަމަވެސް ލޯންޗުގައި ތިބި ސިފައިންގެ އިންޒާރުގެ އަޑު އެހުމެއްނެތި ފަލި ޖަހާފައި އައިސް ދޯނި ވަނީ ރަށުގެ ރަސްގެފަންނުގެ ހުޅަނގުން އޮތް ބަނޑަހާ ފަންނަށެވެ.

އެލިޒަބަތު ބޯޔާ އާއި ކައިރިކުރި އެހެން ބައެއް ދޯނި ފަހަރު އެމީހުން އަތުލައިގަތެވެ. ބައެއް ދޯނި ފަހަރު ފަލިޖަހާފައި އައިސް އެކި ދިމަދިމާލަށް ގޮނޑުދޮށަށް ބީއްސާލިއެވެ. ދޯނި ފަހަރު ހުއްޓުވުމަށް އަތުބޮން ފަދަ ގޮވާތަކެތި އުކި ކަމަށް ވެއެވެ. އެލިޒަބަތު ބޯޔާގެ މި ދަތުރަކީ މުދާ ގެނައުމުގެ ޗާޓަރު ދަތުރެއް ނޫނެވެ. ސިފައިންނާއި ހަތިޔާރާއި އެކު ކުރި ހަނގުރާމަވެރި ދަތުރެކެވެ. މިބޯޓު ގައި ތިބި ސިފައިންގެެ ތެރޭގައި ދައްޕަރު މޫސާ މަނިކާއި ޓިނު އަލިފުޅު އަދި އަނދިރިބޭ އާދަމް ފުޅު ހިމެނެއެވެ. އަދި ދާޚިލިއްޔާއިން އަބްދުލް މަޖީދު މާހިރާއި އާދަމް ނަސީރު މަނިކުވެސް ބޯޓުގައި ތިއްބެވެ. އެބޯޓުން އައި ލޯންޗު ސިފައިންނާއި އެކު އައިސް ގޮނޑުދޮށަށް ބީއްސާލުމާއި އެކު އަތިރިމައްޗަށް އެއްވެފައިވާ އެންމެން ލޯންޗަށް ގާ އުކަން ފެށިއެވެ.

ކުއްލިއަކަށް އިވުނީ ބަޑިޖަހަން ފެށި އަޑެވެ. މީހުންގެ ތެރެއަށް ބަޑިޖަހަން ފެށީއެވެ. އެދުވަސްވަރުގެ ބަޑި މިހާރުގެ އޮޓޮމެޓިކް ބަޑިއާ ވަރަށް ތަފާތެވެ. އެއްފަހަރު ޖެހުމަށްފަހު އަނެއްކާ ޖެހެނީ ވަޒަނެއް ލާށެވެ. އެއީ ޒާތެއްގެ ހަންޓިން ރައިފަލްތަކެކެވެ. އެހެންވެ އެހާ އަވަސް އަވަހަށް ބަޑި ޖެހޭ ގޮތެއް ނުވެއެވެ. އަބްދުލްމަޖީދު މާހިރު ބޭނުންވީ ބަޑީގެ ބާރުގައި ރަށުތެރެއަށް އަރައިގަތުމަށެވެ. ކިތަންމެ ގިނަބަޔަކު މަރުވިޔަސް ފަރުވާލެއް ނެތްކަމަށް ބަލައިފައެވެ. މި މާހިރަކީ ފުވައްމުލަކު އަންހެނެއްގެ ބަނޑުން ފުވައްމުލަކަށް އުފަންވެފައި ހުރި މީހަކަށް ވިޔަސް މިކަމެއްގައި އެންމެ ބޮޑު ހަރުކަށިކަމެއް އެދުވަހު ފެނުނީ މީނާގެ ފަރާތުންނެވެ. ފުވައްމުލަކު މީހުންގެ ގަޔަށް ބަޑިޖަހަން މާހިރު ބޭނުންވިޔަސް ބޯޓުގައި ހުރި ބަޑިޔާއި ވަޒަނާއި ބަޑިޖަހަން އެނގޭ މީހުންގެ ފެންވަރު ބޮޑަށް އެނގެނީ ދައްޕަރު މޫސާ މަނިކަށް ކަމަށްވާތީ މިމަގުން ރަށަށް އަރާކަށް އޭނާ އެއްބަހެއް ނުވިއެވެ.

ރަސްގެފަންނު ބަނދަރުގައި ބަޑިޖަހާ އަޑުއިވުމުން އެރަށުގެ ބޯދާ ހުކުރު މިސްކިތުގައި ގުރުއާން ކިޔަވަންއިން 14 އަހަރުގެ މޫސާފުތާ ކިޔެވުން ހުއްޓާލައިފައި އޭނާގެ އެކުވެރިންނާއި އެކު ދުވެފައި އައީ ރަސްގެފަންނަށެވެ. މީނާ އައިސް އެހެލާފައިހުރި ފިނިފެންމާގެ އޮޑި ކައިރިއަށް މަޑު ކޮށްލިތަނާ އޭނާގެ ބޮލުގެ ވާތްފަރާތަށް އެރި ވަޒަނެއްގެ ސަބަބުން ވަގުތުން ހޭނެތިގެން ވެއްޓުނީއެވެ. މޫސާ ފުތާ ހޭ އެރީ އޭގެ އަނެއް ދުވަހުއެވެ. ސިފައިންގެ ހަމާލައިގައި ވަގުތުން އެކަކު މަރުވިއެވެ. ދޭލިގޭ ތުއްތުމަނިކު މަރުވީ އެރި ވަޒަނަކުން އޭނާގެ ބޯ މުޅިން ފިސްފިސް ވެގެންނެވެ. ޒަޚަމްވި މީހުންނަކީ ވަޑިގޭ މުހައްމަދު ދީދީ އާއި ހުސެއިން ތައްޚާނާއި ބޮޑުވާޅި އަލިބެއާއި ހަސަން ފުތާއެވެ.

ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ވަންދެން ސިފައިން ބަޑި ޖަހަމުން ދިޔައެވެ. ހަމަ އެއްވަރެއްގައި އެރަށު މީހުންވެސް ގާ އުކަމުން ދިޔައެވެ. އެންމެ ފަހުން ރަށަށް ނުފޭބިގެން ލޯންޗު އަނބުރާލާފައި ދިޔައީ ބޯޓަށެވެ. ބޯޓުތެރޭގައި ހަތިޔާރުތައް ބެހެއްޓުމުގެ ތެރޭގައި އެއްބަޑީގައި ތާށިވެފައިވާ ވަޒަނެއް ގޮވުމުގެ ސަބަބުން ފަންގިފިލާ ފޫ އަޅައިގެން ދިޔައެވެ. ބޯޓުގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް ވެސް އުފެދުނެވެ. އަބްދުލް މަޖީދު މާހިރު ބޭނުންވީ ހަތިޔާރާއި އެކު ފުވައްމުލަކަށް އަލުން ފައިބައި ހަމަލަ ދިނުމަށެވެ. ނަމަވެސް އާދަމް ނަސީރު މަނިކާއި ދައްޕަރު މޫސާ މަނިކު މިކަމާ ދެކޮޅެވެ.

އެލިޒަބަތު ބޯޔާގެ މިޝަން ނާކާމިޔާބުވެ ފުރައިގެން ދިޔުމުން ފުވައްމުލަކުން ޒަޚަމްވީ މީހުންނަށް ފަރުވާ ދިނުމަށްޓަކައި އައްޑުއަތޮޅު ގަމަށް ގެންދެވުނީ ދޯންޏެއްގައެވެ. މިމީހުންނަށް ގަމުގައި ދިހަވަރަކަށް ދުވަހު ފަރުވާ ދިނުމަށް ފަހު އެންމެބޮޑަށް އަނިޔާވެފައިވާ ހަސަންފުތާ އާއި ރެކިދީދީގެ މުޙައްމަދު ދީދީ ރޯޔަލް އެއަރފޯސްގެ މަތިންދާ ބޯޓެއްގައި ގެންދެވުނީ ސްރީ ލަންކާގެ ނިގަމްބޯގައި ހުންނަ އިނގިރޭސި ސިފައިންގެ ހޮސްޕިޓަލަކަށެވެ. މޫސާފުތާގެ މޫނުގެ ވާތްފަރާތުގައިވާ ޒަޚަމް ރަނގަޅު ކުރީ އޭނާގެ ފައިގެ ފަލަ މަސްގަނޑުން ބައެއް ނަގައިގެން ކުރެވުނު ބޮޑު އޮޕަރޭޝަނަކުންނެވެ.

ދެ ވަނަ ފަހަރަށް ތިނަދޫ ތަޅައިލުން

ފުރަތަމަފަހަރު ތިނަދޫގައި ހުރެފައި ނާސިރު ފުރައިގެން ދިޔައީ ސުވާދީބުގެ ދިދަ އިރާލައި މާލޭ ސަރުކާރުގެ ދިދަ ނަގައި ނާސިރުގެ ލަޝްކަރުގެ ތެރެއިން އެކަށީގެންވާ އަދަދެއްގެ ނުލަފާ މީހުން ތިނަދޫގައި ބައިތިއްބާފައެވެ. ނާސިރު ފުރައިގެން ދިޔަތާ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ތިނަދޫ ގަނޑުބަޑުވެއްޖެއެވެ. މިފަހަރު ތިނަދޫ ރައްޔިތުންގެ ރުޅިވެރިކަން ހިލިގަތީ އަންހެންވެރިންނާ މެދު މާލޭ ސިފައިން ހިތުހުރި ގޮތަކަށް އަމަލުކުރަމުން ދިއުމާއި ތިނަދޫ މީހުންގެ ދަތުރުފަތުރަށް ހުރަސްއަޅައި ދަތިކުރަމުން ދިޔުންފަދަ ކަންތަކުގެ ސަބަބުންނެވެ. ވިޔަފާރީގެ ނަފާ ފޭރި ހިފައި ގެންގުޅޭ ކޮންމެ މުދަލަކާއި ހަރު މުދަލުންވެސް ޓެކްސްނެގުން ފަދަ ކަންތައް ތައާރަފް ކުރުމުގެ ސަބަބުންނެވެ. އުޅެން އުނދަގޫ މިންވަރަށް ދަތިވެގެން ތިނަދޫ ރައްޔިތުން ދެވަނަ ފަހަރަށް ދެކޮޅުވެރިވެ ޔުނައިޓެޑް ސުވާދީވް އައިލެންޑްސްގެ ދިދަ ނަގައިފިއެވެ. 15 ޖޫން 1961 ވީ ބުރާސްފަތި ދުވަހުން ފެށިގެން ތިނަދޫގައި އޮތީ އަނެއްކާވެސް ސުވާދީބުގެ ވެރިކަމެވެ.

މިޚަބަރު މާލެއަށް ފޯރިތާ ދުވަސްކޮޅެއް ފަހުން ސިލްވަރ ކްރެސްޓް ނަމަކަށް ކިޔުނު ބޯޓެއްގައި ނާސިރު ތިނަދޫއަށް މިސްރާބު ޖެހިއެވެ. ފުރިހަމައަށް ހަތިޔާރުއެޅި ސިފައިންގެ ފައުޖަކާއެކު ނާސިރު ދެވަނަ ފަހަރަށް ތިނަދޫއަށް ދިޔައީ 30 ޖެނުއަރީ 1962 ވީ އަންގާރަދުވަހު މެންދުރު ތިނެއް ޖަހާކަންހާ އިރުއެވެ. މިދަތުރުގައި ހިމެނުނީ އިބްރާހިމް ނާސިރާއި އަހުމަދު ޒަކީ އާއި އަހުމަދު ހިލްމީ އާއި މުހައްމަދު އިމާދުއްދީނާއި މައިޒާން އިބްރާހީމް މަނިކާއި ހުދުއަސުރުމާގޭ މުހައްމަދު ހަސަން މަނިކާއި މައިޒާން އުމަރު މަނިކާއި ސިފައިންގެ ބޭކަލުންކަމަށްވާ އައިނެއްލަ އަހުމަދު ނަސީމާއި ހުޅުލޭ މޫސައާއި ކުޑައާމިނަ މުހައްމަދު ފުޅާއި ކުޑަފާތުމަ ކަޅުތުއްތު އާއި ވަކައޮޅި އިބްރާހިމް ފުޅާއި ތިމަރަފުށީ އުމަރު މަނިކާއި ޖާދޫ އަހުމަދު މަނިކާއި ނޮޅިވަރަންފަރު ދޮން ހުސައިން ފުޅާއި ކުޅުދުއްފުށީ ބޮޑު ހަސަން ފުޅާއި ސިލްވަރ ކްރެސްޓްގެ ފަޅުވެރިންނެވެ. ހަތިޔާރުގެ ގޮތުގައި ދިހަ ސަބްމެޝިން ބަޑި އާއި ފަސް ރައިފަލް ގެންދިޔަކަމަށް ލިޔުންތަކުން އެނގެއެވެ.

ތިނަދޫގެ އިރުމަތީފަރާތު ފަރާއި ސިލްވަރ ކްރެސްޓް ގާތްކުރަމުންދިޔަ ވަގުތަކީ ކާޑެއްދޫގައި ދަނޑުގޮވާން ކުރުމުގެ މަސައްކަތަށް ދިޔަ ތިނަދޫގެ ބައެއް ފިރިހެނުންނާއި އަންހެނުން މަސައްކަތް ނިންމައި ކާޑެއްދޫއިން ފުރައިން ރަށަށްދާން ދަތުރުކުރަމުން ދިޔަ ވަގުތަށްވާތީ ސިލްވަރ ކްރެސްޓް ދިޔައީ އެދޯނިފަހަރާއި ދިމާލަށެވެ. އޭގެ ބޭނުމަކީ ދޯނިތައް ފޭރި މީހުން ރަހީނު ކުރުމެވެ. އޭރު ތިނަދޫ ދެކުނުފަރާތު ފަރާއި އެންމެކައިރީގައިވާ ދޯންޏަކީ ތިނަދޫ ހަޒާރުމާގޭ އިބްރާހީމް ތަކުރުފާނުގެ ދޯންޏެކެވެ. މިދޯންޏާއި ދިމާލަށް ސިލްވަރ ކްރެސްޓް އަންނަތަން ފެނުމުން އަތުވިޔަ ނުދިނުމަށްޓަކައި ތިނަދޫ ފަރުގެ މަންގަޑާއި ވެހަފުލާއާއި ދޭތެރެއިން ރަށުގެ ފަޅުތެރެއަށް ވަނީއެވެ. އޭރު ދޯނީގެ ވެރި އިބްރާހީމް ތަކުރުފާނާއި ގުމްރީގޭ ރެކިފުތާއި ޖޭނެސްޓް މުހައްމަދު ޒުހައިރާއި އަދިވެސް އިތުރު ބައެއްމީހުން ދޯނީގައި ތިއްބެވެ.

ސިލްވަރކްރެސްޓް ދެން ދުއްވާލީ ދެކުނުފަރާތުން ތިނަދޫއަށް ދަތުރުކުރާ ތިންހަތަރު ދޯންޏަކާއި ދިމާލަށެވެ. މިދޯނިތައްވެސް އަތުވިޔަނުދިނުމަށްޓަކައި ކަފެނާއާއި މާގޮޑެރެހާ ފަރުމަތިން ބީހެމުން ނުބީހެމުން ފަރުން އެތެރެއަށް ވަނީއެވެ. މިދޯނި ކަފެނާ ފަރުން އެތެރެއަށް ވަން ވަގުތު ސިލްވަރ ކްރެސްޓުން ބަޑިޖެހުމުން ތިނަދޫ ލައިނޫފަރުމާގޭ ސަންފާ ބިރުން ރޫރޫއަޅައި ހާލަތުގެ ނުރައްކާތެރިކަން ހިތަށްވަދެ ހޮޑުލައި ވަރަށްބޮޑަށް ހާލު ދެރަވެފައި ވަނިކޮށް ޖެހިގެންއައި ދުވަހު ބަޑިޖަހަމުން ދަނިކޮށް ނިޔައުވީއެވެ.

ސިލްވަރ ކްރެސްޓަށް ދެވަނަ ދޯނިވެސް އަތުނުވުމުން ދެން ދުއްވާލީ ކާޑެއްދޫ އުތުރުކޮޅާ ދިމާލުން އިރަށް ހޭރިޔާކުރަމުން ދާ ރިޔާނެގި ދޯންޏަކާ ދިމާލަށެވެ. މިދޯންޏާއި ކައިރިކޮށް ސިލްވަރ ކްރެސްޓްގެ ބާރުގެދަށަށް ދޯނި ގެނެސް އޭގެ ކަފުގައި ދޯނި ބާއްވައިގެން ތިނަދޫ ފަރުކައިރިއަށް ސިލްވަރ ކްރެސްޓް އައެވެ. މިދޯންޏަކީ ނަޑެއްލާއާއި ރަތަފަންދޫއާއި ދޭތެރޭ އޮންނަ މާދޫއިން ކަށިވެއްޔާއި އެނޫންވެސް ބައެއްތަކެއްޗާ އެކު ތިނަދޫއަށް ދަތުރުކުރާ ދޮންކަޅާބޭގެ އަލީގެ ދޯންޏެކެވެ. މި ދޯނީގައި ތިބީ ތިނަދޫ ބެރުގޭ ޒަކަރިއްޔާ މޫސާއާއި އޭނާގެ ދަރިފުޅު ރެކިދިޔެގެ ފިރިމީހާ މަދޮށިމާގޭ މުހައްމަދު ތަކުރުފާނާއި މުޖުމަރާގޭ އިބްރާހީމް ރާޝިދާއި ސަންފާގެ މޫސާ އާއި ހިކިފިނިފެންމާގޭ އައިސާދިޔެ އެވެ. އައިސާދިޔެ އަކީ ފިރިމީހާގެ ކައިރީގައި ދުވަސްކޮޅަކު މާދޫގައި އުޅުމަށްފަހު ރަށަށް ދާ މީހެކެވެ.

ދޮންކަޅާބޭގެ އަލީގެ ދޯންޏާއެކީ ތިނަދޫ އިރުމަތީފަރާތު ފަރާއި ގާތަށް ސިލްވަރކްރެސްޓް އައުމަށްފަހު އޭގެ ލައުޑްސްޕީކަރ މެދުވެރިކޮށް އަޑުގަދަކުރާގެ ޒަރީއާއިން ރަށުގެ ރައްޔިތުންނަށް އިންޒާރު ދިނެވެ. އޭގެފަހުން ރަށުތެރެއަށް ބަޑިޖަހަން ފަށައިފިއެވެ. ބަޑިޖަހަން ފެށުމުން ރަށުތެރެއިން ކާޅުތައް ހޭރި ބަނބުކެޔޮ ގަހާއި އެނޫންވެސް ގަސްގަހުގެ ގޮފިތަކާއި ފަތްތައް ބުރަބުރައިގެން ދާތަންވެސް ފެނުނެވެ.

ތިނަދޫ ބަނދަރުގައި އެދުވަހު ހުރި ބޮޑެތި އުޅަނދުތައްކަމަށްވާ ނާއިބު އިސްމާއީލް ދީދީގެ އޮޑި ފަތުހުލް މުބާރިކާއި މުދިން ހުސައިން ތަކުރުފާނުގެ އޮޑި ބަރަކަތުއް ރަހުމާނާއި ހާޖީ މުހައްމަދު ކަލޭގެފާނުގެ އޮޑި ފަތުހުލް މަޖީދާއި އަބޫބަކުރު ކަތީބު ކަލޭގެފާނުގެ ނާލުބައްތެލި ޣާނީމާ އާއި އައްޑޫ ހިތަދޫ ފިނިފެންމާގޭ އަބުދުﷲ އަފީފުގެ ނާލުބައްތެލި ނޫރާނީގައި ނާސިރުގެ އަމުރަށް އަލިފާންރޯކޮށް އަންދާލައިފައިވެއެވެ. މީގެއިތުރަށް ތިނަދޫގެ ބައެއް މަސްދޯނިތަކާއި ބައެއް ކުދި ދޯނިތަކާއި ހުރިހާ އޮޑިހަރުގެތަކާއި އަދި ބައެއް ގޭގޭގައި ވެސް އަލިފާންރޯކޮށް އަންދާލައިފައިވެއެވެ.

ތިނަދޫއަށް ފޭބީ ބަޑިޖަހަމުންނެވެ. އެކަން ހުއްޓުވުމަށް ފަސްބާޑިއެއްގެ ނިވަލުގައި ރަށާވީ ފަރާތުގައި ބަޔަކު ތިބެ ގައުއުކައި އެއްޗެހިގޮވައި ހެދިއެވެ. އޭރު ރައިފަލްގެ ބަދަލުގައި ބޭނުންކުރަމުން ގެންދިޔައީ ސަބްމެޝިން ބަޑިއެވެ. މިއީ ފަންސަވީސް ވަޒަނުގެ މެގަޒިނެއް ލައްވައިފައިވާ އެއްޗެއްކަމަށް ބުނެވެއެވެ. ބަޑީގެ ވަޒަން އަރަނީ ފާލަމަށް ހުރަސްވާގޮތަށް ހުރި ފަސްބާޑިއަށެވެ. އޭރު ބަޑިޖަހަމުން ދިޔަ ދޯންޏާއި ފަސްބާޑީގެ ނިވަލުގައި ތިބި މީހުންނާއި ދޭތެރޭ ހުންނާނީ ގާތްގަނޑަކަށް ސާޅީހަކަށް ފޫޓެވެ.

ބޮޑުފާލަން ސަރަހައްދުން ބަޑިޖަހާ ދޯނި ދިޔައީ ދެކުނަށް ރޯޝަނީމަގާއި ދިމާލުން ދޯނި ނުބީހޭ  ހިސާބަށެވެ. މިފަރާތަށް ދޯނި ދާތަން ފެނުމުން ފަސްބާޑީގެ ރައްކާތެރިކަން ހޯދައިގެން ތިބި މީހުންނަށް އެތާނގައި ތިބެވޭނޭ ގޮތެއް ނުވިއެވެ. އެއީ މިފަރާތްގަނޑުގައި އޮންނަ ދޯންޏަކުން ބަޑީގެ ހަމަލާދީފިނަމަ ފަސްބާޑީގެ ރައްކާތެރިކަމެއް ނުލިބޭގޮތަށް އެހިސާބު ހާމައަށް އޮންނާނެތީއެވެ. މިހެންވުމުން ފަސްބާޑީގެ ރައްކާތެރިކަން ހޯދައިގެން ތިބި މީހުން އެތަން ދޫކޮށް ދުވެފައިދިޔައީ ބޮޑުއަށިގެ ނުވަތަ މަދަރުސަތުލް އަމީރު އިބްރާހީމްގެ އިމާރާތުގެ ކަރިއަށެވެ. އެއްބަޔަކު އިމާރާތުގެ އެތެރެއަށެވެ. ރޯޝަނީމަގާއި ދިމާލުން މިތާނގައި ދޯނި އޮވެގެން ނާސިރުގެ އެންގެވުމަށް ހުޅުލޭ މޫސަ އެދިމާލުން އަތިރިމަތީގައިވާ އޮޅަދީދީ ކަތީބުގެ އޮޑިހަރުގޭގައި އަލިފާން ރޯކުރުމާއެކު ވައިޖެހޭ މިސްރާބުގެ ގޮތުން އެ ހަރުގެއާއި އެހަރުގެ ކައިރީގައިވާ ކަޓި އިބްރާހީމްބޭގެ އޮޑިހަރުގެ ދެ ހަރުގެއާއި މޫސާ ފަތުހީގެ އޮޑިހަރުގެވެސް މުޅިން އަނދައިގެން ދިޔައެވެ. މިދުވަހު ހުޅުލޭ މޫސަ ފޮނުވައިގެން ތިނަދޫ ބަރާސީލު އަވަށުގެ ގެތަކުގައި ވެސް އަލިފާންރޯކޮށް އަންދާލިއެވެ. ތިނަދޫގެ ބަލިބަޔަކު އޭރު ވަޒަންވެރިވެ ދިރިއުޅޭ ބަރާސީލު ދަނޑިފަނުގެ ގެތައް މުޅިން އަނދައި ހުލިވެގެންދާކަށް މާގިނަ ވަގުތުތުތަކެއް ނުނަގައެވެ.

ރޯޝަނީމަގާއި ދިމާލުން ބަޑިޖަހާދޯނި ނުބީހޭ ހިސާބުގައި އޮތުމަށްފަހު ދެން ދިޔައީ ބޮޑުފާލަން ކައިރިއަށެވެ. އޭރުވެސް ބަޑިޖަހަމުން ދެއެވެ. މުޅި ތިނަދޫ ގުގުމަމުން ދިޔަ ސަބްމެޝިން ބަޑީގެ އަޑު މަޑުވެގެން ދިޔައީ ބޮޑުފާލަންކައިރީ ދޯނި އޮއްވައި ފާލަމުގެ އެއްގަމުގައިވާ ސުވައިދީބު ސަރުކާރުގެ ދިދަ މޮހާލައި އެ ދިދަ ތިރިކޮށް ދިވެހި ދައުލަތުގެ ދިދަ ނެގުމުންނެވެ.

ތިނަދޫ އަތިރިމަތީގައި ހުރި ދިދަ ދަނޑިން ސުވައިދީބު ސަރުކާރުގެ ދިދަ ބާލައި ދިވެހިދައުލަތުގެ ދިދަ ނެގިއިރު އެތަނާއި ސާޅީހަކަށް ފޫޓު ކައިރީގައި ބަޑިޖަހާ ދޯނި އޮތެވެ. އޭރުވެސް ބަޑިޖަހައެވެ. އޭގެފަހުން ގިނައިރެއް ނުވެ އިބްރާހީމް ނާސިރު ތިނަދޫއަށް ފައިބައި ވާރުގޭ ކައިރިއަށް ވަޑައިގެން އިރުއޮއްސުމުގެ ކުރިން ރަށުގެ އެންމެން ރަށުން ފައިބައިގެން ދާން އަމުރު ނެރުއްވިއެވެ. އެއާއި ގުޅިގެން ރަށުތެރޭގެ އެކި ހިސާބުގައި އަޑުގަދަކުރާ އާލާތްތައް މެދުވެރިކޮށް ރަށުގެ އެންމެންނަށް އެއަމުރު އިއްވައި އެކަން ތަންފީޒުވެސް ކުރިއެވެ. އެތައްހާސް ބަޔަކު އުޅެމުން ދިޔަ ރަށެއް މިގޮތަށް ފަޅުކޮށްފައި ފޭބުނު ގޮތަކަށް ފައިބަން ނާސިރު އެންގިއިރު ނިކަމެތި އަންހެނުންނާއި ކުޑަކުދިން އަދި މުސްކުޅިންނާއި ބަލިމީހުންގެ މަތިން ހަމަކުޑަކޮށްވެސް ވިސްނައިލުމެއް ނެތެވެ.

ނާސިރުގެ އަނިޔާވެރިކަމުގައި މަރުވި މީހުންގެ ތެރެއިން ތިނަދޫ ލައިނޫފަރުމާގޭ ސަންފާ ނިޔައުވީ ގޮތް މިލިޔުމުގައި ބަޔާން ކުރެވިއްޖެއެވެ. އޭނާގެ އިތުރުން ތިނަދޫ އަބުހަރީގޭ ހުސައިން ތަކުރުފާނު ވެސް ނިޔައުވިއެވެ. ހުސައިން ތަކުރުފާނު ނިޔައުވީ ބޮޑުއަށިގެ ކައިރީގައި ހުއްޓައި ވަޒަނެއް އަރައިގެންނެވެ. ތިނަދޫ ފަހާގޭ ސައުދިއްޔާ ނިޔައުވީ ރަށުން ފައިބައިގެން ދިޔަ ބިރުވެރި ހިތްދަތިކަމުގެ ތެރޭގައި ހޮޑުލައި އެދުވަހުގެ އިރުއޮއްސުނު ފަހުން މާގޮޑެރެހާގައެވެ. އޭނާ ވަޅުލެވުނީ އެރަށުގައެވެ. ހުދުވިލާގޭ ހުސައިން ހަސަންދީދީ ނިޔައުވީ ރަށުން ފައިބައިގެން ދިޔަ ބިރުވެރި ހިތްދަތިކަމުގެ ތެރޭގައި ހޮޑުލައި އެދުވަހުގެ އިރުއޮއްސުނު ފަހުން މާގޮޑެރެހާގައެވެ. އޭނާ ވެސް ވަޅުލެވުނީ އެރަށުގައެވެ. އަތަމާގޭ މަރިޔަމްދިޔެ ނިޔައުވީ ރަށުން ފައިބައިގެން ދިޔަ ވަގުތުގެ ބިރުވެރި ހިތްދަތިކަމުގެ ތެރޭ ހޮޑުލައި ހާލު ދެރަވުމާ ގުޅިގެން އެހީތެރިވާނެ އަޅާލާނެ ފިރިހެނަކުނެތި ކާޑެއްދޫގައެވެ. އޭނާ ވަޅުލެވުނީ އެރަށުގައެވެ. މަރިޔަމްދިޔެ ނިޔައުވެ އެތައް ގަޑިއެއްވީ އިރުވެސް މަންމަ އެވަނީ ނިޔައުވެފައި ކަން އޭނާގެ ކުޑަކުޑަ ކުދިންނަކަށްވެސް ނޭގެއެވެ. (ނުނިމޭ)
                        ----------------------
ލިޔުއްވީ: ގަދަ ކަލޭގެފާނު