
މުހައްމަދު އަމީނުގެ ހަވާނަފުސުގެ ޖުމްހޫރިއްޔާ ޒާތެއްގެ ބަގާވާތަކާއި ޚިޔާނާތުގެ އަމަލުތަކަކަށްފަހު ނިމިގެން ދިޔައިމާ ދެން ރާއްޖޭގައި ގާއިމުކުރީ ފާޑެއްގެ ގާނޫނީ ރަސްކަމެކެވެ. ދުސްތޫރެއް އޮވެފައި އެދުސްތޫރުގެ ދަށުން ހިންގާ ވެރިކަމެކެވެ. އެގޮތުން ރަމްޒީ ރަސްކަލެއްގެ ގޮތުގައި މުހައްމަދު ފަރީދު ހުންނަވާފައި ސަރުކާރު ހިންގަވާ ވެރިޔަކީ ބޮޑުވަޒީރު ކަމުގައި ހަމަޖެހި ބޮޑުވަޒީރަކީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ މީހަކަށް އޮތީ ހަމަޖެހިފައެވެ. ފުރަތަމަ ބޮޑުވަޒީރަކަށް 1954 ގައި އައްޔަން ކުރެވުނީ އެއްގަމުގޭ ތުއްތު އަލިދީދީގެ ސީދީ ނުވަތަ އިބްރާހިމް އަލި ދީދީއެވެ.
ބޮޑުވަޒީރު
އިބްރާހިމް އަލި ދީދީ ނިސްބަތްވެ ވަޑައިގަންނަވަނީ ދިޔަމިގިލީ ޚާންދާނާއި އަދި ހުރާގޭ
ޚާންދާނަށެވެ. ނަމަވެސް ހުރާގޭ ޚާންދާނުގެ ރަސްލައިނުގެ ގޮތްޕަކަށް ނޫނެވެ. މި
އިބްރާހިމް އަލިދީދީގެ ބައްޕަ އެއްގަމުގޭ އަލި ދީދީއާ ދިމާލަށް އަތިރީގޭ
އިބްރާހިމް ދޮށިމޭނާކިލެގެފާނު ވިދާޅުވި ބަސްފުޅެއް މަޝްހޫރުވެފައި އޮވެއެވެ.
އެބަސްފުޅަކީ ތިމަންނާގެ ދަރީން އިނގިރޭސި ކިޔެވިޔަސް ކަލޭގެ ދަރީންނަށް
އިނގިރޭސިއެއް ނުކިޔެވޭނޭ ކަމުގައެވެ. މިބަސް ވިދާޅުވެފައި ވަނިކޮށް ދާދި
ތުއްޕުޅުއިރު އޮޑިކަނޑުއްވައިގެން ފިއްލަވައިގެން އިބްރާހިމް އަލިދީދީ ސިލޯނަށް
ވަޑައިގެން ކިތަންމެ ރަނގަޅަކަށްވެސް އިނގިރޭސި އާއި އިނގިރޭސި ތައުލީމު ހުންނެވީ
އުނގެނިވަޑައިގެންނެވެ. ތަޚުތުގައި އިބްރާހިމް ދޮށިމޭނާކިލެގެފާނަށް ކާފަ ވިދާޅުވާ
މުހައްމަދު ފަރީދު އިންނެވިކަމުގައި ވިޔަސް އިލްމީގޮތުން އުހުގައި ހުންނެވީ
އެއްގަމުގޭ އިބްރާހިމް އަލި ދީދީއެވެ.
ނާސިރު
ބޮޑުވަޒީރުކަމަށް ވަޑައިގަތުން
ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައިވެރިކަމުގެ ބައްޓަމަކީ ރައްޔިތުން ފެލައިގެން ރައްޔިތުންނަށް އަނިޔާވެރިވެގެން ބޮޑުން އުފަލުގައި އުޅުމެވެ. ދުނިޔޭގެ އޮޔާއިވައި ދެނެގަނެ ދުނިޔޭގެ ގައުމުތަކާއި ގުޅުން ބަދަހިކޮށް ޚާރިޖީ ސިޔާސަތެއް ބައްޓަންކުރުމުގެ ވިސްނުމެއް ނެތެވެ. ގުޅުން ބަހައްޓަން އެގެނީ އިނގިރޭސި ދައުލަތާއެވެ. އެވެސް ތިމާމެންގެ އަމިއްލަ ވެރިކަން ދެމެހެއްޓުން ނޫން އެހެން މަގުސަދެއް އެކުލެވޭ ގުޅުމެއް ނޫނެވެ. އިނގިރޭސިން ކަމަކަށް ބޭނުންވެއްޖެނަމަ އެކަމެއްގެ އެކޮޅުމިކޮޅު ބަލައި ގައުމުގެ ނައު އޮމާން ދުވެއްޔެއްގައި ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތްތާގައި ހުނަރެއްވެސް ނެތެވެ. ދުނިޔޭގެ އޮޔާއި ވައި ބަދަލުވެ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ބަދަލުވެފައި އޮތް ދުނިޔޭގެ މަސްރަހުގައި ދިވެހި ދައުލަތުގެ އަމާޒަކީ ކޮބައިކަމެއްވެސް ކަނޑައެޅިފައި ނެތެވެ.
މިހާލުގައި
ތިއްބައި އިނގިރޭސި ސިފައިން އައްޑުއަތޮޅުގައި ދާއިމީ ސްޓޭޖިން ޕޯސްޓެއް
ގާއިމްކުރަން ބޭނުންވެއްޖެއެވެ. މިކަމަށް ބޭނުންވީ ސިލޯނުގެ ޓްރިންކޮމަލީ އާއި
ކަޓުނާޔަކާގައި އިނގިރޭސި ސިފައިން ތިބުމުގެ އެގްރީމަންޓު އާކުރަން ސިލޯނުގެ
އޭރުގެ ބޮޑުވަޒީރު ބަންޑާރަނައިކަ ދެކޮޅު ހެއްދެވުމުންނެވެ. މިވާހަކަ ރާއްޖޭގެ
ބޮޑުވަޒީރު އިބްރާހިމް އަލިދީދީއާ ދައްކައިލުމުން މި ދީދީ މިކަމަށް
އެއްބަސްވެވަޑައިގެން ސަތޭކަ އަހަރު ދުވަހަށް އައްޑޫ ގަން އިނގިރޭސިންނަށް ދެހާސް
ޕައުންޑަށް ކުއްޔަށް ދިނުމުގެ އެގްރިމަންޓެއްގައި ސޮއިކުރައްވައިފިއެވެ.
މިމައްސަލަ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ހޫނުވެއްޖެއެވެ. އޭރު ވެލާނާގޭ
އިބްރާހިމް ނާސިރަކީ މާލޭގެ ގިނަ ޒުވާނުން ކޮންޓްރޯލްކުރައްވައިގެން ހުންނެވި
ޒުވާން ވަޒީރެކެވެ. މައްސަލައިގެ އަސްލަކީ ކުލި ކުޑަކަމާއި މުއްދަތުގެ ދިގުކަމެވެ.
ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުގައި މިޒުވާބު ވަރުގަދަވުމުން އިބްރާހިމް އަލި
ދީދީ މަޖުބޫރީ ހާލަތެއްގައި 1957 ގައި އިސްތިއުފާ ދެއްވައިފިއެވެ. ދެން
ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނީ ޒުވާން ވެލާނާގޭ އިބްރާހިމް ނާސިރެވެ.
މީނާއަކީ ހުރަވީ ޚާންދާނުގެ އިތުރަށް ދިޔަމިގިލީ ޚާންދާނުގެ ވެސް ބޭފުޅެކެވެ.
މަޝްހޫރު ގޯދީރާޖާގެ ކާފަ ދަރިކަލެކެވެ.
ނާސިރާއި
އިނގިރޭސިން މުޑިއެރުން
ނާސިރަކީ މިޒާޖުގައި ވެސް އަދި ސިޔާސަތުގައިވެސް ވަރަށް ހަރުކަށި ބޭފުޅެކެވެ. ދާޚިލީ ކަންކަމުގައި ނުވަތަ ރައްޔިތުން އޮބަހައްޓައިގެން ގެންގުޅުމާއި އިގްތިސާދު މުށުތެރެއަށް ލުމުގައި ހަރުކަށިކަން ދެއްކެވުމުގެ އިތުރަށް އައްޑޫ ގަމާއި ހިތަދޫގެ މާމެންދޫއޭ ކިޔުނު ސަރަހައްދުގެ މައްސަލައިގައި އިނގިރޭސިންނާމެދުވެސް ނާސިރު ގެންގުޅުއްވީ ހަރުކަށިކަމެވެ. ޑިޕްލޮމަސީގެ ކަންފުޅެއްވެސް ނެތެވެ. ދިވެހިރައްޔިތުން ބިރުގަންނަވައިލެވޭ ގޮތަށް އިނގިރޭސިންވެސް ބިރުގަންނާނެ ކަމަށް ނާސިރު ހީފުޅުކުރެއްވީ ތޯއްޗެކެވެ. އިބްރާހިމް އަލި ދީދީ ސޮއިކުރެއްވި އެގްރިމެންޓަށް އަމަލު ނުކުރެވޭނެ ކަމަށް ނާސިރު އަންގަވައިފިއެވެ. ގަމުގައި އެއަރޕޯޓެއް ނުހެދޭނެކަމަށްވެސް އަންގަވައިފިއެވެ. އިނގިރޭސިން މިއަޑެއް ނޭހިއެވެ. އިނގިރޭސިން ދެން ބެލީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ގަމުގައި ސްޓޭޖިން ޕޯސްޓެއް ގާއިމުކޮށް ނިންމައިލެވޭނެ ގޮތެކެވެ.
ސުވާދީބު
ދައުލަތް އުފެދުން
ސުވާދީބަކީ އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫ އެކުވެގެން އުފެދުނު ވަކި ދައުލަތެކެވެ. މިދައުލަތް އުފެދުނީ 1 ޖެނުއަރީ 1959 ގައެވެ. ރަސްމީ ގޮތުން ނިމުނީ 23 ސެޕްޓެމްބަރު 1963 ގައެވެ. މި ދައުލަތެއް އުފެދުމުގެ ސިއްރަކީ މާލޭ ސަރުކާރުގެ ސިޔާސަތެވެ. ނާސިރުގެ ހަރުކަށިކަމާއި އަނިޔާވެރިކަމެވެ. ދެން އިނގިރޭސިންގެ އަމިއްލަ ބޭނުންތަކެވެ. ބޭއިންސާފު ޓެކްސްތައް ގިނަކުރުމާއި އުޅެވޭން ނެތްވަރަށް ޓެކްސް ބޮޑު ކުރުމަކީ މައިގަޑު ސަބަބެވެ.
ހަސަން
ފަރީދާއި މުހައްމަދު އަމީނުގެ ޒަމާނުގައި ކަންތައް ކުރެއްވި ގޮތުން ކުރީއްސުރެވެސް
ދެކުނުގެ ތިން އަތޮޅުގައި އޮތީ ނުތަނަވަސްކަން އުފެދިފައެވެ. ފަހުން ނާސިރު
ވަޑައިގެން ގެންގުޅުއްވަން ފެއްޓެވި ސިޔާސަތުގެ ސަބަބުން އިހުނަށްވުރެ ވޭންތައް
އިތުރުވެއްޖެއެވެ. އެހެންވީމާ ގަމުގެ މައްސަލަ އާއި އެނޫންވެސް ސަބަބުތަކަށްޓަކައި
އިނގިރޭސިންވެސް ހިތްވަރު ދީގެން ހިތަދޫ އަފީފު ދީދީ އިސްވެ ހުންނަވައި ސުވާދީބު
ދައުލަތް އުފައްދަވައިފިއެވެ. ދެކުނުގެ އަތޮޅުތަކުގެ މީހުންނަކީ އެވޭލާ ޒަމާނުއްސުރެ
އަމިއްލަ އޮޑިފަހަރުގައި ބޭރަށް ދަތުރުކޮށް އަމިއްލަ އިގްތިސާދު އަމިއްލައަށް
ބައްޓަންކޮށްގެން އުފަލުގައި އުޅުނު ބައެކެވެ. ހަސަން ފަރީދާއި މުހައްމަދު އަމީނު
އޮތީ މިކަންތައް އެކޮޅުކޮޅުން ޖައްސަވައިފައެވެ. ނާސިރު ވަޑައިގެން އިހުނަށްވުރެ
ޓެކްސް ބޮޑު ކުރައްވައިފިއެވެ. ލިބޭ އެއްޗަކަށްވުރެ ދައުލަތަށް ދައްކަން ޖެހޭ ބައި
އޮތީ ބޮޑުވެފައެވެ. ރައްޔިތުން ރުޅިވެރިކަމުގައި ތިއްބާ އިނގިރޭސިން މިދޭތެރެއަށް
ވަދެ ވަކިދައުލަތެއް ހަދާށޭ އަންގައި މިކަން ކުރުވައިފިއެވެ.
ސުވާދީބު
ދައުލަތް އުފެދުމުން އަފީފު ދީދީގެ ވެރިކަމުގެ ކިއްލާއަކީ ހިތަދޫއެވެ. ސުވާދީބުގެ
ވެރިރަށަކީ ހިތަދޫ އެވެ. އެކަމަކު މަރަދޫގައި ރަތްވިލާގެ ހުރެއެވެ. އެތަނާ ދޭތެރޭ
އަފީފު ދީދީ އާއި ސުވާދީބުގެ ވެރިން ބައްލަވަނީ ނަފުރަތުގެ ނަޒަރަކުންނެވެ.
އެކަމަކު ތަޅައެއް ނުލައެވެ. ރަތްވިލާގެ ހިމެނުނީ މާލޭ ސަރުކާރުގެ އަނިޔާވެރިކަން
ރަމްޒުކޮށްދޭ ތަނެއްގެ ގޮތުގައެވެ. އެހެންވާން ޖެހުނު ގޮތަކީ ހަސަން ފަރީދާއި
މުހައްމަދު އަމީނުގެ އޯޑަރަށް ހިތަދޫ މީހުން ބަނދެގެން މަރަދޫއަށް ގެންދިއުމާއި
ރަތްވިލާގެއަކީ އެއަދަބުތައް ފެށުމުގެ މަރުކަޒު ކަމަށް ވުމުންނެވެ. (ނުނިމޭ)
-----------------
ލިޔުއްވީ:
"ގަދަ ކަލޭގެފާނު"