އާދަނުގެ ބައްޕަގެ
މުސްކުޅިގެއާއި އެގޯތީގައިވާ އެންމެހައި ތަކެތި ޝަރުޢީ ހަމަތަކާ އެއްގޮތަށް ވާރިސުންގެ
މެދުގައި ބެހުމަށް ނިންމައިފައި ވަނިކޮށް، ފާރުތައް ކަނޑައިއުޅޭ ކަހަލަ ކަރަންޓު ކީހެއް
ހިފައިގެން ގޮސް "މިއީ މަގޭބަޔޭ" ކިޔައިގެން އާދަނުގެ ބައްޕަގެ މުސްކުޅިގޭގެ
ބިތްގަނޑެއް ކީހަން ސިހުރޭ (ސާޙިރު) ފަށައިފިއެވެ.
(މިސާޙިރަކީ އާދަނުގެ (އެއްބަނޑުއެއްބަފާ)
ބޭބެ ބަކުރުބެ ގެންގުޅެ ބޮޑުކުރި ކުއްޖެކެވެ. ބަކުރުބެ އެކަންކުރީ ސާހިރު ވަރަށްކުޑައިރު
އޭނާގެ ބައްޕަ ނިޔައުވީމާ އެބައްޕައާއި ބަކުރުބެއާއި އޮންނަ ރައްޓެހިކަމަށްޓަކައެވެ.
އެއީ ތިމާގެ ބަޔެއްނޫނެވެ. އެދުވަހުއްސުރެ ބަކުރުބެ ބޭރު ދަތުރުކުރަން ފެށިތާވެސް އަހަރުތަކެއް
ވަންދެން ބަކުރުބޭގެ ގޭގައި ސާހިރު ހުރެފައި އޭނާ މާލެދިޔައީ ދިވެހިރާއްޖެއަށް ޑިމޮކްރަސީ
ލައްގައި އޭތީގެ ބަނޑުން ފުލުފުލުން ޕާޓީތައް ވިހަން ފެށުމުންނެވެ. މިހާރު ސާހިރަކީ
އޭގެތެރެއިން ކޮންމެވެސް ޕާޓީއެއްގެ ގްރާސްރޫޓޭ ކިޔާ ރޫޓެއްގެ ނުހަނު އަޑުގަދަ ނުލަފާމީހެކެވެ.
ޕާޓީތަކުގެ ޙަރަކާތާއި އެތަންތަނުގެ ގޮތްބާވަތް ދަންނަ އެންމެންގެ މެދުގައި މަޝްހޫރުވެފައިވާ
"ސިހުރޭ"އެވެ.)
ބޮޑުކީހެއް ހިފައިގެން ސާހިރު ގޮސް އާދަނުގެ ބައްޕަގެ މުސްކުޅިގޭގެ ބިތްގަނޑުތައް ކީހަމުންދާ ޚަބަރު ލިބިގެން އާދަނު އަވަސްއަވަހަށް އެތަނަށް ގޮސް "ސާހިރު ތިކުރަނީ ކީއްހޭ، މިގެއާއި ގޯތި ބެހުމުގެ ކަންތައް ކޯޓަށް ހުށަހަޅަން އުޅޭކަން ނޭނގެނީހޭ" އެހުމުން ވަރަށް ނުރުހިފައި ސާހިރު ބުންޏެވެ.
ބޮޑުކީހެއް ހިފައިގެން ސާހިރު ގޮސް އާދަނުގެ ބައްޕަގެ މުސްކުޅިގޭގެ ބިތްގަނޑުތައް ކީހަމުންދާ ޚަބަރު ލިބިގެން އާދަނު އަވަސްއަވަހަށް އެތަނަށް ގޮސް "ސާހިރު ތިކުރަނީ ކީއްހޭ، މިގެއާއި ގޯތި ބެހުމުގެ ކަންތައް ކޯޓަށް ހުށަހަޅަން އުޅޭކަން ނޭނގެނީހޭ" އެހުމުން ވަރަށް ނުރުހިފައި ސާހިރު ބުންޏެވެ.
"މާލޭގައި
ހުރެފައި މިރަށަށް މިއައީ އެކަން އެނގިގެން މިގެއިން މަށަށްވީ ބައި ވަކިކޮށް އަތުލުމަށެވެ.
މަގޭ ބައްޕަ މަރުވިނަމަވެސް ބަކުރުބެ އޭނާގެ ގެއަށް އަހަރެން ނުގެނައިނަމަ މަގޭ މައިންބަފައިންގެ
ގެ ހުރީހެވެ. އެ ގެ ހަލާކުވެދިޔައީ އެގޭގައި އަހަރެން ނެތުމުގެ ސަބަބުންނެވެ. އެހެންވީމާ
ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް މިގެއިން ބަކުރުބެއަށް ލިބެންޖެހޭ ބަޔެއް ލިބެންޖެހޭނީ
އަހަންނަށެވެ. އެނޫން އެހެން އެއްވެސްގޮތެއް ނޯނާނެއެވެ."
ސާހިރުގެ ރުންކުރު ހަރުކަށި ޖަވާބު އަޑުއެހީމާ އާދަނަށްވެސް ވާންވީގޮތެއް ވާނެތާއެވެ. އާދަނު ބުންޏެވެ.
ސާހިރުގެ ރުންކުރު ހަރުކަށި ޖަވާބު އަޑުއެހީމާ އާދަނަށްވެސް ވާންވީގޮތެއް ވާނެތާއެވެ. އާދަނު ބުންޏެވެ.
"މީހެއްގެ
ވާރުތަމުދަލަކީ އެމުދަލެއް ޙައްގުނުވާ މީހަކަށް އިސްލާމީ ޝަރުޢީހަމަތަކާ އެއްގޮތަށް
އިންޞާފުގެ މަގުން ލިބޭނޭ އެއްޗެއްކަމެއް ނުދެނެހަރީމެވެ. އެކަމަކު ތިޔައީ ޖާހިލިއްޔަ
ޒަމާނުގެ ބައެއް ޤަބީލާތަކުގެ ބަޔަކު ކޮށްއުޅުނު ކަމެކެވެ. ކޮންމެ ގަދަމީހަކު އެއަށްވުރެ
ބަލިމީހާގެ މައްޗަށް ގަދަވެގަނެ އެމީހާގެ މުދަލާއި އަނބިދަރީންނާއި ގޯތި ގެދޮރާއިވެސް
ނެގިއެވެ. އެހެންވީމާ ޑިމޮކްރަސީގެ ނަމުގައި މިރާއްޖޭގައި މިއޮތީ ޖާހިލިއްޔަ ޒަމާނުގެ
ޤަބީލީ ހަމަތައްކަމަށްވާ ނަމަ މުޅި މި ގެ ވެސް ކީހާލައިގެން ބޭނުންތަނެއް ބޭނުންވަރަކަށް
ސާހިރަށް އަތުލެވިދާނެއެވެ. އެކަމަކީ މިގޭގެ ޝަރުޢީ ވާރިސުން ނުރުހޭކަމެއް ނަމަ ސާހިރުގެ
ޕާޓީ ކުދިންކޮޅެއް ފޮނުވައިގެން ޑިމޮކްރަސީގެ އިމުގެތެރެއިން އެއިމުން ބޭރުނުވެ އެވާރިސުންނަށް
ބިރުދައްކައި އެމީހުންގެ އަނގަމަތީ ޓޭޕް އެޅުވީމާ އެއޮތީ ނިމިފައެވެ.
އެކަމަކު ސާހިރު
ދަންނަންޖެހޭ ކަންކަމެއް އެބަހުއްޓެވެ. ޑިމޮކްރަސީއޭ ކިޔައިގެން މުޅި މުޖުތަމަޢު ބައިބައިކޮށް
ފަސާދަވެއްޖެއެވެ. މައިންބަފައިންނާއި ދަރިންނާއި އަޚުން އުޚުތުން އެކަކު އަނެކާގެ
މައްޗަށް ކުލުނެއް އަޅާލުމެއްނެތް ހިސާބަށް ހިނގައްޖެއެވެ. ދީނޭ ގައުމޭ ރައްޔިތުންނޭ
ޑިމޮކްރަސީއޭ ޕާޓީއޭ ކިޔައިގެން މިއުޅޭ ގިނަބަޔަކު އެ ބަލަނީ އެމީހުންނާއި އަދި އެމީހުންނާއި
ގުޅިފައިވާ މަދު ބަޔެއްގެ ކުރިއެރުމާއި އަމިއްލަފައިދާއަށެވެ. އަމިއްލައެދުމާއި އަމިއްލަ
މަޞްލަޙަތަށެވެ. މިކަންކަން ހުރީ މިބުނިގޮތަށް ނޫންތޯ އަޅެ ސާހިރުމެންނަށް ދެއްވައިފައިވާ
ބުއްދިން ވިސްނައި ފިކުރުކޮށްލިއްޔާ ދެރަވާނެހެއްޔެވެ. ތިޔައީވެސް އާދަމުގެ ދަރިއެކެވެ.
އާދަމުގެ ދަރިން މިދުނިޔެއަށް ފޮނުއްވާފައިވަނީ އެމީހުން ހިތަށްއެރި ގޮތަކަށް ހިތަށްއެރި
ކަމެއްކޮށް ދުނިޔެ ތަޅައި ތިރިއަރުވާލައިފައި ދާންހެއްޔެވެ. އެގޮސް ދެން ވަންނާނީ ކޮންތާކަށްހެއްޔެވެ.
އެދުވަހަކުން ދީނޭ ގައުމޭ ރައްޔިތުންނޭ ޑިމޮކްރަސީއޭ ޕާޓީއޭކިޔައިގެން މިދުނިޔޭގައި
އުޅުނު ލުއްޗާކަމާއި ހެދި މަކަރާއި ފޮރުވޭނެހެއްޔެވެ."
އާދަނުގެ ވާހަކަ
މުޅިން ނުނިމި އުޅެނިކޮށް ކީސްބާއްވާފައި ސާހިރު އައިސް އާދަނުގެ ގާތުގައި ބުންޏެވެ.
"ބޭބެއެވެ. ބޭބެދެއްކީ ރަނގަޅުވާހަކައެވެ. އަހަރެންލައްވައި މިކަންކުރުވަން އުޅުނީވެސް
ބަޔެކެވެ. އެމީހުން ބޭނުންވީ ބޭބެއަށް ދެރަދީ ބޭބެ ރުޅިއަރުވައިލުންހެން މިހާރު އެބަ
ހީވެއެވެ. އެއީ ބޭބެއަކީ އެމީހުންގެ ޕާޓީ ފިކުރުގެ މީހަކަށްނުވާތީއެވެ. އަހަރެންގާތު އެމީހުން ބުނެފައިވަނީ ނުލަފާކަން ދައްކައި
މިކަހަލަ ކަންތައްގަނޑެއް ހިންގާލީމާ ބޭބެމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެކަމަށެވެ.
އަދި މިކަން އެއަށްވުރެ މައްޗަށް ގެންދަންވެސް ނުކެރޭނެކަމަށެވެ. އެމީހުންގެ ބަހަށް
ހެއްލިގެން މިކުރެވުނު ގޯސް ވިޔާނުދާ ކަންތަކަށް އަހަންނަށް މާފުކުރާށެވެ."
ތެދެކެވެ. ޑިމޮކްރަސީގެ
ނަމުގައި މިރާއްޖޭގައި މިއޮތީ ޖާހިލިއްޔަ ޒަމާނުގެ ޤަބީލީ ހަމަތައްކަމަށްވާ ނަމަ މުޅި
އެ ގެ ވެސް ކީހާލައިގެން ބޭނުންތަނެއް ބޭނުންވަރަކަށް ސާހިރަށް އަތުލެވިދާނެއެވެ. އެކަމަކީ
އެ ގޭގެ ޝަރުޢީ ވާރިސުން ނުރުހޭކަމެއް ނަމަ ސާހިރުގެ ޕާޓީ ކުދިންކޮޅެއް ފޮނުވައިގެން
އެބުނާ ޑިމޮކްރަސީއެއްގެ އިމުގެތެރެއިން އެއިމުން ބޭރުނުވެ އެ ވާރިސުންނަށް ބިރުދައްކައި
އެމީހުންގެ އަނގަމަތީ ޓޭޕް އެޅުވީމާ އެ އޮތީ އެ ކަން ނިމިފައިތާއެވެ. އެހެނީ ދިވެހިރާއްޖެ
މިދެކެނީ ނަމޫނާ ޑިމޮކްރަސީއެއް ވިއްޔާއެވެ. ނަމޫނާއަކީ ޙަގީގަތެއް ނޫނިއްޔާއެވެ.
-------------------------
ލިޔުނީ:ޢަބްދުﷲ ޙަސަން/ ހުޅުދުމައިގެ