ސިޔާސީ ހަށިވިއްކުމަކީ ޖިންސީގޮތުން ހަށިވިއްކުމާއި އެއްގޮތްކަމެއް ނޫނެވެ. ސިޔާސީ ހަށިވިއްކުން މާނަކުރެވިދާނެ އެންމެކުރު ގޮތަކީ ފައިސާއާއި ތަކެއްޗާއި ދުނިޔޭގެ އެދުންތަކަށް ތިމާގެ ނަފުސު ވިއްކައިލުމެވެ. ސިޔާސީ ހަށިވިއްކުމުގެ މުބާރާތަކީ ސީދާ ލަޢުނަތްލެއްވި ބޮޑު އިބްލީސް އިންތިޒާމްކޮށް އޭނާގެ އިންސާނީ އަޢުވާނުންލައްވައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ މުބާރާތަކަށްވުމުން މިމުބާރާތުގައި ހިނގަމުންދާނެ ކަންތައްތަކަށް އޮތީ ހަމައެކަނި އީމާންތެރި ވިސްނުމަކުން ވިސްނައިލުމެވެ.
ބަރަކާތްތެރި ރަމަޟާން
މަހަކީ ޝައިޠާނުން ކަސްތޮޅުއެޅި އެބައިމީހުންގެ ދުއްތުރާ މުސްލިމުންނަށް ނުފޯރާނޭ މަތިވެރި
މައްސަރަކަށް ވާތީ ރަމަޟާން މަސް އައުމުގެކުރިން އެ މައްސަރުގެ އިތުރު ދުވަސްތަކާއި
ރޭތަކުގައި މި މުބާރާތުގެ އެކިއެކި އިވެންޓްތައް ދިވެހިރާއްޖެއާއި އަދި ރާއްޖޭގެ މީސްމީހުންއުޅޭ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބޭއްވޭނޭ އިންތިޒާމް އިބްލީސް ވަނީ ހަމަޖައްސާފައެވެ.
މިކަމުގައި އިބްލީހަށް އެހީތެރިވެދެނީ ދުނިޔޭގެ ދަހިވެތިކަމާއި އަމިއްލައެދުމާއި މަކަރުވެރިކަމާއި
އޮޅުވައިލުން އިންތިހާއަށް ގޮސްފައިވާ އިންސާނުންގެ ތެރެއިން ބަޔެކެވެ.
ލަޢުނަތްލެއްވި އިބްލީސް އިންތިޒާމްކޮށްފައިވާ ސިޔާސީ ހަށިވިއްކުމުގެ މުބާރާތް – 2013 ހިންގައިދިނުމުގައި އިބްލީހަށް އެހީތެރިވާ އޭނާގެ އިންސާނީ އަޢުވާނުންނަކީ މިބައިމީހުން ހައްދަވައި ބޮޑުކުރެއްވި ﷲ ސުބްޙާނަހޫ ވަތަޢާލާ މިބައިމީހުންނަށް ދެއްވި އަގުހުރި ނިޢުމަތެއްކަމަށްވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްވުރެ ޝައިޠާނާގެ މަދަދާއި އެހީތެރިކަމާއި ދުނިޔެވީ އެދުންތަކަށް ގޮސް ހުސްވެފައިވާ ބަޔެކެވެ.
ލަޢުނަތްލެއްވި އިބްލީސް އިންތިޒާމްކޮށްފައިވާ ސިޔާސީ ހަށިވިއްކުމުގެ މުބާރާތް – 2013 ހިންގައިދިނުމުގައި އިބްލީހަށް އެހީތެރިވާ އޭނާގެ އިންސާނީ އަޢުވާނުންނަކީ މިބައިމީހުން ހައްދަވައި ބޮޑުކުރެއްވި ﷲ ސުބްޙާނަހޫ ވަތަޢާލާ މިބައިމީހުންނަށް ދެއްވި އަގުހުރި ނިޢުމަތެއްކަމަށްވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްވުރެ ޝައިޠާނާގެ މަދަދާއި އެހީތެރިކަމާއި ދުނިޔެވީ އެދުންތަކަށް ގޮސް ހުސްވެފައިވާ ބަޔެކެވެ.
މިބައިމީހުންނަކީ މިބައިމީހުން ދުނިޔެއަށް އައި ނައިގޮތަކާއި ދުނިޔެއިން އެނބުރިދިޔުން އޮތީ ކޮންތާކަށްކަމާއި އެތާނގައި އޮތީ ކޮންކަމެއް ކިހިނެއްކަމެއް އެނގިގަތުމަށް ކުޑަކޮށްވެސް ބޭނުންނުވާ ބަޔެކެވެ. ނޫންނަމަ ތިމާމެންގެ ފާސިދު އަދި ބާޠިލް ނުބައިކުރެއްވި ގޮތްގޮތް ދޫކޮށްލައި ހެޔޮކަމުގެ މަގަށް އެނބުރިގަތުމަށް މިފަދަ މަތިވެރި މާތް މައްސަރެއްގައި އުޅުނީހެވެ. ސިޔާސީ ހަށިވިއްކުމުގެ މުބާރާތް – 2013 ގައި އެންމެފޯރީގައި އިބްލީސް ހިންގުވާ އިވެންޓްތަކުގެ ތެރެއިން ފާހަގަކުރެވޭ ބައެއް ކަންކަމަށް ބަލައިލާނަމެވެ.
1- ސިޔާސީ
ގުޅަމަތިހިފުން
މިހާތަނަށް ދިވެހީންދަންނަ
ގުޅަމަތިހިފުމަކީ ހިފުމުގެ ހެވިކަން ދައްކައިދޭ ފިރިހެނުންގެ ކުޅިވަރަކަށްވީ ނަމަވެސް
ބޮޑު އިބްލީސް އިންތިޒާމްކޮށްގެން މިހާރު ހިނގަމުންދާ "ސިޔާސީ ހަށިވިއްކުމުގެ
މުބާރާތް – 2013" ގެ ސިޔާސީ ގުޅަމަތިހިފުމުގައި ބައިވެރިވާ އަންހެނުންގެ ޢަދަދު
ވަކި މަދެއްނޫނެވެ. މީގެތެރޭ އެކަކު އަނެކަކާއި ޒުވާބުކޮށް ހަޑިހުތުރު އެއްޗެހި ގޮވައި
ގަޔަށްއަތްލާ ހިސާބަށްވެސް މިބައެއްގެ ރުޅިވެރިކަން އެބަ ދެއެވެ. ބައެއް އަންހެނުންގެ
ރުޅިވެރިކަން ގަދަވެގެން ގޮސް ރޯމާދުވާލު އެބައިމީހުން ތިބި ރޯދައިގެ އަޅުކަމުގެމަތިން
ހަނދުމަނެތި "ކަލެއަށްވުރެ މަ ހުތުރީ ކޮންތަނެއް ކޮންގޮތަކަށްތޯ"
ގޮވައި އެބައިމީހުންގެ ލަޠީފީ ބައެއް ގުނަވަންތަކަށް އިޝާރާތްކުރާ ހިސާބަށްވެސް އެބަމީހުންގެ
ކެތްތެރިކަމާއި ބުއްދި އެބައިމީހުން ދޫކޮށް އެބަ ދެއެވެ.
2- ސިޔާސީ
ބަނޑުމުސާރައަށް ބެއްދުން
މިހާތަނަށް ދިވެހީން
ދެކިފައިވާ ބަނޑުމުސާރަށް ބެއްދުމަކީ ކުޅިވަރެކެވެ. އޮޅުލުމުގެ ވައްތަރެކެވެ. ބޯ ނުޖައްސައި
މެދުހަށީގައި ބައްދައިގެން ހިފާ ހިފުމެކެވެ. ނަމަވެސް މިހާރު
ފެންނަމުންދާ ސިޔާސީ ބަނޑުމުސާރައަށް ބެއްދުމަކީ ބެއްދުމުގެ ކުޅިވަރަކަށް ނުވެއެވެ.
މިހާރުފެންނަ ސިޔާސީ ބަނޑުމުސާރައަށް ބެއްދުމުގައި ދެޖިންސުގެ ބަޔަކުވެސް އޭގައި ބައިވެރިވެ
އެކަކު އަނެކަކާއި ޒުވާބުކޮށް "ކަލެއަށްވުރެ މަ ވަކި ދެރަނުވާނެއޭ މަގޭފަރާތުގައި
މަގޭ ބާރުގެދަށުގައި މިތައްގަނޑު ވޯޓް އޮންނާނެއޭ" ގޮވައި ޙިމާރުގެއަޑުން
ހަޅޭއްލަވައި ގަޔަށްއަތްލައި އެކަކު އަނެކާގެ ގައިގައި ޖެހިޖެހީނުން ދެތިންތަނެއް ދުޅަކޮށްލާތަން
އެބަ ފެނެއެވެ.
3- ސިޔާސީ
ވަތަކުތޯ ޖެހުން
މިއީ ތަންކޮޅެއްކުރިން
ރާއްޖޭގައި ކުޅުނު ކުޅިވަރެކެވެ. މިއީ ޢަދާވަތްތެރިކަމާއި ޙަސަދައިގެ ބަދަލު ހިފުމުގެ
ހިފުމެއްނޫނެވެ. މީގެކުރިން ރާއްޖޭގައި ވަތަކުތޯ ޖެހުމަކީ ގަދަބައްޔަށް ހިފުމުގައި
އުކުޅަށް އަރުވައި ބަނޑުވަތަށް ޖެހުމެވެ. ދެމީހެއްގެ ދެމެދުގައި ކުރާކަމަކުން ނުވަތަ
ޒުވާބަކުން ތިމާއަށްވުރެ އަނެކަކު ދެރަކޮށްލުމަށް "ވަތަކުތޯޖެހުން" މިބަސް
ބޭނުންކުރެއެވެ. އެއީމަޖާޒީ ބަހެކެވެ. ނަމަވެސް ލަޢުނަތްލެއްވި ބޮޑު އިބްލީސް އިންތިޒާމްކޮށް
ދިވެހިރާއްޖޭގައި ބާއްވަމުންގެންދާ "ސިޔާސީ ހަށިވިއްކުމުގެ މުބާރާތް –
2013" ގެ ސިޔާސީ ވަތަކުތޯ ޖެހުމުގައި މިފެންނަނީ 2013 ގެ ރިޔާސީ އިންތިޚާބުގައި
ވާދަކުރާ ފަރާތްތަކަށްވުރެ ބޮޑަށް އެފަރާތްތަކަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އެކަކު
އަނެކެއްގެ އަބުރާއި ޢިއްޒަތް ކަތިލައި އެފަރާތްތަކުގެ އުނި ސިފަތަކުގެ ވާހަކަ އެކި
ތަންތާނގައި އެކި ރާގުގައި އަޑުގެނެތް ތަނަށް ގޮވައި ހަޅޭއްފަޅޭއްޖަހައި އުޅޭ ތަނެވެ.
މިބައިގައި ހިމެނޭ
މީހުންގެތެރެއިން މަތިހަށިނަގާފައި އުޅޭ އެންމެ އަޑުގަދަ ބަޔަކީ ޙަގީގަތުގައި އެމީހެއްގެ
އަމިއްލަ ވޯޓް ނޫން އެހެން އިތުރު ވޯޓެއްވެސް ލިބޭ ބަޔެއްނޫނެވެ. އަދި މިހެންމެ މި
ވޯޓަކީވެސް އެމީހަކު މިހާރު ތާއީދުކުރާ ފަރާތަކަށް ދެވިދާނެ ވޯޓެއްތޯ ނޫންތޯ މިކަމުގެ
ޔަގީން ކަށަވަރު ކަމެއްވެސް އެމީހަކަށް އޮތް ވޯޓެއްނޫނެވެ. އެހެނީ މާދަމާވެސް އެހެން
ފަރާތަކުން ދިއްކޮށްލާ ލާރިކޮޅަކަށް އެއްޗަކަށް އެފަރާތަކަށް ދިޔުމަކީ މިފަދަ މީސްމީހުންގެ
ކަށީގައި ހިފާފައިވާ ޢަޞްބީ ބަލިމަޑުކަމެކެވެ. މިފަދަ ގިނަ މީހުންގެ އަނބިންނަކީވެސް
އެމީހެއްގެ ފިރިމީހާ އުޅޭ ހަޑި ގޮތެއްފޮތެއް ނެތް ވިޔާނުދާ އުޅުމުގެ ސަބަބުން އެކަމާއި
ދެރަވެ ގާތް އަވައްޓެރިންގެ ގާތުގައިވެސް އެވާހަކަދައްކާ ބަޔެކެވެ. އަދި މިއިން މީހެއްގެ
ދަރިއަކު ހުރިނަމަ އެދަރިއަކީވެސް ބަފާ ހުރި ދިމާލެއްނޫން އެހެން ދިމާލެއް ނޫނީ ރަނގަޅު
ނުވާނެކަމަށް ބަލައިގެން އެދިމާލެއް ޚިޔާރުކުރާ ދަރިއެކެވެ.
ލަޢުނަތްލެއްވި
އިބްލީސް އިންތިޒާމްކޮށް ދިވެހިރާއްޖޭގައި މިހާރު ހިންގަމުންދާ "ސިޔާސީ ހަށިވިއްކުމުގެ
މުބާރާތް – 2013" ގެ އެކިއެކި އިވެންޓްތަކުން މިފެންނަ ކަންކަމަކީ ޚާއްޞަކޮށް
މާތްކަމާއި އިތުރުކަން ބޮޑު ރަމަޟާން މަހެއްގައި މުސްލިމުންގެ ތެރެއިން ފެނިގެންވާނެ
ކަންކަމެއްނޫނެވެ. ނަމަވެސް ހަލާކާއި ގެއްލުމުގެ ތެރެއަށް އަމިއްލަ ރުހުމުގައި ވަދެ
އޭގެތެރެއިން ނުކުންނަށް ބޭނުންނުވާ ބަޔަކުމީހުން އެފަދަގޮތެއް ޚިޔާރު ކުޅައުމަކީ ހިތާމަހުރި
ދެރަކަމެކެވެ.
މަތިވެރި ﷲ އެބައިމީހުންނަށް
ސީދާވެގެންވާ ތެދުމަގު ދައްކަވާށިއެވެ. އާމީން.
ނޯޓް:
މިއީ 30 ޖޫން 2013މ. ގައި "ގަލެހިރި" ގައި ލިޔެފައިވާ ލިޔުމެކެވެ.
-------------------------------
30 ޖޫން 2013މ.