އިބްރާހީމުގެފާނާއި ނަމްރޫދުގެ ޑިބޭޓްމާތް ﷲ، އެކަލާނގެ އަޅުތަކުންގެ ތެރެއިން ހަތަރު އަޅަކަށް، ރަސްކަމާއި، ދުނިޔޭގެ ޢިއްޒަތް މަތީ ދަރަޖައަކަށް ދެއްވި އެވެ. އެއީ ދެ މުއުމިނަކާއި ދެ ކާފިރެކެވެ. ދެ މުއުމިނުންނަކީ، ޛުލްޤަރުނައިނި ރަސްގެފާނާއި، ސުލައިމާނުގެފާނެވެ. ދެ ކާފިރުންނަކީ، ނަމްރޫދާއި ބުޚުތުނައްޞަރެވެ. މި ދެ ކާފިރުންގެ ތެރެއިން ނަމްރޫދަކީ، ކަލާނގެ ކަމަށް ދަޢުވާކުރި މީހެކެވެ. އޭނާގެ އެ ދޮގު ދަޢުވާ ބާޠިލުކުރެއްވީ ސަލާމްލެއްވި އިބްރާހީމުގެފާނެވެ. ހެތްކާއި ދަލީލު ދައްކަވައި، ނަމްރޫދުގެ ޖާހިލުކަމާއި، ބުއްދި މަދުކަން އެކަލޭގެފާނު ބަޔާންކޮށްދެއްވި އެވެ. އަދި އޭނާއަށް ސީދާވެގެންވާ ތެދުމަގަކީ ކޮބައިކަން ވެސް އަންގަވައިދެއްވި އެވެ.

މުފައްސިރުންނާއި ނަސަބުގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. ނަމްރޫދަކީ، ބާބިލުގެ އިހުގެ ރަސްކަލެކެވެ. އޭނާއަކީ، ނޫޙުގެފާނުގެ ދަރިކަލުން، ސާމުގެ ފުތް، ކޫޝްގެ ފުތް، ކަންޢާންގެ ފުތް، ނަމްރޫދެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އޭނާއަކީ، ނޫޙުގެފާނުގެ ދަރިކަލުން، ސާމުގެ ފުތް، އަރުފަޚުޝަޛުގެ ފުތް، ޞާލިޙުގެ ފުތް، ޢާބިރުގެ ފުތް، ފާލިޙުގެ ފުތް، ނަމްރޫދެވެ.

ނަމްރޫދު ވަރަށް ދިގު މުއްދަތެއް ވަންދެން ރަސްކަންކުރި އެވެ. އެކަމުގެ ސަބަބުން އޭނާގެ ބޮޑާކަމާއި، ކިބުރުވެރިކަމާއި، ޖައްބާރުކަން އިތުރުވަމުން ގޮސް އިންތިހާ ދަރަޖައަށް ވާޞިލުވި އެވެ. އެއީ މާތްގެ ރަސްކަންފުޅު ހަނދުމަނެތިފައިވާ ޙާލު، ޝައިޠާނާގެ ބަހަށް ހެއްލިގެންތިބެ ވެރިކަންކުރާ މީހުންނަށް ވާ ގޮތެކެވެ. ނަމްރޫދު ދުނިޔެ ފަސާދަކޮށް، ބިންމަތީގައި ބަޣާވާތްކޮށް، މާތް ﷲ ގެ އަޅުތަކުން ނިކަމެތިކުރި އެވެ. އޭނާގެ ނުބައިކަމާއި، ނުލަފާކަން އިންތިހާ ދަރަޖައަށް ގޮސްފައިވަނިކޮށް، ތެދުމަގަށް އެނބުރި އައުމަށް ސަލާމްލެއްވި އިބްރާހީމުގެފާނު، އޭނާއަށް ގޮވައިލެއްވި އެވެ. އެކަލޭގެފާނު ގޮވައިލެއްވީ، މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށާއި، ޝަރީކުނުކުރުމަށެވެ. އެހިނދު އޭނާ ބުނީ، "ޚާލިޤުވަންތަ ރަސްކަލާނގެއީ ތިމަންނާ އެވެ!" 

އި ބްރާހީމުގެފާނު ވިދާޅުވި އެވެ. "ދިރުއްވައި މަރުގަންނަވަނީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެވެ."
ނަމްރޫދު ބުންޏެވެ. "އަހުރެން ވެސް ދިރުވައި އަދި މަރަމެވެ."

ޢިލްމުވެރިންގެ ތެރެއިން ޤަތާދާ އާއި، ސުދައްޔު އާއި އިބްނު އިސްޙާޤު ވިދާޅުވެފައިވެ އެވެ.
"ނަމްރޫދު އެހެން ބުނުމަށްފަހު، ޤަތުލުކުރަންޖެހިފައިވާ ދެ މީހަކު އެތަނަށް ހާޒިރުކުރި އެވެ. ދެން އެއިން އެކަކު ޤަތުލުކޮށްފައި، އަނެކަކަށް މަޢާފުދީ އޭނާ ދޫކޮށްލި އެވެ. އެގޮތުގެ މަތިން ނަމްރޫދު، އޭނާއަކީ މީހުން ދިރުވައި، މީހުން މަރާ ފަރާތެއްކަން ދެއްކި އެވެ."

ޙަޤީޤަތުގައި މިކަމަކީ، އިބްރާހީމުގެފާނު ދެއްކެވި ވާހަކަފުޅާ ގުޅުންހުރި ކަމެއް ނޫނެވެ. އެކަމަކު މިއީ، އޮޅުވާލުމުގެ ގޮތުން ނަމްރޫދުކުރި ކަމެކެވެ. އިބްރާހީމުގެފާނުގެ މަޤުޞަދަކީ، ދުނިޔެއަށް އަންނަ ދިރޭތަކެއްޗާއި، ދުނިޔެއިން މަރުވާ ދިރޭތަކެއްޗަށް ނަޒަރުހިންގައި ބަލާއިރު، އެތަކެތި ޚަލްޤުކުރެއްވި ޚާލިޤަކު ވާކަމަށް، އެތަކެތިން ހެކި ފެންނަ ކަމެވެ. އެކަލޭގެފާނު ބޭނުންފުޅުވީ، އެއްވެސް އެއްޗެއް ދުނިޔެއަށް އަންނަނީ އަމިއްލައަށް ނޫންކަމާއި، ކޮންމެ އެއްޗެއް ވެސް ޚަލްޤުކުރައްވަނީ މާތް ﷲ ކަން ހާމަކޮށްދެއްވުމަށެވެ. ބިންމަތީގައިވާ ދިރޭތަކެއްޗާއި، ޖައްވުގައި ޖެހޭ ވަޔާއި، އުޑުގައި ހިނގާ ވިލާތަކާއި، އުޑުން ބިމަށްވެހޭ ވާރެއާއި، ފަލަކުތަކެއްގައި ދައުރުކުރަމުންދާ ޕްލެނެޓްތަކާއި، މިހުރިހައި އެއްޗެއްމެ ޚަލްޤުކުރައްވައި، ހިންގަވައި، އެއަށްފަހު އެތަކެއްޗަށް ނިމުމެއް ލައްވަނީ، މާތް ﷲ ކަން ބަޔާންކޮށްދެއްވުމަށެވެ. ނަމަވެސް އެކަލޭގެފާނު ދެއްކެވި ވާހަކަފުޅަށް އިޖާބަދިނުމެއްނެތި، ނަމްރޫދު ތެދުމަގަށް ފުރަގަސްދީ، ބޮޑާވެ، ކިބުރުވެރިވެ، ޖައްބާރުވެގަތީ އެވެ.

ދެން އިބްރާހީމުގެފާނު، އެހެން ދަލީލެއް އޭނާގެ ކުރިމައްޗަށް ހުށަހެޅުއްވި އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. "ފަހެ، ހަމަކަށަވަރުން، ﷲ، އިރުމަތީފަރާތުން އިރު ގެންނަވަ އެވެ. ފަހެ، ކަލޭ އެ އިރު، ހުޅަނގުފަރާތުން ނިކަން ގެނެސްބަލާށެވެ!"

އިބްރާހީމުގެފާނު މިހެން ވިދާޅުވުމުން، ނަމްރޫދު ހައިރާންވެ، ބަސް ހުއްޓިއްޖެ އެވެ! ހާޒިރުވެ ތިބި މީހުންނަށް ނަމްރޫދުގެ ދޮގުވެރިކަން ހާމަވެއްޖެ އެވެ! އޭނާގެ ގައުމުގެ މީހުންގެ ކުރިމަތީގައި އޭނާ ހެދިގެން އުޅުނީ ކަލާނގެ ކަމަށެވެ. ހުރިހައި ބާރެއް ލިބިގެންވަނީ ވެސް އޭނާއަށް ކަމަށެވެ. ނަމަވެސް އިބްރާހީމުގެފާނު އޭނާއަށް ކުރިމަތިކުރެއްވި ކަންތައް ވެގެންދިޔައީ، އޭނާގެ ބަލިކަށިކަމާއި ނުކުޅެދުންތެރިކަން ހާމަކޮށްލި ކަމެއް ކަމަށެވެ!

ސުދައްޔު ވިދާޅުވެފައިވެ އެވެ. "އިބްރާހީމުގެފާނާއި ނަމްރޫދާ ދެމެދުގައި މި ޑިބޭޓް ހިނގާފައިވަނީ، އަލިފާންގަނޑުގެ ތެރެއިން އިބްރާހީމުގެފާނު ސަލާމަތްވެވަޑައިގެންނެވި ދުވަހު އެވެ. އޭގެ ކުރިއަކުން އިބްރާހީމުގެފާނާ ނަމްރޫދު ބައްދަލުވެފައެއް ނުވެ އެވެ."

ޢަބްދުއްރައްޒާޤު ރިވާކުރައްވާފައިވެ އެވެ. "ޖިޒީ ހިފައިގެން ނަމްރޫދު ގާތަށް ދިޔަ ވަފުދުތަކަކަށް އޭނާ ޖާފަތެއް ތައްޔާރުކުރި އެވެ. އެއިން ވަފުދެއްގައި އިބްރާހީމުގެފާނު ހިމެނިވަޑައިގެންނެވި އެވެ. އޭގެ ކުރިއަކުން އެކަލޭގެފާނާ އޭނާ ބައްދަލުވެފައެއް ނުވެ އެވެ. އެކަލޭގެފާނާއި އޭނާއާ ދެމެދުގައި މި ޑިބޭޓް ހިނގާފައިވަނީ އެދުވަހު އެވެ."

ޒައިދު ބްނު އަސްލަމު ވިދާޅުވެފައިވެ އެވެ.
"ނަމްރޫދަށް އީމާންވުމަށް ގޮވައިލާނޭ އެހެން ރަސްކަލަކު މާތް ﷲ މެދުވެރިކުރެއްވި އެވެ. އެ ރަސްގެފާނު ތިންފަހަރު މަތިން އީމާންވުމަށް ނަމްރޫދަށް ގޮވައިލެއްވި އެވެ. ނަމަވެސް އޭނާ، އެ މުއުމިން ރަސްގެފާނުގެ ގޮވައިލެއްވުމަކަށް އިޖާބައެއް ނުދިނެވެ. އޭނާ ބުނީ، "ކަލޭ ކަލޭގެ ލަޝްކަރު ގޮވައިގެން ހަނގުރާމައަށް އަންނާށެވެ! އަހުރެން އަހުރެންގެ ލަޝްކަރު ގޮވައިގެން ހަނގުރާމައަށް ނިކުންނާނަމެވެ."

ހަނގުރާމައިގެ މައިދާނުގައި އެ ދެ ލަޝްކަރު ބައްދަލުވީ، ދުވާލެއްގެ ހެނދުނު، އިރުގެ ދޯދިތައް ދުނިޔެއަށް ފާއްދާލި ވަގުތުގަ އެވެ. އެހިނދު މާތް ﷲ، ނަމްރޫދުގެ ލަޝްކަރަށް، ބިޔަ ވިލާގަނޑެއްފަދަ ކުދިކުދި ސޫފިތަކެއް ފޮނުއްވި އެވެ. އޭގެ ބައިބޯކަމުން އިރުގެ އަލިކަން ވެސް ނިވާވި އެވެ. އެ ކުދިކުދި ސޫފިތައް ނަމްރޫދުގެ ލަޝްކަރުގެ އެންމެހައި ސިފައިންގެ ގައިން ލޭ ބޮއި، އެމީހުންގެ ހަށިތައް ކައި، އެމީހުން އަވަދިކޮށްލި އެވެ. އެކަންތައް ނިމުނުއިރު، އެމީހުންގެ ކަށިތައް ނޫން އެއްޗެއް ނެތެވެ! އެއިން ސޫތްޕެއް، ނަމްރޫދުގެ ނޯށުން ވަދެ، އޭނާގެ ބޮލުތެރޭގައި ޤަރާރުވި އެވެ. އެސޮރު އޭނާގެ ބޮލުތެރޭގައި އެތައް އަހަރުތަކެއް ވަންދެން ދިރިއުޅުނެވެ. އެމުއްދަތުގެ ތެރޭގައި އޭނާއަށް އަޅާ ވޭނާއި ތަދަށް ކިރިޔާވެސް ލުޔެއް ލިބެނީ، އޭނާގެ ބޮލުގައި ޗާބޫކަކުން ތެޅީމަ އެވެ! މާތް ﷲ، ނަމްރޫދު ހަލާކުކުރެއްވީ، އެތައް އަހަރެއް ވަންދެން އޭނާއަށް އެ ޢަޛާބު ދެއްވުމަށްފަހުގަ އެވެ.

ނަމްރޫދުގެ ވާހަކަ، އަލްބަޤަރާ ސޫރަތުގެ 258 ވަނަ އާޔަތުގައި ނަންގަނެވިފައިވެ އެވެ. އެ އާޔަތުގައި އޭނާގެ ވާހަކަ ނިންމަވައިލައްވާފައި ވަނީ، މާތް ﷲ، އަނިޔާވެރިންނަށް ތެދުމަގެއް ނުދައްކަވާނެކަން އަންގަވަމުންނެވެ!


ނަމްރޫދު މާބޮނޑިއަކުން ވަސްބަލާ މަންޒަރު ދައްކައިދޭ ތަސްވީރެއް: އޭނާގެ ނޭފަތަށް ކުޑަކުޑަ ސޫތްޕެއް (ނުވަތަ މަދިރިއެއް) ވަނީ މި މާބޮނޑިން ކަމަށް ބައެއް ވާހަކަތަކުގައި ވެ އެވެ.
              ------------------------

ލިޔުއްވީ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން
މަސްދަރު: قصص القرآن