ޝާމްޑަލޭ އާއި ކިޑިކީޗަލޭ

















ކުރުކުމެނިސްތާނަށް ހިޖުރަކޮށް އެތާނގައި ދިރިއުޅެމުންދާ ބަތާވީސްކަރައިގެ ޢާއިލާއެއް ކަމަށް އެމީހުން ބުނާ ޢާއިލާއެއްގެ ތެރެއިން އެތާނގެ ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށް އެންމެބޮޑަށް މަސައްކަތްކުރާ މީހެއްކަމަށް އޭނާ އަމިއްލައަށް ބުނާ މީހަކީ ޝާމްޑަލޭ އެވެ. ޝާމްޑަލޭ އަކީ އޭނާ އަމިއްލައަށް ތަންތަނަށް ފޮނުވާ ސިޓީގައި އޭނާގެނަމުގެ ކުރިއަށް އަލްމުޙުތަރަމް އިތުރުކޮށްގެން ސިޓީލިޔެ އުޅޭ މީހެކެވެ. އެކަމަކު އެތާނގެ މީހުން ޝާމްޑަލޭގެ ނަމުގެ ކުރިއަށް އަލްމުޙުތަރަމް އިތުރުކޮށް ލިޔެ ކިޔައި ނޫޅެއެވެ. 

ޝާމްޑަލޭ ބުނާގޮތުންނަމަ ދުނިޔޭގެ މީހުން އުޅޭ ބައްރެއްގެ ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށް މަސައްކަތްކުރުމަކީ އާދައިގެ ކުޑަކަމަކަށްވެގެން ނުވާނެއެވެ. އެތަނެއްގެ މީހުން އެކަން ބަލައިގަންނަން ޖެހޭނެއެވެ. އަދި އެމީހަކަށް ރަނގަޅަށް ޙުރުމަތްތެރިކޮށް ހިތަން ޖެހޭނެއެވެ.

މިކަން މިހެން ހުރިއިރު ޝާމްޑަލޭގެ ޢާއިލާގައި ހިމެނޭ ކިޑިކީޗަލޭ އަކީ ޝާމްޑަލޭ އާއި މުޅިންތަފާތު މަސައްކަތެއް ކުރާ މީހެކެވެ. އޭނާގެ މަސައްކަތަކީ މުޅީންވެސް ދީނާއި ގައުމަށްޓަކައި އިޞްލާހުގެ ނަމުގައި އެކުރާކަމެއް ކުރުމެވެ. އޭގެ އިތުރަށް ވަގުތު ލިބޭ ވަރަކުން އެތާނގެ ގާނޫނު ނެގެހެއްޓުމާއި ގަވާއިދު ދެމެހެއްޓުމުގެ މަސައްކަތްވެސް އޭނާ ކުރާކަމަށް އޭނާ ބުނެއެވެ. އެކަމަކު ގާނޫނު ނެގެހެއްޓުމާއި ގަވާއިދު ދެމެހެއްޓުމަށް ކިޑިކީޗަލޭ ކުރަނީ ކޮން މަސައްކަތެއްކަމެއް ބަޔަކަށް ނޭނގެއެވެ. 

އެއްފަހަރަކު ޗުއްޓީއެއް ހޭދަކޮށްލުމަށް ކުރުކުމެނިސްތާނުން ފުރައިގެން ދިޔަ ދެމަފިރިއަކު އެބުރި ރަށަށް އައިއިރު އެދެމަފިރިންގެ ގޭގެ ފުރާޅުވަނީ ރޫޅައި ނަގައިފައެވެ. މިވީ ގޮތަކާމެދު އެދެމަފިރިން ޙައިރާންވެ ސުވާލުކުރުމުން އަވަށުމީހުން ބުނީ އެކަންކުރީ ކިޑިކީޗަލޭ ކަމަށެވެ.

ތިޔަ ގެއަކީ ބަޔެއްގެ ގެއެއް ކަމަށާއި އެބައިމީހުން މިހާރު ރަށުން ބޭރުގައިވަނިކޮށް ތިޔަ ކުރަނީ ކޮންކަމެއްތޯ އަވަށުމީހުން އެހީމާ ކިޑިކީޗަލޭ ބުނިކަމަށްވަނީ ބޭނުމަކީ ގޭގެ ފުރާޅު އިޞްލާހުކުރުން ކަމަށެވެ. ދީނާއި ގައުމަށްޓަކައެވެ. އެނޫން އެހެންކަމަކު ނޫނެވެ. ގޭގެ ވެރިންނަށް ނޭނގިނޫނީ މިކަހަލަ މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

ކޮންމެއަކަސް ރައްޔިތުންގެ ހެވާއި ލާބައާއި މަންފާގެ ނަމުގައި މަސައްކަތްކުރުމާއި އިޞްލާޙީ ބަދަލަކަށް ދީނާއި ގައުމުގެ ނަމުގައި ގެއެއްގެ ފުރާޅު ނަގައި އެގޭގެ ވެރިން މަގުމަތިކުރުމާއި މިހުންނަނީ ބަތާވީސް ކަރައިން ކުރުކުމެނިސްތާނަށް ހިޖުރަކޮށް އެތާގައި އުޅެމުންދާ ބަޔެއްގެ ސަބަބުން ދިމާވަމުންދާ ކަންތަކެވެ.
                     ---------------------
ލިޔުއްވީ: މޫސާ މުޙައްމަދު