ޅަދަރިމަޔަކު މަސްދުވަހަށް ގުދަނު ބަންދުގައި




 ދިވެހިރާއްޖޭގެ އިންތިޚާބީ ކަންކަމާއި ގުޅިގެން އެކި ދުވަސްވަރު ބައެއް ތަންތާނގައި ވަރަށްދެރަ ކަންތައްތައް ހިނގާފައި އެބަ ހުރެއެވެ. ޤަބޫލުކުރަން ދަތި ބަލައިގަތުން ދަތި ކިތައްމެ ކަމެއް ހިނގައެވެ. އެކަމަކު ވެސް ހިނގިކަމެއް ވާނީ ހަމަ ހިނގި ކަމަށެވެ. މާޒީއަކީ، މުސްތަޤުބަލުގެ ދުރުމިއެވެ. ލިބިގަންނަށް ޖެހޭ އެންމެ އަގުބޮޑު ފިލާވަޅަކީ، ޢިބްރަތެވެ. 

ރާއްޖޭގައި އަލަށް ތަޢާރަފުކުރެއްވި އަތޮޅުކޮމިޓީ ނިޒާމުގެ ދުވަސްވަރެވެ. އެ ނިޒާމުގައި ހަމަޖެހިފައި އޮތީ، އަތޮޅުކޮމިޓީ އިންތިޚާބުގައި އެންމެގިނަ ވޯޓް ލިބޭ ކެނޑިޑޭޓަކަށް އެ އަތޮޅެއްގެ އަތޮޅުވެރިކަން ލިބޭގޮތަށެވެ. ކޮންމެއަކަސް ދިވެހިރާއްޖޭގައި ޢާއްމުކޮށް ބާއްވާ ގިނަ އިންތިޚާބުތަކަށް ކުރިމަތިލައި މަދު ފަހަރެއްގައި މެނުވީ ހޮވެން ޖެހެނީ، ނުވަތަ ހޮވާފައިވަނީ ބާރާއި، ނުފޫޒް އޮތް ފަރާތެކެވެ. ފައިސާއާއި ތަކެއްޗާއި ބާރާއި އެހެނިހެން އެފަދަ ވަސީލަތްތަކުންނެވެ. 

ކުރިމަތިލި މަގާމަކަށް ގާބިލްވުމާއި އެކަށީގެންވުމާއި ނޫނީ މަގާމަށް ތަޞައްރަފު ފުދުމަކީ މުޅީން އެހެންކަމެކެވެ. އެކަންކަން އޮންނާނީ އޮތްތާކުއެވެ. އެފަދަ އިންތިޚާބުތަކަށް ކުރިމަތިލާފައިވާ ބާރާއި ނުފޫޒްގަދަ ފަރާތަކަށް ވޯޓް ނުދޭނޭކަމަށް ފެންނަ މީހުންނާއި އަދި އެ ފަރާތަށް ވޯޓް ނުދިން ކަމަށް ފެންނަ ބައެއް މީހުންނަށް އިންތިޚާބުގެ ކުރިންނާއި ފަހުން ވެސް ވަރަށްބޮޑު ދަތިތަކާއި ކުރިމަތިވެއެވެ. އިންތިޚާބުގެ ފަހުން އެކިއެކި ފިއްތުންތަކާއި ދަތިތަކާއި ބަންދުތަކާއި ކުރިމަތިވެއެވެ. އެފަދަ މީހުންގެތެރެއިން ގުދަނުގެ ބަންދަކާއި އަންހެނަކާއި ކުރިމަތިވެދާނެ ކަމަށް ގިނަބަޔެއްގެ ހިތަކަށް ނުގެނެވޭނެއެވެ. ނަމަވެސް ރާއްޖޭގެ ރަށެއްގައި އެކަން ވަނީ ހިނގާފައެވެ.

އިންތިޚާބުގެ ނަތީޖާގެފަހުން އެ އަންހެންމީހާ ބަންދުކުރީ އޭނާގެ ރަށުގެ ރަށުއޮފީހުގެ ގުދަނެއްގައެވެ. އެ އަންހެންމީހާއަކީ، އެ ފަހަރުގެ އަތޮޅުކޮމިޓީގެ އިންތިޚާބުގައި ހޮވެންޖެހޭ ފަރާތުގެ ބާރާއި ނުފޫޒް އޮތުމާއެކު ވެސް އެ ފަރާތަށް ވޯޓު ނުދޭނެކަން ބެލެވުނު މީހެކެވެ. އޭނާއާއި ބެހޭގޮތުން ހުށަހަޅާފައިވާ ރިޕޯޓުގައި ލިޔެފައިވަނީ، އޭނާއަކީ، ރިކާބީއަކަށް ގާއަޅައިގެން އެ ރިކާބީ ބޯމަތީގައި ބަހައްޓައިގެން ބާރާއި ނުފޫޒްގެ ކެނޑިޑޭޓަށް ތާއީދުކުރާ މީހުންގެ ގޭގޭގެ ފުރާޅުތަކަށް ގާއުކާ މީހެއްކަމަށެވެ. ނަމަވެސް ވޯޓްލީއިރު އެ އަންހެންމީހާގެ ބަނޑަށް 8 މަހެވެ. މިފަދަ އަންހެނަކު ރޭގަނޑު ރަށުގެ  އެތައްމިތާނގައި ހުންނަ ގޭގޭގެ ފުރާޅުމައްޗަށް ގާއުކުމަކީ ކުރާނެކަމެއްތޯ ކުރިކަމެއްތޯ ރަނގަޅަށް ބެލުމެއްނެތެވެ. އެކަން ބެލުމެއްނެތި އޭނާ ބަންދުކުރީ ވިހެއުމަށްފަހު، ތަންކޮޅެއް ފަހުންނެވެ. ކަންދިމާވިގޮތުން އިންތިޚާބުގައި ހޮވުނީ، އެ އަންހެންމީހާގެ މައްޗަށް ރިޕޯޓްކުރި ފަރާތް ތާއީދުކުރި ކެނޑިޑޭޓެވެ. ބާރާއި ނުފޫޒުގެ ފަރާތެވެ. އެގޮތުން އިންތިޚާބުގައި ގިނަވޯޓް ލިބިގެން އަތޮޅުވެރިކަމަށް ހޮވޮނު ބޭފުޅާ މަޤާމާއި، ޙަވާލުވެވަޑައިގަތީ، ޖެނުއަރީ 1، 1971މ. ގައެވެ.

މި ދެންނެވި އަންހެންމީހާ ވިހެއީ ނޮވެމްބަރ 1970މ. ގައެވެ. އޭނާ ގުދަނުގައި ބަންދުކުރީ 1971މ. ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހު ހަފުތާގައެވެ. އޭނާ ވޯޓްނުދިން ފަރާތް އަތޮޅުވެރިކަމަށް އައުމަށްފަހުއެވެ. ބަންދުކުރި ގުދަނަކީ 1948މ. ވަނަ އަހަރުގައި ރާނާފައި އުވަ ނުޖަހާހުރި ގުދަނެކެވެ. އެ ގުދަނުގެ ބޮޑުމިނަކީ، ގާތްގަނޑަކަށް 12 ފޫޓް 14 ފޫޓެވެ. ޓިނުން ހިޔާކޮށްފައިވާ އެ ގުދަނުގެ ދޮރު ބަންދުކުރަނީ، ދޮރުފަތުގެ ބޭރުން ދަގަނޑު ފަތިގަނޑެއްއަޅައި، އެލުވާ ތަޅެއް ލައިގެންނެވެ. ބައެއް ތަންތަނުން ތަޅުން ގަނޑު ނެއްޓިފައި ހުއްޓެއްކަމަކު، އުވައިން ތަޅުމެއް އަޅާފައި އޮތެވެ.

އެ ދުވަސްވަރަކީ، މަދުގެއްގައި މެނުވީ ގިފިލި ވެސް ނިވާވެ ބަންދުވާ ގޮތަކަށް ހުންނަ ޒަމާނެއް ނޫނެވެ. ވުމާއެކު، ގިނަމީހުން ގަޟާޙާޖަތްކުރަން ބޭނުންކުރަނީ، ރަށްރަށުގެ ހޭޅި އާއި، ވަލުތެރެއެވެ. ތާހިރުވަނީ މޫދުންނެވެ. އެގޮތުން މި އަންހެންމީހާ ގަޟާހާޖަތްކުރުމަށް ގެންދަން ހަމަޖެހިފައި އޮންނަނީ ހަމައެކަނި ރޭގަނޑުގައި، ރަށުއޮފީހުގެ ޕިޔޯނުގެ ޙަވާލުގައެވެ. އެ އަންހެން މީހާގެ ގެއާއި، އެ ގުދަން ވަރަށްދުރެވެ. އެހެންވެ އޭނާ ގެންދަނީ، ގުދަނުން ފެށިގެން ދޮޅުހާހެއްހާ ފޫޓު ދުރަށް އަތިރިމައްޗަށް ނުވަތަ ހޭޅިއަށެވެ. ފެންވެރުން އޮންނަނީ މުޅިން މަނާކޮށްފައެވެ. ނަމަވެސް ބަންދުގެ މުއްދަތުގެތެރޭގައި އެއްފަހަރު ފެންވެރުވިއެވެ. ފެންވެރުވީ ބޮޑުލޯގަނޑަކަށް ފެންއަޅައިގެން އެ ލޯގަނޑު ގުދަނަށް ވައްދައިގެންނެވެ. އެ އަންހެންމީހާ ގުދަނުގައި ހޭދަކުރި ދުވަސްތަކުގައި ކުރިމަތިވެފައިވާ އެކިއެކި ދަތިތަކުގެ ވާހަކަ ބަޔާންކޮށް ލިޔެފައިވާ ސިޓީތަކުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމުގެތެރެއިން އެއްކަމަކީ، އޭނާގެ ބައެއް ނާޒުކުހިސާބަށް ކުރަފީގެ ސަބަބުން ގެއްލުންތައް ލިބުނު ވާހަކައެވެ. އެފަދަ ގިނަގުނަ ސިޓީތަކަށް ފަހު، އޭނާ ގުދަނުން މިންޖުކުރި އިރު އޭނާގެމައްޗަށް އެއްވެސް ކުށެއް ސާބިތެއްނުވެއެވެ.

ކޮންމެއަކަސް އެ އަންހެންމީހާ ގުދަނުގައި ބަންދުކޮށްފައި އޮތް ދުވަސްވަރު، އޭނާގެ ތުއްތުދަރިފުޅަށް ގާތުން ބުއްނުދެވެއެވެ. އެ ކުއްޖާ މައިމީހާގެ ގާތަށް އެ ތަނަކަށް ގެންދާކަށް އަމުރެއް ނޯވެއެވެ. އަދި އެ އަންހެންމީހާ ގެއަށް ގެންދާކަށް ވެސް އަމުރެއް ނޯވެއެވެ. އެ ކުއްޖާއަށް ކާންދެނީ އެ ކުއްޖާގެ ބައްޕައެވެ. ކާންދެނީ، ދޮންކެޔޮ (މާޅޮސްކެޔޮ) ޗިސްކޮށްފައެވެ. އެއީ އަޅުގަނޑު ދެކެފައިވާ ވަރަށް ގިލަންވެރި މަންޒަރެކެވެ. ކަންދިމާވީ ވެސް ވަރަށް ދެރަގޮތަކަށެވެ. އެއީ މިހާރު ލޮލަށް ނުފެންނަ ވާހަކަނުދެކެވޭ އަދި ސިކުނޑީގެ ބައްޔަށް މުޅި އުމުރަށް ބޭސްކާންޖެހޭ އަންހެން ކުއްޖެކެވެ. މިއީ ކަން ހިނގިގޮތެވެ. ހިނގިކަމެއް ވާނީ ހަމަ ހިނގި ކަމަށެވެ. މާޒީއަކީ، މުސްތަޤްބަލުގެ ދުރުމިއެވެ. ލިބިގަންނަށް ޖެހޭ އެންމެ އަގުބޮޑު ފިލާވަޅަކީ، ޢިބްރަތެވެ.
                   ----------------------
"ގަލެހިރި އެޑްމިން"
23/12/2012