
އާދަނު ހޮޅުއަށީގައި އިންދައި ކުދިބަޔަކު ފޯމްތަކެއް ހިފައިގެން އެތަނަށް ގޮސް އެފޯމްތަކުގައި ސޮއިކޮށްލަދިނުމަށް ހޮޅުއަށީގައި ތިބި މީހުންގެ ގާތުން އެދުމުން، "ތިޔައީ ކޮން ޕާޓީއެއްގެ ފޯމްތަކެއްތޯ" އާދަނު އެހީމާ އެކުދީން ބުންޏެވެ.
"މިއީ ޕާޓީއެއްގެ ފޯމެއްނޫނެވެ. އަހަރެމެން މިއުޅެނީ ޑިމޮކްރަސީ ފިރިފުރާވަރަށް ގެންދާ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް ހަދާށެވެ." މިޖަމްޢިއްޔާގެ ބޭނުމަކީ މިރާއްޖޭގައި ޅަފަތުގައި އޮތްކަމަށް މީހުންބުނާ ޑިމޮކްރަސީ ހަރުވެ ފިރިފުރާވަރަށް އަރައި މީހަކާއި ކައިވެނިކުރާ ވާހަކަ ދުލާއި ގަލަމުން ބަޔާންކުރާތާ 3 މަސް ފަހުން ޑިމޮކްރަސީ ރަނގަޅަށް ފެންވަރުވައި ނަލަހައްދައި ހުވަދުލައި ކޮންމެވެސް މީހަކާއި ކައިވެނިކުރުވުމެވެ. އޭރުން މި ޑިމޮކްރަސީ ބަލައްޓާނެ މީހަކު ހުންނާނެތާއެވެ. މިހާރަކު އެފަދަ މީހެއްނެތެވެ. ޑިމޮކްރަސީ ނިދައި އުޅެނީ ފާރުބުޑުގައެވެ. ކައިއުޅެނީ ގޭގެއިންނާއި ހޮޓާހޮޓަލުން އުކާލާ ކުނިވާ ތަކެއްޗެވެ. އެކަމަކު މިރާއްޖެއަށް ލެއްގި ޑިމޮކްރަސީ އޮތީ ޅަފަތުގައޭ ބަޔަކުމީހުން ބުންޏަސް އެކަން އޮތީ އެހެނެއްނޫނެވެ. ޑިމޮކްރަސީ އޮތީކީ ޅަފަތުގައެއްނޫނެވެ. ހަރުވެފައެވެ. ގެދޮރުހެދުމަށާއި ފަރުނީޗަރާއި އޮޑިވަޑާމަށްވެސް ނުހަނު ކަމުދާވަރަށް އާރުލާފައެވެ. މީގެއިތުރަށް އެ ޑިމޮކްރަސީގެ ނަން ބޭނުންކޮށްގެންވެސް ނުކުރެވޭނޭ އެއްވެސްކަމެއް ހައްދަވައިގެން ނެތެވެ. އެކަން އެނގެއެއްނޫންހެއްޔެވެ.
އެހެނެއްނޫނެވެ.
މިރާއްޖޭގައި އޮތް ޑިމޮކްރަސީއަކީ ޑިމޮކްރަސީގެ ވެސް އަންހެން ފިރިހެން ވަކިނުވާ ޚުންސާވައްތަރޭ
ބުނިނަމަ އެބުނެވުނީ ހަމަ ރަނގަޅަށެވެ. މިރާއްޖޭގައި އޮތް ޑިމޮކްރަސީއަކީ ދުނިޔެ ނިމުމާ
ހަމައަށްވެސް ޅަފަތުން ނެއްޓި ތަޞައްރަފު ފުދި ބާލިޣުވާނެ ޑިމޮކްރަސީއެއް ނޫނެވެ. އޭގެ
ދަރިކޮޅެއްވެސް ނުއުފެދޭނެއެވެ. ޖުނުބުވެރިވުމާއި ޙައިޟު ނިފާސްވެރިވުމާއި އަދި ފަރުޟު
ހިނެއުމެއް ހިނައިގަންނަންވެސް ނުޖެހޭނެއެވެ."
އެކުދީންނަށް މިހިސާބަށް ވާހަކަ ގެންދެވުމުން ހޮޅުއަށިން ފައިބައި އާދަނު ބުންޏެވެ.
"ސާބަހެވެ.
މަގޭ ދަރިންނޭވެ. ތިޔަ ކުދީން މިއަދު ތިޔަ ދެއްކިވާހަކައަށް ވުރެ ވަކި ތެދުވާހަކައެއް
އިންސާނުންގެ ބަޔަކަށް ނުދެއްކޭނެއެވެ. މިރާއްޖޭގައި އޮތްކަމަށް ބުނާ ޑިމޮކްރަސީއަކީ
އޭގެ ޚުންސާ ވައްތަރަށް ވިޔަސް ތިޔަ ކުދީން ބުނިހެން އޭގެ ނަން ބޭނުންކޮށްގެން ވެސް
މިރާއްޖޭގައި ކިތަންމެކަމެއް އެބަ ކުރެއެވެ. ނުކުރާކަމެއް އެބަ އޮތްހެއްޔެވެ. މިރާއްޖޭގެ
އެކި ތަންތަނުން އެކަންކަން އެފެންނަނީއެވެ. ބުނާތީ އަޑުއިވެނީ އެ ޑިމޮކްރަސީގެ ތެރެއިން
ލަސްތަކެއްނުވެ ކައިވެނިކުރާ ދެމަފިރިންގެ ތެރެއިން ފިރިހެންމީހާއަށް ކައިވެނީގެ ރަންކިޔުމުގެ
ޙައްގު ލިބޭނޭ ކަމަށާއި އޭގެ އިތުރަށް ފިރިމީހާ ބޭނުންނަމަ ކައިވެނިކުރާތާ 9 މަހާއި
9 ދުވަސްފަހުން ފިރިމީހާއަށް އޭނާ އަމިއްލައަށް އެކަނިއޮވެ ކުއްޖަކު ވިހެއުމުގެ ފުރިހަމަ
އިޚްތިޔާރު ލިބޭނޭ ކަމަށެވެ. އޭގެއިތުރަށް ކޮންމެ މަހަކު ދެފަހަރު ފިރިމީހާ ޙައިޟުވެރިވުމާއި
ޙައިޟުގެ ފަހުން ހިނައިގަތުމުގެ ބަދަލުގައި ޓިޝޫކޮޅަކުން ޓްރާންސްޕޭރަންސީކޮށް (ނުވަތަ
ދެފަރާތް ފެންނަގޮތަށް) ޓިޝޫ ތަޔައްމުމެއް ކުރުމާއި ފިރިމީހާ ބަލިވެއިދެ
ވިހެއުމުން ވަގުތުން އަބިމީހާ ނިފާސްވެރިވީ ކަމަށް ނިންމުމުގެ އިޚްތިޔާރާއި
ބާރުވެސް މިރާއްޖޭގެ ޑިމޮކްރަސީގެ ހިއުމަންރައިޓްސް އެންޑް ކޮޕީ ރައިޓްސް ބާބުގެ
913 ވަނަ މާއްދާގެ ދަށުން ފިރިމީހާއަށް އޮންނާނޭ ކަމަށެވެ.
ކުދީންނޭވެ. ޑިމޮކްރަސީ
ފިރިފުރާވަރަށް ގެންދާ ޖަމްޢިއްޔާ އަވަހަށް ހަދައިގެން ޕާޓީތަކުގެ މީހުންލައްވައި ވެސް
ތިޔަ ޖަމްޢިއްޔާއަށް ސޮއިކުރުވާށެވެ. ޕާޓީތައް އުފެދުނީވެސް މިރާއްޖެއަށް ޑިމޮކްރަސީ
ލައްގާތޯ ރަށްރަށުގެ ހުޅަނގުފަރާތު ރުއްރުކުގައި ވަހުތާން ޖެހިފަހުން ޑިމޮކްރަސީ ލެއްގުމުންނެވެ.
އަދި ތިޔަކުދީން އުޅެގެން މިރާއްޖޭގެ ޑިމޮކްރަސީ ފެންވަރުވައި ނަލަހައްދައި ހުވަދުލައި
މީހަކާއި ކައިވެނިކުރެވޭ ގޮތް ވެއްޖެނަމަ ކައިވެނީގެ ވަލީމާއަށްވެސް ޕާޓީތަކުގެ މީހުންނަށް
ދަޢުވަތު ފޮނުވާށެވެ. މިރާއްޖޭގައި އޮތް ޑިމޮކްރަސީ ފިރިފުރާވަރަށް އަރައި ތަޞައްރަފު
ފުދި ބާލިޣުވެ މީހަކާ އިންނައިރު އެކަން ޕާޓީތަކުގެ މީހުންނަށް ނޭނގި އޮވެއްޖެނަމަ
ފަޅުރަށްރަށުގެ ވަލުތެރޭގައިވެސް އެމީހުން އެކަމާއި އިޙުތިޖާޖުކޮށް އަޑު އުފުލާން ފަހަކަށް
ނުޖެހޭނެއެވެ. މިކަހަލަ އިޙުތިޖާޖު ކުރުމަކީ ޑިމޮކްރަސީގެ ގްލޯބަލް ވިތު ހޭންޑްރައިޓްސް
ބާބުގެ 813 ވަނަ މާއްދާގެ ދަށުން ޕާޓީތަކަށް ލިބިފައިވާ ޙައްގެކެވެ.
ކުދީންނޭވެ. ތިޔައިގެ
ތެރެއިން އެއްފޯމުގައި އަހަރެން ސޮއިކޮށްފިކަމަށް ބަލައިގެން ކުރިޔަށް ގެންދާށެވެ.
ތިޔަ ޖަމްޢިއްޔާއެއް ހަދައިގެން މިރާއްޖޭގެ ޑިމޮކްރަސީ މީހަކާއި ކައިވެނިކުރުވުމަށް
ފަހު ފިރިމީހާގެ ގެއަށް ޑިމޮކްރަސީ ގެންގޮސްފައި ނޫނީ ތިޔަ މަސައްކަތް ހުއްޓައިނުލާށެވެ.
ތިޔައީ ރަނގަޅުކަމެކެވެ."
------------------------
ލިޔުއްވީ: މީމު
ނޫނު