ގަވްމިއްޔަތު ބިނާވެފައި އޮންނަ މައިގަނޑު ދެ މަސްދަރަކީ، ދީނާއި، ޤަވްމެވެ. ދީނީ ގޮތުންނާއި، ޤަވްމީ ގޮތުން (ހެއު ހިތުން) ގަވްމަށްކޮށްދޭ ކޮންމެކަމަކީ، ދީނީ އަދި ޤަވްމީ ކަމެކެވެ. ދީނީ ގޮތުންނާއި، ދުނިޔަވީ ގޮތުން އިންސާނުންނަށް ފައިދާކުރަނިވި އެންމެހައިކަންކަން ހިމެނެނީ، މިދެންނެވި ކަންކަމުގެތެރޭގައެވެ. ދީނާއި، ޤަވްމުގެ ޙިމާޔަތަށްޓަކައި ނުވަތަ ޤަވްމުގެ މިނިވަންކަމާއި، އިސްތިޤްލާލު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ކުރާ ކޮންމެކަމަކީވެސް ޤަވްމީ ކަމެކެވެ. މިކަމަކީ، ވަކި ގިންތިއެއްގެ ނުވަތަ ވަކި ފަންތިއެއްގެ މީހަކު ނުވަތަ ބަޔަކަށް ޚާއްޞަ ވެފައިވާ ކަމެއް ނުމެނޫންމެއެވެ. އަމާންކަމާއި، އޮމާން ކަމާއިއެކު، އަޅުގަނޑުމެންނާއި ހަމައަށް މިޤަވްމު ވާޞިލުވެފައި މިވަނީ، އަޅުގަނޑުމެންގެ އިސްވެދިޔަ ކާފައިންގެ ބުރަ މަސައް ކަތުންނެވެ.
މިއަދު ވީދި ކުނޑިކުނޑިވަމުން މިދާ އިޖްތިމާޢީ
ދުޅަހެއުކަމަކީވެސް އިސްވެދިޔަ ކާބަފައިންގެ ފަރާތުން އަޅުގަނޑު މެންނަށް
ވާރުތަވެފައިވާ ވަރަށް އަގުބޮޑު ތަރިކައެކެވެ. ޤަވްމަކަށް، ޤަވްމެއްގެ ގޮތުގައި،
އެޤަވްމެއްގެ މުވާޠިނުންގެ އަތްމަތީގައި ދެމިއޮވެވޭނީ، ޤަވްމަށް
އިޚްލާޞްތެރިވެގެނެވެ. ކޮރަޕްޝަނާއި، ފަސާދައިން އެއްކިބާ ވެގެންނެވެ. ފަރުދީ
މުއްސަނދިކަމަށްވުރެ ޖަމާޢީ މުއްސަނދިކަމަށް ތަންދީގެންނެވެ. ޖީލަކަށްފަހު، ޖީލެއް
ނެތެމުން އަނެއް ޖީލެއް ފެށެމުން ދިއުމަކީ، ދުނިޔޭގެ ސުންނަތެވެ. ދެމި އޮންނާނީ
ޤަވްމެވެ. ނެތިގެންދާނީ، ފަރުދީ މުއްސަނދިކަމެކެވެ. ދެމި އޮންނާނީ، ޤަމްވީ
މުއްސަނދިކަމެވެ. ވުމާއެކު ދީނާއި، ޤަވްމަށްޓަކައި، ޚިދުމަތްކުރާ ފަރާތްތަކުން
ކޮށްފައިވާ ޚިދުމަތްތައް، އިޚްލާޞްތެރިކަމާއިއެކު، ބަލައިގެނެ، އެ ޚިދުމަތްތައް
ދެމެހެއްޓުމަކީ، ޤަވްމީ ޒިންމާއެކެވެ.
މީލާދީން 1153
ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖޭގެ ރައްޔިތުންނަކީ (މައިގަނޑު ގޮތެއްގައި)
ބުދުދީނުގެ އަހުލުވެރީންނެވެ. އެމީހުންނަކީ، އިސްވެދިޔަ އަޅުގަނޑުމެންގެ
(ލޮބުވެތި) ކާބަފައިންނެވެ. އެމީހުން ޤަބޫލުކޮށްގެން ތިބި ދީނަކީ، އޭރު އެމީހުންގެ
ދީނެވެ. އިސްލާމްދީނުގެ މާތްކަން އެމީހުން އޭރު ނުދަނެއެވެ. އިސްލާމް ދީނުގެ
މާތްކަން އެމީހުންނަށް އެނގި ކަށަވަރުވުމާއި އެކު، އެމީހުން އިސްލާމްދީން ޤަބޫލު
ކުރީއެވެ. އޭގެފަހުން މިހާރުވެސް އަޅުގަނޑުމެން މިތިބީ މާތްވެގެންވާ
އިސްލާމްދީނުގެ ހިޔާވަހިކަމުގެ ދަށުގައެވެ. މާތްﷲ މިންވަރުފުޅާއެކު،
ތާއަބަދަށްވެސް އަޅުގަނޑުމެން ދެމިތިބޭނީ މުސްލިމުންގެ ގޮތުގައެވެ. މި ޤަވްމުވެސް
ދެމި އޮންނާނީ، މުސްލިމު ޤަވްމެއްގެ ގޮތުގައެވެ.
އިންޑިއާގައި
ރަސްކަންކުރި "ޗޯޅާ" ދަރިކޮޅުގެ ރާޖާރާޖާ (1) ގެ ރަސްކަން ފެށުނީ
މީލާދީން 985 ވަނަ އަހަރުއެވެ. ޗޯޅާދަރިކޮޅުން ރަސްކަންކުރި ދުވަސްވަރު ރާއްޖޭގެ
އުތުރުގެ ދެއަތޮޅުކަމަށްވާ މަލިކު އަތޮޅާއި، ތިލަދުންމަތި އަތޮޅު އޮތީ،
އެރަސްކަމުގެ ބާރުގެދަށަށް ގަދަކަމުން ގެންގޮސްފައެވެ. ކޮންމެއަކަސް ޗޯޅާއިންގެ
ކުރީގައި މިރާއްޖެއާއިމެދު ކަންކަން ހިނގާ ފައިވާ ގޮތެއް އަޅުގަނޑުމެންނަށް
އެނގޭކަށް ނެތެވެ. ދޫދޫމަތިން އައިސްފައިވާ ވާހަކަތާއި، ރާދަވަޅިތަކާއި،
ލޯމާފާނުތަކަށް ރިޢާޔަތްކޮށް، ދިވެހިތާރީޚުގެ އަހުލުވެރީން ނެރުއްވާފައިވާ
ރައުޔުތަކުގައި ލަފާކޮށްފައިވާނީ، ތީމުގޭ ކެއިމަލައި ކަލޯ "މަހާބަރަނަ
މަހާރަދުން" ގެ ނަންފުޅުގައި، މިރާއްޖޭގެ ސިންގާ ސަނާގައި ރެދަލިކުރެއްވީ،
މީލާދީން 1121 ވަނަ އަހަރުގައި ކަމަށެވެ. މިދެންނެވި މަސްދަރުތަކުން
އެނގޭގޮތުގައި، އެރަދުން، ޗޯޅާއިންނާއި ހަނގުރާމަކޮށް އެމީހުން ބަލިކުރައްވައި،
އެމީހުންގެއަތުން މަލިކު އަތޮޅާއި، ތިލަދުންމަތި އަތޮޅު ހޯއްދެވީ، މީލާދީން 1136
ވަނަ އަހަރު އެވެ.
ތާރީޚީ
ލިޔުންތަކުގައި އެރަދުންގެ ނަންފުޅު ލިޔެފައިވަނީ "ސުވަސްތީ ސިރީ ތީމުގޭ
ރަސްފިރޭރު މިނި އަބާރުނަ މަހާރަދުނަ" އެވެ. މިބަސްތަކުގެ ވަކިވަކި މާނަ
އަޅުގަނޑުމެންނަށް ރަނގަޅަށް ނޭނގުނުކަމަށް ވިއަސް އެއީ އެރަދުންގެ ކޮލީ
ނަންފުޅެއްކަމަށްވާނަމަ، އެނަންފުޅަކީ މިރާއްޖޭގެ ވެރިކަމުގެ އެންމެމަތީ ފަރާތުން
އަރުވާފައިވާ ޢިއްޒަތުގެ ލަޤަބެކެވެ. މިއީ ރާއްޖެ އިސްލާމްވުމުގެ ކުރީގެ
ދުވަސްވަރެއްކަމަށްވާތީ، އެދުވަސްވަރުގެ ކޮލީ ނަންފުޅުތަކުގައި ޢަރަބި ޖުމްލަތައް
ހިމަނާފައި ނުހުންނާނެއެވެ. ނަމަވެސް އެއީ މިހާރެކޭވެސް އެއްގޮތަށް އޭރުވެސް
ހަމަޖެހިފައިވާނެ ދައުލަތުގެ އެންމެމަތީ ލަޤަބެވެ. މިހެނީ، އެރަދުން އެހޯއްދަވައި
ދެއްވީ ޤަވްމުގެ ބިމުން ފިރުކައިގެންފައިވާ ބައެކެވެ. އޭރުއޮތް ދީނަކީ،
ބުދުދީންކަމަށް ވިއަސް އެއީ އޭރުގެ ދީނާއި، ޤަވްމަށްޓަކައި އެރަދުން ކުރެއްވި
ހަނގުރާމައެކެވެ.
"މިހާހިސާބުން
ދެން އަޅުގަނޑު ބަލާލާނީ "ޤަވްމިއްޔަތު" ފަނާކުރުމާއި ބެހޭ ގޮތުންނެވެ.
އާދޭހެވެ! ކުޑަވެސްޝައްކެއްނެތެވެ. ކޮންމެ ޒަމާނެއްގައިވެސް އެއްކޮޅު މީހުންނާއި
އަދި ދެކޮޅު މީހުން ތިބޭނެކަން ކަށަވަރެވެ. ވުމާއެކު، މިރަދުންވެސް އެކަމުން
ބަރީޢަވެ ވަޑައިގެންފައެއް ނުވާނެއެވެ. ކަންމިހެން ހުރުމާއެކު، އެރަދުންގެ
ރަސްކަމަށްފަހު، ނުވަތަ އެރަދުން އަވަހާރަވުމުން، އެރަދުންނާއިމެދު ހިތްހަމަނުޖެހޭ
މީހުންނަށް އަވްލާވެގެންވާނީ، އެ ދެ އަތޮޅު އިންޑިއާ އާއި ޙަވާލުކުރުންތޯއެވެ؟
ނުވަތަ އެރަދުންނާއި އޭރު ތިބި ދިވެހީންނަކީ، ބުދުދީނުގެ މީހުންކަމަށްވާތީ، ރާއްޖެ
އިސްލާވުމުން، އެމީހުން ކޮށްފައިވާ ހުރިހާކަމެއް ސުންނާފަތި ކުރުން އެއީ
ޤަވްމިއްޔަތުތޯއެވެ؟ އެގޮތަށް ތާއީދުކުރުން އެއީ އަމިއްލަ އެދުމާއި،
ޙަސދަވެރިކަމުގެ ކަނުކަން ނޫން، ދެން އެހެން ކޮންކަމެއްތޯއެވެ؟ ވެރިކަމުގެ
ޙަސަދަވެރިކަމުގައި، އެކެއްގެމައްޗަށް އަނެކަކު ނުނިއަތްލައި، ކަންފަސޭހަކޮށްގެން
ތިބުމުގެ ސަބަބުން މަލިކު އަތޮޅު އަނެއްކާވެސް އިންޑިއާ އިން ފިރުކައިގެންފިއެވެ.
އެ އަތޮޅު އަލުން ހޯދުމަށް މަސައްކަތެއް ނުކޮށް ވެރިކަމުގެއަވައިގައި ޖެހިފައި
ތިބެ، އެކަމުގެ މުއާލާތް ކެނޑި، އެއަތޮޅު މިހާރު އެވަނީ ތާއަބަދަށް ދިވެހީންނަށް ގެއްލިފަ އެވެ."
އެއަތޮޅު ގެއްލުނީ މީލާދީން 1750 ން 1757 ށް ރަސްކަންކުރެއްވި އައްސުލްޠާން
މުކައްރަމް މުޙައްމަދު ޢިމާދުއްދީން ނުވަތަ ކޮރުބަންޑާރައިން ރަހީނުކޮށްގެން
އިންޑިއާއަށް ގެންދިއުމަށްފަހުގައެވެ. މިޙާދިސާއާއި ބެހޭ އިތުރު ތަފްޞީލު އެހެން
ބަޔެއްގައި ލިޔެވޭތޯ ބަލާނަމެވެ.
ދިވެހިތާރީޚުގެ
އެންމެ ފުންނާބު އިސް ބޭބޭފުޅުން ވިދާޅުވާގޮތުގައި، މިރާއްޖޭގެ އެންމެ އިސް
ވަޒަންވެރީންނަކީ، ދުނިޔޭގެ އެކިއެކި ޤަވްމުތަކުގެ މީހުން ނެވެ. މިމީސްމީހުންގެ
ތެރެއިން ވެސް އެންމެ އިސް ރަށްވެހީން ކަމަށް ބެލެވެނީ، އަވަށްޓެރި އިންޑިއާ އާއި،
ސިރިލަންކާ ގެ މީހުން ކަމަށް ވެސް (ދިރާސާތަކުގެ އަލީގައި) އެބޭފުޅުން ވިދާޅުވެ
އެވެ. ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚުގައި ބަޔާން ކޮށްފައި ވަނީ، ރާއްޖޭގެ އެންމެ
އިސް ރަށްވެހީންނަކީ "މޮއްކަވާރުން" ކަމަށެވެ. (ދިވެހީން މޮއްކަވާރުންނޭ
ކިޔަނީ ކަނޑުފޭރޭ މީހުންނަށެވެ.) ބޭރުގެ ކަރަތަކުން ރާއްޖެ އަށް އަންނަ މީހުން
ހިންގަމުންދިޔަ ފޭރުމުގެ ޢަމަލުތަކަކީ، ދާދި މިދާކަށް ދުވަހާއި ހަމަޔަށް ވެސް ދެމި
އޮތް ކަމެކެވެ. އެގޮތުން މުދަލާއި، މީހުން ވެސް ފޭރިގެންފައި ވެ އެވެ. ރާއްޖޭގެ
ވެށީގައި އެގޮތަށް ކަންކަން ހިންގާފައި އެވަނީ، ރާއްޖެ އޮތްތަނުގެ ގޮތުން އާދެ!
ރާއްޖޭގެ ރަށްތަކަކީ، ބަނދަރުމަތީ ރަށްތަކެއްކަމަށްވާތީ، އިރުން ހުޅަގަށް/ހުޅަގުން
އިރުމަށްޗަށް ދަތުރުވެރީން ކުރާ ދަތުރުތަކުގައި، ދަރުފެން، ކޮއްތުގެ ބޭނުމުގައި
ރާއްޖޭގައި ބަނަދުކުރާ ތީ އެވެ. އެގޮތަށް ބަނދަރުކުރުމުގައި، މޫސުމުގެ ތަންނުދޭތީ،
ދަތުރު އެހާ ހިސާބުން ހުއްޓާލަން ޖެހުން އެއީ ވެސް އެދުވަސްވަރު ވަރަށް ޢާއްމުކޮށް
ހިނގާ ކަމެކެވެ.
ދޫދޫމަތިން
އަޑުއިވިފައިވާ ބައެއް ވާހަކަތަކުގައި ކިޔާ ގޮތުން، ކުރީޒަމާނުގައި ރާއްޖެއިން
ފޭރިގެން ގެންދާ މީހުން، ބޭރުގެ އެކިއެކި ޤަވްމުތަކަށް ވިއްކާލަނީ އެވެ. އެގޮތުން
މާލްޑިވިއާ އަށް ނިސްބަތްވާ ދަރިކޮޅުތަކެއް ފުރާންސްގައި އޮންނަ ކަމަށް ވެސް
ބުނެވެ އެވެ. އަދި މީގެ އިތުރަށް ރާއްޖެއިން ބެހިގެންދާ މީހުން ވެސް އެނބުރި
ޤަވްމަށް ނާދެވި އެމީހުންގެ ޢާއިލާތައް ވެސް ބައެއް ޤަވްމު ތަކުގައި އެބަ އޮތެވެ.
އަޅުގަނޑަށް އަޑުއިވިފައިވާ އެހެންނަމަވެސް ޔަޤީންކުރަން ނޭގޭ ވާހަކައެއްގައި ބުނާ
ގޮތުން، ބަލިވެ އިނދެގެން އެކަމުން ސަލާމަތްވާން (ރައްޓހި އަންހެނަކާއި އެކު)
އިންޑިއާ އަށް ދިޔަ އަންހެނަކު ވެސް އެނބުރި ރާއްޖެ ނާދެ އެވެ. ގެންދިޔަ
އަންހެންމީހާ އެހެން ފިރިހެނަކަށް އެކުއްޖާ ވިއްކާލުމަށްފަހު، ރާއްޖެ އައިސް
މައިންބަފައިންގެ ގާތުގައި ބުނިކަމަށް ވަނީ، އެކުއްޖާ މަރުވެއްޖެ ކަމަށެވެ.
ނަމަވެސް އޭގެ އަހަރުތަކެއްގެ ފަހުން ދިއްވެއްސަކާއި، އެމީހާ ބައްދަލުވި ކަމަށް
ޢާއިލާ އަށް ވަނީ، ޚަބަރު ލިބިފަ އެވެ. މިހާރު އިނދެގެން އުޅޭ މީހާ ގެ ބައިވަރު
ކުރިން ވެސް ތިބިކަމަށް ވެ އެވެ. (ސިއްރާއި، ފާޅުގައި އަދި ގަސްތަކާއި ލައިގެންނާއި/ނުލައި
ވެސް މިފަދަ ކަންކަން ހިނގުން އެއީ ހަގީގަތެކެވެ.) މިއީ އަސްލު މައުޟޫޢާއި ގުޅޭ
ވާހަކަތަކެއް ނޫންކަމަށް ވާތީ، މިބައި މިހާހިސާބުން ދޫކޮށްލީ އެވެ.
އާދެ! ރާއްޖޭގެ
ރަށްތައް އެތުރިފައިވާ ގޮތުން، ރާއްޖޭގައި ރަށްވެހިކަން ޤާއިމުވެފައި ވަނީ،
އެއްރަށެއްގެ ބަޔަކު، އަނެއް ރަށެއްގެ ބަޔާކައި، ގުޅި ލާމެހިގެނެއް ނޫނެވެ. އަދި
ކީއްތޯ އެވެ! މިރަށްތަކުގައި މީހުން ވަޒަންވެރިވެ، ޤަވްމެއްގެ ގޮތުގައި މިހާރު
ވެފައި މިވަނީ، އެކިދުވަސްވަރު، އެކިރަށްތަކުގައި، އެކިޤަވްމުތަކުން އައި މީހުން
ރަށްވެހިވެގެން ނެވެ. ކޮންމެބަޔަކު ވެސް އަންނަނީ އެބައެއްގެ ފަންނުވެރިކަމާއި
އެކުގައި ކަމަށްވާތީ، އެކިރަށްތައް ޚާއްޞަ ވެފައި ވަނީ، އެކިކަހަލަ
ފަންނުވެރިކަމަށެވެ. ކުރީގެ ދުވަސްވަރު މައިގަނޑު ގޮތެއްގައި ރާއްޖެއިން
ފާހަގަވެފައި ވަނީ، ބުދުދީން ކަމަށް ވިއަސް މިނޫން ދީންތަކުގެ މީހުން ވެސް ރާއްޖެއަށް
އައިސް ދިރިއުޅެފައި ވެ އެވެ. އެމީސްމީހުންގެ ދަރިފަސްކޮޅުތައް ވެސް ކުރިން
އޮތްކަމަށް ބުނެވެ އެވެ. މައިގަނޑު ގޮތެއްގައި ރާއްޖޭގައި ބުދުދީން އޮތީ،
އެދީނަކީ، އިންޑިއާ އާއި ސިރީލަންކާގައި އޮތް މައިގަނޑު ދީން ކަމަށްވެފައި،
މައިގަނޑު ގޮތެއްގައި މިރާއްޖެއަށް އެންމެ ގިނަ މީހުން އަދި އެންމެ ކުރީ
ޒަމާނުގައި އައީ އެ ދެޤަމުން ކަމަށް ވާތީ ކަމަށް ބުނެވެ އެވެ.
ކޮންމެއަކަސް
ދިވެހިރާއްޖޭގެ ވަޒަންވެރިކަން ފެށީގެން އައީ، ވަކި ދީނަކަށް ނުވަތަ ވަކި
ސަރުކާރަކަށް ބަރޯސާ ވެގެން ނެއް ނޫނެވެ. މިގޮތަށް ކަންކަން ހިނގަމުން، މީސް ގިނަވަމުން
ދިޔައިރު ވެސް ކުރިން ދަންނަވާފައިވާ ފޭރުމުގެ ކަންކަން ވެސް ދިޔައީ ހަމަ
ހިނގަމުން ނެވެ. ހަމަ އެއާއިއެކު، ރާއްޖޭގެ މިލްކުވެރިކަން އެބައެއްގެ
އަތްމަތީގައި ބޭއްވުމަށްޓަކައި، ބޭރުގެ ބާރުތަކުން ވެސް ގެންދިޔައީ މަސައްކަތް
ކުރަމުން ނެވެ. އެބައި މީހުން އެގޮތަށް މަސައްކަތް ކުރީ މިރަށްތައް އޮތް ތަނުގެ
ގޮތުންނާއި، މިރަށްތަކުގައި އުފައްދާ އަދި އުފެދޭ ތަކެތީގެ ބޭނުންތެރިކަން ވެސް
ބޮޑުކަމުން ނެވެ. އެގޮތުން ދަތުރު ފަތުރުގެ ފަސޭހަ ތަކާއި، ރަށްތަކަށް ގަދަކަމުން
އަރައި، ރަށްތައް ހިފައި، އެރަށްތައް މިލްކުކޮށް، އެރަށްތަކުން ލިބޭ ނަފާވެރިކަން
އެއީ އަމިއްލަ ތަކެތި ކަމަށް ހެދުމަށް މަގުފައިވެފައި ވުމާއި، މިރަށްތަކުން
ބޮއްޔާއި، މާވަހަރާއި، ތާވައްކާޓާއި، ކަނޑުމަހާއި ، ރޯނާއި އަދި މީނުން ވެސް
ކިތައްމެ އެއްޗެއް ލިބޭތީ އެވެ. އެގޮތުން ކުރިމަތިވަމުންދާ މިހުރިހައި ކަންކަމުގެ
ސަބަބުން، މިރަށްތަކުގައި ޤާއިމުވެގެން ތިބި މީހުންނަށް ކެނޑިނޭޅި ދުއްތުރާތައް
ކުރިމަތިވަމުން ދާތީ، މި ޖަޒީތައް އިދާރީ ގޮތުން އެއްޤަވްމަކަށް ހަދައި، އެންމެން
އެކައްޗެއް ކިޔައި، ދިފާޢީ މަސައްކަތްތަކެއް ކޮށްގެން ނޫން ގޮތެއްގައި
މިރަށްތަކުގައި އުޅެވެން ނެތްކަން ޔަޤީންވެ ކަށަވަރު ވުމުން، މިރަށްތައް އިދާރީ
ގޮތުން އެއްޤަވްމަކަށް ހަދަން ޖެހުނީ އެވެ. އަދި އެކަމަށް ކޮންމެވެސް ބަޔަކު
އިސްނަގައިގެން އެގޮތަށް ކުރަމުން ގެންދިޔަ މަސައްކަތުގެ ނަތީޖާ އަކީ،
ދިވެހިރާއްޖެ އެއް ވުޖޫދު ވުމެވެ.
ރާއްޖޭގެ
"ނަން" މުއައްރިޚުން، ލިޔުއްވާ ފައި ވަނީ، އެކި ދުވަސްވަރު އެކިއެކި
ނަންނަމުގަ އެވެ. ހަމަ އެއާއެކު، މިރާއްޖޭގައި ވެސް ފުރަތަމަ ޤާއިމު ކުރީ،
ރަސްކަމެކެވެ. އެއީ އެދުވަސްވަރު، މުޅިދުނިޔޭގައި ވެސް ވެރިކަމުގެ ނިޒާމު އޮތް
ގޮތެވެ. ޚާއްޞަ ކޮށް އަވައްޓެރި އިންޑިއާ އާއި ސިލޯނުގަ އެވެ. އެޤަވްމުތަކުގައި
އެއްފަހަރާ (އެކިއެކި ސަރަޙައްދުތަކުގައި) އެތައް ރަސްރަނީންނެއް ތިއްބެވި އެވެ.
ވެރިކަމަށް އެންމެ ފުރަތަމަ އިސްވީ ވެސް ރަސް ދަރިކޮޅުތަކާއި، ގުޅުން ހުރި މީހުން
ނެވެ. އެދުވަސްވަރުގެ މީހުންގެ ބަލައިގަންނަނީ، އެފަދަ ދަރިކޮޅުތަކަށް ނިސްބަތްވާ
މީހުން ނެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އެނޫން މީސްމީހުން
ރަސްކަމަށް އިސްވުން އެއީ ހުއްދަ ކަމެއް ނޫނެވެ. (ނުނިމޭ)
----------------------------
ލިޔުއްވީ:
"ގަލަންދޫ"
02 އޯގަސްޓް
2013