ޑިމޮކްރަސީގެ ހަމަތަކުން ޢުމުރު މަތިކުރާ ސާމާނު ބައްޓާނެ ބިމެއްހޯދުން


ބަޣުދާދަށް ތާތާރުން އަރައި މުޅިތަން ސުންނާފަތިކޮށް އެފުށްމިފުށަށް ޖެހިގޮތަށް ލާމަރުކަޒީ ކިޔުނު ވަބާއެއް ދިވެހިރާއްޖެއަށް އަރައި ކަތީބުންކޮޅާއި ރައްޔިތުންގެ މުދަލާއި ފައިސާއާއި ބިންބިމާއި ސުންނާފަތިކޮށް އެފުށްމިފުށަށް ޖެހިފަހުން އާދަނު ހުންނަނީ އެއްވެސް ބޭނުމަކު ކުރިން ކަތީބުން މަސައްކަތްކުރި އޮފީހަށް އެއްވެސް ބޭނުމަކު ނުދާށެވެ. އެހެންނަމަވެސް ޑިމޮކްރަސީގެ ހަމަތަކުން ޢުމުރުމަތިކުރާ ސާމާނު ބައްޓާނެ ބިމެއްހޯދުމުގެ ބޭނުމުގައި އެބުނާ އޮފީހަކަށް ގޮސް ކުރިން އެތާގެ ބޮޑުމީހާ ކުރި މަސައްކަތްކުރަން މިހާރު ހުރި ބޮޑަކާއި ބައްދަލުވާން ތިންދުވަހު އުޅެގެން މިއަދު ބައްދަލުވާގޮތެއް ވެއްޖެއެވެ.  

އާދަނު ބުންޏެވެ. "ބޮޑުމީހާގެ ގާތަށް މިއައީ ބޮޑު ބޭނުމަކުއެވެ. ތިޔައީ ބޮޑުމީހާއަށްވީމާ ބޮޑުމީހާގެ ގާތަށް އަންނަންޖެހޭ ބޭނުންވެސް ބޮޑުވާނެތާއެވެ. ކުޑައެއް ނުވާނެއެވެ. އެކަމކު އަހަންނަށްވުރެ މިކަމުގެ ބޭނުންބޮޑީ އިސްލާމުންނޭ ކިޔައިގެން އުޅޭ އެހެން ބަޔަކަށެވެ. މިކުރަން އުޅޭ ކަން ވެއްޖެއްޔާ ބަލަބަލައި ތިއްބައި އެބަޔަކު ނަރަކަށް ނުގޮސްވެދާށި ތޯއްޗެކެވެ. މިވާހަކަ އަޑުއަހައި ބަލާށެވެ.

ބޮޑުމީހާއަށްވެސް އެގޭނެފަދައިން މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އަހަރެންގެ ބޭބެ ބަކުރުބެ ރާއްޖެ އައިސް އުޅުނެވެ. ނަމަވެސް އެކަމަށް ފޯމު ހުށަހެޅުމުގެކުރިން ބޭބެގެ ސޯމާލިޔާގެ އަންހެނުން މާގަދައަށް ބަޑެއްގައި ރިއްސާތީ އެބުރި އެތަނަށް ދާންޖެހިގެން ދިޔައީއެވެ. ދިޔައިރު އެފަހަރު ބޭބެ ރަށަށްއައިއިރު ގެނައި ރިޔާސީމެނިފެސްޓޯ ބަންދުކޮށްފައި ހުރި ޑަބިޔާ ނުގެންދެއެވެ. އެއެތިހުރީ ބޭބެގެ ގޭގެ ގުދަނުގައެވެ.

އެހެންހުއްޓައި ކުޑަވަރެއްގެ ސޮރަކު އެއެތި ނެގީއެވެ. އެހެންވެ އެއެތި ދޭށޭ އެސޮރު ގާތު ބުނެބުނެ ނުދީގެން އިއްޔެ ނައިބުގެއަށް (ކޯޓަށް) ދިޔައީމެވެ. ނަމަވެސް ނައިބުކަލޭގެއަށް މަގޭ އަޑު އިވޭވަރަށްވުރެ އެތާގެ އެތެރޭގެ އެތަންމިތަނުން މީސްމީހުންގެ އަޑުފަށްގަޑު މާގަދައެވެ. ﷲ ގަންދީ ހުވައިކުރާ އަޑެވެ. "މިހިރަ އެހަރަ މީހާއަށް ފަންސަހައްޓި އަހަރުވެއްޖެކަމަށް ﷲ ގަންދީ ހުވައިކުރަމެވެ." 

މިކިޔައިދިން ގޮތަށް ނައިބުގޭގައި ހުވައިކުރި އެކަކީ އެކޮޅު ގޯތީ މަރިޔަބުގެ ހުސޭނެވެ. ﷲ ގަންދީ އޭނާ ހުވައިކުރީ އަރުވައިލި ދޮހޮއްކޮގެ ކަރާޓޭ އަށް ފަންސަހައްޓި އަހަރު ވެއްޖެކަމަށެވެ. މިބުނި ކަރާޓޭއަށް ހަތްދުވަސްވީ ދުވަހު އޭނާއަށް ކިޔާފައިވާ ނަމަކީ ޢަބުދުލްކަރީމު ނަމަވެސް މޯޑޭ ފޯޑޭ ރޯޑޭ އަންމަޑޭ ނާއްޓޭ ކާއްޓޭ ކިޔާގޮތަށް މިކަރީމަށް މިހާރުކިޔާތީ އަޑުއިވެނީ ކަރާޓޭއެވެ. އެކަމަކު މިބުނާ ކަރާޓޭއަށް ފަންސަހައްޓި އަހަރު އަދި ނުވާކަމަށް އަހަރެން މިހިރީ ބޮޑުމީހާގެ ކުރިމަތީ ޚަތިމުގައި އަތްލައި ޖެހިލުމެއް ބިރެއް ސިހުމެއް ނެތި ހުވައިކުރަން ތައްޔާރަށެވެ. އެއީ ތިޔަ ކަރާޓޭގެ މަންމަ އައިމިނާއި މަށާއި މިއީ އެއްރެއަކު ވިހެއި ދެމީހުންނެވެ. ދެމީހުންގެ ދޭތެރޭ އުފަންވުމުގައި ހުރި ދުރުމިނަކީ ޢިޝާނަމާދުގެ ކުރީ ދެރަކުޢަތުގައި އަލްޙަމްދު ފަހު ކުރު ސޫރަތެއް ކިޔަވައި ނަމާދުކޮށް ނިމޭހާ ދުރުމިނެކެވެ. 

އައިމިނަ ވިހެއީ ޢިޝާނަމާދަށް ބަންގި ގޮވަނިކޮށެވެ. އަހަރެންގެ އަމާ އަހަރެން ވިހެއީ ޢިޝާ ނަމާދުން ސަލާމްދިން ތަނާއެވެ. އެހެންވެ އަހަންނަށް ތިޔަ ބުނާ ފަންސަހައްޓިއެއް ވާނީ މިއަންނަ ރޯދަމަހުގެ ފުރަތަމަ ދެފޮއި ދާ ފަހުންނެވެ. މިހެންވީއިރު ކަރާޓޭގެ އަމަޔަށް ފަންސަހައްޓި އަހަރުނުވެ އެއަމައިގެ ބަޑުން އުފަންވި ސޮރަކަށް ފަންސަހައްޓި އަހަރުވާނެ ގޮތެއް އުޅެއުޅެ މަގޭ ބޮލަކަށް ނުވަނެވެ. މިހެންބުންޏަސް މަގޭ ބޮލަށް ނުވަންނަ ކިތަންމެ ކިތަންމެކަމެއް ބޮޑުމީހާމެންނާ އެކީ ތިޔަ ގެނައި ޑިމޮކްރަސީއެއްގެ ތެރެއިން އަތުވެދާނެކަން ނޭގެއެވެ. ނޭގެއެއް ނޫނެވެ. އެގެއެވެ. އެހެރަ އައީތާއެވެ. އެކޮޅު ގޯތީ މަރިޔަބުގެ ހުސޭނު، ﷲ ގަންދީ ހުވައި އެކުރީ އަރުވައިލި ދޮހޮއްކޮގެ ކަރާޓޭ އަށް ފަންސަހައްޓި އަހަރު ވެއްޖެކަމަށްތާއެވެ. ކަރާޓޭ އަށް ފަންސަހައްޓި އަހަރުވީ އެސޮރުގެ އަމަޔަށް ސައުރަހައްޓި އަހަރުގައެވެ. ސާބަހުން ސާބަހެވެ. ޑިމޮކްރަސީއަކީ މިއީތާއެވެ."

ޝައުގުވެރިކަމާއެކު އާދަނުގެ ވާހަކަ އަޑުއަހަން ބޮޑުމީހާ އިދެފައި ބުންޏެވެ. "އާދަނާއެވެ. މީސްމީހުން ތިޔަކަހަލަ ދޮގުހުވައިތައް އެކުރަނީ ކޮންމެވެސްމީހަކަށް ހަރާން ފަސްހާސް ރުފިޔާ ހޯދައިދިނުމުގެ ބޭނުމުގައެވެ. އެހެންކަމަކު ނޫނެވެ. އެކަމަކާއި އަހަރެމެންނަށް ކުރެވޭނެ ކަމެއް ނެތެވެ. މީހަކަށް ފަންސަހައްޓި އަހަރުވީކަމަށް ނައިބުކަލޭގެ ނިންމީމާ އެނިމުނީއެވެ. ފަސްހާސްރުފިޔާ ލިބުނީއެވެ. މީގެ ދެމަސްކުރިން ކޮންމެވެސް ނައިބަކު އޭނާއަށްވުރެ ހަގުމީހަކު ފަންސަހައްޓި އަހަރުވީކަމަށް ނިންމިއިރު އެހަގުމީހަކީ ނައިބުކަލޭގެއަށް ވުރެ ހަގުމީހެއްކަން ނައިބުކަލޭގެ ހަމަ ރަގަޅަށް ދެނެހުއްޓެވެ. ނައިބުކަލޭގެއަށް ފަންސަހައްޓި އަހަރުވާންވެސް އަދި ފަސްއަހަރު އެބައޮތެވެ. މިހިރީ ހާލުހުރި ގޮތެވެ. ދެން ތިޔަ ވާހަކަތައް ކުރުކޮށްލާފައި އާދަނު އައި ބޭނުމަކީ ކޮބައިތޯ ބުނެދީބަލާށެވެ."

ބޮޑުމީހާ މިހެންބުނުމުން އާދަނުގެ ޖީބުގައި އޮތް ފޮޓޯއެއް ބޮޑުމީހާއަށް ދިއްކޮށްލަމުން ބުންޏެވެ. "މިއައީ މިތަކެތި ބަހައްޓާނެ ބިމެއް ހޯދާށެވެ. ކުއްޔަކަށް ނޫނެވެ. ޢާއްމުވެގެންވާ މަންފާއަކަށްޓަކައެވެ. އިސްލާމް އަޅުތަކުންގެ ތެރެއިން އެތައްބަޔަކު ދޮގުހުވައިކޮށް އެބަޔެއްގެ ދަރީންގެ ގޮހޮރަށް ހަރާންތަކެތި ވެއްދުން ހުއްޓުވައި އެބަޔަކު ނަރަކަށް ނުގޮސްވޭތޯ ބެލުމުގެ މަސައްކަތަށެވެ. މިފޮޓޯއިން ފެންނަ ތަކެއްޗަކީ މީހަކަށް ފަންސަހައްޓި އަހަރު ވެއްޖެތޯ ޑިމޮކްރަސީގެ ހަމަތަކުން ރަގަޅަށްބަލައި ދިރާސާކުރާ ސާމާނެވެ.


މިކަންކުރާ ގޮތް ބޮޑުމީހާ އަހައިބަލާށެވެ. އެމީހަކަށް ފަންސަހައްޓި އަހަރުފުރިއްޖެކަމަށް ބުނާ ކޮންމެމީހެއްގެ ކަނާތުގެ ކުޑަވާއިގިލި ފޮޓޯއިން އެފެންނަ ދަތިތެރެއަށް ލައްވައި ބާރުކޮށްލުމުން އެއިގިލި ޗިސްޗިސް ނުވާނަމަ އެއީ ޑިމޮކްރަސީގެ ހަމަތަކުން ހަމައަށް ބަރާބަރަށް ފަންސަހައްޓި އަހަރު ފުރިފައިވާ މީހެކެވެ. އަދި އެމީހަކަށް ފަންސަހައްޓި އަހަރު ފުރިއްޖެކަމަށް ހެކިދޭ ހެކިވެރިންގެ ވާތުފައިގެ ބޮޑުވާ އިގިލީގައި ފޮޓޯގައިވާ ބޮޑުމުގުރުން ޖެހީމާ އެއިގިލި ސަލާމަތުން ހުރެއްޖެ މީހަކީ ދޮގުހެކިދޭ މީހެއްނޫނެވެ. ޑިމޮކްރަސީގެ ހަމަތަކުން ތެދު ހެކިދޭ މީހެކެވެ. މިއީ މިކަންކުރާ ގޮތެވެ. ވީމާ ބޮޑުމީހާގެ ރަށުގައި އިސްލާމުންނޭ ކިޔައިގެން މިއުޅޭ ބައެއްމީހުންގެ ދެދުނިޔޭގެ ރައްކަލަށްޓަކައި މިކަމަށް ބިމެއް ދެންޏާ ދޭންވީއެވެ. ދީފިއްޔާ ރަގަޅެވެ. ނުދިނިއްޔާވެސް މިތަކެތި މިރަށުގެ ކޮންމެވެސް ބިމެއްގައި ޑިމޮކްރަސީގެ ހަމަތަކުން އަހަރެން ބަހައްޓާނަމެވެ. މިރަށު ކުޑަ ފާތުމަ ހުނިގާނަންވެސް އެއޮތީ ޑިމޮކްރަސީގެ ހަމަތަކުން ބިމެއް ދީފައިނޫންހެއްޔެވެ. 

ވީއިރު ބޮޑުމީހާގެ ރަށުގައި އިސްލާމުންނޭ ކިޔައިގެން މިއުޅޭ ބައެއްމީހުންގެ ދެދުނިޔޭގެ ރައްކަލަށްޓަކައި އެބައިމީހުންނަށް ޑިމޮކްރަސީގެ ހަމަތަކުން ފަންސަހައްޓި އަހަރުވެއްޖެތޯ ބަލާ ސާމާނު ބަހައްޓަން ބިމެއް ނުލިބެންވީ ސަބަބެއް އުޞޫލެއް ހަމައެއް ނޯންނާނެއެވެ. އޮވެގެންވެސް ނުވާނެއެވެ. ވީމާ ވީހާ އަވަހަކަށް ބިމެއް ހަމަޖައްސައި އަންގާލާށެވެ. މިއީ ޑިމޮކްރަސީގެ ހަމަތަކުން މިހާރަށް ނުހަނު ބޭނުންވެފައިވާ ކަމެކެވެ."
                   ---------------------

ލިޔުއްވީ: އިބްރާހީމް އާދަމް