ރައްޔިތުން ރަހުނުކުރުން











ބޭންކްތަކުން ލޯނުދެނީ، އެތަނުން ދޫކުރާ ފައިސާއާއި، އެއްވަރުގެ އަގެއްހުރި އެއްޗެއް ބޭންކުގައި ރަހުނު ކުރުމަށްފަހުގަ އެވެ. އެގޮތުން ގޯތިގެދޮރާއި، ބިންބިމާއި، އުޅަނދުފަހަރާއި، ގެރިބަކަރި ފަދަ ދިރޭ މުދަލާއި. އުފުލޭ އަދި ނުއުފުލޭ މުދަލާއި، މިނޫން ވެސް އެފަދަ ތަކެތި ރަހުނުކުރެ އެވެ. އެހެން ނަމަވެސް އެއްވެސް ހައިސިއްޔަތަކުން، ފަރުދީ ލޯނުތަކުގައި ނުވަތަ ޖަމާޢީ ލޯނުތަކުގައި ކަމަށް ވިއަސް އާދަމުގެދަރީން ރަހުނުކުރާކަމެއް އަޅުގަނޑު ނުދަންނަމެވެ. އަދި އެފަދަ ވާހަކަތަކެއް އެއްވެސްބަޔަކު ދައްކާ އަޑެއް ވެސް އިވިފައެއް ނެތެވެ.

އެކަން އޮތީ، މިދެންނެވި ގޮތަށް ކަމަށްވިއަސް، ސަރުކާރުތަކުން ނަންގަވާ ލޯނުތަކުގައި ރަހުނުކުރަނީ. އެޤަވްމުތަކުގެ ރައްޔިތުން ނެވެ. އެކަމަކުވެސް އެއީ ސީދާގޮތެއްގައި ކުރައްވާ ކަމެއް ނޫންކަމަށް ވިއަސް ކޮންމެ ރައްޔިތަކުވެސް އެކަމުގެ އަޞްލަށް ވިސްނައިފިނަމަ، ސަރުކާރުތަކުން ރަހުނުކުރަނީ، ތިމާމެންކަން އެނގި  ކަށަވަރު ވާނެ އެވެ. މި ޤަވްމުކަމށް ވިއަސް ނުވަތަ  އެހެން ޤަވްމެއްކަމަށް ވިއަސް މެ އެވެ. މިފަދަ ބުރަތަކުން ސަލާމަތް ވުމަށްޓަކައި ވިސްނަން ޖެހޭ ބަޔަކީ ވެސް، ރައްޔިތުން ނެވެ.

ސަރުކާރުތަކުން ރައްޔިތުން ރަހުނުކުރާ ވާހަކަ އަޅުަނޑު މިދެންނެވީ، ސަމާސާ ވާހަކައެއް ދެއްކުމުގެ ގޮތަކުން ނޫނެވެ. މިއީ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ، ސީރިއަސް މަސްއަލަ އެކެވެ. މިދެންނެވި ޒާތުގެ ލޯނުތައް ސަރުކާރުތަކުން ނަންގަވަނީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގެ ނަމުގަ އެވެ. އެ ނަން މިހެން އޮތްކަމަށް ވިއަސް، ދެން އިވޭ އަޑުތައް ވަރަށް ތަފާތެވެ، ޚާއްޞަކޮށް އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓުތަކުގެ އަޑުތަކެވެ. އެހެނިހެން ފަރާތްތަކާއި، ދޫދޫމަތިން އިވޭ އަޑުތަކާއި، ކުއްލިއަކަށް މުއްސަނދިވާ ފަރާތްތަކުގެ ވާކަ އެވެ.

ރައްޔިތުންގެ ފައިސާ އާއި، މުދަލަށް ވެފައިވާ ޚިޔާނާތުގެ ވައްކަމާއި، މަކަރާއި، ޙީލަތާއި، އިހުމާލުގެ ވާހަކަ އެވެ. އެކިއެކި ވަރުވަރުގެ ވެރިންގެ މުހުތާދުތައް ފުއްދުމަށްޓަކައި ކޮށްފައިވާ ބޮޑެތި ޚަރަދުތަކުގެ އަޑުތަކެވެ. ވާހަކަތައް މިގޮތަށް ހުރިކަމަށް ވިއަސް އެކަންކަމުގައި ޒިންމާވާ ފަރާތްތަކަށް ފަރުވާލެއް ނެތެވެ. މަދުފަހަރަކު ޝަރުޢީ މަރުޙަލާއަކާއި، ކުރިމަތިލާން ޖެހުނުކަމަށް ވިއަސް، އެޙާލަތުގައި، އެފަދަ މީސް މީހުންގެ މިލްކިއްޔާތުގައި ޒައްރެއްގެ މިންވަރެއްވެސް ނޯވެ އެވެ. މިހުރިހާ ފަރާތްތަކުންވެސް އުފަލާއި ޢަރާމުގައި އުޅެމުންދާއިރު، ރަހުނުކުރި ރައްޔިތުންނަށް ޖެހޭނީ، އަސާސީ ޚިދުމަތްތަކުން މަޙުރޫމުވެތިބެ، ލޯނުތަކަށް ފައިސާ ދައްކާށެވެ. ޖީއެސްޓީއާއި، ޚިދުމަތްތަކަށް ނަގާ އަގުގެ ނަމުގަ އެވެ.

ރައްޔިތުންނަށް ޖެހޭނީ، ޤަވްމާއި، ޤަވްމުގެ ކުރިމަގު ސަލާމަތް ކުރުމަށްޓަކައި ކުޅަދުނރުގެ އުސޫލުން "ރާނީކުޅަނދުރަށްޓަކައި އާދެ! ރައްޔިތުންނަށް ޖެހޭނީ، ވެރީންނަށްޓަކައި އެމީހުންގެ ލެއާއި، ދަލުން ޤުރުބާން ވާށެވެ. މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނާލަން ޖެހޭ ރަހުނުކުރުމެކެވެ.
       --------------------

ލިޔުއްވާފައިވަނީ: ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި
28 މޭ 2013