ނުޞައިރީން النُّصَيْرِيَّة










ތަޢާރުފު
ނުޞައިރީންނަކީ، ހިޖުރީ ސަނަތުން ތިންވަނަ ޤަރުނުގެ ތެރޭގައި އުފެދުނު ބާޠިނީ މަޒުހަބެކެވެ. އެމީހުންނަކީ، ޝީޢީންގެ ތެރެއިން ހައްދުފަހަނަޅާފައިވާ ބަޔެކެވެ. ސީރިއާއަށް ވެރިވި ފަރަންސޭސި އިސްތިޢުމާރު ވަނީ، އެމީހުންގެ ނަން، ޢަލަވީންގެ ނަމުން މަޝްހޫރުކޮށްފަ އެވެ. އެއީ، އެމީހުންގެ އަޞްލާއި ޙަޤީޤަތް، މުސްލިމުންގެ އާންމުންނަށް އޮޅުވައިލުމަށްޓަކައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވެ އެވެ.

އިހުޒަމާނުއްސުރެ ނުޞައިރީން ވަޒަންވެރިގެން އުޅޭ މައިގަނޑު ސަރަޙައްދަކީ، ނުޞައިރީ ފަރުބަދައިގެ ސަރަހައްދެވެ. އެއަށްފަހު އެމީހުންވަނީ، ސީރިއާގެ އެކިއެކި ރަށްތަކަށް ފެތުރިގެންފަ އެވެ. އެމީހުން ކުރިން ދިރިއުޅެމުން ގެންދިޔައީ އެމީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަތިގަނޑަކަށްވެ އެއް ޖަމާޢަތެއްގެ ގޮތުގަ އެވެ. މިހާރު ސީރިއާގައި ވެރިކަންކުރަނީ އެމީހުންނެވެ.

ސީރިއާގެ އިތުރުން، ލުބްނާނާއި، ފަލަސްޠީނާއި، ތުރުކީވިލާތާއި، އީރާނާއި، ޢިރާޤާއި، މެދުތެރޭ އޭޝިއާގެ ބައެއް ގައުމުތަކުގައި ވެސް ނުޞައިރީން ދިރިއުޅެ އެވެ.


މުއައްސިސް

ނުޞައިރިއްޔަ މަޒުހަބުގެ ނަން ނިސްބަތްވަނީ، މުޙައްމަދު ބްނު ނުޞައިރުއް ނުމައިރީ (محمد بن نصير النميري) އަށެވެ. އޭނާއަކީ، ހިޖުރައިން ތިންވަނަ ޤަރުނުގައި އުޅުނު ޝީޢީ މަޒުހަބުގެ މީހެކެވެ. ނުޞައިރިއްޔަ މަޒުހަބު އުފެއްދީ އޭނާ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި، ޝީޢީންގެ އިމާމު، އަލްޙަސަނުލް ޢަސްކަރީ އާ ހަމައަށް ވާޞިލުކޮށްދޭ "ބާބު" އަކީ އޭނާ އެވެ. އެ އިމާމުގެ ޢިލްމުގެ ވާރުތަވެރިޔަކީ ވެސް އޭނާ އެވެ. އަދި ޝީޢީންގެ ދީނީ "މަރުޖިޢު" އާއި، "ޙުއްޖަތު" އަކީ ވެސް ހަމަ އޭނާ އެވެ. މީގެ އިތުރުން އޭނާ ވަނީ ނަބީކަމާއި ރަސޫލުކަމަށް ވެސް ދަޢުވާކޮށްފަ އެވެ.


ބައެއް ޢަޤީދާތައް

ނުޞައިރީން ޤަބޫލުކުރާ ގޮތުގައި، ޢަލީގެފާނަކީ، މާތްރަސްކަލާނގެ އެވެ. އެކަލޭގެފާނު އިންސާނެއްގެ ސިފައިގައި ފާޅުވެވަޑައިގަތުމުގެ މިސާލަކީ، ޖިބުރީލުގެފާނު ބައެއް އިންސާނުންގެ ސިފައިގައި ފާޅުވެވަޑައިގަތުމުގެ މިސާލެވެ. އަދި އެކަލޭގެފާނު އިންސާނެއްގެ ސިފައިގައި ފާޅުވެވަޑައިގަތީ، އަޅުތަކުންނާ ގާތްކަން އިތުރުކުރެއްވުމަށްޓަކަ އެވެ.

ނުޞައިރީންގެ ބައެއް ޖަމާޢަތްތަކުގެ މީހުން ޤަބޫލުކުރާ ގޮތުގައި، ޢަލީގެފާނު އިންސާނީ ހަށިކޮޅުން ނިކުމެވަޑައިގަތުމަށްފަހު، ދިރިއުޅުއްވަނީ، ވިލާތަކުގެ މަތީގަ އެވެ. އެހެންކަމުން އެމީހުންނަށް ވިލާގަނޑެއް ފެނިއްޖެނަމަ، އެކަލޭގެފާނަށް ވެދުމާއި ސަލާމް ދަންނަވަ އެވެ. އެމީހުން ސަލާމް ދެންނެވުމަށްޓަކައި ކިޔަނީ: "އައްސަލާމު ޢަލައިކަ ޔާ އަބަލްޙަސަން" (السَّلاَمُ عَلَيْكَ يَا أَبَا اْلحَسَن) މިހެންނެވެ. މާނައަކީ، "އޭ ޙަސަނުގެފާނުގެ ބައްޕާފުޅެވެ. ކަލޭގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ." އެމީހުން އީމާންވާ ގޮތުގައި، ގުރުރީގެ އަޑަކީ، ޢަލީގެފާނުގެ އަޑުފުޅެވެ.

ނުޞައިރީންގެ ބައެއް ޖަމާޢަތްތަކުގެ މީހުން ޤަބޫލުކުރާ ގޮތުގައި، ޢަލީގެފާނު، މުޙައްމަދުގެފާނު (ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޚަލްޤުކުރެއްވި އެވެ. ދެން މުޙައްމަދުގެފާނު، ސަލްމާނުގެފާނު ޚަލްޤުކުރެއްވި އެވެ. ދެން ސަލްމާނުގެފާނު، ފަސް ޔަތީމުން ޚަލްޤުކުރެއްވި އެވެ. އެ ފަސް ޔަތީމުންނަކީ:
އަލްމިޤުދާދު ބްނުލް އަސްވަދު: ނުޞައިރީން ގަބޫލުކުރާ ގޮތުގައި، މިއީ، މީސްތަކުންގެ ކަންތައްތައް ބަލަހައްޓަވައި، ޚަލްޤުކުރައްވާ ރަސްކަލާނގެ އެވެ. ގުގުރުމުގެ ވެރި ރަސްކަލާނގެ އަކީ ވެސް މިއީ އެވެ.
އަބޫ ޛައްރުލް ޣަފާރީ: ނުޞައިރީން ގަބޫލުކުރާ ގޮތުގައި، މިއީ، ޕްލެނެޓްތަކާއި، ތަރިތަކުގެ ވެރި ރަސްކަލާނގެ އެވެ.
ޢަބްދު ﷲ ބްނު ރަވާޙާ: ނުޞައިރީން ގަބޫލުކުރާ ގޮތުގައި، މިއީ، މީސްތަކުންގެ ފުރާނަތައް ހިއްޕަވައި މަރުގަންނަވާ، އަދި ދުނިޔޭގައި ޖެހޭ ވައިގެ ވެރި ރަސްކަލާނގެ އެވެ.
ޢުޘްމާނު ބްނު މަޟުޣޫނު: ނުޞައިރީން ގަބޫލުކުރާ ގޮތުގައި، މިއީ، މަޢިދާއާއި، އިންސާނުންގެ ހަށިގަނޑުގެ ހޫނުކަމާއި، މީހުންނަށް ޖެހޭ ބަލިތަކާއި، ދުނިޔޭގައި ފެތުރޭ ބަލިމަޑުކަމުގެ ވެރި ރަސްކަލާނގެ އެވެ.
ޤުންބުރު ބްނު ކާދާން: ނުޞައިރީން ގަބޫލުކުރާ ގޮތުގައި، މިއީ، ހަށިތަކަށް ފުރާނަ އަޅުއްވާ ރަސްކަލާނގެ އެވެ.

ނުޞައިރީން ޤަބޫލުކުރާ ގޮތުގައި، މަރުވާ މީހުންގެ ފުރާނަތައް ތަނާސުޚުވެ އެވެ. އަދި އެ ތަނާސުޚުވުމުގެ ހަތަރު ވައްތަރެއް ވެ އެވެ. އެ ހަތަރު ވައްތަރަކީ:
އިންސާނެއްގެ ފުރާނަ، އިންސާނެއްގެ ހަށިގަނޑުން އެހެން އިންސާނެއްގެ ހަށިގަނޑަށް ނަގުލުވުން.
އިންސާނެއްގެ ފުރާނަ، އިންސާނެއްގެ ހަށިގަނޑުން ޖަނަވާރެއްގެ ހަށިގަނޑަށް ނަގުލުވުން.
އިންސާނެއްގެ ފުރާނަ، އިންސާނެއްގެ ހަށިގަނޑުން ފަނިފަކުސައެއްގެ ހަށިގަނޑަށް ނަގުލުވުން.
އިންސާނެއްގެ ފުރާނަ، އިންސާނެއްގެ ހަށިގަނޑުން ގަސްގަހާގެހީގެ ތެރޭގައި ހިމެނޭ ގަހެއް ނުވަތަ ވިނައެއް ފަދަ އެއްޗަކަށް، ނުވަތަ ޖަމާދާތުގެ ތެރޭގައި ހިމެނޭ ގަލެއް ނުވަތަ ހިލައެއް ފަދަ އެއްޗަކަށް ނަގުލުވުން.

ނުޞައިރީން ގަބޫލުކުރާ ގޮތުގައި، ބަނގުރާ އަކީ، ބަރަކާތްތެރި މާތް ބުއިމެކެވެ. އަދި މޭބިސްކަދުރު ވެލަކީ ވެސް ބަރަކާތްތެރި މާތް ވެލެކެވެ. އެ ވެޔޮ އުފުރުމަކީ، ނުވަތަ އެއަށް ގެއްލުމެއް ދިނުމަކީ ވަރަށް ބޮޑު ފާފައެކެވެ. ނުޞައިރީން ރާބޮނީ ވަކި ޚާއްޞަ ދުޢާއެއް ކިއުމަށްފަހުގަ އެވެ. އެދުޢާގައި، އެމީހުންގެ ކަލާނގެ (ޢަލީގެފާނު)، ބަނގުރާ ގައި އެމީހުންނަށް ދުޅަހެޔޮކަމާއި، ހިތާމަފިލުމާއި، އަމާންކަން ލެއްވީތީ އާއި، އެމީހުންގެ ދުޝްމަނުންނަށް (ސުންނަތް ޖަމާޢަތުގެ މުސްލިމުންނަށް) އެއީ ޙަރާމް އެއްޗެއް ކަމުގައި ލެއްވީތީ، ޝުކުރު ދަންނަވަ އެވެ.

ނުޞައިރީން ގަބޫލުކުރާ ގޮތުގައި، އަންހެނުންނާއި ފިރިހެނުން މައްސުނިވެ، ބޭނުން މީހަކާއެކު ބޭނުންކަމެއް ކުރުން ހުއްދަވެގެންވާ ރެއެއް އަހަރުދުވަހުގެ ތެރޭގައި އާދެ އެވެ. (ބާޠިނީ އެހެން މަޒުހަބުތަކުގައި ވެސް މިފަދަ ރެއެއް ވެ އެވެ.)

ޢަލީގެފާނު ޝަހީދުކޮށްލި ޤާތިލު، ޢަބްދުއްރަޙުމާން ބްނު މުލްޖަމަކީ، ނުޞައިރީންގެ ގާތުގައި މަޤުބޫލު ޝަޚުޞިއްޔަތެކެވެ. އެމީހުން ދެކޭ ގޮތުގައި، ޢަލީގެފާނުގެ ކަލާނގެވަންތަކަމުގެ ތެރެއިން، އިންސާނީ ވަންތަކަން ނެރެ، އެކަލޭގެފާނުގެ އަޞްލަށް ރުޖޫޢުވުމަށް މެދުވެރިވީ އޭނާ އެވެ. އެހެންކަމުން އޭނާއާމެދު ބަދުބަސް ބުނުމަކީ ފާފައެކެވެ.

މައްކާގެ ގެފުޅަށް ގޮސް ޙައްޖުގެ އަޅުކަން އަދާކުރުމަކީ، ނުޞައިރިއްޔަ މަޒުހަބުގައި އޮތް ކަމެއް ނޫނެވެ. އެމަޒުހަބުގެ ދީނީ ތަޢުލީމު ބުނާ ގޮތުގައި، މައްކާއަށް ގޮސް ސުންނަތްޖަމާޢަތުގެ މުސްލިމުން ފަދައިން ޙައްޖުވުމަކީ ކުފުރުގެ ތެރެއިންވާ ބުދަށް އަޅުކަންކުރުމެކެވެ.

ނުޞައިރީންނަކީ، ސުންނަތްޖަމާޢަތުގެ މުސްލިމުން ފަދައިން ރަމަޟާންމަހު ރޯދަހިފާ ބަޔެއް ނޫނެވެ. ނުޞައިރީންގެ ރޯދައަކީ، ރަމަޟާން މަސް ނިމެންދެން އަނބިފިރިކަމުގެ ގުޅުން ނުހިންގައި، އެއްދާންނުކޮށް ތިބުމެވެ.

މައިގަނޑު ގޮތެއްގައި، ނުޞައިރިއްޔަ މަޒުހަބުގެ ޢަޤީދާ ބިނާވެފައިވަނީ، އޭޝިއާގެ ބޯދާ ބުދުދީނާއި، މަޖޫސީންގެ ޢަޤީދާގެ މައްޗަށެވެ.


ނަމާދު

ނުޞައިރިއްޔަ މަޒުހަބުގެ އަޅުކަމުގެ ތެރޭގައި ރެއާއި ދުވާލުކުރާ ފަސް ނަމާދު ވެ އެވެ. އެކަމަކު އެ ނަމާދުތައް ކުރާ ގޮތާއި، އޭގެ ރަކުޢަތްތައް، ސުންނަތް ޖަމާޢަތުގެ މީހުން ކުރާ ނަމާދާ ޚިލާފެވެ.

ނުޞައިރީންގެ މިސްކިތްތަކެއް ނުހުރެ އެވެ. އެމީހުން ނަމާދުކުރަނީ ގޭގަ އެވެ. އެމީހުން ނަމާދުކުރާއިރު، ޚުރާފާތުގެ ތެރޭގައި ހިމެނޭ އެއްޗެހިތައް ކިޔަ އެވެ. އެމީހުން ނަމާދުކުރާއިރު ކުރިމަތިލަނީ ކަޢުބަތު ﷲ ގެފުޅަކަށް ނޫނެވެ. އެކަމަކު އެމީހުން ކުރިމަތިލަނީ އިރުމަތީ ފަރާތަށެވެ.

ނުޞައިރީންގެ ނަމާދުތައް ފެށެނީ މެންދުރު ނަމާދުންނެވެ. އެމީހުންގެ މެންދުރު ނަމާދުގައިވަނީ، އަށް ރަކުޢަތެވެ. ޢަޞްރު ނަމާދުގައިވަނީ، ހަތަރު ރަކުޢަތެވެ. މަޣުރިބު ނަމާދުގައިވަނީ، ފަސް ރަކުޢަތެވެ. ޢިޝާ ނަމާދުގައިވަނީ ހަތަރު ރަކުޢަތެވެ. ފަތިސް ނަމާދުގައިވަނީ، ދެ ރަކުޢަތެވެ. މިއިން އެއްވެސް ނަމާދެއްގެ އެއްވެސް ރަކުޢަތެއްގައި ސަޖިދަކުރުމެއް ނޯވެ އެވެ.

ނުޞައިރިއްޔަ މަޒުހަބުގެ ދީނީ ތަޢުލީމު ބުނާ ގޮތުގައި، ފަސް ނަމާދު ޚާއްޞަކުރެވިފައި ވަނީ، ފަސް ބޭކަލަކަށެވެ. މެންދުރު ނަމާދު، މުޙައްމަދުގެފާނު (ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށެވެ. ޢަޞްރު ނަމާދު، ފާޠިމަތުގެފާނަށެވެ. މަޣުރިބު ނަމާދު، ޙަސަނުގެފާނަށެވެ. ޢިޝާ ނަމާދު، ޙުސައިނުގެފާނަށެވެ. ފަތިސް ނަމާދު، މުޙުސިނުގެފާނަށެވެ. އަދި ޢަމަލީ ގޮތުން ނަމާދުކުރުމަށް ދަތިވެއްޖެނަމަ، ނަމާދު ވަގުތުގައި އެ ނަމާދެއް ޚާއްޞަކުރެވިފައިވާ ބޭކަލެއްގެ ނަންފުޅު ދުލުން ކިޔައިލުމުން ނަމާދު ޤާއިމުކުރެވުނީ އެވެ. މީގެ ތެރެއިން މުޙުސިނުގެފާނަށް ޝީޢީން ކިޔަނީ "އައްސިއްރުލްޚަފިއްޔު" (السر الخفي) އެވެ. މާނައަކީ، "ނިވާވެފައިވާ ސިއްރު" އެވެ. ނުޞައިރީން ގަބޫލުކުރާ ގޮތުގައި މުޙުސިނުގެފާނަކީ، ފާޠިމަތުގެފާނުގެ ބަނޑުފުޅުން ދުވަސްނުފުރި ހައްޔަރުން ނެއްޓިވަޑައިގަތް ދަރިކަލެކެވެ. އެދަރިކަލުން ވަނީ ޤާފުގެ ތެރޭގަ އެވެ. ޤާފަކީ ޤަމަރެވެ. ޤަމަރަކީ، ސާދަވިލޭރޭގެ ހަނދެވެ.

ނުޞައިރިއްޔަ މަޒުހަބުގައި، ނަމާދުކުރުމަށްޓަކައި ވުޟޫކުރާކަށެއް ނުޖެހެ އެވެ. އަދި ޖުނުބުވެރިޔާ، ހިނައި ޠާހިރުވާކަށެއް ވެސް ނުޖެހެ އެވެ. އެ މަޒުހަބުގައި އޮންނަނީ، ނަންގަނެވިދިޔަ ފަސް ނަންފުޅު ކިޔައިލުމުން ވުޟޫ ނެތް މީހާއަށް ވުޟޫކުރެވޭ ކަމަށެވެ. އަދި ހިނެއިން ވާޖިބުވެފައިވާ މީހާއަށް ހިނައިގަނެވޭ ކަމަށެވެ. (އެ ފަސް ނަންފުޅަކީ، މުޙައްމަދު، ފާޠިމާ، ޙަސަނު، ޙުސައިނު، މުޙުސިނު އެވެ.)

ނުޞައިރިއްޔަ މަޒުހަބުގައި، ހުކުރު ނަމާދެއް ނޯވެ އެވެ.


ސުންނަތްޖަމާޢަތުގެ ނަޒަރު

ސުންނަތްޖަމާޢަތުގެ މީހުންގެ ނަޒަރުގައި ނުޞައިރީންނަކީ ކާފިރުކަން ގަދަވެގެންވާ ކާފިރުންގެ ބަޔެކެވެ. "މަޖުމޫޢުލް ފަތާވާ" އެކުމާފާނުގެ 35 ވަނަ ފޮތުގައި، ޝައިޚުލް އިސްލާމް، އަލްއިމާމު އިބްނު ތައިމިއްޔާ ވިދާޅުވެފައިވެ އެވެ.

"ނުޞައިރީންނެވެ، ކިޔޭ ޖަމާޢަތުގެ މީހުންނާއި، ބާޠިނީ ފިކުރުގެ ޤަރާމިޠާއިންގެ އެންމެހައި ޖަމާޢަތްތަކެއްގެ މީހުންނަކީ، ޔަހޫދީންނާއި ނަޞާރާއިންނަށްވުރެން ވެސް ކާފިރުކަން ގަދަވެގެންވާ ބަޔެކެވެ. ކިއެއްހެއްޔެވެ. އެމީހުންނަކީ، މުޝްރިކުންގެ ތެރެއިން ވަރަށްގިނަ ގިންތިތަކުގެ މީހުންނަށްވުރެން ވެސް ކާފިރުކަން ގަދަވެގެންވާ ބަޔެކެވެ. ތުރުކީންނާއި، ފަރަންޖީންގެ ހަނގުރާމަވެރި ކާފިރުންނަށްވުރެން ވެސް، އެމީހުންގެ ނުރައްކާތެރިކަން މުސްލިމުންގެ މައްޗަށް ބޮޑެވެ. ފަހެ، އެމީހުންނަކީ، މުސްލިމުންގެ އާންމުންގެ ކުރިމަތީގައި، ކީރިތި މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަހުލުބައިތުން ދެކެ ލޯބިވާ ޝީޢީން ކަމަށް ބޭރުފުށުން ފާޅުކޮށްގެންއުޅޭ ބަޔެކެވެ. ޙަޤީޤަތުގައި އެމީހުންނަކީ، މާތް ﷲ އަށާއި، އެކަލާނގެ ރަސޫލާއަށާއި، އެކަލާނގެ ކަލާމްފުޅަށް އީމާންވާ ބަޔެއް ނޫނެވެ. އަދި އެމީހުންނަކު، ނަހީކުރައްވާފައިވާ ކަންތައްތަކާއި، ޘަވާބާއި، ޢަޛާބާއި، ސުވަރުގެއާއި، ނަރަކަ ވެސް ގަބޫލެއް ނުކުރެ އެވެ. މުސްލިމުންގެ ޢިލްމުވެރިން ވަނީ، އެމީހުންގެ ސިއްރުތަކާއި، ޙަޤީޤަތްތައް ހާމަކުރެއްވުމަށްޓަކައި އެތައް ފޮތްތަކެއް ލިއުއްވާފަ އެވެ. އެ ފޮތްތަކުގައި، އެމީހުންގެ ކާފިރުކަމާއި، ޒިންދީޤުކަމާއި، އެމީހުން ކަލަކު ވޮޑިގެން ނުވާކަމަށް ގަބޫލުކުރާ ވާހަކަ ވަރަށް ސާފުކޮށް ބަޔާންވެފައިވެ އެވެ. އެއިން އެނގޭ ގޮތުގައި، އެމީހުންނަކީ، ޔަހޫދީންނާއި ނަޞާރާއިންނަށްވުރެން ވެސް ކާފިރުކަން ގަދަވެގެންވާ ބަޔެކެވެ. އަދި ހިންދުކަރައިގެ ބުދަށް އަޅުކަންކުރާ ބުރަންމާނީންނަށްވުރެން ވެސް އެމީހުންގެ ކާފިރުކަން މާގަދަ އެވެ."

1965 ވަނަ އަހަރުއްސުރެ، ނުޞައިރީން ވަނީ ސީރިޔާގެ ޤައުމީ ޙަރަކާތުގެ ތެރެއަށް ވަދެ، އެ ޤައުމުގެ ސިޔާސީ މަސްރަޙަށް އަތްގަދަކޮށްފަ އެވެ. އަދި 12 މާޗް 1971 ގައި އެމީހުން ވަނީ އެ ގައުމުގެ ވެރިކަމަށް ވެސް އިސްވެފަ އެވެ. އެއާއެކު، އެމީހުންގެ މޫނުމަތި ރީތިކުރުމަށްޓަކައި، އެމީހުންނަކީ ސުންނީން ކަމަށް ބުނެއުޅެ އެވެ. ސުންނަތްޖަމާޢަތުން ބޭރުވެފައިވާ އެހެން ބައެއް ޖަމާޢަތްތަކުގެ މީހުން ވެސް އެފަދައިން ބުނެއުޅެ އެވެ. ނަމަވެސް، ސުންނަތްޖަމާޢަތުގެ އަހުލުވެރިން އެކަން ޤަބޫލެއް ނުކުރެ އެވެ.
          ---------------------------

ތަރުޖަމާ: އަލްއުސްތާޛު: ޢަބްދުލްމުޢީދު ޙަސަން