ދޮގު










ދޮގުގެ ބާވަތްތައް ވަރަށްގިނަ އެވެ. އެގޮތުން ހުސްދޮގު، ބުހުތާންދޮގު، ހަތްދޮގު، ތިންދޮގު، ރޯމާރު ދޮގު، ދޮގުގެދޮގު، ބޮޑުދޮގު، ހާދަބޮޑުދޮގު އަދި ވެސް ކިތައްމެ ދޮގެއް ހުރެ އެވެ. ނަމަވެސް މިއިން އެއްވެސް ބާވަތަކަށް ނިސްބަތްކޮށް ދޮގެކޭ ބުނަން ޖެހޭނީ، ތިމާއަށް އެކަމެއްގެ ޙަޤީޤަތް އެނގިހުރެ އެވެ.

ކަންކަން ޞައްޙަ ކުރުމަށްޓަކައި ބަލަންޖެހޭ (އިސްލާމް ދީނުގެ) މިންގަނޑެއް އޮވެ އެވެ. އެގޮތުން، އެކަމެއް ހިނގި ތަނެއްގައި ތިމާހުރުން ނުވަތަ އެއަޑެއް ސީދާ ތިމާއަށް އިވިފައިވުން، ނުވަތަ ބުނެދޭ މީހާއަކީ މިބުނި ޝަރުޠުތައް ހަމަވާ މީހަކަށް ވުން ނުވަތަ އެކަމަކީ، ދުނިޔޭގެ ސުންނަތާއި، ތަޢާރަޒްނުވާ ކަމަކަށްވުން، ނުވަތަ އެނޫން އެހެން މަސްދަރެއް އެކަމެއްގައި އޮތުންފަދަ ސަބަބުތަކެއްް އޮތުމެވެ. މިއީ ދުންޔަވީ ހަމަތަކުން ނުވަތަ އާދައި އާދަމުގެދަރީންގެ މިންގަނޑުން ބައެކެވެ.

ދެންއޮތީ، މަތިވެރި މާތް ﷲ ށް ނިސްބަތްކޮށް ބަލަންޖެހޭ މިންގަނޑެވެ. ހަމަޔަޤީނުން ވެސް އެއީ އެއްވެސް އިންސާނަކަށް ގޮންޖަހާލެވޭނެ މިންގަނޑެއް ނޫނެވެ. ކަން މިހެންހުރުމާއެކު، އެކަމެއްގެ މަޢުލޫމާތު ތިމާއަށް ނޭނގޭ ކޮންމެކަމަކީ، ދޮގެއްކަމުގައި ބެލުން އެއީ ވެސް އިސްލާމީވަންތަ ގޮތެއް ނޫނެވެ.

ތިރީގައި ލިޔެފައިވާ ލިޔުންތަކަށް ރިޢާޔަތްކޮށް، ވިސްނާލަންޖެހޭ ކިތައްމެ ކަމެއް އެބަ އޮތެވެ. އެ މީޤާތަށް ވާޞިލުވުމަށްޓަކައި ދައްކަންޖެހޭ ވާހަކަތައް ވަރަށް ވެސް ގިނަ އެވެ. އެއީ މި ބަޔާނުގެ އަރިމަތީގެ ބައެކެވެ. އަދި އެއީ ވަރަށް ވެސް ގިނަ ވާހަކަތަކެއްކަމަށް ވާތީ، އެ ބައި ދޫކޮށްލީ އެވެ. ނަމަވެސް އެއީ ދެން ލަލާގެ އުޞޫލަކުން ނޫނެނެވެ!


   
 
މިއަދު ގަދަފައި ވިއްދައި އުޅުނަސް މާދަމާ ހަމަބިމަށް ތިރިވާނެއެވެ. މިހާރަކަށް އައިސް މާލެތެރެއިންނާއި ހުވަދުއަތޮޅުގެ އެކިހިސާބުން އެންމެގިނައިން އިވޭ އެއްއަޑަކީ، ތިނަދުވާއި ގައްދޫގެ ޙައްގުތަކުގެ ވާހަކަ އެވެ. މިއީ ކަންހިނގި ގޮތް ހޯދައި ބަލައި ކުރަންޖެހޭ ކަމެކެވެ. އެއްވެސް ބަޔެއްގެ ޙައްގެއް ގެއްލިފައިވާނަމަ އެ ޙައްގެއް އަނބުރައި އެ ބަޔަކަށް ލިބެންޖެހެ އެވެ. ތަފާތުކުރުމެއް އޮވެގެން ނުވާނެ އެވެ. އެހެންވެއްޖެނަމަ އެ ގެއްލުނީ ވެސް ޙައްގެވެ.

ގައްދުވާއި ތިނަދޫގެ ޙައްގެއްވާނަމަ އެޔެއް ގެއްލިފައިވަނީ މާޒީވެދިޔަ ދުވަސްތަކެއްގައި އެކަންޏެއް ނޫނެވެ. ޙައްގަކީ ވަކި ދުވަސްވަރަކަށް ވަކި ގޮތަކަށް އޮންނަ އެއްޗެއްނޫނެވެ. ކޮންމެ ދުވަސްވަރެއްގައި ވިއަސް އެ ވާނީ އެއަށެވެ. ގައްދޫގެ މުޅި ރައްޔިތުންގެ ޢިމްރާނީ ތަރައްގީއަށްޓަކައި ނިމިދިޔަ ސަރުކާރުން ފަށާފައިވާ ކަންކަން މިސަރުކާރު އައުމާއެކު ވަކި ހިސާބަކުން ހުއްޓުމުން އެގެއްލުނީ ގައްދޫ ރައްޔިތުންގެ ޢާއްމުވެގެންވާ ވަރަށްބޮޑު ޙައްގެވެ. އަނެއްކޮޅުން ތިނަދުވަށް ބަލާނަމަ މިދިޔަ ސަރުކާރުން އެރަށުގައި ފަށާފައިވާ ކަންކަމާއި އެކަންކަން ކުރުމަށް ފައިސާ ހޯދައިފައިވާ ކަންކަން އެބަ ހިނގަ އެވެ. ބަނދަރާއި އެއްގަމުތޮށީގެ މަރާމާތާއި ބޯފެނުގެ ނިޒާމާއި މިކަހަލަ ކަންކަންވެސް އެބަ ހިނގަ އެވެ. އެވަނީ ކިހިނެއްހެއްޔެވެ.

ތިނަދޫ ނުލަފާބަޔަކު އިސްކޮށް ތިބެގެން ދެ ފަހަރަށް ގައްދޫ ތަޅައި ހަލާކުކޮށް މުދާފޭރި ތަންތަނާއި ތަކެތީގައި އަލިފާންރޯކޮށް އަންދާލި ވާހަކަ މީހަކު ދައްކައި ލިޔެފިއްޔާ ގައްދުވަށް ގޮސް އެކަންކުރި މީހުންގެ ދަރީންގެތެރެއިން ހެޔޮނުބަޔާއި ތަންދޮރު ވަކިކުރަން ނޭނގޭ ނުލަފާ މީހަކު އެ ބުނަނީ "މިލިޔުން ލިއުނުމީހާއޭ" ކަލޭ ތިޔަހުރީ ފަހެ ހަމަހޭގަ ހެއްޔެވެ؟ ގައްދޫ ތަޅާލިއިރުގެ ވާހަކަ ކަލޭ ދައްކާއިރު ތިބުނާ ދުވަހެއް ކަލޭ ހަމަލޮލުން ދުށިންހެއްޔެވެ؟ ކަލޭ ތިޔަ ލިޔަނީ މީހަކު ކިޔާދިން ވާހަކައެއްނޫން ހެއްޔެވެ؟ ކަންތައްތަކުގެ ޙަގީގަތް އޮޅުންފިލާނީ ދެކޮޅުގެމީހުން ކައިރިން ވެސް އޮޅުންފިލުވީމަ އެވެ. އެހެންނޫނަސް ދެން ކަލޭ އިރުއިރުކޮޅާ ގައްދޫއޭ، އާދަމުގެފާނޭ ފަޅޮލޭ ކިޔަސް ތިކަމުންވާނެ ހަމަ އެއްކަމެއްވެސް ނޯންނާނެ އެވެ. ހިތަށް ކުރާނީ އަސަރެކެވެ. ދެން ލަލަލާ" އެވެ. މިހުރީ މިހާތަނަށް ވެސް އެބައިމީހުންގެ ދަރީންކުރެ މާތްވެގެންވާ އިސްލާމްދީނަށް ގޮންޖަހާލުމުގައި ގަދަފައި ވިއްދާފައިވާ ބަޔެއްގެ ކަންކަން ހުރި ގޮތެވެ. ތިމާމެންގެ ފަރާތުން ބަޔަކަށް ދީފައިވާ އަނިޔާތައް ހަމަލޮލުން ދެކެފައިވާ އެތައްބަޔަކު އަދި ދުނިޔޭގައި އެބަ ތިއްބެވެ. މާލޭގެ މަޙުކަމަތުލް އަމަންޢާއްމާއި ބަންޑާރަ ނާއިބުގެ އޮފީހުގައި ގައްދޫ ތަޅާލި ދެ ފަހަރުގެ ތަޙުގީގުގެ ލިޔުންތައް އެބަހުއްޓެވެ.

ގައްދޫ ހުސައިން މަނިކު އަރުވާލި ރަށަކީ، މިހާރު ވެސް މީހުން ދިރިއުޅޭ ރަށެކެވެ. އޭނާ ހުންނެވި ގެ އަދި ވެސް އެބަ ހުއްޓެވެ. އެ މަންޒަރު ލޮލުންދެކެފައިވާ މީހުން އަދިވެސް އެ ރަށުގައި އެތިބީ އެވެ. އެ ކަމަކީ، މާކުރީ ޒަމާނެއްގައި ހިނގާފައިވާ ކަމެއްނޫނެވެ. އިރޮއޮއްސުމުގެ ކުރިން ގައްދޫ ރައްޔިތުން ގައްދޫން ނުފައިބައިފިނަމަ އެމީހުން ގެންދާނީ ހުނަދުވަށޭ ކިޔައި ރަށުތެރޭގައި ގޮވައި ހަޅޭލަވަމުން ދުވިމީހާ އަދި ވެސް ދުނިޔޭގައި އެ ހުރީ އެވެ. ހުނަދުވަކީ، އެދުވަސްވަރު އެކަހެރިކޮށްފައިތިބި ރަށެކެވެ. އެފަދަ ނުރައްކާތެރި ބައްޔެއް އިންސާނުންގެ ބަޔަކަށް ޖެއްސުމަށްޓަކަައި މަސައްކަތް ކުރުމަކީ، ކޮންފަދަ ބޮޑު ޖަރީމާއެއް ހެއްޔެވެ؟ ގައްދޫ ރައްޔިތުން އެފަދަ ބައްޔަކުން މާތް ﷲ މިންޖުކުރެއްވިއެއް ކަމަކު، އެ ކަން އެ ގޮތަށް ހިނގިނަމަ، އެއީ ކުރުދީންނަށް ސައްދާމު ހުސައިން ދިންފަދަ ބައެލޮޖިކަލް ޙަމަލާޔާއި އެއްފަދަ ޙަމަލާއަކަށް ނުވޭތޯއެވެ؟ އަދި އެއީ ޖަޕާނުގެ ހީރޯޝީމާއާއި، ނަގަސާކީއަށް ވައްޓާލި ފަދަ އެޓޮމް ބޮމަކާއި، އެއްފަދަ ކަމަކަށް ނުވޭތޯއެވެ؟ މިއީ ހަމަ ތިމާމެންގެ އަވައްޓެރި އިސްލާމީ އަޚުންނާއި، އުޚުތުން ނެވެ. ގައްދޫ އިސްމާޢީލްކަލޭފާނަށް އެ ކުރި އަނިޔާއަކީ، މުޙަންމަދު އަމީނަށް ކުރި އަނިޔާއާއި، އެއްފަދަ އަނިޔާއަކަށް ނުވޭތޯއެވެ؟ އެކަމަކުވެސް އެ ބުނަނީ ދެން ލަލަލާއެވެ! ވާނޭކަމެއް ނޯންނާނެ އެވެ. ތިމާމެންގެ ސަރުކާރެކެވެ. ހަދާނީ ހަދާނެ ގޮތެކެވެ. މިނޫން ދުވަހެއް ނޯންނާނެއެވެ. އެކަމަކު، އެއީ ހަމަ ހީވާގޮތެވެ. މަޙުޝަރެއް އާޚިރަތެއް ނޯންނާނެ ކަމަށް ހީނުކުރާށެވެ. އެ ދުވަސް އަންނާނެ އެވެ. ޙައްގުތައް ލިބޭނެ އެވެ. ތިނަދޫގެ ނުލަފާބަޔަކު އިސްވެތިބެގެން ދެ ފަހަރަށް ގައްދޫ ސުންނާފަތިކުރުމުގެ ބަދަލު ވެސް ލިބޭނެ އެވެ.

ދުނިޔޭގެ ހަމަތަކުންބަލާނަމަ އެކަންއޮތީ، އެހެންނަކުންނޫނެވެ. އެހެންނޫންނަމަ މިއަދު މި ވާހަކަތައް ދައްކާކަށް ވެސް ނުޖެހޭނެ އެވެ. މި ވާހަކަތައް މި ފެންވަރުގައި ނުދައްކާތާ މިހަރު 40 އަހަރުވެއްޖެ އެވެ. ބައިޤަރުނާއި ކައިރިވީ އެވެ. އެކަމަކު މިއަދު މިވާހަކަތައް ވުޖޫދުމިވީ ކީއްވެގެންތޯއެވެ؟ ދެން ލަލާއެއްނަމަ ދައްކާކަށް ނުޖެހޭނެ އެވެ. މުސްކުޅީން ބުނާގޮތުގައި ޝަރީޢަތަކީ، ކުނިވާއެއްޗެއް ނޫނެވެ.

ސަބަބުތައް މެދުވެރިކުރައްވަނީ ހަމަ ﷲ އެވެ. މިވާހަކަތައް ފަހުގެޖީލުތަކަށް ހާމަކޮށްދެއްވުމަށްޓަކައި، މެދުވެރި ކުރެއްވި ސަބަބަކީ، އެއާރ ޕޯރޓްގެ ނަން ބަދަލުކުރުން ކަމަށް ވެސް ވެދާނެ އެވެ. މާވެއްދޫ ވައިގެ ބަނދަރުގެ މަސައްކަތް ހުއްޓާލުންކަމަށް ވެސް ވެދާނެ އެވެ.
          ----------------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
19/9/2011މ.