ނިޝާން ފެންކައްކާ ބޮލީގެ(ނ.ފ.ބ) ޢިއްޒަތް

އާދަމުގެދަރިންނަށް އެތަކެތި ފެނުމުން އެބައިމީހުން ޙައިރާންވެ ތަލިން ކުޅުހިކޭވަރުގެ ޑިމޮކްރަސީގެ ސާމާނު ލައްގަމުންދާ ރާއްޖެއެއްގައި އިންސާނުން ދިރިއުޅޭނަމަ އޭގެތެރޭ ގައުމަށާއި ގޯތިގެދޮރަށާއި މަގުތަކަށާއި ޕާޓީތަކަށާއި އަދި މިނޫން އެކި ތަންތަނާއި ކަންކަމަށް ޚިދުމަތްކުރުމުގައިވެސް އޭގެ ދެވަނަ މިސާލެއްނުވާ ބަޔަކު ތިބޭނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. މިހެންވީއިރު އެކަށީގެންވާ ގޮތަކަށް މިފަދަ ބަޔެއްގެ ޚިދުމަތުގެ އަގު ވަޒަންކޮށް އެބަޔަކަށް ޢިއްޒަތާއި މެޑެއްޔާއި ނިޝާނާއި އިނާމު ތަސްރީފު ދިނުމަކީވެސް ކުރަންޖެހޭނޭ ކަމެއްކަން ކަށަވަރެވެ. 

ބަޔާންވެދިޔަ މަގުން ޢިއްޒަތާއި މެޑެއްޔާއި ނިޝާނާއި އިނާމު ތަސްރީފުގެ ގިންތިތަކުގެތެރެއިން "ނިޝާން ފެންކައްކާ ބޮލީގެ" ޢިއްޒަތް ދޭންޖެހޭ ބަޔެއް ކަނޑައެޅުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަކީ ބުއްދިވެރިކަމެކެވެ. މިކަންކުރަން ޖެހެނީ އެ ބޮލީގެ ބާވަތުންނާއި އަދި "ނިޝާން ފެންކައްކާ ބޮލީގެ" ޢިއްޒަތް ދޭންޖެހޭ ބަޔަކާމެދު އެކިމީހުން އެކިގޮތަށް ދެކޭތީއެވެ. އެއްބަޔަކު ބުނަނީ މިޢިއްޒަތް ދޭންޖެހޭނީ މުނާފިގުކަމާއި ލުއްޗާކަން އެންމެމަތީ ދަރަޖައިގައިވާ މީހުންނަށެވެ. އަނެއްބަޔަކު ބުނަނީ މިޢިއްޒަތް ދޭންޖެހޭނީ އަވަސްއަވަހަށް ކުލަބަދަލުކޮށް ޕާޓީތަކުގެ ޕޯޑިއަމްގައި އެންމެބާރަށް ކަރުފެލޭ ޣައްދާރުންނަށެވެ.

ފެންކައްކާ ބޮއްޔަކީ ކަރުވިހަ ފަދަ ބައެއް ވިހަތަކުގެ ފަރުވާއަކަށް ތައްޔާރުކުރާ ބޭސްފެނެއް މިބޮއްޔަށް އަޅައިގެން ކައްކާ ބޮޑު ބޮއްޔެކެވެ. އޭގެ ތުންފަތަށްވާ ހިސާބުގައި ރަތްކުލައެއް ހުރެފައި ބޭރު ތޮށިގަނޑުގައި އުންތަކެއް ހުންނަ ބޮއްޔެކެވެ. "ފެންކައްކާ ބޮލި" މިއީ ބޮއްޔަކަށް ކިޔާ ނަމެއްގެ އިތުރަށް މަޖާޒު ބަހަކަށާއި، އަދި މިސާލު ބަހަކަށްވެސް ބޭނުންކުރާ އެއްޗެކެވެ. މަޖާޒު ބަހެއްގެގޮތަށް ބޭނުންކުރަނީ އެމީހެއްގެކިބައިން ފުއްދަންޖެހޭ ބޭނުމެއްއޮތުމުން އެމީހަކާމެދު ނުހަނު ކަމޭހިތައިގެން އުޅެފައި  އެބޭނުން ކެނޑުނީމާ އެމީހަކާ އަޅާލުމެއް ނޯންނަ މީހުންނަށެވެ. ފެންކައްކާ ބޮއްޔަކީވެސް އޭގެ ބޭނުންޖެހި އެކަމެއް ނިމުމުން ގޯތިތެރެއިން ގިފިލީގެ ފުޅަށްބުޑަށް އެއްލާލެވިފައި އޮންނަ އެއްޗެކެވެ. މިސާލުބަހެއްގެގޮތަށް ބޭނުންކުރަނީ ކުރީގައި ބަޔާންކުރިފަދައިން އެމީހެއްގެކިބައިން ފުއްދަންޖެހޭ ބޭނުމެއްއޮތުމުން އެމީހަކާމެދު ނުހަނު ކަމޭހިތައިގެން އުޅޭ އުޅުމަށެވެ. އެކަމެއް ނިމުމުން އެނިމުނީއެވެ. ވައްސަލާމެވެ.
                 -----------------

ލިޔުއްވީ: އިބްރާހީމް އާދަމް