ޒިކުރުސަމާ ޅެން މައުލޫދާއި ފަރިއްސާއި ރައިވަރުކިޔުމާއި ބެހޭ ގަވާއިދު









ތަޢާރުފާއި ނަން
މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިމުގެތެރެއިން ތުރާކުނު އުބުރެހެމުގެ ފުތް ޔޫސުފުގެ ދި އައިމިނަގެ ފުތް އާދަމުގެ ދަރި އިބްރާހީމް އެކުލަވައިލި ގަވާއިދެކެވެ. މިގަވާއިދުގެ ނަން އަންހެނުންނަށް އަޑުއިވޭހިސާބުގައި ފިރިހެނުންކިޔާނީ ޒިކުރުސަމާ ޅެން މައުލޫދާއި ފަރިއްސާއި ރައިވަރުކިޔުމާއި ބެހޭ ގަވާއިދެވެ. އަދި މިގަވާއިދުގެ ނަން ފިރިހެނުންނަށް އަޑުއިވޭހިސާބުގައި އަންހެނުންކިޔާނީ ޅެން މައުލޫދާއި ޒިކުރުސަމާ ފަރިއްސާއި ރައިވަރުކިޔުމާއި ބެހޭ ގަވާއިދެވެ. މިގަވާއިދުގެ ނަން ކިޔާއިރު ދެޖިންސުގެ މީހުން ތަފާތު ދެގޮތަކަށް ކިޔަންޖެހެނީ ލާމަރުކަޒީ ގޮތުންނެވެ. ނަމަވެސް ދިމިގްރާތީ ހަމަތަކުގެ ހައްދުން ނުނެއްޓި މިގަވާއިދުގެ ނަން ކިޔާނަމަ އެންމެންވެސް ކިޔާނީ ޒިކުރުސަމާ ޅެންމައުލޫދާއި ފަރިއްސާއި ރައިވަރުކިޔުމާއި ބެހޭ ގަވާއިދެވެ.

މިގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިދަކު، އަދި މިގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރެވޭނީ ތިރީގައިވާ ގޮތަށެވެ.

(ހ) ޒިކުރާއި ޒިކުރުކުރުމާއި މިއީ ދޭއްޗެކެވެ. ޒިކުރަކީ މައުލޫދު ކިޔާހެން ޖަމާޢަތެއްގެ މީހުންކިޔާ ޢަރަބިޅެން ބައެކެވެ. މިޅެންބައި އެކުލެވިގެންވަނީ ޙަމްދު ޞަލަވާތާއި ދުޢާއާއި މަދަޙަތަކުންނެވެ. ޒިކުރުކުރުމަކީ އެމީހެއްގެ ހިތާއި ދުލުން މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ ހަނދުމަކުރުމެވެ.

(ށ) ސަމާއަކީ ރަސްކަމަށް ކޮލިލުން، ނުވތަ ގަނޑުވަރުތެރޭ ބޭފުޅުން ރައްކައުވުން، ނުވަތަ ޚިތާނުފުޅު ކުރުން. މިކަންކަމުގައި ރަސްމީގޮތުން ގުޅަކުޅޭ ފަސްގަނޑުގައި ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރު ކުޅޭނީ ބެރު ދުންމާރި ތާޅަފިލި ފުމެފައި ފަސްގަނޑުގައި ކުޅިޖަހައިފައެވެ.

(ނ) ޅެމަކީ ހިތުގައި އުފެދޭ ޝުއޫރެކެވެ. ނުވަތަ ހިތަށްވައްދާ ޝުއޫރެއް މާނައެއް ދޭހަވާގޮތަށް ވަޒަނަކަށް ފެތޭނޭހެން ބައިތުތަކެއްގެ މައްޗަށް އެކުލަވައިލައިގެން ފާޅުކުރާ ބަސްތަކެވެ.

(ރ) މައުލޫދަކީ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ޅެމުން ނުވަތަ ވަކި ޚާއްޞަ ޢިބާރާތްތަކަކުން އެކުލަވާލާފައިވާ ސިޔަރަތެވެ.

(ބ) ފަރިއްސަކީ އެއްދުވަސް ވަރެއްގައި ޅެމަށް ކިޔައި އުޅުނު ނަމެކެވެ. މިއީ ހަޖޫ ކިއުމާއި ސަމާސާގޮތް ހުންނަޅެމެވެ.

(ޅ) ރައިވަރަކީ ދިވެހިޅެމުގެ ބާވަތެކެވެ. ރައިވަރު ހެދިފައިހުންނަނީ ތިންބަހުންނާއި ހަބަހުންނެވެ. މީގެކުރީން މިއަށްވުރެ ގިނަބަހުންވެސް ރައިވަރު ހަދައި އުޅެއެވެ.)

މަގުސަދު
ޒިކުރުސަމާ ޅެންމައުލޫދާއި ފަރިއްސާއި ރައިވަރުކިޔުމާއި ބެހޭ ގަވާއިދު އެކުލަވައިލުމުގެ މަގުސަދަކީ:

(ހ) ބަޔަކަށް އަޑުއިވޭ ހިސާބުގައި ޒިކުރެއް މައުލޫދެއް ކިޔާނަމަ އެޒިކުރެއް މައުލޫދެއްގެ އަޞްލާއި އެއްގޮތަށް އޭގެ މަޢުނަ ފުށުނާރާ ގޮތަށް  ރިވެތިކޮށްކިޔުން.

(ށ) ބަޔަކަށް އަޑުއިވޭ ހިސާބުގައި ޅެމާއި ފަރިއްސާއި ރައިވަރުކިޔާނަމަ އެއެއްޗެއް އެކުލަވައިލެވިފައިވާ ބަހުގެ ރީތި ހަމަތައް ހިފެހެއްޓުމާއި އެއްގޮތްކުރެވިފައިވާ ކާފިޔާއާއި ބަނޑުވައްއަކުރު އަހާމީހުންނަށް އޮޅުންފިލާގޮތަށް ކިޔުން. (ކާފިޔާއަކީ ޅެމުގެ ފޮޅުވަތެކެވެ. ނުވަތަ ޅެންބައިތުގެ އެންމެ ފަހަށްއޮތް އަކުރާއިފިއްޔެވެ. ނުވަތަ ޅެމުގެބައިތައް ނިމޭއަކުރެވެ. ބަނޑުވައްއަކުރަކީ  ޅެމުގެ ކާފިޔާ ފެށޭތާ ދެވަނަ އަކުރެވެ. ނުވަތަ މުލަ އަކުރާ ޖެހިގެން އޮންނަ އަކުރެވެ.)

(ނ) ޅެމަކީ އިންސާނާގެ ހިތުގައި އުފެދޭ ޝުއޫރެއް ފާޅުކުރުމުގެ ގޮތުން ނުވަތަ ހިތަށްވައްދާ ޝުއޫރެއް މާނައެއް ދޭހަވާގޮތަށް ވަޒަނަކަށް ފެތޭނޭހެން ބައިތުތަކެއްގެ މައްޗަށް އެކުލަވައިލައިގެން ފާޅުކުރާ ބަސްތަކެއް ކަމަށް ވާތީ އެއްވެސްބަޔަކަށް ޅެމެއްގެ އަޑު އިއްވަންވާނީ އެޅެން އެކުލަވައިލި މީހެއްގެ ޖިންސްގެ ބާވަތާއި އެމީހެއްގެ މުނިކާފަގެ އުފަން ތާރީޚާއި އެޅެން އެކުލަވައިލި ދުވަހުގެ ސީ އޭރިއާ ފޯކާސްޓް ހާމަކުރުމަށްފަހުއެވެ.  

ގަވާއިދަށް ޢަމަލުކުރަން ފެށުން
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލާއި ގާނޫނުގެ ބާރު ހިގާ ސަރަޙައްދުގެ ތެރޭ މިގަވާއިދަށް ޢަމަލުކުރަން ފަށާނީ މިގަވާއިދަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ފުށުއެރުމެއްނުވާ އޮއްޓަރުހުރި އަދި ދިވެހިރާއްޖެއަށް ބޭނުންތެރި އެއްޗެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނަށް ފެނިވަޑައިގެން މިގަވާއިދަށް ރަސްމީ ސިފައެއް ލިބިގެން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމުންނެވެ. އެހެންނޫންނަމަ މިގަވާއިދަށް ޢަމަލުކުރާނީ ހަމައެކަނި ތުރާކުނު އުބުރެހެމުގެ ދަރިދަރި މިނިމިނީންނެވެ.
              -------------------