މާލެއަތޮޅު ގުރައިދޫމާލެ އަތޮޅު ހިމެނިފައި އޮތީ، ޤުދުރަތީ ގޮތުން 4 ބަޔަކަށެވެ. އެއީ 1 ކާށިދޫ، 2 ގާފަރު ފަޅު، (ގާފަރު / ބުރުލުފަރު) 3 މާލެ އަތޮޅު އުތުރުބުރި، 4 މާލެ އަތޮޅު ދެކުނުބުރި މިއެވެ. މިއިން ކޮންމެ ދެބައެއްގައި ހުރަސްކަނޑެއް އޮވެއެވެ. އެނގެން އޮތް ރާއްޖޭގެ ތާރީޚުން ފެށިގެން ރާއްޖޭގެ ވެރިކަމުގެ އެންމެހައި ޙުކޫމަތްތައް ހިނގަމުންދާ މަރުކަޒީ ރަށަކީ، މާލެއަތޮޅުގެ އެންމެބޮޑު ރަށް ކަމަށްވާ “ފުރަމާލެ” އެވެ. (މާލޭގެ އެންމެ ޤަދީމީ ނަމަކީ “އަތަމަނަހުރާ” އެވެ.) މާލެ އަތޮޅު އުތުރުބުރިއަށް ކިޔާ ނަމަކީ،މާލެ އަތޮޅެވެ.

އެ އަތޮޅުގެ ދެކުނުބުރިއަށް ކިޔާ ނަމަކީ، ބިޔައިދޫ އޮތް އަތޮޅު ކަމުގައި، ލޯމާފާނުތަކުންނާއި އަދި ބައެއް ފަތްކޮޅުތަކުން ވެސްއެނގެއެވެ. މާލެ އަތޮޅު ދެކުނުބުރީގައި މިހާރު މީހުން ދިރިއުޅެނީ، ގުޅި، މާފުށި، އަދި ގުރައިދޫ މި 3 ރަށުގައެވެ. 

އާދެ! ބިޔާދޫއަކީ، މިހާރު ފަޅުރަށެއްކަމަށް ވިއަސް، ތަންކޮޅެއް ކުރީގެ ޒަމާނެއްގައި އެރަށުގައި މީހުން ދިރިއުޅުނުކަމުގެ ޔަޤީން ހެކި، މިހާރު ވެސް އެރަށުން ފެންނަށް އެބަ ހުއްޓެވެ. ކޮންމެއަކަސް އެ ރަށަށް ނިސްބަތްކޮށް މާލެ އަތޮޅުގެ ދެކުނުބުރިއަށް ނަންކިޔާނީ ވެސް އެރަށުގައި ޚާއްޞަކަންތައްތަކެއް ހުރެގެންކަމަށް ޤަބޫލުކުރެވެ އެވެ. ކޮންމެއަކަސް 1960މ. ވަނަ އަހަރު ފެށުނު އިރު އެރަށުގައި ތިބީ، ފަރުވާކުރުމަށްޓަކައިބައިތިއްބާފައިތިބި ޖުޒާމްބަލީގެ މީހުންނެވެ. އެމީހުންނަކީ، މާލެ އަތޮޅު ސަރަޙައްދު މީހުންކަމަށް ވިއަސް ހުވަދުއަތޮޅުގެ ހަވޮއްޑާއާ، ފުނަދޫގައި އެކަހެރިކޮށްފައި ތިބި ޖުޒާމްބަލީގެ މީހުން ވެސް ފަހުން (ސަރުކާރުން) މަރުކަޒު ކުރުވީ މާލެ އަތޮޅު ބިޔައިދުވާއި، ވިލިގިނލިވަރުގަ އެވެ. އެމީހުންނަށް ބޭސްފަރުވާކޮށް އެ ބަލީގެ ޖަރާސީމު (ހަށިގަނޑުގައި) ނެތްކަމަށް (ތަޙްލީލުތަކުން) ފެންނަ މީހުން ދޫކުރަމުން ގޮސް އެރަށުގައިތިބި މީހުން ދޫކޮށް މުޅިން ނިމުނީ، ޖުލައި 17، 1977މ. (ރަޖަބް 30، 1397ހ. ގަ) އެވެ 
.
މާލެ އަތޮޅު ގުރައިދޫގައި، މީހުން ދިރިއުޅެން ފެށި ޒަމާނެއް ތާރީޚީގޮތުން އެނގެން ނެތްކަމަށް ވިއަސް އެރަށަކީ، ވަރަށް ކުރީގައި މީހުން އާބާދުވެފައިވާ އަދި ވަރަށް ހަރުދަނާ ބަޔަކު ދިރިއުޅޭ ރަށެއްކަންއެނގެއެވެ. އެގޮތުން ފާހަގަކުރޭ އެއް ޙާދިސާއާކީ، އައްސުލްޠާން ކަޅު މުޙަންމަދު ރަސްގެފާނު، އޭނާގެ އަނބިކަބަލުން އާލާސް އިންނެވުމާއި ގުޅިގެން ވިދާޅުވި ނަދުރެއް ފުއްދަވަން ހުވަދުއަތޮޅު ވާދޫ ބޮޑު ޒިޔާރަތްދޮށަށްވަޑައިގަތުމަށްފަހު، އެނބުރި މާލެ ވަޑައިގަތް މަގުމަތީގައި އެ ރަސްގެފާނުގެ އަނބިކަލުން ރައްކާވި ބޭފުޅާ އަވަހާރަވެފައިވާތީ އެޤަބުރު ގުރައިދޫގައި، ފަސްދާނުވެޑުވުމަށް ވަޑައިގަތުމުން އެރަށުގެމީހުން ދެންނެވިކަމަށްވަނީ،މަނިކުފާނެއްކަމަކު ކަނޑު މަތީގައި މަރުވާ މީހުން މިރަށުގައި ވަޅުލުމުގެ ހުއްދަ ނުދެވޭނެކަމަށެވެ. (ނަމަވެސް މިއަދު އެ ޙާލަތު ވަނީ، ބަދަލުވެފަ އެވެ.) އައްސުލްޠާން ކަޅު މުހަންމަދު ރަސްގެފާނު 3 ފަހަރުމަތިން 32 އަހަރުރަސްކަންކުރެއްވީ 1492މ. ން 1529މ. އާއި ދެމެދު އެވެ. (ދިވެހި ރާއްޖޭގެ ރަހުނާއި، ރަނިން: ޞ، 78، 80 އަދި 88)

ކަލާފާނުގެ ދުވަސްވަރު ދެކެފައިވާ ޕިރާޑު އޭނާގެ ދަތުރު ނޯޓުގައި ލިއުއްވާފައިވާ ބަޔާނެއްގައި ވަނީ 500 މީހުންނާ އެކު ބަނގާޅުން ފުރައިގެން ދަތުރުކުރި ނަވެއް ގުރައިދޫ (ބަދި ނުވަތަ ގޮވާގަތި) ފަރަށް އުރުނުކަމަށާއި، އެ ނަވުން ދަތުރުކުރި މީހުންގެ ތެރެއިން ސަލާމަތްވީ 100 ވަރަކަށް މީހުން ކަމަށާއި، އެ ނަވުން “ބަންގާޅުގެ ރަސްދަރި ކަނބަލެއް” (ޢާއިޝާ ބީބީކަމަނާ) ވަޑައިގެންނެވި ކަމަށާއި،ކަލާފާނު އެ ކަމަނާއާއި ކައިވެނި ފުޅުބައްލަވައިގަތް ކަމަށެވެ. ޕިރާޑް ލިޔުއްވާފައި ވަނީ، އޭނާ އެ ރަށަށް ދިޔަ ދުވަހަކު، އެތަނަށް އުރުނު ނަވުގެ ކުނބާއި، ހުންގާނު ވެސް ދެކެފައިވާ ކަމަށެވެ. މި ނަވަކީ، އޭނާ ކަލާފާނު އަރިހުގައި އުޅުނުއިރު، ކަލާފާނަށްބޭފުޅަކު ރައްކައުވުމުގެ ތެރޭގައި އަވަހާރަވީ ރަނިކަމަނާ ރާއްޖެއަށް ވަޑައިގެންނެވި ނާ ކަމުގައި ވެސް އޭނާ ލިޔެފައިވެ އެވެ. (ޕިރާޑް، ވޮލިއުމް 1،ޞ-257-260) (ކަލާފާނު ފަތްކޮޅުތައް.ޞ 40)

ގުރާދޫގައި ފަސްދާނު ލެވިފައިވާ އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެ ފާނުގެ މަންމާފުޅަކީ، ތިލަދުންމަތީ “ބާރަށު” ކަޅު ހަސަންކަލޭގެ ބާރަށު ޚަޠީބު އެދުރު ތަކުރުފާނުގެ ދަރިކަލެކެވެ. މި ޚަޠީބު އެދުރުތަކުރުފާނަކީ، އަލްޣާޒީ މުޙަންމަދު ތަކުރުފާނުގެ ކާފާފުޅު އުތީމު ކަޅު އަލީ ޚަޠީބު ތަކުރުފާނުގެ އަޚެކެވެ. (މިރަދުންގެ ބައްޕާފުޅަކީ، މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީ ޢުމަރު އޮޅިގިނައިގެ ދަރިއެކެވެ.) ވުމާއެކު، އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނަކީ، އައްސުލްޠާން މުޙަންމަދު ތަކުރުފާނުލް އަޢުޒަމާއި ދެބޭންގެ ދެދަރި ބޭފުޅެކެވެ. (ކަލާފާނުގެރަސްކަމުގައި ޙުސައިން ފާމުލަދޭރި ކިލެފާނު ހުންނެވީ، އެ ރަދުންގެ ވަޒީރުކަމުގަ އެވެ. އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނު އަވަހާރަވީ ފެބުރުއަރީ 19، 1620މ. (ރަބީޢުލްއައްވަލް16، 1029ހ.) ގައި މާލެއަތޮޅު ގުރައިދޫގަ އެވެ 
.
އައްސުލްޠާން ޙުސައިން ފާމުލަދޭރި ކިލެގެފާނު ފަސްދާނުވެޑުވިފައި އޮތީ، ގުރައިދޫގެ ކުރީގެ ހުކުރު މިސްކިތު (ވަލު މިސްކިތު) ކުރިމަތީގައި ހުރި ބިސްތާނުގަ އެވެ. މަހާނަފުޅުގައި ހުރި ގަލުގައި، އެ ރަދުންގެ ނަންފުޅާއި،ބައްޕާފުޅުގެ ނަންފުޅާއި، އަވަހާރަވީ ތާރީޚް، ލިޔެފައިވެ އެވެ. އެ ބިސްތާން މިހާރު އޮތީ، އެރަށު ޒިޔާރަތްދޮށުގޭ އިރުމަތީ މަގުފާރު ކައިރީގައި، މަގުގެމެދަށްވުރެ ތަންކޮޅެއް އިރު އުތުރުގަ އެވެ. ޙުސައިން ފާމުލަދޭރި ކިލެގެފާނުގެ އެ ދުވަސްވަރަކީ، ދިވެހި ރާއްޖޭގެ ރަސްކަމާއި ބެހޭ ގޮތުން ހަމަނުޖެހުން ތަކެއް ހިނގި ދުވަސްވަރެއްކަން އެނގިފައި ވުމާއެކު،މިރަސްގެފާނު މާލެއަތޮޅު ގުރައިދޫގައި އަވަހާރަވާން ދިމާވެފައިވި ސަބަބާމެދު ވެސް ސުވާލު އުފެދެ އެވެ. ކޮންމެއަކަސް، ގުރައިދުވަކީ، މާލޭގައި ހަމަނުޖެހުންތައް ގިނަވުމުން، އެކަންކަން ހަމަޖެހެންދެން ރަސްރަސްކަލުންވަޑައިގެން ތިއްބަވާ ރައްކާތެރި ކިއްލާއެއް ފަދަ ރަށެކެވެ. ދޭތެރެ ދޭތެރެއިން ކަލާފާނު ވެސް އެރަށަށް ވަޑައިގެން ހުންނަވާކަމަށް ތާރީޚުގައި ލިޔެފައިވެ އެވެ. ކަލާފާނު ރަސްކަން ކުރެއްވީ 1613މ.ން 1620މ.(1021ހ.ން1029ހ.) ށެވެ. (މުޙައްމަދު ލުޠުފީ 1997 މ: ޞ 58)

1980 ވަނަ ނައަހަރު ނަގާފައިވާ މިފޮޓޯއިން އެފެންނަނީ ގުރައިދޫ ނައިޓްސްޓާރ މުޙަންމަދު ވަޙީދެވެ. އޭނާއަކީ ރަތަފަންދޫގެ ދަރިކޮޅަކަށް ނިސްބަތްވާ ބޭކަލެކެވެ. އޭނާގެ ފަހަތުން ފޮޓޯއިން އެފެންނަނީ އައްސުލްޠާން ހުސައިން ފާމުލަދޭރި ކިލެގެފާނު ފަސްދާނުލެވިފައިވާ މަޤުބަރާއެވެ. ފޮޓޯއިން ފެންނަ އަންހެންމީހާ އެހުރީ، ޒިޔާރަތްދޮށުގޭ އިރުމަތީ ފާރުކައިރީގަ އެވެ. ތާރީޚުގެ ޞަފްޙާތަކުން އެނގޭގޮތުގައި ކަލާފާނު އަވަހާރަވުމަށްފަހު، ދިވެހި ރާއްޖޭގެ ރަސްކަމަށް ވާދަކުރެއްވި 4 ބޭފުޅެއްގެ މެދުގައި، މާލޭގައިހަމަނުޖެހުންތަކެއް ހިނގި އެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި 2 އަހަރެއްހައި ދުވަސް ވުމަށްފަހު، ރަސްކަމުގެ ތަޚުތަށް އިސްވެ ވަޑައިގަތީ، އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން (ބޮޑު ރަސްގެފާނު) އެވެ. ޒުވާންޙަޔާތްޕުޅުގައި އެއީ މަޝްހޫރު ކަޅުތުއްކަލާއެވެ. އޭނާ ރަސްކަމަށް އިސްވެ ވަޑައިގަތުމަށްފަހު، ކަލާފާނުގެ ހުވަފަތް އަނބިކަނބަލުން ކަނބާ އާއިޝާ ރަނިކިލެގެފާނާއި ކައިވެނި ބައްލަވައިގަތެވެ. ކަނބާ އައިޝާ ރަނިކިލެގެއަކީ، މާފިލާފުށީ ޚަޠީބު ޢަލީ ކޮށަރި ކިލެގެގެ، މާފިލާފުށީ މުޙަންމަދު ފާށިނާއި ކަލޯގެ ދި، ސިއްތި ބޮޑުކަމަނާގެ ދަރިކަނބަލުންނެވެ. ގުރައިދޫހުކުރުމިސްކިތުގެ ތައުލިޔަ މޫލަ ވެރީންނަކީ، މާފިލާފުށީ ކަނބާ އައިސާ ރަނިކިލެގެފާނުގެ ދަރިދަރި މިނިމިނީން ނެވެ. މިގޮތުން އެންމެ ފަހުން އެކަން ބެލެހެއްޓެވީ، ގުރައިދޫ ޢަލި މަނިކުފާނެވެ. ބުނެވޭގޮތުގައި ގުރައިދޫ އަލި މަނިކުފާނު އަވަހާރަވެ ފަސްދާނު ލެވިފައި ވަނީ، ހުވަދުއަތޮޅު ދެއްވަދޫގައެވެ. (ދިވެހި ރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު އަދި ދިވެހި ރާއްޖޭގެ ރަހުންނާއި، ރަނިން:ޞ 32، 33، 34) ރަސްރަސްކަލުން، ގުރައިދޫން ރައްކާތެރިކަން ހޯއްދަވަނީ، އެރަށަކީ، ބޭރުމީހުންނަށް ވަދެ ނުކުންނަށްއެނގޭ ރަށަކަށް ނުވާތީ ކަމަށް ބުނެވެއެވެ 
.
ގުރައިދޫ މުޙަންމަދު މަނިކުފާނުގެ އަޙުމަދު މަނިކުފާނަކީ 1779މ.ން 1779މ(1193ހ.ން 1193ހ.) ށް ރަސްކަން ކުރެއްވި އައްސުލްޠާން ޙަސަން ނޫރައްދީނު (1 ވަނަ) ގެ ބޮޑުބަނޑޭރިކަން ކުރެއްވި ބޭފުޅެކެވެ. (މާޅޮހޮއަލްފާޟިލް މުޙައްމަދު ނަޞީރު ލިޔުއްވި ބޮޑުހުޅު) ބުނެވޭގޮތުގައި މި މުޙަންމަދު މަނިކުފާނަކީ، އައްސުލްޠާން އިބްރާހީމް މުޠުހިރުއްދީން، އައްޑު އަތޮޅަށް އަރުވާލެއްވުމުން ހުވަދު އަތޮޅު ކޮނޑޭގައި ފެށުނު ދަރިފަސްކޮޅުގެވަރަށް މަޝްހޫރު ބޭފުޅެއްކަމަށްވާ ކޮނޑޭ އަލިމަނިކުފާނުގެ ދަރިކޮޅުގެ ބޭފުޅެކެވެ. މި އަޙުމަދު މަނިކުފާނު މަޝްހޫރު ވެފައިވަނީ، ގުރައިދޫއަޙުމަދު ބޮޑުބަނޑޭރިއާގެ ނަމުން ނެވެ. (ފޯކްލޯރު އަދި ދިރާޘާ)

އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން (1 ވަނަ) ރަސްކަންކުރެއްވި ދުވަސްވަރު، ބޭރުމީހުންގެ ރާއްޖެއަށް ވަރަށް ގިނައިން ދުއްތުރާ ކުރިއެވެ. އެދުވަސްވަރު އެ ރަދުން ވެސް ވަރަށްގިނަ ފަހަރަށް ގުރައިދުވަށް ވަޑައިގެން ހުންނަވައެވެ. އެދުވަސްވަރުގެ އާދަކާދައިގެ މަތިން މަސްބައެއް އެރަދުންނަށް އެރަށުގެ މަސްވެރިން ދޭން ޖެހެއެވެ. އެކަން އެގޮތަށް ހިނގަމުންދިޔަ ދުވަސްވަރު، “މާލޭގެ ދިފާޢީ ކަންކަން ވަރުގަދަކުރައްވައިގެން އެ ރަދުންމާލޭގައި ހުންނަވަންވީ ނޫންތޯއާއި އޭރުން ރަދުންނަށް މަސްބައެއް ދޭން އަހަރުމެންނަކަށް ނުޖެހޭނެ ނޫންހޭ” ގުރައިދޫ މަސްވެރިއަކު ބުނިކަމަށްވެ އެވެ. ކޮންމެއަކަސް މިވާހަކަ ރަސްގެފާނު އަރިހަށް ދިޔުމުން އެ ރަސްގެފާނުކަންތައް ކުރެއްވި ގޮތަކީ، މާލެއަށް ވަޑައިގެން މާލޭގެ ދިފާޢީ ކަންކަން ވަރުގަދަ ކުރެއްވީ އެވެ. މާލޭގެ ދިފާޢީ ނިޒާމު އެ ރަދުން ވަރުގަދަކުރައްވަން ފެއްޓެވުގެ އެއްސަބަބަކީ އެއީ ކަމަށް ބުނެވެއެވެ. އެރަދުން ރަސްކަންކުރެއްވީ 1648މ. ން 1632މ. ށެވެ.

ޖަނަވަރީ 1، 1835މ. ވަނަ އަހަރު މާލެ އަތޮޅުގެ 11 ރަށުގައި ދިރިއުޅޭކަމަށް ވަނީ 700 މީހުންނެވެ. އޭރު މާލޭގައި ތިބިކަމަށް ވަނީ 1500 ނުވަތަ 2000 ވަރަކަށް މީހުންނެވެ. އެ އަހަރު މާލެ އަތޮޅުގެ ދެކުނުބުރީގައިއޮތް 3 ރަށް ކަމަށްވާ ގުރައިދޫ، މާފުށި، އަދި ގުޅީގައި ތިބިކަމަށްވަނީ 200 މީހުން ނެވެ. 1942މ. ވަނަ އަހަރާއި 1943މ. ވަނަ އަހަރާއި ދެމެދުއަރިއަތޮޅުގެ 18 ދޯނި ގުރައިދޫގައި ތިބެގެން މަހަށްދިޔަކަމަށްވެ އެވެ. (ދިވެހި ރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު 1، 2)

ގުރައިދޫގެ ބައެއް މަޢުލޫމާތު:
ގުރާދުވާއި، މާލެއާއި ދެމެދުގެ ދުރުމިނަކީ 31.68 ކިލޯމީޓަރެވެ. (ދިވެހި ރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު) ގުރައިދޫގެ ދިގުމިނަކީ: 675 މީޓަރެވެ. ފުޅާމިނަކީ 500 މީޓަރެވެ. (މާކޮއްރާސް)
މީލާދީން 1865 ވަނަ އަހަރު ރަށުގެ އާބަދީއަކީ 56 މީހުންނެވެ. (ދިވެހި ރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު 1، 2)
މީލާދީން 1957މ.ވަނަ އަހަރު ގުރާދޫގެ އާބާދީއަކީ 156 މީހުންނެވެ. (ފަތްތޫރަ، 308 ޞަފުހާ 20 ޑޮކްޓަރ ޓޫލީގެ ރިޕޯރޓް) މީލާދީން 1973 ވަނަ އަހަރު ގުރާދޫގެ އާބާދީއަކީ 320 މީހުންނެވެ. (ގުރައިދޫ އޮފީސް) މީލާދީން 1980މ. ވަނަ އަހަރު ގުރާދޫގެ އާބާދީއަކީ 663 މީހުންނެވެ.(ގުރައިދޫ އޮފީސް) މީލާދީން 2010މ. ވަނަ އަހަރު ގުރާދޫގެ އާބާދީއަކީ 1459 މީހުން. (ގުރައިދޫ އޮފީސް) މީލާދީން 1980މ. ވަނަ އަހަރު ގުރާދޫގެ ގޭބިސީތަކުގެ ޢަދަދަކީ 120 އެވެ. (ގުރައިދޫ އޮފީސް)
ގުރައިދޫގައި ކާށިދޫ މުޙަންމަދު އާދަމް، މަކްތަބުއްނުޖޫމު (މަދަރުސާއެއް) ޤާއިމުކުރީ 1947މ. ވަނަ އަހަރުގަ އެވެ. އޭގެފަހުން ކިޔަވައި ދެއްވުމުގައި މާލޭ ލޯޖެހި ތުއްތު ދީދީ ވެސް އުޅުއްވިއެވެ. (ގުރައިދޫ / މުޝްތަރީގޭ ޒައިދު މުޙަންމަދު)
ގުރައިދޫގައި ހުކުރުކުރަން ފެށުނީ 1965މ. ވަނަ އަހަރު ވިލިނގިލިވަރާއި، ބިޔައިދޫން ގެނެވުނު މީހުން ވަޒަންވެރި ވުމަށްފަހު އެވެ.

ގުރައިދޫގެ ފުރަތަމަ ވެރިއަކީ 1930މ. ގެ އަހަރުތަކުގައި މުދިމް ކަމުގެ މަޤާމު ފުރުއްވި ދެއްވަދޫ ގޮއިވެރި ކަޅުތުއްތު ދީދީ އެވެ. ގުރައިދޫގެ އެންމެ ޚިދުމަތްތެރި ބޭފުޅަކީ (ކަޅުތުއްތު ދީދީގެ އަނބިކަނބަލުން) އެރަށު މުދިންގޭ މާމައެވެ. މާމައަކީ، އެރަށުގެ އެންމެ ބޮޑު ޢާއިލާ ނިސްބަތްވާ އަދި އެރަށުގެ ވަރަށްގިނަ މީހުންނަށް ކިޔަވައިދެއްވިޚިދުމަތްތެރި ބޭކަނބަލެކެވެ. މާމަގެ އާއި އަދި އޭނާ ކިޔަވައިދެއްވި މަކްތަބު ހުރި ބިމަކީ، މިހާރު ގުރައިދޫ މަދަރުސާގެ އެހުރި ބިމުން ބަޔެކެވެ. އެއީ އެކަމަށް އެންމެ އެކަށީގެންވާ ބިން ވެސް މެއެވެ.
            --------------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު، ޒޫރިޔާގެ/ މަޑަވެލި
21/12/2012