ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ ޢާއިލާއިން ޞަފުޙާއެއް – އިޞްލާޙުކޮށްފައި


އަލްޣާޒީ ޙަސަން ޢިއްޒުއްދީން ރަދުންނާއި އެއްބަނޑު އެއްބަފާ ޙުސައިން ބޮޑު ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން ހުރާ މުޙައްމަދު މަނިކުފާނު،  ދިވެހި ރަސްކަން ހޯއްދެވުމުގެ ބޭނުންފުޅުގައި ޙާޖީ ބަންޑާރައިންނަށް (ޣާޒީ މުޙައްމަދު ޣިޔާޘުއްދީނަށް) އެ ހެދި ގޮތެއް ހައްދަވައި ނިންމެވުމަށް ފަހު، އެރަދުންގެ ދަރިކަލުން ޢަބްދުﷲ  ޤަތުލު ކުރައްވަން އުޅުއްވުމުން އެކަމުން އެމަނިކުފާނު ސަލާމަތް ކުރައްވައި  ފުވައްމުލަކަށް ގެންދެވި އެރަށުގެ ދެކަނބަލުންގެ ތެރެއިން އަންހެން ބޭފުޅަކީ، ކަރިއްޔަ ޙައްވާ މަނިކުފާނު ކަމަށް މަދު ފަރާތްތަކަށް ވިއަސް އޮޅުންއަރާ  ގޮތެއް ވެއެވެ. އެހެންވާން ޖެހެނީ، ޙާޖީ ބަންޑާރައިންގެ ދަރިކަލުން ޢަބްދުﷲ  ފުވައްމުލަކަށް ގެންދެވި ދެކަނބަލުންގެ ދަރިއެއް ނެތުމުން އެ ދެކަނބަލުންގެ ގެ ވެސް އެ ދަރިކަލުންނަށް ދެއްވި ކަމަށް ބުނެވުމާއި، އެ ދަރިކަލުންނަށް، ފުވައްމުލަކު "ކަރިއްޔަ" ގެ ދެއްވީ ކަރިއްޔަ ޙައްވާ މަނިކުފާނު ކަމަށް ވާތީއެވެ. 

މިއޮޅުމަކީ، މިލަދުންމަޑުލު ކުރެދިވަރުގައި އަވަހާރަ ވެފައިވާ ބޭފުޅެއްގެ  މަހާނަގަލުގައި "......... ނިޔައުވީ 1182ހ. ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 4 ވީ ބުރާސްފަތި ވިލޭރޭ" ކަމަށް ލިޔެފައިވާ ބޭފުޅަކީ، އަލްޤާޟީ  ޙަސަން ތާޖުއްދީންގެ ކާފަ ދަރިކަލެއް ކަމާއި މިއީ ފަނޑިޔާރު ކަން ކުރެއްވި  ބޭފުޅެއް ކަމަށް ބުނެވެމުން ދާތީ މިބޭފުޅަކީ އަލްޤާޟީ ޙަސަން ތާޖުއްދީންގެ  ކާފަ ދަރިކަލުން އަލްޤާޟީ އިބްރާހިމް ސިރާޖުއްދީން ކަމަށް ބައެއް ބޭފުޅުންނަށް ބެއްލެވި، މިގޮތަށް ލިޔުއްވޭ ފަދަ ކަމެކެވެ. 

ކުރެދިވަރުގައި ހުރި މަހާނަގަލާ މެދު އަރާ އޮޅުން

ކުރެދިވަރުގައި ހުރި މަހާނަ ގަލަކީ އިބްރާހިމް ބަހާއުއްދީނުގެ މަހާނަ ގަލެވެ. މިއީ މަޝްހޫރު ކުރެދިވަރު ފަނޑިޔާރު މަނިކުފާނެވެ.  އެ ގަލަކީ އަލްޤާޟީ  އިބްރާހިމް ސިރާޖުއްދީނުގެ  މަހާނަ ގަލެއް ނޫނެވެ. ކުރެދިވަރުގައި  މަހާނަ ގައު ހުރި އިބްރާހިމް ބަހާއުއްދީނަކީ، ޙަސަން ތާޖުއްދީނަށް ކާފަ، ވިދާޅުވާ ބޭފުޅެކެވެ. މިއީ ޙަސަން ތާޖުއްދީންގެ މުޙައްމަދު ޝަމްސުއްދީންގެ އިބްރާހީމް މަނިކުފާނެވެ. އަލްޤާޟީ  އިބްރާހިމް ބަހާއުއްދީން ކައިވެނި ކުރައްވައިގެން ހުންނެވީ ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނުގެ މަރިޔަމް ކަނބާފާނާ އެވެ. 

ކުރެދިވަރުގައި ހުރި މަހާނަގަލާ ބެހޭ މިއޮޅުމެއް އެރީ ފަނޑިޔާރު ކަން ކުރެއްވި، މިބޭފުޅަކީ  މަޝްހޫރު އަލްޤާޟީ ޙަސަން ތާޖުއްދީންގެ ކާފަ ދަރިކަލެއްގެ އިތުރަށް  ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނަށް މާފަ(މަންމަގެބައްޕަ) ވިދާޅުވާ ބޭފުޅެއް ކަމަށް ބުނެވެމުން ދާތީ، އެބޭފުޅަކީ އަލްޤާޟީ އިބްރާހިމް ސިރާޖުއްދީން ކަމަށް ބައެއް ފަރާތްތަކަށް ބެއްލެވުނީ ކަމަށް ވެދާނެއެވެ

ޙަސަން  ތާޖުއްދީނަށް ބައްޕަ ވިދާޅުވާ ބޭފުޅަކާއި، ކާފަ ވިދާޅުވާ ދެ ބޭފުޅަކާއި، ކާފަ ވިދާޅުވާ އެއް ބޭފުޅެއްގެ ދަރިކަލަކާއި، މި ދަރިކަލެއްގެ ދަރިކަލަކު ވެސް ފަނޑިޔާރު ކަން ކުރެއްވުމުން  މިކަމަށް ވިސްނައި ވަޑައިގެންނެވުނު ނަމަ، ޤާޟީ އިބްރާހީމް ސިރާޖުއްދީނާއި  ޤާޟީ އިބްރާހީމް ބަހާއުއްދީނާ މެދު އެކަހަލަ އޮޅުމެއް ނޭރީހެވެ. 

އިބްރާހިމް ބަހާއުއްދީނަކީ ޙަސަން ތާޖުއްދީންގެ ފުތް އަލްޤާޟީ މުޙައްމަދު  ޝަމްސުއްދީނުގެ ފުތް ޤާޟީ އިބްރާހިމް ބަހާއުއްދީނެވެ. ކުރެދިވަރަކީ އަލްޤާޟީ ޙަސަން ތާޖުއްދީންގެ އަނބިކަބަލުންގެ ރަށެވެ. ނުވަތަ އިބްރާހިމް ބަހާއުއްދީންގެ މާމަގެ(ބައްޕަފަރާތުގެ) ރަށެވެ. ޤާޟީ  އިބްރާހީމް ސިރާޖުއްދީނާއި ޤާޟީ އިބްރާހީމް ބަހާއުއްދީނަކީ ދެ ބޭފުޅުންގެ  ބައްޕަގެ ނަން ފިޔަވައި ބައްޕަ ފަރާތުގެ އެހެން ޢާއިލީވަނަވަރު ލިޔާނަމަ  އެއްގޮތަކަށް ވަނަވަރު ލިޔެވިދާނެ ދެ ބޭފުޅުންނެވެ. 

އަލްޤާޟީ އިބްރާހިމް ސިރާޖުއްދީން އަވަހާރަވީ 1246 ވަނަ އަހަރުގެ ރަމަޟާން މަހުގެ 5 ވީ ހުކުރުދުވަހު މާލޭގައި ކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީމަރުކަޒުން ނެރުއްވި "ހަނދާނާއި ތާރީޚަށްޓަކައި" މިފޮތުގެ 54 ވަނަ ޞަފުޙާގައި ވެސް ލިޔެފައި ވެއެވެ. އަދި މާލޭ ހުކުރުމިސްކިތް ފޮތުގެ 352 ވަނަ ޞަފުޙާގައި އެ މަހާނަ ގަލުގެ ލިޔުން ވެސް  އެބަ ވެއެވެ. 

މިހެންވީއިރު  ކުރެދިވަރުގައި 1182ހ. ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 4 ވީ ބުރާސްފަތި ވިލޭރޭ އަވަހާރަވެފައި ވަނީ އިބްރާހިމް ބަހާއުއްދީން ކަން އެނގެއެވެ. މިއީ  އިބްރާހީމް ސިރާޖުއްދީނެއް ނޫނެވެ. 

އަލްޤާޟީ އިބްރާހިމް ސިރާޖުއްދީނަކީ ބައްޕައަކީ ޙަސަން ތާޖުއްދީންގެ ފުތް ޚަޠީބު އަޙުމަދު މުޙްޔުއްދީނެވެ. މަންމައަކީ ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނުގެ ފާތުމާ ރަނި ކިލެގެފާނެވެ.

ކަރިއްޔަ ޙައްވާމަނިކުފާނާ މެދު އަރާ އޮޅުން

ހުރާ  މުޙައްމަދު މަނިކުފާނުގެ ނުބައި ކަމުން ޙާޖީ ބަންޑާރައިންގެ ދަރިކަލުން  ޢަބުދުﷲ ސަލާމަތް ކުރެއްވުމަށް މެދުވެރިވެ ވަޑައިގެން އެމަނިކުފާނު  ފުވައްމުލަކަށް ގެންދަވައި ގެންގުޅުއްވީ ވެސް ދައިގަޑު ގަނޑުވަރު އަޙުމަދު  މަނިކުފާނާއި އޭނާގެ އަނބިކަނބަލުން ފުވައްމުލަކު ދިގެލެގެދަރު އާމިނާ މަނިކުފާނެވެ. މިއީ "މުލަކު ދިގަލެގެދަރު އާމިނާ މަނިކެފާނު ފެނުކައްކައި  ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަ ކޮޅެއް ވެސް، ދިވެހި ރަސްކަމަށް ވުރެ، އަޅުގަނޑަށް މާ ރަނގަޅޭ" ޙަސަން ނޫރައްދީން(1) ރަދުންގެ އަރިހުގައި  އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ވިދާޅުވެފައިވާ މަޝްހޫރު ފުވައްމުލަކު  ދިގެލެގެދަރު  އާމިނާ މަނިކުފާނެވެ.

ދައިގަޑު ގަޑުވަރު އަޙުމަދު މަނިކުފާނާއި ދިގެލެގެދަރު އާމިނާ މަނިކުފާނަކީ  އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ވަރަށް ބޮޑަށް ލޯބިފުޅުވި އަދި އިޙުތިރާމް ކުރެއްވި ދެކަނބަލުންނެވެ. 

އެދުވަސްވަރު  ދިގެލެގެދަރު އާމިނާ މަނިކުފާނުމެންގެ ޢާއިލީ ގެ "ދިގެލެގެދަރު" ގައި ޢަބުދުﷲ (ފަހުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނު)އަށް ޚާއްޞަ ކުރެވިފައިވާ  އެނދުދާން ކޮޅަކާއި އުނދޯލި ކޮޅަކާއި ސަރަންފީ ގޮނޑި ކޮޅަކާއި ބައެއް  ތަކެތި ވެސް ހުއްޓެވެ. އަދި އެގޭގައި އެމަނިކުފާނަށް ކިޔަވައި ވިދާޅުވެވޭނެ  އިންތިޒާމުތައް ވެސް ހަމަޖެހި އެކަން ކުރެވެމުން ވެސް ދިޔައެވެ. 

ދައިގަޑު ގަނޑުވަރު އަޙުމަދު މަނިކުފާނަކީ ފުވައްމުލަކު ދައިގަޑު ގަނޑުވަރު މާފަތް ތަކުރުފާނުގެ، އިސްދޫ އިބްރާހިމް ޝާހު ބަންދަރު ބޮޑު ވެލާނާ  ތަކުރުފާނުގެ ޙަސަން މާފަތް ތަކުރުފާނުގެ އައްސުލްޠާނު އިބްރާހިމް މުޡުހިރުއްދީން (ބޮޑުކިލެގެފާނު)ގެ މުޙައްމަދު މަނިކުފާނު (މުލަކު މުޙައްމަދު މަނިކުފާނު)ގެ ބޭފުޅެކެވެ. 

ދައިގަޑު ގަނޑުވަރު އަޙުމަދު  މަނިކުފާނާއި އޭނާއާއި އެއްބަނޑު އެއްބަފާ ކަރިއްޔަ ޙައްވާ މަނިކުފާނާއި، އަދި މުލަކަށް  ވަޑައިގަތީއްސުރެ ޢަބުދުﷲ (ފަހުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނު)އާއި  މިހުރިހާ ބޭފުޅުން ތިއްބެވީ ވެސް އަޙުމަދު މަނިކުފާނާއި ޙައްވާ މަނިކުފާނުގެ ކަރިއްޔަ" ގޭގައެވެ. ޙައްވާ މަނިކުފާނަށް ވުރެ ކުރިން އަޙުމަދު  މަނިކުފާނު އަވަހާރަވުމުން ދެން "ކަރިއްޔަ" ގޭގެ ޝަރުޢީ އިސް ފަރާތް ކަމަށްވާ ޙައްވާ މަނިކުފާނު، "ކަރިއްޔަ" ގެ ޢަބުދުﷲ (ފަހުން އިބްރާހީމް  ފާމުލަދޭރި ކިލެގެފާނު) އަށް ދެއްވީ އަޙުމަދު މަނިކުފާނު އަވަހާރަވުމުގެ ކުރިއްސުރެ އެކަން ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ މަތިންނެވެ.  މިކަން ނިންމެވީ ޙައްވާ މަނިކުފާނެވެ. ކަރިއްޔައާއި، ދޮރުބައިގެދަރާއި،  ދައިގަޑު ގަނޑުވަރާއި، ކުޑައިރަނިޔަ އެދުރުގެއާއި، ދޫނޑޭރެއާއި، މި ގޭގެއަކީ އެއް ޢާއިލާއަކަށް ނިސްބަތްވާ އެއް ހިސާބުގަނޑެއްގެ ގޭގެއެވެ. 

ޙާޖީ ބަންޑާރައިންގެ ދަރިކަލުން ޢަބުދުﷲ (ފަހުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނު)އަށް ފުވައްމުލަކު ކަރިއްޔަ ޙައްވާ މަނިކުފާނު ދެއްވި "ކަރިއްޔަ ގެއާއި އެގޭ ބޭރުގެއަށް އެމަނިކުފާނު އެޅުއްވި ގެއާއި އެގޭގެ ރުއްގަހާއި ހަރުބަޔާއި ގެވެށި ކަންވާރާއި ބައެއް ތަކެތި ވަގުފު ކުރައްވައި އެގޮތުގެ މަތިން  އެކަން ގެންދެވުމުގެ ތައުލިއްޔަ މޫލަވެރިކަން އެމަނިކުފާނުގެ އަނބިކަނބަލެއް ކަމަށްވާ ވަލިދަޑި އާމިނާ މަނިކުފާނާއި އެބޭފުޅުންގެ ދަރި  މިރިމިނީނާއި އެމަނިކުފާނު ފުރަތަމަ ޙަވާލުކުރެއްވީ 27 ޛުލްޙިއްޖާ 1224ހ ގައި އެމަނިކުފާނުގެ އަތްޕުޅުން ލިޔުއްވި ލިޔުއްވުމަކުންނެވެ. އޭގެ ފަހުން އަލްޤާޟީ އިބްރާހީމް ސިރާޖުއްދީންގެ ފަނޑިޔާރު ކަމުގެ ދުވަސްވަރު ފަނޑިޔާރު  މަނިކުފާނުގެ ސިއްކަ ޖެހި ޝަރުޢީ ފަތަކުން ވެސް މިކަން ނިންމެވިއެވެ. އެފަތުން އެނގޭ ގޮތުގައި 14 ރަމަޟާން 1228 ބުރާސްފަތި ދުވަހު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ހެޔޮ ޙާލުކޮޅުގައި ހުންނަވައި މިކަން ހުށަހެޅުއްވުމުން  އެމަގުން އެކަން ނިމި ފަތް ލިޔުއްވައި ދެއްވީ، ޛުލްޙިއްޖާ 1245ހ. ގައެވެ.  އިބްރާހީމް ސިރާޖުއްދީން ފަޑިޔާރު މަނިކުފާނުގެ މަންމަ ފާޠިމާ ރަނި ކިލެގެފާނަކީ އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބައްޕާފުޅު ޙާޖީ  ބަންޑާރައިންނާއި އެއްބަނޑު އެއްބަފާ ބޭފުޅެކެވެ. 

އިބްރާހީމް ފާމުލަދޭރި ކިލެގެފާނަށް ފުވައްމުލަކު "ކަރިއްޔަ" ގެ ދެއްވީ ކަރިއްޔަ  ޙައްވާ މަނިކުފާނަށް ވާތީ އެ ކިލެގެފާނު މުލަކަށް ގެންދެވި  ދެމަފިރިކަނބަލުންގެ ތެރެއިން އަންހެން ބޭފުޅަކީ ކަރިއްޔަ ޙައްވާ މަނިކުފާނު ކަމަށް އޮޅުންއަރާ ގޮތެއް ވަނީ އެކަމަށް ރަނގަޅަށް ވިސްނައިނުލުމުން ކަމަށް ވެދާނެއެވެ. 

އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ފުވައްމުލަކަށް ވަޑައިގެން އެ ކިލެގެފާނު ޒަވާޖީ ޙަޔާތެއް ފެއްޓެވުމާ ހަމައަށް ވެސް އެ ރަށުގައި  އެ ބޭފުޅެއްގެ ޢަރަބިނަމުގެ ފަހަތަށް "މަނިކުފާނު" ކިޔާފައި ވަނީ، ހަމަ އެކަނި  މުޡުހިރުއްދީންގެ ޢާއިލާގެ ބޭފުޅުންނަށް ކަން އެނގެއެވެ. ނަމަވެސް އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ޒަވާޖީ ޙަޔާތެއް ފެއްޓެވުމުން  އަނބިކަނބަލުންގެ ޢަރަބި ނަމުގެ ފަހަތަށް "މަނިކުފާނު" ކިޔާފައި ވެއެވެ.  ބޭފުޅުންގެ ޢަރަބި ނަމުގެ ފަހަތަށް "ދީދީ" އެވެ. 

ޙާޖީ ބަންޑާރައިން ޝަހީދުކޮށް އެރަދުންގެ ދަރިކަލުން ވެސް ޤަތުލު ކުރަން އުޅުމުން  އެދަރިކަލުންގެ ސަލާމަތަށް މަތިވެރި ﷲ މެދުކުރެއްވި ފުވައްމުލަކުގެ  ދެމަފިރިންނަކީ ޙާޖީ ބަންޑާރައިންގެ ބައްޕާފުޅު އިބްރާހީމް ރަސްގެފާނާއި ވަރަށް ގާތް" ފުވައްމުލަކު ބަޔެއް ކަމަށް ބައެއް ފަތްފުށްތަކުން ފެންނައިރު އިބްރާހީމް ރަސްގެފާނާއި ގުޅިވަޑައިގެން އުފެދިފައިވާ އެއްވެސް ޢާއިލާއެއް އެދުވަސްވަރު ފުވައްމުލަކުގައި ނެތެވެ. 

އިބްރާހީމް ރަސްގެފާނުގެ ފަރާތްޕުޅަށް ވެސް ނިސްބަތް ކުރެވިދާނެ ޢާއިލާއަކަށް ފުވައްމުލަކުގައި  އުފެދުނު ފުރަތަމަ ޢާއިލާއަކީ އިބްރާހީމް ރަސްގެފާނުގެ ޝަހީދުކުޅަ ދަރިކަލުން ޙާޖީ ބަންޑާރައިންގެ ޤަތުލު ކުރަންއުޅުނު ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ފަރާތްޕުޅުން އުފެދުނު ޢާއިލާއެވެ. އިބްރާހީމް ރަސްގެފާނުގެ ދަރިކަނބަލުން މަރިޔަމް ކަނބާފާނުގެ ފަރާތްޕުޅަށް ވެސް  ނިސްބަތް ކުރެވިދާނެ ޢާއިލާއެއް ފުވައްމުލަކުގައި އުފެދިފައި ވަނީ އިބްރާހީމް ފާމުލަދޭރި ކިލެގެފާނު މުލަކަށް ވަޑައިގެން ކިލެގެފާނާއި ކުޑައިރަނިއަ އެދުރުގޭ މަރިޔަމް މަނިކުފާނާއި ދެކަނބަލުންނަށް 3 ބޭފުޅުން ވެސް  ލިބިވަޑައިގަތް ފަހުންނެވެ. އޭރު ކިލެގެފާނާއި ވަލިދަޑި އާމިނާ މަނިކުފާނާއި ދެކަނބަލުންނަށް ވެސް ބައެއް ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. ކިލެގެފާނު މާލެއިން މުލަކަށް ވަޑައިގަތް  ދަތުރުފުޅެއްގައި އިބްރާހީމް ރަސްގެފާނުގެ މަރިޔަމް ކަނބާފާނުގެ ދަރިކަލުން މުޙައްމަދު ދީދީގެ ޙުސައިން ދީދީ މުލަކަށް ގެންނެވިއެވެ. އޭގެ ފަހުން ކިލެގެފާނުގެ އަނބިކަނބަލެއް ކަމަށްވާ ވަލިދަޑި އާމިނާ މަނިކުފާނުގެ ކޮއްކޮ ވަލިދަޑި ފާޠިމާ މަނިކުފާނާއި ޙުސައިން ދީދީ ކައިވެނި ކުރައްވައި ޢާއިލާ އުފެދިގެން ދިޔައެވެ.

                    -------------------

ޢަބުދުﷲ ޙިލްމީ

30 ޑިސެމްބަރ 2013

 މަޢުލޫމާތުގެ ޙިއްޞާ:

ޢަލިދީދީ ވިދުވަރުގެ/ ފުވައްމުލައް، 

އަޙުމަދު ނާޞިޙު ޢަންބަރީވިލާ/ ސ. މީދޫ،  

އަޙުމަދު މުޖުތަބާ އުނިސާރިގެ/ ސ. މީދޫ