ޢަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި




ތަފާތު ރޮނގުތަކުން ދިވެހި މުޖުތަމަޢަށް ނުހަނު ބޭނުންތެރި ޚިދުމަތްކޮށްދެއްވައިފައިވާ ބައެއް ފަރާތްތައް ދުނިޔެ ދޫކުރެއްވުމުން އެފަރާތެއްގެ ޛިކުރާ އައުކޮށް ހެޔޮދުޢާކޮށް އަދި އެފަރާތެއްގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށްޓަކައި މިނެދޭނާޅިން މިނާ ދެވައްތަރެއްގެ ނާޅި ދިވެހިންގެ ބަޔަކު ގެންގުޅެމުންދާތީ ފެނެއެވެ. (ނާޅިއަކީ ގޮވާމުގެ ބާވަތްތައް މިނާން ގެންގުޅޭ ހަތަރު ލާހީގެ މިންވަރު ނުވަތަ ގާތްގަޑަކަށް ދެރާތާ ހުންނަ އެއްޗެކެވެ. ރާތަލަކީ 4 ގަލުގެ ބަރުދަނެވެ. ނުވަތަ 16 ތޯލާގެ ބުރަދަނެވެ. ނުވަތަ 454 ގްރާމެވެ.) އެއްވައްތަރެއްގެ ނާޅިއަކީ އޭގެ ފޫނުވެއްޓި ސަލާމަތުން އޮތް ނާޅިއެކެވެ. އަނެއްވައްތަރުގެ ނާޅިއަކީ އޭގެ ފޫވެއްޓިފައިވާ ނާޅިއެކެވެ. މިނާޅީގެ އެތެރޭގައި އެއްވެސްއެއްޗެއް ހަރެއްނުލާނެއެވެ.

މިދެންނެވިގޮތަށް ދުނިޔެ ދޫކުރެއްވި ފަރާތެއްގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށްޓަކައި ފޫނުވެއްޓި ސަލާމަތުން އޮތް މިނެދޭނާޅިން މިނާނަމަ އެޚިދުމަތްކޮށްދެއްވި ފަރާތެއް ކަންތައް ކުރެއްވިގޮތަށް އެފަރާތަކާ ދޭތެރޭ ކަންތައްކުރެވޭނެއެވެ. މިސާލުބަހެއްގައި ބުނާގޮތަށް އެމީހަކު ކަންތައް ކުރި ގޮތަކަށް އެމީހަކާ ދޭތެރޭ ކަންތައްކުރެވޭނެއެވެ. އެފަރާތެއްގެ ޚިދުމަތުގެ އަގު ވަޒަންކުރެވޭނެއެވެ. އެހެންނަމަވެސް ދުނިޔެ ދޫކުރެއްވި ފަރާތެއްގެ ޚިދުމަތް ވަޒަންކުރުމަށްޓަކައި ފޫވެއްޓިފައިވާ ނާޅިން މިނާނަމަ އެޚިދުމަތްކޮށްދެއްވި ފަރާތެއް ކަންތައް ކުރެއްވިގޮތަށް އެފަރާތަކާ ދޭތެރޭ ކަންތައް ނުކުރެވޭނެއެވެ. އެފަރާތެއްގެ ޚިދުމަތުގެ އަގު ވަޒަންނުކުރެވޭނެއެވެ.



ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންގެ ތެރެއިން ހުރިހާ ފެންވަރެއްގެ ހުރިހާ ގިންތީއެއްގެ މަދުނޫން ބަޔަކަށް ތަފާތު ރޮނގުތަކުން ޚިދުމަތް ފޯރުކޮށްދެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ވަރަށްބޮޑު ޚިދުމަތްތެރިއެއްކަމަށްވާ މަޑަވެލީ ޒޫރިޔާގޭ ޢަލީ ނަޞީރުގެ ދުންޔަވީ ޙަޔާތް ނިމިގެން ހިނގައްޖެއެވެ. 22 އޯގަސްޓް 2014މ. ގައެވެ. ދިވެހީންގެ ތެރެއިން މިކަން އެނގޭ އެއްބަޔަކަށް މިކަން އެނގި އަލްމަރުޙޫމްގެ ޢަލީ ނަޞީރުގެ ޚިދުމަތުގެ އަގު ވަޒަންކުރަމުން ގެންދެއެވެ. ފޫނުވެއްޓި ސަލާމަތުން އޮތް މިނެދޭނާޅިން މިނަމުންނެވެ. މިހެންމެ، އަލްމަރުޙޫމް ޢަލީ ނަޞީރުގެ ދުންޔަވީޙަޔާތް ނިމިގެން ހިނގައްޖެކަން ރަނގަޅަށް އެނގޭ އެއްބަޔަކު އޭނާގެ ޚިދުމަތުގެ އަގު ވަޒަންކުރަމުން ނުގެންދެއެވެ. މިނެދޭނާޅިން މިނަމުން ނުގެންދެއެވެ. އެއީ މިބަޔަކު ގެންގުޅޭ މިނެދޭ ނާޅިއަކީ އޭގެ ފޫވެއްޓުމުގެ އިތުރަށް ހަޔެއްކަ ތަނުން ފަޅައިގެންގޮސް އެތަންތަންވެސް ނެއްޓިފައިވާ ނާޅިއެކެވެ. އަދި މިނެއްޓުނު ތަންތަންވީ ހިސާބެއްވެސް ދެނެހުރި އާދަމުގެ ދަރިއަކު މިއުޑުދަށުގައި ނެތެވެ. އެހެންވީމާ، އޭގެ ފޫވެއްޓިފައިވާ ނާޅި ގެންގުޅޭބަޔަކަށް އަލްމަރުޙޫމް ޢަލީ ނަޞީރުގެ ޚިދުމަތުގެ އަގު ވަޒަންނުކުރެވޭނެއެވެ.

މަޑަވެލީ ޒޫރިޔާގޭ އަލްމަރުޙޫމް ޢަލީ ނަޞީރަކީ ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންގެ ތެރެއިން ހުރިހާ ފެންވަރެއްގެ ހުރިހާ ގިންތީއެއްގެ މަދުނޫން ބަޔަކަށް ތަފާތު ރޮނގުތަކުން ޚިދުމަތް ފޯރުކޮށްދެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ވަރަށްބޮޑު ޚިދުމަތްތެރިއެއްކަމަށް އަޅުގަނޑު ދަންނަވައިފީމެވެ. އޭގެތެރޭ ޞިއްޙީ ރޮނގުންނާއި ތާރީޚީ ރޮނގުންނާއި ދިވެހިވެށީގައި ހިނގި އަދި ހިނގާ ހުރިހާ ކަންކަމެއްގެ ރޮގުންނާއި ލިޔުންތެރިކަމުގެ ރޮނގު ފާހަގަކުރެވެއެވެ. މިވާހަކަ ދަންނަވާފައި އެވަނީ އެވާހަކަ މީހަކު ބުނި އަޑު އިވިގެންނޫނެވެ. އަދި ކީއްތޯއެވެ. އެކަން އެގޮތަށް އޮތްކަން ލޮލުންދެކެ އަތުން ހިފައި ސަލާމަތްބުއްދި އެކަން ގަބޫލުކުރާތީއެވެ. މިކަންއޮތީ މިހެންކަން އަޅުގަނޑު ނޫނަސް ގަބޫލުކުރައްވާ ފަރާތްތައް ދިވެހިރާއްޖޭގައި މަދެއްނޫނެވެ. ދިވެހިރާއްޖޭގެ އެންމެ މަޝްހޫރު ލިޔުންތެރިންގެ ލިޔުއްވުންތައް ފެންނަ "ލިޔުންތެރިންގެ ގުޅުން" ވެބްސައިޓުގައި ވެސް ފާހަގަކުރައްވަނީ "ޢަލީ ނަޞީރު އަވަހާރަވުމުން ލިޔުންތެރީންގެ ގުޅުމަށް ޚާއްޞަކޮށް، އަދި ޢާއްމުކޮށް ދިވެހި އަދަބިއްޔާތަށާއި ތާރީޚާއި ސަގާފަތަށް އެ ލިބުނީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ."
http://liyuntherin.org/index.php?option=com_content&view=article&id=2334:2014-08-23-02-50-39&catid=19:2012-01-30-18-28-45&Itemid=28

އަޅުގަނޑު ދުށްގޮތުގައި އަދި އަޅުގަނޑު ގަބޫލުކުރާގޮތުގައި ހުވަދުއަތޮޅުގެ ތާރީޚީ އެންމެގިނަ މަޢުލޫމާތު ހޯއްދަވައި އެއްކުރައްވައިފައިވާ ބޭފުޅަކީވެސް އަލްމަރުޙޫމް ޢަލީ ނަޞީރެވެ. އަދި އޭނާގެ އުފަން ރަށްކަމަށްވާ މަޑަވެލީގެ ތިމާވެއްޓަށް އެކިދުވަސްވަރު އަންނަމުންދިޔަ ބަދަލުތައްވެސް އެއްކުރައްވައި އޭގެ ބައެއް ކަންކަން ޝާއިޢުކުރެއްވި ބޭފުޅަކީވެސް އަލްމަރުޙޫމް ޢަލީ ނަޞީރެވެ. މިކަންކަމުގެ އިތުރަށް އަލްމަރުޙޫމް ޢަލީ ނަޞީރަކީ ރާއްޖޭގެ ވެށީގައި ހިނގާފައިވާ ތާރީޚީ، ޞިއްޙީ، އިޖުތިމާޢީ، އިގްތިޞާދީ، އަދި ސިޔާސީ ކަންކަމުގެ މަޢުލޫމާތުވެސް ނުހަނު މުއްސަނދި ބޭފުޅެކެވެ. މިފަދަ ބައެއް ލިޔުއްވުންތައްވެސް އޭނާ ޝާއިޢުކުރައްވާފައިވެއެވެ.

އަލްމަރުޙޫމް ޢަލީ ނަޞީރަކީ އަޅުގަނޑާއި ވަރަށް ގުޅުން ރަނގަޅު ގާތް ބޭފުޅެކެވެ. އަޅުގަނޑަށް އޭނާ އެނގުމުގެކުރިން އޭނާ އަޅުގަނޑު ދެނެވަޑައިގަނެއެވެ. އޭނާ ވިދާޅުވެދެއްވިގޮތުންނަމަ ރައީސް ނާޞިރުގެ ވެރިކަމުގެ ދުވަސްވަރު 1978މ. އެޕްރީލްގައި ރާއްޖޭގައި ފެތުރުނު ކޮލެރާތެރޭ މަޑަވެލީގެ ބައެއް ފަރާތްތަކަށް އެރަށުގައި އަޅުގަނޑު ފަރުވާދިންއިރު ވަރަށްކައިރިން އޭނާ އެތަން ދެކެވަޑައިގެން އެދުވަހުއްސުރެ އަޅުގަނޑާމެދު އޭނާގެ ހިތްޕުޅުގައި ވަރަށްބޮޑު ގާތްކަމެއް އުފެދިފައިވެއެވެ. މިކަން މިހެންއޮތް ނަމަވެސް އަޅުގަނޑަށް އަލްމަރުޙޫމް ޢަލީ ނަޞީރުގެ ތަޢާރަފް ލިބި ގާތްގުޅުމެއް އުފެދުނީ ގދ.އަތޮޅު ހެލްތްސެންޓަރުގައި ރަސްމީގޮތުން ކުރާންޖެހޭ މަސައްކަތްކުރެއްވުމަށް 1982މ. ގައި އޭނާ ގދ. ހެލްތްސެންޓަރަށް ތިނަދޫއަށް ވަޑައިގަތުމުންނެވެ. އޭގެފަހުން އޭނާ ދުނިޔެ ދޫކުރެއްވުމާ ހަމައަށް ވޭތިވެފައިވާ ހުރިހާ ދުވަހަކީވެސް އަޅުގަނޑުމެންގެ ގާތްގުޅުން އެއްދުވަހުން އަނެއް ދުވަހަށް ބަދަހިވަމުންދިޔަ ދުވަސްތަކެކެވެ.

ދުނިޔެއޭ މިކިޔާ ވަގުތީ ގޮވަތީގައި ލައްވާފައިވާ ދިރުންހުރި ކޮންމެ ނަފުސެއްގެވެސް ދިރުން ނެތިވެ މަރުގެރަހަ ދެކޭނެކަމީ ކަށަވަރު ކަމެކެވެ. މަރުގެރަހަ ދުށުމަކީ އެ ނަފުސެއްގެ ދިރުހުރުމުގެ ބާރުކަމަށްވާ ފުރާނަ ނެތިދިޔުމެވެ. އެފުރާނައެއް ނެތިދިޔުމުގައި އެހެންވާން ޖެހުނީ މިވެނިހެން ވެގެންނޭ މީހުން ކިޔައި އުޅޭ ކޮންމެވެސް ސަބަބެއް ގިނަ ފަހަރަށް އޮންނާތީ ފެނެއެވެ. އެއީ އެތެރެހަށީގެ ބައްޔާއި އެތެރެހަށިން ބޭރުގެ ބައްޔާއި ގަތުލުވުމާއި ނޭވާނުލެވުމާއި ހިތް ހުއްޓުމާއި ފެނުތެރަށް ޣަރަގުވުމާއި އުސްތާކުން ވެއްޓުމާއި އަލިފާނުން އަނދައިގެން ދިޔުމާއި މިނޫންވެސް ކޮންމެވެސް ކަހަލަ ސަބަބެކެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ވިޔަސް އަދި ނުވިޔަސް ދިރުންލެއްވި ކޮންމެ ނަފުސެއްވެސް ކޮންމެވެސް ދުވަހަކުން މަރުގެ ރަހަ ދެކޭނެއެވެ. އެއީ މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔެއޭ މިކިޔާ ވަގުތީ ގޮވަތީގައި ލައްވާފައިވާ ދުނިޔޭގައި ކަންކަން ހިނގާ އުޞޫލުގެ ތެރެއިން ކަމެކެވެ. އެކަމަކީ އިންސާނީ ސައިންސްވެރިންގެ އީޖާދަކުން އެބައިމީހުންގެ މޮޅުކަމަކުން ނުހުއްޓުވޭނޭ ކަމެކެވެ. އެއީ ގުދުރަތީ ގާނޫނެވެ. މިގާނޫނަކީ އިންސާނުން ގެންނަ ޒަމާނީ ޑިމޮކްރަސީއެއްގެ ތެރެއިން އެބަޔެއްގެ ގާނޫނު ހަދާ މަޖިލީހަކުން ވިޔަސް އެއަށް އެއްވެސް ބަދަލެއް އަދި ކީއްތޯ އެއަށް ކިތަންމެ ކުޑަކުޑަ އިޞްލާޙެއް ވިޔަސް ނުގެނެވޭނޭ ގުދުރަތީ ގާނޫނެވެ. ދުނިޔެ ދެމި އޮތްހައި ދުވަހެއްގައި މިގާނޫނު ހިނގަމުންދާނެއެވެ. އަދި އެގާނޫނުގެ ދަށުން ދިރުންހުރި ކޮންމެ ނަފުސެއްވެސް މަރުގެރަހަ ދެކޭނެއެވެ.


އަލްމަރުޙޫމް ޢަލީ ނަޞީރުގެ ދުނިޔަވީ ޙަޔާތް ނިމިގެންދިޔައީ ފުރާނައަށް ނުރައްކާވެދާނެކަމަށް ބެލެވޭފަދަ ފަދަ މާބޮޑު ބައްޔެއްނެތި ބަނޑުގައި ވައިހެދި ނޭވާލާއިރު އުނދަގޫވާގޮތެއް ހުރުމުން ސައިކަލްގައި އޭނާގެ އަނބިކަނބަލުންވެސް ގޮވައިގެން ތިނަދޫގައި ހުންނަ ޑރ. ޢަބުދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގަތުމުން ފަރުވާއަށްޓަކައި އެތާނގައި 2 ދުވަހުގެ އެޑްމިޓަކަށްފަހު އެތަނުން ކާނޑެއްދޫ ވައިގެމަގުން ހުޅުލެއިން އޭޑީކޭ ހޮސްޕިޓަލުން މާލޭ އާ ސަހަރާއަށެވެ. މިހުރިހާކަމެއް ފެށި ނިމިގެންދިޔައީ އެންމެ ދެތިން ދުވަހުގެތެރޭގައެވެ.

މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ  އަލްމަރުޙޫމް ޢަލީ ނަޞީރަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްދެއްވައި އޭނާގެ ޢާއިލާއަށް ކެތްތެރިކަމާއި ބާއްޖަވެރި ޙަޔާތެއް ދެއްވާށިއެވެ. އާމީން!
                   -----------------
ޢަބުދުﷲ ޙިލްމީ
25 އޯގަސްޓް 2014މ.