އެއީ ކޮން އެއްޗެއް - 1










ޗާޓު ފޮތެކެވެ. ހިތްތަކުގެ ޗާޓުތައް ވެ އެވެ.
އުފާފާގަތިކަމުގެ މަންޒިލްތައް ވަނީ ފަވާފަ އެވެ.

ބޯދާ ވާހަކަ ފޮތެކެވެ. ގިނަގުނަ ވާހަކަތައް ވެ އެވެ.
އެއް ޖީލުން އަނެއް ޖީލަށް ނަގުލުކުރީ ހިތްތަކެވެ.

މޮޅު ސެންޓެކެވެ. ހާދަހާ މީރުވަހެއް ދުވަ އެވެ.
އުތުރެނީ މާތައް ފަރިވެ ފޮޅެމުންދާ ހިތްތަކުންނެވެ.

ކުރިތައް ފަޅާނެ އޮށެކެވެ. ޢިނާޔަތްތެރިކަން މުހުތާދެވެ.
ހެދިބޮޑުވުމުގެ ކާނާއާއި ފެނަކީ އަޅާލުމާއި އޯގާތެރިކަމެވެ.

ރީތި ހިނިތުންވުމެކެވެ. ރޫތަކަށް މޮޅު ފަރުވާއެކެވެ.
އެކަނިވެރިކަން ބަރުދާސްތުކުރާ ހިތްތަކުގެ ރޫތަކެވެ.

މިޞްރާބު ދައްކާ ސަމުގާއެކެވެ. ބަހައްޓާފައިވަނީ ހިތުގަ އެވެ.
ޢިޝްޤުގެ މަންޒިލްތަކަށް ކަށި ހުއްޓެ އެވެ.

ރީތި ޢިބާރާތެކެވެ. އުފަލާއި ހިތާމަ ބުނެދެ އެވެ.
ހިތުގެ ޢުމުޤުން ލިޔެވޭނެ އެންމެ ރީތި ޢިބާރާތެވެ.

ގަދަ އޮއިވަރެކެވެ. ބާރުފޯރުވޭ ވަރަށްވުރެ މާގަދަ އެވެ.
ހިތްތައް އެއާއެކު ބެހިގެންދެ އެވެ.

މަޑުމައިތިރި ތަވާޟުޢުވެރިކަމެކެވެ. ކޮންމެ މީހަކަށް ނުލިބޭނެ އެވެ.
ކިބުރުވެރިންނަށް ލިބޭނީ، އެމީހުންގެ އަމިއްލަ ނަފުސަށްޓަކަ އެވެ.

ވަރުގަދަ އިންޤިލާބެކެވެ. ޤާއިދަކީ ހިތެވެ.
ޝުޢޫރުތަކުގެ ޙައްޤުގައި ގެންނަ ރިވޮލިއުޝަނެކެވެ.

ފޮނި ފޮނި މޭވާއެކެވެ. ހެދި ބޮޑުވަނީ ހިތުގަ އެވެ.
ދޮންވެ ފައްކާވުމުން ޙަޔާތަށް މީރު ރަހަ ލިއްބައިދެ އެވެ.

ބުރަދަންހުރި ބަރެކެވެ. ޝުޢޫރުތަކުގެ އެންމެ ފުނަށް ގަންބާލަ އެވެ.
ބަނިޔާދަންކަމުގެ ރަންމުތްތައް ދެއްކުމަށްޓަކަ އެވެ.

ޝިކާރަކުރާ ބާޒެކެވެ. ހިތް ޖަހައިގަނެގެން ދެ އެވެ.
ޙަޔާތުގެ ދަތުރުނާމާ ފުރިހަމަކުރުމަށްޓަކަ އެވެ.

އަގުބޮޑު ޖަވާހިރެކެވެ. ދަގުއި މަދުވިވަރަކަށް އަގު ބޮޑުވެދެ އެވެ.
ދޮގާއި މަކަރާއި ޙީލަތް ފަދަ ދަގުޔެވެ.

ބިޔަ ފަރުބަދަ އެކެވެ. ބިންހެލުމެއް އަޔަސް ގުޑުމެއް ނާރަ އެވެ.
ތެދުވެރިކަމާއި އިޚުލާޞްތެރިކަމުގައި ދެމިހުރިހައި ހިނދަކުމެ އެވެ.

ޗޭނަކުން ބޮޅެކެވެ. ގެތެމުންދާ ޗޭނެކެވެ.
ހުއްޓުމެއް ނެތި ކުރިޔަށްދާ ޙަޔާތުގެ ސިލްސިލާގަ އެވެ.

ފުން ވަޅެކެވެ. ވެއްޓޭއިރު އެންމެން ހަމަހަމަ އެވެ.
ލޮލަށް ފެނުމުން މަޙުރޫމުވެފައިވާ މީހުންނާއި އެނޫން މީހުންނެވެ.

ފާޅުކަން ބޮޑު ޙަޤީޤަތެކެވެ. ހިތްތަކަށް އެކަން އެނގެ އެވެ.
ޙަޤީޤަތް ސިއްރުކުރުމަކީ އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

އާރާސްތުވާ ބިނާއެކެވެ. ތަނބުތަކަކީ ތެދުވެރިކަމެވެ.
ބިންގަލަކީ އިޚުލާޞްތެރިކަމާއި އެކުވެރިކަމާއި ވަފާތެރިކަމެވެ.

ތޫނު ޚަންޖަރެކެވެ. ހިތުގެ މެދަށް ހަރާލަ އެވެ.
ދިރުމާއި އާރޯކަން ފޯރުކޮށްދިނުމަށްޓަކަ އެވެ.

ހައިބަތުހުރި ޚުޝޫޢަތްތެރިކަމެކެވެ. ކުއްތަންވުމަށްޓަކަ އެވެ.
އަހަރެމެންނަށް ދިރުން ދެއްވި ފަރާތަށެވެ.

އަސަރުގަދަ ކަރުނަ ތިއްކެކެވެ. ފައިބަނީ ހިތުންނެވެ.
އުފާވެރިކަމުގެ ކުންނަށް ވާޞިލުވާ ހިނދުގަ އެވެ.

އުންމީދީ ނިދާއެކެވެ. މުލުހާލެއްގެ ގޮވާލުން ފަދަ އެވެ.
ނިދާފައިވާ ހިތްތައް ހޭލައްވާލަ އެވެ.

އަގުހުރި ފިލާވަޅުތަކެކެވެ. އުނގެނި ދަސްކުރުން މޮޅެވެ.
ފުރަތަމަ ފިލާވަޅު ލިބެނީ އުފަންވާއިރުގަ އެވެ.

ކުޑަކުޑަ ޒައްރެކެވެ. ލޮލަކަށް ނުފެނެ އެވެ.
ވެރިވެއްޖެނަމަ މުޅި ހިތަށް ރަސްކަންކުރެ އެވެ. (ނުނިމޭ)
                ----------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން