މިއީ، ތުރުކީވިލާތުގެ ރައީސް، ރަޖަބު ޠައްޔިބު އުރުދުޣާން (Rajab Tayeb Erdogan) ގެ ވާހަކައެކެވެ. ނުވަތަ އޭނާއާއި، އޭނާއަށް ތާއީދުކުރި ތުރުކީވިލާތުގެ މުސްލިމު ރައްޔިތުންގެ ވާހަކައެކެވެ. ތުރުކީވިލާތުގެ ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިން، އެއްދުވަހަކު ރަޖަބު ޠައްޔިބު، ރައްޔިތުންނާ މުޚާޠަބުކުރައްވައި ކުރެއްވި އަސަރުގަދަ ތަޤުރީރެއްގައި ޅެންބައިތުތަކެއް ވިދާޅުވި އެވެ. އެ ޅެންބައިތުތަކުގެ މާނައިގައި ވެ އެވެ.
"އަހުރެމެން ލަޝްކަރު ތައްޔާރުކުރާނީ މިސްކިތުގަ އެވެ.
ޤުއްބުތަކަކީ، އަހުރެމެންގެ
ދަގަނޑުދަހަނާގެ ތޮފިތަކެވެ.
މުންނާރުތަކަކީ،
އަހުރެމެންގެ ލޮންސިތަކެވެ.
ނަމާދުކުރާ މީހުންނަކީ،
އަހުރެމެންގެ ސިފައިންނެވެ.
އަހުރެމެންގެ ލަޝްކަރަކީ،
މާތް މުޤައްދަސް ލަޝްކަރެކެވެ.
މިލަޝްކަރު އަހުރެމެންގެ
މާތްވެގެންވާ ދީން ޙިމާޔަތްކުރާނެ އެވެ!"
ރަޖަބު ޠައްޔިބު، މި ޅެންބައިތުތައް
ވިދާޅުވުމުން، އޭނާގެ އަގުވައްޓައިލުމަށްޓަކައި އޭނާގެ ދުޝްމަނުން މަސައްކަތްކުރި އެވެ.
އޭނާއަކީ، ޤައުމުގައި ދީނީ ބައިބައިވުން އުފައްދަން މަސައްކަތްކުރާ މީހެއްކަމަށް ބުނެ، އޭނާގެ މައްޗަށް
މައްސަލަ ކޯޓަށް ހުށަހަޅައި، ދަޢުވާކުރި އެވެ. އެ މައްސަލަ ބެލުމަށްފަހު ކޯޓުން އޭނާގެ
މައްޗަށް ޙުކުމްކުރީ ހަތަރު މަސްދުވަހަށް ޖަލަށްލުމަށެވެ.
މި ވާހަކައިގެ އަގުހުރި
ޖަވާހިރު ޙާޞިލުވަނީ، ރަޖަބު ޠައްޔިބު، ޖަލަށް ގެންދެވުނު މަގުމަތީގަ އެވެ.
އޭނާގެ ފަހަތުން 500 އަށްވުރެ ގިނަ ކާރުގައި އޭނާއަށް ތާއީދުކުރާ މީހުން ދިޔަ އެވެ.
ޖަލުގެ ދޮރުން އެތެރެއަށް ވަނުމުގެ ކުރިން، އޭނާ ތާރީޚީ ތަޤުރީރެއް ކުރެއްވި އެވެ.
އެ ތަޤުރީރުގައި ވިދާޅުވި އެވެ.
"ޖަލުގައި އަޅުގަނޑު މި މުއްދަތު ހޭދަކުރާނީ، ރަނގަޅު
މަޝްރޫޢުތަކެއް ދިރާސާކުރުމުގަ އެވެ. އެއީ، ތިންވަނަ ސާސްކަފުގެ ތެރެއަށް ތުރުކީވިލާތް
އުދުއްސައިލާނެ މަޝްރޫޢުތަކެއް ކަމުގައި ވާނެ އެވެ. މާތް ﷲ ގެ ވާގިފުޅާއެކު، ތިންވަނަ
ސާސްކަފުގެ އަހަރުތަކަކީ، ތުރުކީވިލާތަށް ފާގަތި، ތަނަވަސް އަހަރުތަކެއް ކަމުގައި ވެގެންދާނެ
އެވެ. ޖަލުގެ ތޭރިތަކުގެ ފަހަތުގައި ހުރެ، އަޅުގަނޑު ނުހަނު އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރާނަމެވެ.
ތިޔަބޭފުޅުން ޖަލުގެ ތޭރިތަކުން ބޭރުގައި ތިއްބަވައިގެން ކުރެވުނުހައި މަސައްކަތެއް
ކުރައްވާށެވެ!"
"އާކިޓެކްޓުންނޭވެ!
ފަރުމާކުރުމުގައި އީޖާދީ އާކިޓެކްޓުންތަކެއް ކަމުގައިވާށެވެ!
ޑަކުޓަރުންނޭވެ!
ފަރުވާކުރުމުގައި އޯގާވެރި ޑަކުޓަރުންތަކެއް ކަމުގައިވާށެވެ!
ލޯޔަރުންނޭވެ! ވަކާލާތުކުރުމުގައި
ޢަދުލުވެރި ލޯޔަރުންތަކެއް ކަމުގައިވާށެވެ!"
"އަޅުގަނޑު
ޖަލަށް މިވަންނަނީ، އަޅުގަނޑުގެ ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށްޓަކަ އެވެ! ތިޔަބޭފުޅުން
އެނބުރި ތިޔަބޭފުޅުންގެ މަސައްކަތަށް ވަޑައިގަންނަވަންވީ، ތިޔަބޭފުޅުންގެ ވާޖިބުތައް
ފުރިހަމައަށް އަދާކުރެއްވުމަށްޓަކަ އެވެ!"
ވާހަކައިގެ ލަނޑުދަނޑި
އުންމީދާއި އިންތިޒާރުން
ޙާޞިލުކުރެވޭނެ ކާމިޔާބެއް ނެތެވެ. ހުވަފެނަކުން އުފެއްދޭނެ ބަޠަލެއް ވެސް ނެތެވެ.
ކިއެއްހެއްޔެވެ. ކާމިޔާބު ޙާޞިލުކޮށް، ބަޠަލެއްކަމުގައި ވާން ބޭނުންނަމަ، ކަންތައްތައް
ރަނގަޅަށް ރާވައި ޕްލޭންކުރާށެވެ! އަދި ހަނދާންކުރާށެވެ! "އެއްވެސް ކަމެއް އުނދަގޫ
ކަމެއް ކަމުގައި ވާތީ، ކުރަން ނުފަށައި ނުހުންނާށެވެ! ކަމެއް އަވަހަށް ނިމޭނީ، އަވަހަށް
އެކަމެއް ކުރަން ފެށީމަ އެވެ!"
-------------------------
ތަރުޖަމާ: އަލްއުސްތާޛު
ޢަބުދުލްމުޢީދު ޙަސަން