ތިން ސުވާލުގެ އިމްތިޙާންޢައްބާސީ ދައުރުގެ ރަންޒަމާނުގައި، އިސްލާމީ ޚިލާފަތުގެ ވެރިރަށް ކަމުގައިވާ ބަޢުދާދުގައި ވަރަށްބޮޑު ޢިލްމްވެރިއަކު އުޅުއްވިއެވެ. އޭނާއަކީ އެދުވަސްވަރުގެ ވަރަށް މަތީދަރަޖައިގެ ޢިލްމްވެރިއެކެވެ. އެއްދުވަހަކު އެ ޢިލްމްވެރިޔާ އާ ދެނެފަރިތަ ރައްޓެއްސަކު މަގުމަތިން ދިމާވެގެން ރައްޓެހިމީހާ ބުންޏެވެ. "ތިޔަބޭފުޅާގެ ރަޙްމަތްތެރި މިވެނި ބޭކަލަކާ ބެހޭގޮތުން އަޅުގަނޑު ވާހަކައެއް އަޑުއަހައިފީމެވެ. އެވާހަކަ ދަންނަވަންތޯއެވެ؟"

"އިހަށް މަޑުކޮށްލަ ބަލާށެވެ." އިލްމްވެރިއާ ޖަވާބު ދެއްވިއެވެ.އަހުރެން ކައިރީ ތިބާ އެއްވެސް ވާހަކައެއް ބުނުމުގެ ކުރީން އަހުރެން ބޭނުންވަނީ ކުޑަ އިމްތިހާނަކުން ތިބާ ފާސްވުމަށެވެ. އެއަށް ކިޔަނީ ‘ތިން ސުވާލުގެ އިމްތިޙާން’ އެވެ."
"ތިން ސުވާލު؟"

"ރަނގަޅެވެ." ޢިލްމްވެރިއާ ސުވާލާއިގެން ކުރިއަށް ވަޑައިގަތެވެ. “ތިބާ އަހުރެންގެ ރަޙްމަތްތެރިޔާ އާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރީގައި ތިބާ ބުނަން ތިޔައުޅޭ އެއްޗެއް ފުރާނާލަން ކުޑަ ހިނދުކޮޅެއް ހޭދަކޮށްލުމަކީ ވަރަށް ރަނގަޅު ޚިޔާލަކަށް ވެދާނެއެވެ. އެގޮތަށް ފުރާނާލުމަށް އަހުރެން ކިޔަނީ "ތިން ސުވާލުގެ އިމްތިޙާން" އެވެ. ފުރަތަމަ ސުވާލަކީ ތެދުވާހަކައެއްތޯ ބެލުމެވެ. ތިބާ އަހުރެން ކައިރީ ބުނަން ތިޔައުޅޭ ވާހަކައަކީ ފުރިހަމަ ތެދުވާހަކައެއް ކަމާދޭތެރޭ ތިބާއަށް އެއްވެސް ޝައްކެއްނެތް މިންވަރަށް ޔަޤީން ހެއްޔެވެ؟"

"ނޫނެކެވެ." އޭނާ ބުންޏެވެ. "އެއީ އަހުރެން ވެސް އަޑުއެހި ވާހަކައެކެވެ."

"އެންމެރަނގަޅެވެ." ޢިލްމްވެރިއާ ވިދާޅުވިއެވެ. އެހެންވެއްޖިއްޔާ އެއީ ތެދު ވާހަކައެއްކަން ނުވަތަ ނޫންކަން ތިބާއަށް އެހާ ރަނގަޅަކަށް ނޭގެއެވެ. ވީމާ ދެވަނަ ސުވާލު އަޖުމަ ބަލަމާ ހިނގާށެވެ. ތިޔައީ ރަނގަޅުވާހަކައެއްތޯ ބެލުމުގެ ސުވާލެވެ. ތިބާ އަހުރެން ކައިރީ ބުނަން ތިޔަ އުޅެނީ އަހުރެންގެ ރަޙްމަތްތެރިއާ އާ ބެހޭގޮތުން އޭނާގެ ރަނގަޅު ކަމެއްގެ ވާހަކަ ހެއްޔެވެ؟”
"ނޫނެކެވެ. ތިޔައިގެ އިދިކޮޅެވެ."

"އެހެންވީމާ" ޢިލްމްވެރިއާ ވާހަކަޔާއިގެން ކުރިއަށް ވަޑައިގަތެވެ. "ތިބާ ބުނަން ތިޔަ އުޅެނީ އޭނާގެ ކޮންމެވެސް ނުބައި ކަމެއްގެ ވާހަކައެވެ. އެކަމަކު އެއީ ތެދު ވާހަކައެއްކަން ތިބާއަށް ޔަޤީނެއް ނޫނެވެ. އެހެންނަމަވެސް މި އިމްތިޙާނުން އަދިވެސް ތިބާ ފާސްވެދާނެއެވެ. ސަބަބަކީ އަދިވެސް އެއް ސުވާލު ބާކީ އޮތީމައެވެ. އެ ސުވާލަކީ ތިޔައީ ބޭނުންތެރި ވާހަކައެއްތޯ ބެލުމުގެ ސުވާލެވެ. ތިބާ އަހުރެންގެ ރަޙްމަތްތެރިއާ އާ ބެހޭގޮތުން އަހުރެން ކައިރީ ބުނަން ތިޔައުޅޭ ވާހަކައަކީ އަހުންނަށް ބޭނުންތެރި ވާހަކައެއް ހެއްޔެވެ؟"

"ނޫނެކެވެ. ޙަޤީޤަތުގައި ބޭނުންތެރިއެއް ނޫނެވެ."
"އެންމެރަނގަޅެވެ." ޢިލްމްވެރިއާ ނިންމަވާލެއްވިއެވެ. "ތިބާ އަހުރެން ކައިރީ ބުނަން ތިޔައުޅޭ ވާހަކައަކީ ތެދު ވާހަކައަކަށް ނުވެފައި، ރަނގަޅު ވާހަކައަކަށްނުވެ، އަދި ބޭނުންތެރި ވާހަކައަކަށް ވެސް ނުވާ ހިނދު އަހުރެން ކައިރީ އެވާހަކަ ބުނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ.؟"

މާތް ﷲ ޙުޖުރާތު ސޫރަތުގައި ވަޙީކުރެއްވިއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ‌ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرً‌ا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرً‌ا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَـٰئِكَ هُمُ الظَّالِمُونَ ﴿١١﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ."

يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرً‌ا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِ‌هْتُمُوهُ ۚ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ تَوَّابٌ رَّ‌حِيمٌ ﴿١٢﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ."

އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީކަމަށްޓަކައި މާތް ﷲ އަށް ޙަމްދުކުރަމެވެ.
         -------------------------------
ލިޔުއްވީ: އަޙުމަދު ނާޞިޙު ޢަންބަރީވިލާ/ސ.މީދޫ