ޙިކުމަތްތެރި ނުކުތާތަކެއް - 2


ދުންޔަވީ މުޞީބާތްތައް ކުރިމަތިވާ ހިނދު، ޙަންބަލީއަކަށް ވާށެވެ!
އަޅުކަންކުރުމުގެ މަންހަޖުގައި ސުންނީއަކަށް ވާށެވެ!
އިބްނު އަބޫދާވޫދުގެ ބިދުޢައަށް ދުރާއި ގާތުން ޖާގައެއް ނުދޭށެވެ!
އޭނާގެ މިތުރުންގެ މަގަކުން މަގުފުރެދިގެން ވެސް ނުދާށެވެ!

ޤާރޫނު: މީނާއަކީ މޫސާގެފާނުގެ ޒަމާނުގައި އުޅުނު ބަނީއިސްރާއީލު ބާގައިގެ މަހުޖަނެކެވެ.
ޙައްލާޖު: މީނާއަކީ ޞޫފީންގެ އިމާމެކެވެ. މީނާ ޤަތުލުކުރަން ޖެހުނީ "ތިމަންނާގެ ޖުއްބާ ތެރޭގައި މާތް ﷲ ފިޔަވައި އެހެން ފަރާތެއް ނެތް ކަމަށް" ބުނެ، މީނާ ކަލާނގެވަންތަކަމަށް ދަޢުވާކުރުމުންނެވެ.

އަބޫ ޖަހުލު: މީނާއަކީ، ޢަމްރު ބިން ހިޝާމު ބިން އަލްމުޣީރާ ބިން ޢަބްދު ﷲ ބިން ޢުމަރު ބިން މަޚުޒޫމެވެ. މީނާއަކީ ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އާ، ވަރަށް ބޮޑަށް ދުޝްމަނުވެގެން އުޅުނު ނުލަފާ މީހެކެވެ. މީނާއަށް "އަބޫޖަހުލު" ގެ ވަނަން ދެއްވީ އިތުރު އެކަލޭގެފާނެވެ.

އަބޫލަހަބު: މީނާއަކީ، ޢަބްދުލްޢުއްޒާ ބިން ޢަބްދުލްމުއްޠަލިބެވެ. ނަސަބުގެ ގޮތުން މީނާއަކީ، ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ބޮޑުބޭބޭ ފުޅެކެވެ. މީނާއަށް "އަބޫލަހަބު" ގެ ލަޤަބު ދެވިފައިވަނީ، މީނާގެ މޫނުގެ އަލިކަމާއި އުޖާލާކަމަށްޓަކަ އެވެ.

ސަލްމާނުލް ފާރިސީގެފާނު: މިކަލޭގެފާނަކީ، ފާރިސްކަރައިގެ ބޭކަލެކެވެ. މިކަލޭގެފާނަކީ، ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ މާތް އަޞްޙާބު ބޭކަލެކެވެ. ތެދުމަގު ހޯއްދެވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރެއްވި އެވެ. ދީންތަކުގެ ޙަޤީޤަތް ހޯއްދަވައި، އިސްލާމްދީނަކީ ޙައްޤު ދީންކަން އެނގިވަޑައިގަތުމުން، މި މާތް ދީނަށް ވެދެވަޑައިގަތެވެ.

ބިލާލުގެފާނު: މިކަލޭގެފާނަކީ، ބިލާލު ބިން ރަބާޙާ އެވެ. އެފްރިކާ ނަސްލުގެ ބޭކަލެކެވެ. ހަށިކޮޅުގެ ކުލަ ކަޅެވެ. އިސްލާމްވެ ވަޑައިގެންނެވުމުގެ ކުރިން، މިކަލޭގެފާނު ޤުރައިޝު ވަންހައިގެ ތެރޭގައި ދިރިއުޅުއްވީ އަޅެއްގެ ގޮތުގަ އެވެ. ސާހިބަކީ އުމައްޔަތު ބިން ޚަލަފެވެ. މިކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުން، ނުހަނު ގިނަ އަނިޔާ، މިކަލޭގެފާނަށް ސާހިބުމީހާގެ ފުށުން ލިބިވަޑައިގަތެވެ. އެ އަނިޔާތަކަށް ކެތްތެރިވެވަޑައިގެން، މާތް ﷲ ގެ އެއްކައުވަންތަކަމުގެ ޝިޢާރު މިކަލޭގެފާނު އުފުއްލެވި އެވެ. މިކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ، އަޑުފުޅު ރީތި ބޭކަލެއްގެ ގޮތުގަ އެވެ. ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ބަންގީގެ އަޑު އުފުއްލަވާ މުއައްޛިނުގެ މަޤާމަށް މިކަލޭގެފާނު އިސްކުރެއްވި އެވެ.

އިބްނު މަސްޢޫދުގެފާނު: މިކަލޭގެފާނަކީ، ޢަބްދު ﷲ ބިން މަސްޢޫދު ބިން ޣާފިލު ބިން ޙަބީބުލް ހުޒަލީ އެވެ. މިކަލޭގެފާނަކީ، ކީރިތި މާތް ނަބިއްޔާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ މާތް އަޞްޙާބު ބޭކަލުންގެ ތެރެއިން ޢިލްމުވެރިކަމަށް އަރާހުންނެވި ބޭކަލެކެވެ. އެންމެ ފުރަތަމަ، ހަރުއަޑުން ފާޅުގައި ކީރިތި ޤުރުއާން ކިޔަވާވިދާޅުވާން ފެށްޓެވީ މިކަލޭގެފާނު ކަމަށް ރިވާވެފައިވެ އެވެ.

އަބޫޒައްރުގެފާނު: މިކަލޭގެފާނަކީ، ޖުންދުބް ބިން ޖުނާދަތުލް ޣަފާރީ އެވެ. ފަސްވަނައަށް އިސްލާމްދީނަށް ވެދެވަޑައިގަތީ މިކަލޭގެފާނު ކަމަށް ބުނެވެ އެވެ. ޒާހިދުކަމާއި ތެދުވެރިކަމާއި ޢިލްމުވެރިކަމުގައި ފުންނާބު އުސް ބޭކަލެކެވެ. ޢިލްމާ އެއްގޮތަށް ޢަމަލުފުޅުތައް ބެހެއްޓެވީ، މީހަކު ކޮށްފާނެ މަލާމާތަކަށް ބެއްލެވުމެއް ނެތި އެވެ.

ޖަބަރީން: މިއީ މަގުފުރެދިފައިވާ ފަލްސަފީ ޖަމާޢަތެކެވެ. މި ޖަމާޢަތުގެ އަހުލުވެރިން ބުނާ ގޮތުގައި، އިންސާނުން ކުރާ ހުރިހައި ކަމެއް ކުރަނީ މަޖުބޫރީ ޙާލަތެއްގަ އެވެ.

ޤަދަރީން: މިއީ މަގުފުރެދިފައިވާ ފަލްސަފީ ޖަމާޢަތެކެވެ. މި ޖަމާޢަތުގެ އަހުލުވެރިން މިންވަރުފުޅު މާނަކުރަނީ ކުށް މަފުހޫމުތަކަކުންނެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި، އިންސާނުން ކުރާ ހުރިހައި ކަމެއް ކުރަނީ އެމީހުންގެ އަމިއްލަ އިޚުތިޔާރާއި ބާރުގަ އެވެ.

ޚަވާރިޖުން: މިއީ މަގުފުރެދިފައިވާ ދީނީ ޖަމާޢަތެކެވެ. މިޖަމާޢަތް ފާޅުވީ ޢަލީގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައި އުފެދުނު ސިޔާސީ ބައިބައިވުންތަކުގެ ތެރޭގަ އެވެ. މި ޖަމާޢަތުގެ މީހުންގެ ނަޒަރުގައި ބޮޑު ފާފައެއް ކޮށްފި މީހާއަކީ ކާފިރެކެވެ. އަދި އެމީހާއަކީ، ދާއިމަށް ނަރަކައިގައި ދެމިހުންނާނޭ މީހެއް ކަމަށް ވެސް ބުނެ އެވެ. މުސްލިމުންގެ ވެރިންނާ ދެކޮޅަށް ނިކުތުމަކީ މިޖަމާޢަތުގެ އަހުލުވެރިންގެ ޚާއްޞަ ސިފައެކެވެ.

މުރުޖިއީން: މިއީ، ބޮޑު ފާފަކުރާ މީހާއާމެދު ޚަވާރިޖުން ދެކޭ ގޮތާ ދެކޮޅު ހަދާ ޖަމާޢަތެކެވެ. މިމީހުންނަކީ ބަސްބުނުން ކުރިޔަށް ނެރެ، ޢަމަލުކުރުން ފަސްކުރާ ބަޔެކެވެ. މިމީހުން ބުނާގޮތުގައި، އީމާންވެގެން ހުރި މީހަކު ކުރާ ފާފައަކުން އޭނާއަކަށް ގެއްލުމެއް ނެތެވެ. މި ޖަމާޢަތުގެ ފިކުރަކީ، ފާފަކުރުމަށް ހިތްވަރުދޭ ފިކުރެކެވެ.

"މުޞީބާތްތައް ކުރިމަތިވާ ހިނދު، ޙަންބަލީއަކަށް ވާށެވެ!" މިހެން ބުނަނީ، އިމާމު އަޙުމަދަށް ކުރެވުނު ގިނަގުނަ އަނިޔާތަކަށް އެކަލޭގެފާނު ކެތްތެރިވެ ވަޑައިގެންފައި ވާތީ އެވެ. މިބަހުގެ ދޭހައަކީ، އިމާމު އަޙުމަދު ފަދައިން މުޞީބާތްތަކަށް ކެތްކުރާށެވެ!

އިބްނު އަބޫދާވޫދު: މީނާ އުފެއްދި ބިދުޢަ ބުނާ ގޮތުގައި، ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ކަލާމްފުޅެއް ނޫނެވެ. އެކަމަކު އެއީ އެކަލާނގެ ޚަލްޤުކުރައްވާފައިވާ މަޚުލޫޤެކެވެ. މިއީ، ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ރައުޔާ ޚިލާފު ބާޠިލު ރައުޔެކެވެ. (ނިމުނީ)
                 ---------------------------------

މުޞަންނިފު: ފަޟީލަތުއްޝައިޚު ޑރ. ޢާއިޟު ބިން ޢަބްދު ﷲ ޢަލްޤަރްނީ
ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން