މިސްކިތުގެ ތާޅަފިލިން - އިސްތިޢުފާ




ދުރަށް އަޑު ފޮނުވައިދޭ ތާޅަފިލި ފަދަ އެއްޗެތި މިސްކިތްތަކުގެ ބޭރުގައި އުސް އެއްޗެއްގައި ހަރުކޮށްފައި ބެހެއްޓުމުގެ އެންމެބޮޑު ބޭނުމަކީ ބަންގީގެއަޑު ދުރަށް އިއްވުމެވެ. މިސްކިތްތަކުގެ ތާޅަފިލިން ބައެއްފަހަރު ކީރިތި ގުރުއާނާއި ދީނީ ނަޞޭޙަތުގެ އަޑުވެސް ދުރަށް ފޮނުވައެވެ.

މާލޭ ހުކުރުމިސްކިތު މުންނާރު ބިނާކުރެއްވުމުގެ ބޭނުމަކީވެސް ބަންގީގެއަޑު ދުރަށް އިއްވުމެވެ. އެދުވަސްވަރު މުދިންމީހާ އެއަށް އަރުއްވައިގެން ބަންގި ގޮވުމަށެވެ. އޭގެ އަހަރުތަކެއްގެ ފަހުން މުދިންމީހާ މުންނާރުގެ މައްޗަށް ނާރައި ބަންގީގެ އަޑު ދުރަށްއިއްވުމަށްޓަކައި މުންނާރުގައި ތާޅަފިލި ހަރުކޮށް މުދިންމީހާ މިސްކިތުގައި ހުންނަވައިގެން ބަންގިގޮވާގޮތަށް ހަމަޖެއްސެވީ ސުލްޠާން މުޙައްމަދު ފަރީދުގެ ރަސްކަމުގެ ދުވަސްވަރު އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުގަ އެވެ. އޭގެފަހުން އެކަން ޢާއްމުވެ، މިސްކިތްތަކުގައި އަޑުގަދަކުރާ ހަރުކޮށް ބަންގިގޮވަން ފެށުނީއެވެ. މިހާރު ޢިމާރާތްކުރާ ކޮންމެ މިސްކިތެއްގައި ތާޅަފިލި ނުވަތަ އަޑުގަދަކުރާ ހަރުކޮށް އެއެތި މެދުވެރިކޮށް ބަންގި ގޮވައެވެ.

މިސްކިތްތަކުގައި ހަރުކޮށްފައި ހުންނަ ތާޅަފިލިތައް، ބަންގި ގޮވުމަށް ބޭނުންކުރިކަމަށް ވިއަސް އަތްމަތީގައި ބޭނުންކުރާ މެގަފޯނު ފަދަ ތަކެތި މިހާރަކަށް އައިސް ބޭނުންކުރާތީ ފެންނަނީ މީސްމީހުންގެ އިސްތިޢުފާއަށް ގޮވުމަށާއި، ހަޑިހުތުރު ބަސްތަކާއި އާޑަފުރައްސާރަ ކުރުމަށާއި، މީސްމީހުންގެ އަބުރު ކަތިލުމަށެވެ. ޚާއްޞަކޮށް 10 އަހަރުން ދަށުގެ ކުޑަކުދީން އެއަޑަށް އަހުލުވެރިކުރުވާ ގޮތަށެވެ. ކޮންމެއަކަސް މިދެންނެވި ކަހަލަ ޢިބާރާތްތައް ގޮވުމުގައި ދެމިތިބޭ ބައެއް މީހުންނަކީ ބޮޑެތި މަގާމުތަކާއި، ގިނަގުނަވެގެންވާ މާލީ އެހީތެރިކަމާއި، ރައްޔިތުންގެތެރެއިން ވަކިކަހަލަ ބައެއްގެ ތާއީދު ލިބޭ މީހުންކަމަށްވެސް ވަނީ ބެލެވިފައެވެ.

އިސްތިޢުފާއަށް ގޮވުމަށާއި، ހަޑިހުތުރު ބަސްތަކާއި އާޑަފުރައްސާރަ ކުރުމަށާއި، މީސްމީހުންގެ އަބުރު ކަތިލުމަށްޓަކައި ބޭނުންކުރާ މެގަފޯނަށްވުރެ، މިސްކިތްތަކުގައި ހުންނަ ތާޅަފިއްޔަކީ ފައްކާ އާލާތެއްކަން 2008މ. ވަނަ އަހަރު ކޮންމެވެސް ބަޔަކު ދައްކައިދިނެވެ. މިސްކިތުގެ ތާޅަފިލިން އެއެއްޗެއް ގޮވަނީ ކާކުކަން ގިނަ ބަޔަކަށް ނޭނގޭގޮތަށެވެ. އެދުވަސްވަރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބުދުލްގައްޔޫމް ރަށަކަށް ވަޑައިގަތުމުން އެކަން ކޮށްފައިވެއެވެ. އިސްތިޢުފާއާއި، އަވަގުރާންޏާއި، ބޭއަދަބީ ބަސްތަކެވެ. މިކަމުގައި އެންމެ އިސްކޮށްހުރި މީހަކަށް ވިސްނުނީ، އަތްމަތީ މެގަފޯނަކީ އެފަދަ ޢިއްޒަތްތެރި ބޭފުޅަކާއި ހަމައަށް އަޑު ފޮނުވުމަށް އެހާ ފަހި ވަސީލަތެއްނޫން ކަމަށެވެ. އެހެންކަމާއެކު، އެހިސާބުގައި ހުރި މިސްކިތުގެ ތާޅަފިލިން އެގޮވި އެއްޗެއް ގޮވީއެވެ.

ބޭނުމީ ކޮންމެގޮތަކުން ވިއަސް ވެރިކަމެވެ. ވެރިކަމުގެ ބާރާއި ޖާހާއި ޢިއްޒަތާއި ފައިސާއާއި މުދާވެރިކަމެވެ. މިކަންކަން ހޯދައި ލިބިގަތުމަށްޓަކައި ނުކުރާނޭ އެއްވެސް ކަމެއް ނޯންނަގޮތަށެވެ. މިކަންކަން ހޯދައި ލިބިގަތުމަށް ކުރާ މަސައްކަތުގައި މާތްވެގެންވާ އިސްލާމްދީނާއި ލޮބުވެތި ގައުމާއި ކުލުނުވެރި ޖީލެއް ހަލާކުވެ އިންދިރާސްވެ ދިއަސް ފަރުވާލެއް ނެތެވެ. ބޭނުމީ ވެރިކަމެވެ.
އިސްލާމް ނަމެއްގައި އުޅެމުންދާ އެއްބަޔަކު ދެކޭގޮތުގައި މިދުނިޔޭގައި އުޅެވެންއޮތް ގޮތަކަށް އަރާމާއި ފަސޭހައިގައި އުޅެންވީއެވެ. ދެން އެހެން ދުނިޔެއެއް އެހެން ކަމެއް ނެތެވެ. ހަމަ މިގޮތަށް އިސްލާމް ނަމެއްގައި އުޅެމުންދާ އަނެއްބަޔަކު ދެކޭގޮތުގައި ވައްކަންކުރުމާއި ޚިޔާނާތްތެރިވުމާއި ރިޝްވަތު ދިނުމާއި ރިޝްވަތު ކެއުމާއި އަނިޔާކުރުމާއި ޢަދުލުވެރި ނުވުމާއި ނުބައި ޖަރީމާތައް ހިންގައިގެން ވިއަސް ފައިސާ އެއްކޮށްގެން މައްކާގެ ބިމަށްގޮސް ގެފުޅަށް ޒިޔާރަތްކޮށް ގެފުޅުގެވަށައިގެން ހަތްބުރު ޖެހުމުން ހުރިހާކަމަކާއި ހުރިހާ އެއްޗެއް ފިލައި ސާފުވެ، ހުދު ފޮތިކޮޅަކަށްވީއެވެ. މަންމަގެބަނޑުން އުފަންވި ވަގުތެކޭ އެއްވަރުވީއެވެ. ތަފާތެއްނެތެވެ.

ކުޑައިރުކޮޅަކު ހިމޭނުން އިނދެ ވިސްނައިބަލާށެވެ. ތިމާއަށް ކުރެވުނީ ކޮންކަމެއްތޯއެވެ. ތިމާއަށްލިބުނީ ކޮން އެއްޗެއްތޯއެވެ. ތިމާގެ ނިމުން އޮތީ ކިހާ ތާކުތޯއެވެ. ތިމާ އެނބުރި ދާންޖެހޭ ތަނެއް އެބަ އޮތްތޯއެވެ. އެދުވަހުން ތިމާ ދައްކާނީ ކޮން މޫނެއްތޯއެވެ. ތިމާއަށްޓައި ތިމާ އަމިއްލައަށް ވިސްނައި ބަލާށެވެ.
                   ------------------------------
ލިޔުއްވީ: "ގަލަންދޫ"
06 މޭ 2014މ.