ރޭލުގެ ދަތުރުވެރިންނާއި ހައިބަތުހުރި މުސްކުޅިޔާ - 1












ރޭލުގެ ދަތުރުވެރިންނާއި ހައިބަތުހުރި މުސްކުޅިޔާގެ ވާހަކަ އަޑުއެއްސެވިންތޯއެވެ؟ މިވާހަކަ ކުރިން އަޑުއައްސަވާފައި ނުވާނަމަ، ކުރިޔަށް ގެންދަވާށެވެ! މިއީ، ވަރަށް ރީތި، ވާހަކައެކެވެ. އަދި އެހައިމެ، ޝައުޤުވެރި ކުރުވަނިވި ވާހަކައެކެވެ. މިއީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ވަރަށް މުހިންމު ވާހަކައެއް ކަމަށް ވާނެ އެވެ. މިއީ، ދަތުރުކުރަމުން ދިޔަ ރޭލެއްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކެއްގެ ތެރެއިން އުފެދިގެން އައި ވަރަށް ޢިބްރަތްތެރި ވާހަކައެވެ.

ފުރަން ތައްޔާރުވެއްޖެކަން އެންގުމަށްޓަކައި ހަރުއަޑުން ރޭލުގެ ބަރުގޮނު އަޅަން ފަށައިފިއެވެ. އެއަޑު އިވުމާއެކު، އެންމެހައި ދަތުރުވެރިން އަވަސް އަވަހަށް ރޭލަށް އެރިއެވެ. އެމީހުންނާއެކު ރޭލަށް ނޭރުނު މުސްކުޅި ދަތުރުވެރިޔަކު ވިއެވެ. އެމީހުންނާއެކު، އޭނާއަށް ރޭލަށް ނޭރުނީ، އޭނާއަށް އާދެވުނުލެއް ތަންކޮޅެއް ފަސްވީމައެވެ. ނަސީބު ރަނގަޅު ކަމުން، ރޭލު ފުރުމުގެ ކުރިން އެއަށް އެރުމުގެ ފުރުޞަތު އޭނާއަށް ލިބުނެވެ.

ނަމަވެސް އޭރު ރޭލުގެ ހުރިހައި ބައިތަކެއް ވަނީ، ފުރިފައެވެ. އެހެންކަމުން، އޭގެ ތެރެއިން އިށީންނާނެ ތަނެއް ލިބޭތޯ އޭނާ މަސައްކަތްކުރިއެވެ. ރޭލުގެ ފުރަތަމަ ބަޔަށް ވަދެ، ހުސް ގޮނޑިއެއް ފެނޭތޯ އޭނާ ނަޒަރު ހިންގާލިއެވެ. އެ ބައިން، އޭނާއަށް ފެނުނީ، ކުޅިވަރު ކުޅެން ތިބި ކުޑަކުދީންތަކެކެވެ. ދެން އެކުދީންނަށް ސަލާމް ގޮވާލިއެވެ. ހައިބަތުހުރި މުސްކުޅިޔާ ފެނުމުން އެކުދީން، އޭނާއަށް ކުރުނީސްކޮށް އަދަބު ތަޢުޡީމު އަދާކުރިއެވެ. އޭނާގެ މޫނުގައިވާ އުޖާލާކަމާއި ނޫރާނީ ސާފުކަމެއްގެ ސަބަބުން، އެކުދީންގެ ހިތްތަކުގައި އޭނާއަށް ވަރަށް މަތިވެރި މަޤާމެއް ދެވުނެވެ. އެކުދީން އޭނާއަށް މަރްޙަބާ ކިޔައި އިސްތިޤުބާލުކުރިއެވެ.

ދެން އެކުދީންނާއެކު ރޭލުގެ ފުރަތަމަ ބައިގައި އިށީނަސް އެންމެ ރަނގަޅުތޯ މުސްކުޅިޔާ އެހުމުން، އެކުދީން ޖަވާބުދިނެވެ.

ތިޔަފަދަ ބޭކަލަކަށް ވަރަށް މަތިވެރި ލޯތްބާއި ޤަދަރު، އަޅުގަނޑުމެންގެ ހިތްތަކުގައި ދެވިފައި ވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނީ، ކުޑަ ކުދީންތަކަކީމުއެވެ. އަޅުގަނޑުމެންގެ މި ޢުމުރަކީ، އެންމެ ބޮޑަށް ސަކަރާތްޖަހައި، ކުޅިވަރު ކުޅޭހިތްވާ ޢުމުރެވެ. އެހެންވީމާ، އަޅުގަނޑުމެންނާއެކު، ކަލޭގެފާނު މިތަނުގައި އިށީނދެވަޑައިގެންފިނަމަ، އަޅުގަނޑުމެންގެ ފަރާތުން ކަލޭގެފާނަށް އުނދަގުލެއް ކުރެވިދާނެތީ ބިރުވެތިވަމުއެވެ. އަދި ކަލޭގެފާނު މިތަނުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް، ކުޅިވަރުކުޅެ ސަކަރާތްޖެހުމަކީ، ހިތުހުރި ގޮތަކަށް އަޅުގަނޑުމެންނަށް ކުރެވޭނެ ނޫނެވެ. ވީމާ، މި ރޭލުގެ ދެވަނަ ބަޔަށް ވަޑައިގެންނެވުން ކީއްތޯއެވެ؟ އެބައިގައި ތިބި ބޮޑެތި ކުދިން ކަލޭގެފާނަށް ޖާގަ ދޭ ހިތް ވާނެއެވެ.

ދެން އެ ހައިބަތު ހުރި މުސްކުޅިޔާ، ރޭލުގެ ދެވަނަ ބަޔަށް ދިޔައެވެ. އެބައިގައި ތިބީ ސާނަވީ މަރުޙަލާގައި ކިޔަވާވަރުގެ ބޮޑެތި ކުދީންނެވެ. އެކުދީންގެ އަތުގައި ކަލްކިއުލޭޓަރތަކާއި ތިނެސްކަން ފަތިކޮޅުތައް ވިއެވެ. އެކުދީން މަޝްޣޫލުވެގެން ތިބީ، ހިސާބު ހެދުމާއި ފިޒިކްސްގެ ނަޒަރިއްޔާތަކާ ބެހޭގޮތުން ވާހަކަދެއްކުމުގައެވެ.

ހައިބަތުހުރި މުސްކުޅިޔާ އެކުދިންނަށް ސަލާމްގޮވާލުމުން، އެކުދީން އޭނާގެ މޫނަށް ބަލާލިއެވެ. އެހިނދު އެކުދީންގެ ހިތްތަކަށް ވެރިވި އުފަލާއި ހިތްހަމަޖެހުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. އަދަބު ތަޢުޡީމު އަދާކޮށް އެކުދީން އެ އޭނާއަށް މަރްޙަބާކިޔައި އިސްތިޤުބާލުކުރި އެވެ.

ހައިބަތުހުރި ޢިއްޒަތްތެރި ސާހިބާއެވެ! އިޚުލާޞްތެރިކަމާއެކު ކަލޭގެފާނަށް އަޅުގަނޑުމެން މަރްޙަބާ ދަންނަވަމުއެވެ. ދެން އެކުދީންނާއެކު، ރޭލުގެ އެބައިގައި އޭނާ އިށީނަސް އެންމެ ރަނގަޅުތޯ، އޭނާ އެހުމުން އެކުދީން ޖަވާބުދިނެވެ.

އަޅުގަނޑުމެންނާއެކު، ކަލޭގެފާނު މިބައިގައި އިށީންނެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. ނަމަވެސް އަޅުގަނޑުމެން މިތިބީ، ސައިން އާއި ކޮސައިންގެ ހިސާބުތަކެއް ހެދުމުގައި މަޝްޣޫލުވެގެންނެވެ. އަޅުގަނޑުމެން ތިނެސްކަނުގެ ހިސާބުތައް ހަދައި، ފިޒިކްސްގެ މައްސަލަތަކާ ބެހޭގޮތުން ޑިސްކަސްކުރަމުން ދާއިރު، ބައެއް ފަހަރު އެކި ކުދިންގެ ޚިޔާލު ތަފާތުވެއެވެ. ދެން ކޮންމެ ކުއްޖަކުވެސް އެކުއްޖަކަށް ފެންނަގޮތް ދިފާޢުކުރަންވެގެން ވާހަކަ ދައްކާއިރު، އަޑުގަދަވާތަން އާދެއެވެ. ކަންމިހެން ހުރުމާއެކު، އަޅުގަނޑުމެންގެ ފަރާތުން ކަލޭގެފާނަށް އުނދަގުލެއް ކުރެވިދާނެތީ ބިރުވެތިވަމުއެވެ. އަދި ކަލޭގެފާނު އަޅުގަނޑުމެންނާއެކު އިށީނދެވަޑައިގެންފިނަމަ، އަޅުގަނޑުމެން ކުރަމުން މިގެންދާ މުނާޤަޝާތައް ކުރަން ދަތިވެދާނެތީ ވެސް ޖެހިލުންވަމުއެވެ. އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ، ކުރިމަތިވެފައިވާ ބޮޑު އިމްތިޙާނަކަށެވެ. ވީމާ، ރޭލުގެ މިބަޔާ ޖެހިގެން އޮތް ބަޔަށް ވަޑައިގެން ބައްލަވާށެވެ! ކަލޭގެފާނުގެ އުޖާލާ މޫނުފުޅު ދެކޭ ކޮންމެ މީހަކުމެ، ކަލޭގެފާނާއެކު އެއްތަނެއްގައި އިށީނުމުގެ ޝަރަފު ލިބިގަތުމަށް ޝައުޤުވެރިވާނެއެވެ.

ދެން އެ ހައިބަތު ހުރި މުސްކުޅިޔާ، ރޭލުގެ ދެން އޮތް ބަޔަށް ދިޔައެވެ. މިބައިން ހުސް ގޮނޑިއެއް ފެނުނީ، ޒުވާން ފިރިހެނަކާއި އަންހެނެއްގެ ކައިރިންނެވެ. އެއީ އަލަތު ކާވަނީގައި، ހަނީމޫނަށްދާ ދެމަފިރީން ކަހަލައެވެ. ހުނުމާއި ރޮމޭންޓިކް ބަސްތަކާއި ލޯބީގެ ޙަރަކާތްތައް އެ ދެ ޒުވާނުންގެ ކިބައިން އުތުރު އަރަމުން ދިޔައެވެ.

މުސްކުޅިޔާ، އެ ދެ ޒުވާނުންނަށް ސަލާމް ގޮވާލިއެވެ. އެހިނދު އެ ދެ ޒުވާނުން މުސްކުޅިޔާއަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔެވެ. ދެން އެ ތަނުގައި އިށީނަސް އެންމެ ރަނގަޅުތޯ މުސްކުޅިޔާ އެހުމުން، އެ ދެ ޒުވާނުން ޖަވާބުދިނެވެ.

އަޅުގަނޑުމެންނީ، އަލަތު ކާވަނީގައި ހަނީމޫނަށް ދާ ދެމަފިރިޔަކީމުއެވެ. އަޅުގަނޑުމެން މިތިބީ ވަރަށް ރޮމޭންޓިކް ޖައްވެއްގައެވެ. ޒުވާންކަމުގެ ރޫޙެއްގައި އަދި ސަމާސާ ވިސްނުމެއްގައެވެ. ކަލޭގެފާނު އަޅުގަނޑުމެންގެ ގާތުގައި އިށީނދެވަޑައިގެންފިނަމަ، އަޅުގަނޑުމެންގެ ފަރާތުން ކަލޭގެފާނަށް އުނދަގުލެއް ކުރެވިދާނެތީ ބިރުވެތިވަމުއެވެ. އަދި ކަލޭގެފާނު މިތަނުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް، އަޅުގަނޑުމެން ދައްކަމުން މިގެންދާ ރޮމޭންޓިކް ވާހަކަތަކާއި، ކުރަމުން މިގެންދާ ލޯބީގެ ޙަރަކާތްތައް ކުރަން ލަދުވެތިވަމުއެވެ. މި ރޭލުގައިވާ ކޮންމެ މީހަކުވެސް ކަލޭގެފާނާއެކު އެއްތަނެއްގައި އިށީނުމުގެ ޝަރަފު ލިބިގަތުމަށް ޝައުޤުވެރިވާނެއެވެ.

ޒުވާން ދެމަފިރިން މިހެން ބުނުމުން، އެހެން ތަނަކުން ޖާގައެއް ލިބޭތޯ ބެލުމަށްޓަކައި، ދެން ޖެހިގެން އޮތް ބަޔަށް ހައިބަތުހުރި މުސްކުޅިޔާ ދިޔައެވެ. އެބައިން ހުސްޖާގައެއް ފެނުނީ، ޢުމުރުން ތިރީހުގެ އަހަރުތަކުގެ ފަހުކޮޅުގައިވާ ދެ މީހެއްގެ ކައިރިންނެވެ. އެ ދެމީހުންގެ އަތުގައި، ބިންތަކުގެ ޗާޓުތަކަކާއި މަޝްރޫޢުތަކާ ބެހޭ ލިޔުންތައް ވިއެވެ. ނުހަނު ފޯރިޔާއެކު، އެ ދެ މީހުން ދައްކަމުން ގެންދިޔައީ، އެ ދެ މީހުންގެ ވިޔަފާރި ފުޅާކުރުމާ ބެހޭ ވާހަކަތަކެވެ. އެ ދެ މީހުން ތިބީ، އެކަމަށްޓަކައި ރާވާފައިވާ މުސްތަޤުބަލުގެ ޕްލޭންތަކާ ބެހޭ ވަރުގަދަ ޑިސްކަޝަނެއްގެ ތެރެއަށް ގެއްލިފައެވެ.

މުސްކުޅިޔާ، އެ ދެ މީހުންނަށް ސަލާމް ގޮވާލިއެވެ. އެހިނދު އެ ދެ މީހުންނަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނަސް، އެދެމީހުން އޭނާގެ ސަލާމް ބަލައިގަތެވެ. އަދި ނުހަނު އިޙުތިރާމާއެކު އޭނާއަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔެވެ. ދެން އެ ދެ މީހުންގެ ކައިރީގައި އިށީނަސް އެންމެ ރަނގަޅުތޯ އޭނާ އެހުމުން އެ ދެ މީހުން ޖަވާބުދިނެވެ.

ކަލޭގެފާނާއެކު އެއްތަނުގައި އިށީނުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް މަތިވެރި ޝަރަފެކެވެ. ކީއްތޯއެވެ. ކަލޭގެފާނުގެ ސާފު މޫނުފުޅު ފެނުމަކީ ވެސް އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ. ނަމަވެސް، ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން މަޝްޣޫލުވެގެން މިތިބީ، މުދަލާއި ވިޔަފާރީގެ ކަންކަމާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަޅުގަނޑުމެން ރާވަމުން ގެންދާ މަޝްރޫޢުތައް ކާމިޔާބުކުރާނެ ގޮތަކާމެދު މުނާޤަޝާ ކުރުމަށެވެ. މިކަންތައްތަކުން ކަލޭގެފާނަށް އުނދަގުލެއް ކުރެވިދާނެތީ ބިރުވެތިވަމުއެވެ. އަދި އަޅުގަނޑުމެންނާއެކު، ކަލޭގެފާނު އިށީނދެވަޑައިގެންފިނަމަ، ކަލޭގެފާނަށް އަރާމު ނުކުރެއްވިދާނެތީ ވެސް ބިރުވެތިވަމުއެވެ. ... ރޭލުގައި އަޅުގަނޑުމެން މިތިބި ބަޔާ ޖެހިގެން އޮތްބަޔަށް ވަޑައިގެން ބައްލަވާށެވެ! އެބައިގައި ތިބި މީހުން، އެމީހުންގެ ތެރޭގައި ކަލޭގެފާނު އިށީންނެވުމަށް ނުހަނު ޝައުޤުވެރިވާނެއެވެ. (ނުނިމޭ)
                      ----------------------------


ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން
މަޞްދަރު: موسوعة الإعجاز العلمي في القرآن والسنة