ސަރުކާރާއި ރައްޔިތުން














ސަރުކާރަކީ ރައްޔިތުންނެވެ. ރައްޔިތުންނަކީ ސަރުކާރެވެ. މިދެބަޔަކީ ވަކިވަކި ކުރެވެން ނެތް އެކައްޗެކެވެ. މިހެންވެ، މިދެބައިވެސް ހޭވެރިވާން ޖެހެއެވެ. ދެފަރާތުންމެ ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. އެއްފަރާތުން އަނެއްފަރާތަށް އެއްބާރުލުން ދޭންޖެހެއެވެ. އެއްފަރާތުން އަނެއްފަރާތަށް އިޙްތިރާމްކުރަން ޖެހެއެވެ. ކެތްތެރިކަމާއެކުއެވެ. މިހެންމެ، ރައްޔިތުން ނެތްތަނެއްގައި ސަރުކާރެއް ނޯންނާނެ ކަމާއި އަދި ސަރުކާރެއް (ރައްޔިތުންގެ އިސްފަރާތެއް) ނެތްނަމަ ރައްޔިތެއްވެސް ނޯންނާނެކަމަށް ދެކެން ޖެހެއެވެ.

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ތިބޭ މީހުންނަކީ، ރައްޔިތުންނަށް ލިބޭ އެއްޗަކުން އުޖޫރަ ދީފައި ތިބޭ ބައެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިކަން ދަންނަކަމަށް ދަންނަވަން ދައްޗެވެ. އެފަދަ ފަރާތްތަކުން ދެކޭގޮތުގައި ރައްޔިތުންނަކީ ވަރަށް ދަށުދަރަޖައިގެ ބައެކެވެ. އެމީހުންނާއި ދޭތެރޭގައި އޮތީ، ތިމަތިމާމެންގެ ޝުހުރަތުގެ މަތިވެރިކަން ދެއްކުމެވެ. ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އެންމެހައި ރައްޔިތުން އަހުލުވެރިވުމަކީ، މުހިންމު ކަމެއްކަމަށްވިއަސް، ރައްޔިތުންގެ ތެރެއިން ގިނަމީހުންނަކީ، އެމީހަކާއި ގުޅުންހުރި ކަންކަމަކަށް މެނުވީ ރަނގަޅަށް އަހުލުވެރިވެފައިވާ ބައެއް ނޫންކަން އެއީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ. ހަމެފަދައިން ރައްޔިތުންގެތެރެއިންވެސް ބައެއްފަރާތްތަކުން ޤަބޫލުކުރާގޮތުގައި ޙިމާޔަތްކުރަން ޖެހެނީ ހަމައެކަނި އޭނާގެ މަސްލަޙަތެވެ. ޤާނޫނުތަކާއި ޤަވާޢިދުތައް ހަދާފައި ހުންނަނީ އެންމެންވެސް އެއްގޮތަކަށް ޝާމިލްވާ ގޮތަށެވެ. ނަމަވެސް ވަގުތާއި، ޙާލަތާއި، ކަމުގެ ބާވަތަށް ރިޢާޔަތްކޮށްގެން ޢަމަލުކުރަންޖެހޭ ފަހަރުވެސް އާދެއެވެ. މިކަން އޮންނަން ޖެހެނީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޙިކުމަތްތަކުގެ ތެރޭގައެވެ.
    
އާދެ! ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ޚިދުމަތްތަކުގެ އަގުތައް ބަލައިގަންނަ ތަނެއް ނޫނެވެ. ނަމަވެސް އެކަމާއި ގުޅުންހުރި ބައެއް ވާހަކަތައް އެއޮފީހާއި ޙިއްޞާކުރަން ވެސް ޖެހިދާނެއެވެ. ނަމަވެސް މިފަދަ ކަމެއް ދިމާވުމުން ތިޔަކަމަކީ މިތަނާއި ގުޅުންހުރި ކަމެއްނޫނޭ އެއޮފީހުގެ ބައެއް ފަރާތްޕުޅުތަކުން ވިދާޅުވެ ރުންކުރު ޖަވާބެއް ދެއްވުން އެއީ އެންމެރަނގަޅު ގޮތެއް ނޫނެވެ.

އިސްވެ މިލިޔުނު ވާހަތަކުގެ ބައެއް ޚުލާޞާތަކަށް ކުރުގޮތަކަށް ނަޒަރު ހިންގާލާއިރު ފެންނަމުންދާ ބައެއް މަންޒަރުތައް ޚުލާސާ ކޮށްލާނަމެވެ. ގާތްގަނޑަކަށް ހެން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ، އަގު ނަގައިގެން ފޯރުކޮށްދޭ ޚިދުމަތްތަކެކެވެ. އެއީ ސަލާން ޖަހައިގެން ހޯދާ ޚިދުމަތްތަކެއް ނޫނެވެ. ނަމަވެސް ކައުންޓަރު ކައިރިއަށް ގޮސް އޭނާ އައި ބޭނުމުގެ ވާހަކަ ދެންނެވުމުން ރުންކުރު ގޮތަކަށް ކީކޭ!! މިހެން ބުނުމުން ދެން އެވާހަކަ އޭނާ ދަންނަވާއިރު ހުންނާނީ އަޑާއި، ރާގު ބަދަލުވެފަ އެވެ.

ކީކޭ!! މިސުވާލުން އެނގެނީ ކައުންޓަރުން އޭނާއަށް ވާޞިލުނުވާ ކަމެކެވެ. ރީތިބަހުން ކުރާ މުޢާމަލާތްތަކަކީ، ކޮށްދެވެންނެތް ކަމެއްގެވެސް ޙައްލުކަމަށް ވިއަސް މިކަންކަން މިގޮތަށް ހިނގަނީ މަދުފަހަރަކު މަދު ތަނެއްގައެވެ. ޚޮދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަންކަން ބައެއްފަހަރު ވިޔަސް ހުރީ މިމޭރުމުންނެވެ. ކޮންމެއަކަސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ، އެންމެ މަތީ އޮފީހެވެ. ވަރަށް މަދުން މެނުވީ، އެތަނަށް ދާނީ، އެހެން ތަންތަނުން މަގެއް ނުފެނިގެން ކުރެވޭ އުއްމީދެއްގައެވެ. ނަމަވެސް އެތަނުންވެސް އެކަމެއް ފަހިކޮށް ނުދެއްވި ހިނގައިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. އެހެން ވިޔަސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކަންކަމަށް އެދިގެން ދާ މީސްމީހުންނަށް ކައުންޓަރުން ރުންކުރު ޖަވާބުދެއްވުމަކީ އެދެވިގެންވާ ރީތި ގޮތެއް ނޫނެވެ. އެއީ އާއްމު އޮފީހެއްނޫން ކަމަށް ވާތީއެވެ. އެތަނަށް މީހަކު ކަމަކު ގޮސްފިނަމަ، މޭޒެއްގެ ކައިރީގައި ހުންނަ ގޮނޑިއެއްގައި ހުނަވަތަ ތިރި މޭޒަކާއެކު ހުރި ގޮނޑި ސެޓުގައި ބޭންދުމަށްފަހު، އޯގާތެރިކަމާ އެކު އޭނާގެ ޝަކުވާތަކުގެ އަޑު އައްސަވައި، އެކަމެއް ނޯޓުކުރައްވައި އެކަމުގައި އޭނާއަށްވެސް ފެންނަ ޙައްލެއް އޮތްތޯ ބައްލަވައި ކަން އޮތް ގޮތް ސާފުކޮށްދެއްވައި، މަގުހުޅުވައި ދެއްވައިފިނަމަ. އޭނާ ދިޔަ ކަންތައް ކޮށްނުދެއްވުނު ކަމަށް ވިއަސް ޝުކުރު ވެރިކަމުގެ ގޮތުން ވަރަށް މަތީ އަގެއް އޭނާ ދައްކާނެއެވެ.

ގިނަފަހަރަށް މަސްލަޙަތު ގެއްލެނީ އިދާރާތަކުން ދެއްވާ ޖަވާބުގެ ރާގާއި އަޑުމަޚުރަޖަ ހުންނަ ގޮތުންނެވެ. ކަންކަމަށް އެދިގެން ދާ ފަރާތްތަކާއި މުޢާމަލާތުކުރައްވާ މުއައްޒަފު އެމީސްމީހުންގެ ވާހަކަ ތަކުރާރު ކުރުވުމަކީ، މަސްލަޙަތަށް ބުރޫއަރާ މައިގަނޑު އެއް ސަބަބުކަމުގައި ދަންނަވަން ޖެހެއެވެ. ވާހަކަތައް ތަކުރާރު ކުރުވުމުގެ މާނައަކީ، އެމުއައްޒަފަކު އެމީސްމީހުންނާ މެދު އޯގާތެރިކަމާއެކު ބަލައެއް ނުގަނެވޭ ކަމެވެ. މުއައްޒަފު އެވަގުތު އިންނެވީ އެހެން ކޮންމެވެސް ކަމެއްގެ ތެރޭގައެވެ.

އޮފީސްތަކަށް ފޯނުކުރުމުން ފޯނު ނުނެންގުވާއި، ކަމާއި ގުޅުންހުރި މުއައްޒަފު އެވަގުތު އިންނެވިތޯ ނުވަތަ ނޫންތޯ ނުބައްލަވައި އިންޓަކަމް ލައިނަށް ޕާސްކުރުމުން ލައިނަކަށްފަހު ލައިނަކަށް ބަދަލުވަމުން ދިއުމާއި، ލިޔުމުން ދޭ ޖަވާބުތަކުގައި ހުންނަ ޢިބާރާތްތައް ކުރަކިވުން އެއީވެސް މަސްލަޙަތު ގެއްލޭ ސަބަބެކެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހާއި، އެނޫންވެސް ސަރުކާރުގެ އިދާރާތަކަކީ، ކަންކަމުގާ މީސްމީހުންނަށް ފޮޓޯ ކޮޕީ ނަގައިދޭ ތަންތަނެއް ނޫންކަމަށް ވިއަސް އެފަދަ ކަމެއް ކޮށްދޭން ޖެހޭ ޙާލަތެއްވެސް މެދުވެރިވެދާނެ އެވެ. (ނުނިމޭ)
                    ---------------------------

ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
27 މޭ 2014މ.