ބަޣާވާތުގެ ތަފާތު ވައްތަރުތައް


ރާއްޖޭގައި އެއިރެއްގައި އޮންނަ ވެރިކަމާދެކޮޅަށް ނޫނީ އެ ވެރިކަމެއްގައި ކުރާ ކަމަކާ ދެކޮޅަށް ރާއްޖޭގައި ކުރާ ކަންކަމަށް ކިޔާފައިވަނީ އެކި ނަންނަމެވެ. މިއީ ދިވެހިރާއްޖެއަށް "ޑިމޮކްރަސީ" ލެއްގުމުގެ މާ ކުރިންވެސް މިކަން ހިނގަމުންދާ ގޮތެވެ. މިނަމޫނާ ނަގާފައިވަނީ އިންސާނާގެ ހަށިގަނޑުގެ އެކި ހިސާބުތަކުގައި މުލިހި ޖެހުމުން މުލިހީގެ ނަން ބަދަލުވާ އުޞޫލުންކަމަށް ވެދާނެއެވެ.

ގިނަ އަނގަ ހުންނަ ކޮންމެ މުލިއްސަކީ "ވިޔާއްދަ" އެވެ. ނުވަތަ ކުޅަނދުރު ހަތާ މުލިއްސެވެ. ކަންފަތު ކޮރު ތެރޭ މުލިއްސެއް ޖަހައިފިނަމަ އެއަށްކިޔަނީ "ކޮރުވިޔާއްދަ" އެވެ. ލޮލުގެ ފަލަކޮޅުގެ އަޑީން ކަރުނަވަރު ތެރޭ މުލިއްސެއް ޖަހައިފިނަމަ އެއީ "އެސްނާޅި" އެވެ. ކިހިލިފަތް ދޮށުގައި މުލިއްސެއް ޖަހައިފިނަމަ އެއީ "ދިއްގޮނޑި" އެވެ. ފުރަގަސްފަރާތުގައި މުލިއްސެއް ޖަހައިފިނަމަ އެވަނީ "ބަވާސީ" އަކަށެވެ. ނަމަވެސް ލޮލުގެ ފަލަކޮޅުގެ އަޑީން ކަރުނަވަރު ތެރެއާއި ކިހިލިފަތްދޮށާއި ފުރަގަސްފަރާތް ނޫން ތަނެއްގައި ގިނަ އަނގަ ނެތި މުލިއްސެއް ޖަހައިފިނަމަ އެވާނީ ބަރާބަރު މުލިއްސަށެވެ. އެހެން ނަމެއް ނުކިޔާނެއެވެ. ކިޔާނީ "މުލިހި" އެވެ. ތަފާތަކަށްވާނީ އެކި ތަންތާނގައި ޖަހާ މުލިހީގެ ބޮޑުމިނާއި ދުޅަވާވަރާއި އޭގެ ސަބަބުން ތަދުވާ ވަރުގެ ކުޑަބޮޑުކަމެވެ.

މާފިލާފުށީގައި ވަކި ވެރިކަމެއް ގާއިމުކޮށްގެން އުޅުއްވި ސާމިޔާ ފާށަނާކިލެގެފާނު އިސްކޮށް ހުންނަވައިގެން މާލެއިން އުތުރުގެ ބައެއް ރަށްރަށުގެ މީހުންނާ އެކީ މާލޭގައި އޮތް ރަސްކަމާ ދެކޮޅަށް ހަނގުރާމަކޮށް ގިނަ ބަޔަކު މަރުވެދިޔަ ނަމަވެސް އެއީ ސާމިޔާ ފާށަނާކިލެގެފާނު ކުރެއްވި ބަޣާވާތަކަށް ނުވެއެވެ. އެކަންވީ ބާވަތެއްގެ "ޅިޔަންފަހަވެރި މައްލަވަ" ކުރުމަކަށެވެ. މި މައްލަވައިގެ ނިމުމަކީ ސާމިޔާ ފާށަނާކިލެގެފާނު ރިހީގެ ހިލިހިލާއެއް ޖެއްސެވުމަށް ފަހު ފުވައްމުލަކަށް އަރުވާލައި އެރަށުގައި އަވަހާރަވެ ދިޔުމެވެ.


ޙާޖީ ޢިމާދުއްދީން ރަދުން ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އެއްރެއަކު ފުރަމެންދަމު މުލީގޭ މަނިއްޕުޅު(ޝަމްސުއްދީން3 ރަދުން)ގެ ދެއަތްޕުޅުގައި 2 މީހަކު ހިފައިގެން ރަސްކަމުގެ ކޮއިލަށް ގެންގޮސް އެ މަނިއްޕުޅު ރަސްކަމުގެތަޚުތުގައި ވަޑުވައި ޙާޖީ ޢިމާދުއްދީން ރަސްކަމުން ޣަޒުލްކޮށްފިއެވެ. މިކަމަކަށް ބަޣާވާތެކޭ ކިޔާ އަޑެއް ނީވެއެވެ. މިކަމަށް ކިޔައިއުޅުނު އެއް ނަމަކީ "ނައިބުތުއްތު އޮޑިއަށްލުން" އެވެ. ނައިބުތުއްތު ހުންނަވާނޭ އެއްވެސް ގެއެއް މާލޭގެ ބިމުގައި ނެތިއްޔާ މާލެ ފަޅުތެރޭ ކޮންމެވެސް އޮޑިއެއްގައި ވެސް އެ މަނިކުފާނަށް ހުންނެވިދާނެތާއެވެ. މައްސަލައެއް ނޫނެވެ.


ޝަމްސުއްދީން ރަދުންގެ ދަރިކަލުން ޕްރިންސް ޙަސަން ޢިއްޒުއްދީން ރަސްކަމަށް އިސްނުކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް ކުރެވުނު ތަދުބީރުގައި ގާނޫނު އަސާސީއެއް ހެދި ފަހުން މާލޭގެ ގުޅަކުޅޭ ފަސްގަނޑަށް ބަޔަކު ނުކުމެ އެ ގާނޫނު އަސާސީ އޮތްތާކުން ދަމައިނެރެ އެ އެތި ވީދައި ކުދިކުދިކޮށްލިއެވެ. މިކަމަށް ކިޔައި އުޅުނު އެއްނަމަކީ "ހަވަރު އެއްވެލުން" އެވެ. ހަވަރު އެއްވެލުމަކީ އާދައިގެ ކުޑަކަމަކަށް ވެގެން ވެސް ނުވާނެއެވެ. އެހެނީ ހަމަ މިދުވަހު އެ ގާނޫނު އަސާސީގެ ދަށުން ކަނޑައެޅިފައި ތިއްބެވި ވަޒީރުންގެ ގިނަ ބޭފުޅުން ހަވަރަށް ދެއްވުމަށް ހަވަރު އެއްއަޑަކުން ގޮވަގޮވައި ތިއްބައި އެ ބޭފުޅުން ފޮނުވާލެއްވީ މުއްދަތެއްނެތި އޮޅުދޫކަރައަށެވެ. ކުޑަ ނަޞީބެއްނޫނެވެ.

މުއްދަތެއް ނެތި އޮޅުދޫކަރައަށް ފޮނުވާލެއްވި ބޭފުޅުންގެ ތެރެއިން ވަޒީރުލްޙައްޤާނިއްޔާ ޙުސައިން ޞަލާޙުއްދީންގެ ބަގީޗާގެ އެ ދުވަހު ހަލާކުކޮށްލިއެވެ. އަދި ބަންޑާރަނައިބު އިބްރާހީމް ރުޝްދީ އެ މަނިކުފާނުގެ ގޭގެ އުނދޯލީގައި އޮންނަވަނިކޮށް ބިންމައްޗަށް ވައްޓާލައި އޮޅިއޮޅިމަތިން ދަމަމުން ނެރި ތަޅައި ހެދީ އިންސާނިއްޔަތު ކަމެއް ނެތިއެވެ. ނަމަވެސް މިކަމަކީ ބަޣާވާތެއް ނޫނެވެ. އެހެންވާކަށް ވެސް ނެތްތާއެވެ. ކަމަކީ އޭރު އޮތް ރަސްކަމާ ދެކޮޅަށް ހިންގި ކަމެއް ނޫނިއްޔާއެވެ. ރަސްކަމާ އެއްކޮޅަށް ހިންގި ކަމެކެވެ. އެހެންވީމާ މިކަމުގެ ނަމަކަށްވީ "މޮޓަރުބޯޓްގެ ގަނޑުބަޑު" އެވެ. ރީތި ނަމެކެވެ. މިކަމާ ގުޅިގެން ދެން ހިނގީ އަނެއް ކޮޅުގެ ކަމެކެވެ. ރަސްކަމާ ދެކޮޅުގެ ކަމެކެވެ. ޝަމްސުއްދީން ރަދުން ރަސްކަމުން ޣަޒުލްކޮށް، އެ ރަދުންގެ ދަރިކަލުން ޕްރިންސް ޙަސަން ޢިއްޒުއްދީނާ އެކީ ފުވައްމުލަކަށް ފޮނުވައިލީއެވެ. ނަމަވެސް މި ކަމެއް ބަޣާވާތަކަށް ނުވެއެވެ. ބާވަތެއްގެ ގަނޑުބަޑެކެވެ. ކުރީގެ ގަނޑުބަޑުގެ ނަމުގެ ކުރިއަށް އައީ މޮޓަރުބޯޓެވެ. މިފަހަރު ހެންވޭރު ގަނޑުވަރެވެ. "ހެންވޭރު ގަނޑުވަރުގެ ގަނޑުބަޑު" އެވެ.

މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ސަރުކާރުން ކުރައްވާ ބައެއް ކަންކަމާމެދު ހިތްހަމަނުޖެހިގެން އެކަންކަން ރަނގަޅުވޭތޯ ބޮޑު ތިލަދުންމަތީ 552 އުޅަނދުގައި 7452 މީހުން މާލެ ދިޔުމުގެ ނަތީޖާއަކީ އޭގެ ތެރެއިން ބައެއް މީހުންގެ ބުރިހަން ނަގައި އިހާނެތި ގޮތުން އެ ތާނގައި ލޮނުމިރުސް އުނގުޅައި ރަށްރަށަށް އަރުވާލުމެވެ. މި ކަންތައްގަނޑަށް ކިޔާ އަޑުއިވެނީ "އުތުރު ގަނޑުބަޑު" އެވެ. ބަޣާވާތެއް ނޫނެވެ.


ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުޙައްމަދު އަމީން ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އެ މަނިކުފާނުގެ ވެރިކަން ވައްޓާލި ވައްޓާލުމަށް ބަޣާވާތެކޭ ކިޔާތީ  އަޑެއް ނާހަމެވެ. އެ ފަހަރު އޮޅުވާލައިގެން އެ މަނިކުފާނު މާލެ ގެނެސް ދޫނިދޫގައި ބަންދުކުރިއެވެ. ދޫނިދޫގައި ހުންނަވަނިކޮށް ރޭވިފައިވާ ކަމެއްގެ ތެރެއިން އެ މަނިކުފާނު މާލެގެނެސް ހަށިކޮޅަށް އަރައިގަނެ ބިންމައްޗަށް ވައްޓައިލައި އެ މީހެއްގެ އަތުގައި ޖެހުނު އެއްޗަކުން އެ މީހަކު ހިތަށްއެރި ގޮތަކަށް އެ މަނިކުފާނުގެ ގައިކޮޅުގައި ތަޅައި ދަމާކޫއްތާ ގެންގޮސް ބޮޑުއިސްޓޯރުގެ ތަޅަންމައްޗަށް ބަންޑުން ވައްޓައިލައި އެ ތަނުން ގެންގޮސް މާލެފަޅުތެރޭ އޮތް ބޮއްކުރާ ތެރެއަށް ގުޅައަކަށް ޖެހީ އިސްތަށިފުޅާއި ނޭފަތްޕުޅާއި އަދި އަނގަފުޅުން ވެސް ލޭފޮދު އޮހެރެމުން ދަނިކޮށެވެ. ކޮންމެގޮތަކުން ބެލިކަމަށް ވިއަސް މި ކަމަކީ ވަކި ބަޔަކަށް މާ ބޮޑު ކަމަކަށްނުވާ ކަމެކޭ ހީވެއެވެ. ކަމަކީ "ފުރަތަމަ ޖުމްހޫރިއްޔާ އުވުން" ވިއްޔާއެވެ. ބަޣާވާތެއް ނޫނެވެ.

މުޙައްމަދު ފަރީދު ރަދުންގެ ރަސްކަމުގައި ދެކުނު ތިން އަތޮޅުގެ ރައްޔިތުންނަށް ބައެއް ކަހަލަ ކަންކަމުގައި ދަތިތަކެއް މެދުވެރިވުމުން އެބައިމީހުން ދިރިއުޅުމަށް ކުރާ މަސައްކަތަށް ވަރަށްބޮޑު ދައްޗެއް މެދުވެރިވިއެވެ. މިހެންވުމުން އެ ކަންކަމާ އެބައިމީހުން ހިތްހަމަނުޖެހިފައިވާ ދަނޑިވަޅެއްގައި ފުރުޞަތުގެ ބޭނުންހިފައި އެ ދިދައަށް އިރުއޮއްސުމެއް ނުވާ އިނގިރޭސީންގެ ބަޔަކު ބައެއް މީހުންގެ ބޮލަށް ވަދެގެން އޭރު ރާއްޖޭގައި އޮތް ސަރުކާރާއި ވަކިކުރުވައި އެ ތިންއަތޮޅުގައި ވަކި ވެރިކަމެއް ކުރުވިއެވެ. މި ކަން ހިމެނިގެން ދިޔައީ ދުނިޔެ ހެއްދެވީއްސުރެ މިހާތަނަށް ދުނިޔޭގައި ނުހިނގާ ވަރުގެ ބޮޑުވެގެންވާ ބަޣާވާތަކަށެވެ. މަޝްހޫރު "ދެކުނުގެ ބަޣާވާތު" އެވެ. "މަގޫދަނޑި ސަރުކާރު" އަށެވެ. "ފެންބައްޑާ ސަރުކާރު" އަށެވެ. ނަމަވެސް މުޙައްމަދު ފަރީދު ރަދުންނާއި އެ ރަދުންގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ ހަށިކޮޅަކަށް ދެކުނުގެ ތިންއަތޮޅުގެ އެއްވެސް ބަޔަކު އަރައިގަނެ ލޭ އޮހޮރުވުމަކަށް ގެންދާކަށް ނޫޅެއެވެ. މިހެންމެ ލަންޓަންތަކުގެ ހޮޅިދަނޑިއެއްގެ ދެ ފަރާތަށް އެއިން ބޭފުޅެއްގެ ދެ ފައިންޕުޅު ގެންގޮސް އިރާލުމަކަށް ވެސް ބޭނުމެއް ނުވެއެވެ. އަދި އެއިން ބޭފުޅެއްގެ ކުރިމަތިފުޅު ފަރާތުގައި ޖެހުން ފަދަ ލާއިންސާނީ ވަޙުޝީކަމެއް ކުރާކަށް ވެސް ދެކުނުގެ ތިން އަތޮޅުގެ އެއްވެސް މީހަކު ނޫޅެއެވެ.

ދިވެހިރާއްޖެ މިހާތަނަށް ދެކިފައިނުވާ ފަދަ އަނިޔާވެރި ޕޯޗްގީޒުންގެ 17 އަހަރުގެ އަޅުވެތި ވެރިކަމުން ރާއްޖެ ސަލާމަތްކުރެއްވުމަށް އުތީމު ތިންބެއިން ކުރެއްވި މަސައްކަތުގައި ދެ ހާޖީންނާއި ދަންޑަހެލުގެ އިތުރަށް ދެކުނު ތިން އަތޮޅުގެ މުޖާހިދުން ބައިވެރިވެ ލަޝްކަރެއް އެކުލަވާލައި މި މަސައްކަތަށްޓަކައި އައްޑޫ ހިތަދޫ ކޯއްޓެއާއި އަދި ހުވަދޫ ގަމު ކޯއްޓޭ ބޭނުންކުރިކަމަށް ވެސް ބޭރުގެ ތާރީޚު ޢިލްމުވެރިއެއްކަމަށްވާ އެޗް.ސީ.ޕީ ބެލް ވެސް ލިޔުއްވާފައިވެއެވެ. މިއީ ދެކުނު ތިން އަތޮޅުގެ ބަޔަކު ކުރި ކޮންކަހަލަ ކަމެއްބާވައެވެ. މާތްވެގެންވާ އިސްލާމްދީނާއި ގައުމަށްޓަކައި އެބައިމީހުން ކުރި ކަމެއްބާވައެވެ. ނޫނީ މިކަން ވެގެންދާނީ "ދެކުނުގެ މުސްކުޅި ބަޣާވާތު" އަށް ނޫން ބާވައެވެ. (ނުނިމޭ)
                   -------------------------

ޢަބުދުﷲ ޙިލްމީ
15 އޯގަސްޓް 2014މ.