ވެރިކަން ލިބުމާއި ވެރިކަން ކުރުން - 1



ވެރިކަން ލިބުމާއި ވެރިކަންކުރުމަކީ މުޅިން ދެކަމެކެވެ. ކޮންމެގޮތަކަށް ވެރިކަން ލިބުނުކަމަށް ވިއަސް، އެކަމުގައި މުހިންމީ އެކަންކުރާ ގޮތެވެ. ވެރިކަންކުރާ ގޮތެވެ. ގައުމާއި ރައްޔިތުންނަށް ފައިދާކުރާ ގޮތަކަށް ވެރިކަން ކޮށްފިނަމަ، ވެރިކަން ލިބިގަތް ގޮތާއިމެދު ރައްޔިތުން ކަންބޮޑެއް ނުވާނެއެވެ. ވެރިކަން ލިބިގަތީ އެތަނެއްގައި ހަމަޖައްސާފައި އޮންނަ އުޞޫލުތަކާއި ޚިލާފަށްކަމަށް ވިއަސް އެވެ. ވެރިކަން ލިބިގަތީ އެތަނެއްގައި ހަމަޖައްސާފައި އޮންނަ އުޞޫލުތަކާއި އެއްގޮތަށްކަމަށްވިއަސް ދީނާއި، ގައުމާއި، ރައްޔިތުންނަށް ގެއްލުންވާގޮތަށް ވެރިކަންކޮށްފިނަމަ، ރައްޔިތުން އެކަން ބަލައެއްނުގަންނާނެއެވެ.

ނުރަނގަޅު ގޮތުގައި ވެރިކަން ލިބިގަތުމަކީ، ފެނިފައިވާ އަދި އެގޮތަށް ހިނގުން އެކަށީގެންވާ ކަމެއްވެސް މެއެވެ. ގިނަފަހަރަށް ވެރިކަން ލިބިގަންނަނީ، ޟަރޫރަތު އެކަމަށް ތަންދިނުމުން ކަމަށްވިއަސް، އިސްވެދިޔަ ނުރަގަނޅު ކަންކަން ތަކުރާރުކުރަން ފަށައިފިނަމަ، ރައްޔިތުން މަޑަކުން ނުތިބޭނެއެވެ.

އެމީހުންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ކަންކަން ގޮސްފިނަމަ، އެ ގުއްރާސް ބަންދުކުރަން އެމީހުން މަސައްކަތްކުރާނެއެވެ. ވެރިކަން ލިބިގަންނަ ބައިގެ މީހުންނަށް ފެންނަގޮތަކަށް ނުވަތަ ހަމައެކަނި އެމީހުންނަށް ފައިދާވާގޮތަށް ކަންކަންކުރަން ފެށުމަކީ، ވެރިކަމުގެ ރޫޙާއި މުޅީން ޚިލާފު ކަމެކެވެ.

މީހަކަށް ވެރިކަމެއް ލިބުނަސް އެ މީހަކަށްވެސް ކަނޑައެޅިފައި އޮންނަ އިންތަކަކާއި، މިންތަކެއްވެސް އޮވެއެވެ. އެ އިންތަކާއި، މިންތައް ފަހަނަޅައިފިނަމ، ދެން ނިކުންނާނީ މުޅީން އެހެން ނަތީޖާ އެކެވެ. ހަމައެއާއެކު، ބޭރުގައުމުތަކަށް ބަރޯސާވުމުގައި ވެސް ވަކި ޙުދޫދެއް އޮވެއެވެ. އެ ޙުދޫދުން ބޭރުވެއްޖެނަމަ، ޚޮދު ތިމާގެ ގައުމުވެސް އަތްމަތީން ބީވެގެން ދިއުމުގެ ފުރުޞަތު އޮތީ ދާދީ ގާތުގައެވެ. އަދި މީގެ އިތުރަށް ގައުމުގެ ވަޙުދަތާއި، އިސްތިގުލާލަށް ބެލުމެއްނެތި އުޅެގެންފިނަމަ، ގައުމުގެ ރޫޙީ ފިކުރާއި، މަދަނިއްޔަތަށް އިޙްތިރާމްކުރާ މީހުން އެ މީހެއްގެ މައްޗަށް ފާވެ، އެމީހާ ނުކުޅުދެންތެރި ކުރުވާނެއެވެ. މީހަކަށް ވެރިކަން ލިބުމަށްފަހު، އެމީހަކަށް އައުލާވެގެންވަނީ، އެމީހަކަށް ތާއީދުކުރާ މީހުންނާއި، ތާއީދުނުކުރާ މީހުންގެ މެދުގައިވެސް ހަމަހަމަކަމާއެކު، މުޢާމަލާތު ކުރުމެވެ. އެމީހެއްގެ ވަށައިގެން ތިބޭ އެހީތެރިންވެސް އެ ވިސްނުން ދޫކޮށް އެ މީހުންގެ ޒާތީ މަންފާތައް އެކަނި ފުއްދަށް މަސައްކަތްކޮށްފިނަމަ އެއީ ވެރިމީހާއަށް ދެވޭ ގެއްލުމެކެވެ. މިއީ ވެރީންނާއި، ވެރީންނަށް ތާއީދުކުރާ ފަރާތްތަކުން ވިސްނަވަން ޖެހޭ ކަމެކެވެ.

"ދާރަޔާ ސިކަންދަރާ، ސީޒަރާ ނަޕޯލިއަން
     މާދުރަށްވިދާލި ނަން އޮބައިފިއޭ އެ ފަނޑުވަމުން"

ކުރުކުރުކޮށް ބައެއް ޙާދިސާތައް


Alexander III of Macedon (20/21 July 356 – 10/11 June 323 BC)Darius III (c. 380 – July 330 BC) 

"ދާރަ" އަކީ ޑާރިއަސް އެވެ. ސިކަންދަރު އަޢުޒަމަކީ، އެލެގްޒެންޑްރާ ދަ ގްރޭޓް އެވެ. ސީޒަރ އަކީ ޖޫލިއަސް ސިޒާ އެވެ. ނަޕޯލިއަން އަކީ ނަޕޯލިއަން ބޮނަޕާޓޭ އެވެ. މިދެންނެވި އެންމެހައި ޝަޚްޞިއްޔައްތަކުގެ ތަފްޞީލު ގެނެސްދިނުން އެއީ އަޅުގަނޑުގެ ގަޞްދުކޮށްފައިވާ ކަމެއްނޫނެވެ. ނަމަވެސް އަދި މިވާހަކަކޮޅުވެސް ވިދާޅުވެލައްވާށެވެ. 

"އަހުރެންނީ، ހޫދު ނަބީކަލޭފާނުގެ ފުތް ޤަހުޠާނުގެ ފުތް ނަފީލަތު އެވެ. މުޅި ދުނިޔެއަށް ވެރިވެ 500 އަހަރު އަހުރެމެން ވެރިކަން ކުރީމެވެ. ނަމަވެސް މިއަދު މިއޮތީ މަރުވެ ކަށި ފުރޭނިފަ އެވެ. ދުނިޔެއަކީ މިކަހަލަ އެއްޗެކެވެ." - ކީރިތިރަސޫލާގެ ސީރަތުން –

500 އަހަރު ވެރިކަންކުރި ފިރުޢައުނުގެ ވާހަކައަކީވެސް އެންމެންދަންނަ ވާހައެކެވެ. ޤަދީމީ ބާބިލަކީވެސް ޢިބްރަތްތެރި ދަރުސްތަކެކެވެ. ބަޚްތުނަސްރަޚް ނުވަތަ ނެބްޗައްޒަރު އާއި ކިންގް އަލޫލިން އާއި، ހަމުރާބީ އާއި އާކަމައިޑް ދަރިފަސްކޮޅާއި، ގަދަފަދަ ރޯމަން އެމްޕެރާ އާއި އަދި މިނޫނަސް މިފަދަ އެތައްކަމެއް ދުނިޔޭގެ ޙަޤީޤީ ލޯ ދެކެފައިވެއެވެ. ގަދަފަދަ ރަސްކަމަކާއި ނަބީކަން ދެއްވި ސުލައިމާނު ޢަލައިހިއްސަލާމާއި، ނަބީކަން ދެއްވި ޚަލީފާ ސަލާމްލެއްވި ދާވޫދުގެފާނު ވެސް އެ ކަންކަމަށް ބޮޑާވެވަޑައެއްނުގަންނަވައެވެ. އެހެންނަމަވެސް އިސްވެ ދަންނަވާފައިވާ ގަދަފަދަ ރަސްރަސްކަލުންގެ ތެރޭގައި ގިނައިން ތިބީ ﷲ ގެ ބިންމަތީގައި ބޮޑާވެ އިންސާނީ ދަރިފަސްކޮޅުތައް ފުނޑުފުނޑުކޮށްލުމަށް މަސައްކަތް ކުރި ޖައްބާރުންނެވެ.

މިދެންނެވި މީސްމީހުންގެ ތެރެއިން ހަމަ އެއްމެމީހެއްގެ ވާހަކަ އަޅުގަނޑު މިތަނުގައި ބަޔާންކޮށްލާނަމެވެ. މަޝްހޫރު ހަނގުރާމަވެރިޔާ އެލެގްޒެންޑްރާ ދަ ގްރޭޓް އަކީ، އެފަދަ ދެވަނައެއް ނެތް މިސާލެކެވެ. އޭނާގެ ވަށަވަށައިގެން ދިރިއުޅޭ އެތައް ބަޔަކާއި ހަނގުރާމަ ކޮށް އެ މީހުންގެމައްޗަށް އޭނާވަނީ ކުރި ހޯދާފައެވެ. އޭނާގެ މި ކުޅަދާނަކަމަކީ، އޭނާގެ ގައުމުގެ މީހުންގެމައްޗަށް ފާވި މުޞީބާތެއްކަމުގައި ނޫނީ ނުވިއެވެ. ބިމަކަށްފަހު ބިމެއް އަތްދަށުލަމުން ގޮސް އިންޑިއާއަށް ޙަމަލަ ދިނުމަށްފަހު، އެބުރި ދިޔައިރު އޭނާގެ ލަޝްކަރާ އެކު، ޖުޒާމްބަލީގެ ޖަރާސީމު ވެސް ދިޔައެވެ. ދާދި އަވަހަށް މިވަބާ އެ ގައުމުގައި ފެތުރި ޢާއްމު ވެއްޖެއެވެ.
ޤަދީމީ ބާބިލުގައި "އެލެގްޒެންޑްރާ ދަ ގްރޭޓް" މަރުވީ 13 ޖޫން 323 ބީސީގަ އެވެ.  އޭނާ މަރުވީ ޓައިފޮއިޑާއި، މެލޭރިއާ ހުން ޖެހިގެން ނެވެ. - ވިކިޕީޑިއާ އޮފް އެލެގްޒެންޑްރާ ދަ ގްރޭޓް -

ދިވެހިރާއްޖެއާ މެދު ވިސްނާލަމާތޯއެވެ؟ ދުނިޔޭގެ އެހެނިހެން ގައުމުތަކޭކޭ ވެސް އެއްފަދައިން މި ރާއްޖޭގައި ވެސް އެންމެ ފުރަތަމަ އޮތީ ރަސްކަމެކެވެ. ނަމަވެސް އެއީ ޣައިރުދީނުގެ ރަސްކަމެކެވެ. ރައްޔިތުންނަކީ ވެސް އެ ދީނަށް ނުވަތަ އެކިއެކި ދީންތަކަށް ތަބަޢަވެގެން ތިބި މީހުންނެވެ. އެއީ އަޅުގަނޑުމެންގެ އިސްވެދިޔަ ކާބައިންނެވެ. އެހެންނަމަވެސް ފާހަގަކޮށްލަންޖެހޭ އެއްކަމެއް އެ މީހުންގެ ކިބައިގައި އޭރުވެސް ހުއްޓެވެ. އެކަމަކީ "އެމީހުން ޤަބޫލުކޮށްގެން ތިބި ދީނުގައި ދެމިތިބުމާއި، ގައުމިއްޔަތު" ގެ މާތް ސިފައެވެ. (ނުނިމޭ)
           ----------------------------
ލިޔުއްވީ: ޢަލީ ނަޞީރު، ޒޫރިޔާގެ/ މަޑަވެލި
14 މޭ 2014މ.