ވެރިކަން ލިބުމާއި ވެރިކަންކުރުން - 2



އެދުވަސްވަރު ރާއްޖޭގައި ދިރިއުޅުނު މީހުންނަކީ، ދަތުރުފަތުރާއި، އެހެނިހެން ވަޞީލަތްތައް ހުރި ގޮތުންނާއެކު، ދުނިޔޭގެ ގިނަ ބައްރުތަކާއި މާބޮޑު ގުޅުމެއް ނެތް ބައެކެވެ. އެ ތަންތާނގެ ވެށީގެ ވަޔާއި، އޮޔާއި، މިފަދަ އެތައްކަމެއް ނުދަންނަ އަދި ކީއްތޯ ރަނގަޅު ނުރަނގަޅު ދީނެއް، އުއްމަތެއް، މިއްލަތެއް، މަޒްހަބެއް ނުވަތަ ރައްބި ރަސޫލު ވެސް ނުދަންނަ ބައެކެވެ. މިގޮތުގައި އުޅެމުން ދަނިކޮށް، މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތު ލިބުމުން މަޑުކުރުމެއް ފަސްޖެހުމެއް ނެތި އިސްލާމް ދީން ޤަބޫލު ކުރީ އެވެ. ވަކިވަކި މިރަށްތަކުގައި އެ ދީން ފެތުރި ޢާއްމު ކޮށްފިއެވެ.

މިކަމުގައި އެކި މީސްމީހުން ދައްކާތީ އަޑުއިވެނީ އެކިކަހަލަ ވާހަކަ ތަކެވެ. ބައެއް މީހުން ދެކޭގޮތުގައި މިއަދާއި ހަމައަށްވެސް މިރާއްޖޭގައި މީހުން އިސްލާމް ދީނުގައި މިތިބީ މައިންބަފައިން އެ ދީނުގައި ތިބީތީއެވެ.

އެހެންނަމަވެސް އެފަދަ މީސްމީހުން ނެރޭ އެ ރައުޔު ޤަބޫލުކުރުމަށް އަޅުގަނޑަށް ދައްޗެވެ. އެހެނީ، އެހެން އެ ބުނެވެނީ އެ މީސްމީހުންގެ އިސްލާމީ ޢަގީދާގެ ބަލިކަށިކަމާއި އިސްލާމީ ވަންތަކަން ކުޑަވުމުގެ ސަބަބުންނެވެ. އޭރު ހުންނެވި ރަދުން "ތީމުގޭ ދަރިކޮޅުގެ ބޮޑު ރަސްގެފާނަށް ނިސްބަތްކޮށް ރަންނަ ނުވަތަ ރަތުނަ އާއި "މާރ" އަކީ ކޮން އެއްޗެއްކަން ނޭނގި ތިބެ އެ ދެ ޖުމްލަ އެއްކޮށް އެއް ޖުމްލައަކަށް ހަދައިގެން ދައްކާ "ރަންނަމާރީ" ގެ ވާހަކައަކީ މީގެ މިސާލެކެވެ.އެއީ އެ މީސްމީހުންގެ އިސްލާމީ ޢަގީދާގެ ބަލިކަށިކަމާއި އިސްލާމީ ވަންތަކަން ކުޑަކަމުގެ ދަލީލެކެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ ނަޞީބުކަމަށްވާ އިސްލާމީ ހިދާޔަތުގެ އަލިކަން ރާއްޖޭގެ ރައްޔިތުންނަށް ލިބުމުގައި އެންމެ އިސް އެއް ދައުރެއް އަދާކުރެއްވުމަށް މިންވަރުކުރެއްވި އެ ދުވަސްވަރު މިރާއްޖޭގައި ހުންނެވި ރަދުންނަށް ނުނިޔަތްލައި، އެ ރަދުންނަށް ނިސްބަތްކޮށް ކަމުގެ މުޅި އަޞްލު އޮޅިގެންދާ ގޮތަށް ދައްކާ ވާހަކަތަކެކެވެ.

އެންމެބޮޑަށް ކަންބޮޑުވާން ޖެހޭ ކަމަކީ، މިކަމާބެހޭ މުއައްސަސާއިން، މި އިސްލާމީ ދިވެހި އުންމަތުގެ ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން އެކުރެވުނު ހޭދަ އާއި މެދުގައެވެ. އަޅުގަނޑު ދަންނަވާނީ، އެކަން އެ ގޮތަށް ކުރެވިގެން އެ ދިޔައީ އެ މުއައްސަސާއަށް އޮޅުވާލި އޮޅުވާލުމެއްގެ ތެރެއިން ކަމުގައެވެ. އެފަދަ އޮޅުވުމެއްގެ ބޭނުމަކީ ކޮބައިކަން އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. ދެން އެ ކަމެއް ކުރި ފަރާތެކެވެ. އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ، މާތްވެގެންވާ އިސްލާމް ދީން ނުވަތަ ރަސޫލުކަމާއިގެން މުޙައްމަދު ބިން ޢަބްދުﷲ ފޮނުއްވި ދުވަސްވަރު ޢަރަބި ދުނިޔޭގައި ކަންކަން ހުރިގޮތް ފަހެ ނުދަންނަނީ ބާއެވެ؟

ކޮންމެއަކަސް ތީމުގޭ މަހާކަލަމިންޖާ ކުރިން ހުންނެވި ޣައިރުދީނުގެ ސަބަބުން އެ ރަދުންނަށް ނުބައި ބަސް ރައްދުކުރުމަށް އަޅުގަނޑުމެންނަށް އޮތީ ކޮން ޙައްޤެއްތޯއެވެ؟ އަޅުގަނޑުމެންނަން މުހިންމީ އިސްލާމް ދީން ޤަބޫލުކުރުމަށް ފަހު، އެރަދުން އާދެ! މުޙައްމަދު ބިން ޢަބްދިﷲ ރައްޔިތުންނާއި މެދުގައި ބެހެއްޓެވި އޯގާތެރިކަމާއި، ދަރުމަވަންތަ ވެރިކަމެކެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގަތް އިރު، އޭނާ ހުންނެވީ ޣައިރުދީނުގައެވެ. ނަމަވެސް އަވަހާރަވީއިރު ހުންނެވީ މާތްވެގެންވާ އިސްލާމް ދީނުގައެވެ. ވެރިކަން ލިބިވަޑައިގެންނެވި ގޮތަށްވުރެ އަޅުގަނޑުމެންނަށް މުހިންމީ ވެރިކަން ކުރެއްވި ގޮތެވެ. މިދަރިފަސް ކޮޅުގެ ވެރިކަން ނިމި ޢުމަރުވީރު ދަރިކޮޅު ފެށުނު އިރު (މަދުތަނެއް ފިޔަވައި) މިރާއްޖޭގެ ކަންކޮޅުތަކަށް އިސްލާމް ދީން ގާތްގަނޑަކަށް ހެން ފެތުރި ޢާއްމު ވެއްޖެއެވެ. އެތައް މިސްކިތެއްވަނީ ބިނާކޮށްފައެވެ. ބުދުދީނުގެ ނުވަތަ އެނޫން ވެސް ޣައިރު ދީނެއްގެ އާސާރެއް މިރާއްޖޭގެ ފަސްގަނޑުމަތީގައި ޣައިރުދީންތަކުގެ ވަޙްދަތެއްގެ ގޮތުގައި ނުވަތަ މުޤައްދަސް ތަނެއްގެގޮތުގައި ނުބަހައްޓަވައެވެ. ކުރިން އަޅުކަންކުރަން ބޭނުންކުރި ތަނެއް ފެންނާން ހުއްޓަސް އެތަނަކީ، މުޤައްދަސް ތަނެއްގެ ގޮތުގައި ދެކޭ އެއްވެސް ބަޔަކު ތިބިކަމެއް ތާރީޚީ ލިޔުމަކުން އެނގޭކަށް ނެތެވެ. 

މިރާއްޖޭގެ އަހުލުތަކުން މިއަދު މިފަޚްރުވެރިވާ ލޯމާފާނުންތައް ލިޔުއްވީ ވެސް ތީމުގޭ ދަރިކޮޅުން ވެރިކަންކުރެއްވި ރަސްރަނިންނެވެ. މިސްކިތްތައް ބެލެހެއްޓޭނޭ ގޮތަށް އެ ތަންތަނަށް ދާއިމީ ޚަރަދުބަރަދު ލިބޭނޭ ގޮތްތަކާއި، މީހުންވެސް ވަނީ ކަނޑައަޅުއްވާފައެވެ. މި ކަންކަން މި ގޮތަށް ހަމަޖެއްސަވައި މި ކަންކަމަށް އެ ދުވަސްވަރުގެ ވަޒީރުންނާއި، އުއްތަމަ ފަނޑިޔާރު ވަނީ ހެކި ކުރައްވާފައެވެ. ޒަމާނީ ތަރައްޤީއާ އެކު، ޙާލަތު ބަދަލުވެފައި ވިއަސް މިއަދުވެސް އެ ކަންކަން ކުރަމުން ގެންދަނީ ދާދި އެއްގޮތަކަށެވެ.

ތީމުގޭ ދަރިކޮޅުގެ ރަސްކަން ނިމުމަށްފަހު ދެން ފެށުނީ ޢުމަރުވީރު ދަރިކޮޅުގެ ރަސްކަމެވެ. މި ދަރިކޮޅުގެ ބަފައިފުށް ގުޅިފައިވަނީ އިންޑިއާ ބަންގާޅުގެ ބޭކަލެއްކަމަށްވާ ޞަލާޙުއްދީން ޞާލިޙު އާއި އެވެ. މައިފުށް ގުޅިފައިވަނީ ތީމުގޭ ދަރިކިޅުން އެންމެ ފަހަށް ހުންނެވި ރަދުންގެ އަނބިކަނާ އާއި އެވެ. މިކަމުގައި އަޅުގަނޑު ދެކޭގޮތް ކުޑަކޮށް ތަފާތެވެ. އަޅުގަނޑު ދެކޭގޮތުގައި އެ ކަމަނާ އަކީވެސް ތީމުގޭ ދަރިކޮޅުގެ ރަސްމަތިފުށުގެ ބޭފުޅަކަށްވުމުގެ އައުލާކަން ނުހަނު ބޮޑެވެ. މިހެން ދެންނެވީ، އެ ދުވަސްވަރު ރާއްޖޭގެ އާބާދީގެ ކުޑަކަމާއި، ކައިވެނިކުރުމުގައި އިސްކަން ދީފައިވާ "ކުފޫ" ހަމަވުމުގެ މިންގަނޑަށް ރިޢާޔަތްކޮށްފައެވެ. މިކަން ކޮންމެގޮތަކަށް އޮތްކަމަށް ވިއަސް ޢުމަރުވީރު ދަރިކޮޅުން ރަސްކަންކުރެއްވި ރަސްރަނިންގެ ތެރެއިން ވެސް ރަނގަޅު ކަންކަމާއި، ނުރަނގަޅު ކަންކަން ފެންނާން އެބަހުއްޓެވެ. އެ ގޮތުން ރެހެންދި ޚަދީޖާ ފުރަތަމަ ރަނިކަން ހޯއްދެވީ އެކަން އެންމެ ބޮޑަށް އަވްލާވެގެންވަނީ ތިމަންކަމަނާއަށޭ ވިދާޅުވެފައެވެ. އޭގެ ފަހުން ދެ ފަހަރަށް ރަނިކަން ހޯއްދެވީ އެ ކަމަނާގެ ދެ ފިރިކަލުން ޤަތުލުކޮށްކަމަށް ތާރީޚުގައި ބަޔާންކޮށްފައި ވާތީ، އެއީ ހަމައެކަނި ތާރީޚީ ޒިންމާއެއް ކަމަށް ބެލެވޭކަށް ނެތެވެ. މި ކަމަނާގެ ނިވާކަންކުޑަ ނުވަތަ ފޫޅުފުޅުން މަތި ނިވައި ނުކުރައްވާ ކަމަށް އެ އޮންނަ އޮތުން އެއީ ވެސް ހަމައެކަނި ތާރީޚީ ޒިންމާއެއްކަމަށް ނުބެލެވެއެވެ. އެ ކަމަކީ އެ ދުވަސްވަރުގެ އިތުރަށް ދާދި މިދާކަށްދުވަހާ ހަމަޔަތް އޮތް ކަމެއްކަމަށް ވިއަސް އެ ދުވަސްވަރު ފޫޅުފުޅުން މަތި ނިވައިކުރެއްވުމުން އެ ކަމަނާ ބަރީޢަ ވެވަޑައިގަތުން އެއީ ރާއްޖޭގެ ހުރިހައި އަންހެނުންނަށް ލިބުނު ހިތްވަރެއްކަމުގައި ނޫނީ ނުވާނެއެވެ.

އެ ކަމަނާ ފަޤީރުންގެ ޙާލުބައްލަވައި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ ކަން އެއީ ތާރީޚީ ޙަޤީޤަތެއްކަމަށް ނުވެ ނުދާނެއެވެ. އެންމެނަށް ވެސް އެނގޭނީ އެ ކަމަނާގެ ދީލަތިކަމާއި ހެޔޮފުޅުކަމެވެ. މިދެންނެވި ދީލަތިކަމަކީ، ތާއީދު ހޯއްދެވުމުގެ ދީލަތިކަމެއްކަމަށް ވެސް ބަޔަކު ބުނެފާނެއެވެ. އެހެންވިއަސް ވަރިހަމައެވެ. އެ ދީލަތިކަން އެއީ މިއަދުވެސް ތާއީދު ހޯދުމުގެ ދީލަތިކަމުގެ ޗޭނުގެ ބޮޅެކެވެ. ލިބޭ ބަޔަކަށް އަބަދުވެސް ލިބިލިބި ހުރެއެވެ. މަހުއެއްޗެތިކޮޅު ވެސް ލިބުނުބަޔަކަށް ވަނީ ލިބިފައެވެ. މިއީވެސް ޙަގީގަތުގެ ލޮލެވެ. ޙަގީގަތުގެ ލޮލަށްފެންނަ ފެނުމެވެ. ވެރިކަން ލިބުމާއި ވެރިކަންކުރުމުގެ ތެރެއިން ކަމެކެވެ. (ނުނިމޭ)
                --------------------------
ލިޔުއްވީ: ޢަލީ ނަޞީރު، ޒޫރިޔާގެ/ މަޑަވެލި
15 މޭ 2014މ.