ނާއިބު ތަކުރުފާނަށް މަތިމައްޗަށް މަރުޙަބާ



ކުރީގެ ރައީސެއްކަމަށްވާ މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރު ބަދަލުކުރުމަށްޓަކައި އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ތެރެއިން އެއްވާހަކައަކީ، މަޤާމުތަކަށް މީހުންލުމުގެ ބަދަލުގައި މީހުންނަށް މަޤާމުތައް ދޭވާހަކައެވެ. (ޤާބިލު ވިއަސް ނުވިއަސްމެއެވެ.) ދެތިން ވަޒީފާއޮތް މީހުންގެ ޢަދަދުވެސް ގިނަކަމުގެ ވާހަކަވެސް ދެއްކިއެވެ. އެއީވެސް ޙަޤީޤަތެކެވެ. މިދެންނެވި ދުވަސްވަރު ފާޑުކީ ފަރާތްތަކުގެ ލިސްޓުގައި އަޅުގަނޑުމެންގެ ރަށަށް އުފަން އާދެ! 12/12/2013 ވަނަ ދުވަހު ޓްރާންސް ޕޯރޓް މިނިސްޓްރީގެ ނާއިބުކަން ދެއްވި އަޅުގަނޑުމެންގެ ރަށަށް އުފަން މާލޭގެ ރަޖިސްޓްރީގައި އޮންނަ ބޭފުޅާގެ ނަންފުޅުވެސް ....! އޮޑި ބަދަލުކުރައްވަމުން ވަޑައިގެންނެވި، އެބޭފުޅާ މިހާރު ހުންނެވީ ޕީޕީއެމްގެ ބަނޑު ޕާރޓީ އެއްގައެވެ.

ކޮންމެއަކަސް 2008 ގައި ސަރުކާރު ހިންގުމާއި، އެމްޑީޕީން ޙަވާލުވުމުން، އަނެއްކާވެސް އިވެންފެއްޓީ ހަމަ ކުރީގެ އަޑެވެ. އާދެ! މަޤާމަށް މީހަކުލުމުގެ ބަދަލުގައި މީހާއަށް މަޤާމުދޭންފެއްޓި ވާހަކަދައްކާ އަޑެވެ. ދާއިރާގެ ޢިލްމެއްވެސް ނެތް މީހުންނަށް މަޤާމުތައް ދޭ ވާހަކަދައްކާ އަޑެވެ. ދެން ފެންނަންފެށީ، އެމްޑީޕީގެ އިސް ބައެއް މީހުން ޖޭޕީ އާއި ގުޅެން ފެށި މަންޒަރެކެވެ. ހަމަ މިއާއެކު، އަނެއްކާވެސް ފެންނަންފެއްޓީ ކުރީގެ ރާގަށް ފައިހަމަކޮށް ނެށުންތެރީން ނަށަށް ފެއްޓި މަންޒަރެވެ.

ޕީޕީއެމުން ބުނަމުން ގެންދިޔައީ މަޤާމުތައްދޭނީ ޤާބިލު ފަރާތްތަކަށް އެކަނިކަމަށާއި، ސިޔާސީ މަޤާމުތަކުގެ މުސާރަ ކުޑަކުރާނެ ކަމަށެވެ. ތެދެކެވެ. ޕީޕީއެމަށް ވެރިކަން ލިބުމާއެކު، ސިޔާސީ މަޤާމުތަކުގެ މުސާރަ އުނިކޮށްފިއެވެ. ބަހާއި ޢަމަލު ސީދާކޮށްފިއެވެ. މަޤާމުތަކަށް ލައްވަން ފެއްޓީ ޢިލްމީ ބޭފުޅުންނެވެ. ޕީޕީއެމަށް ވެރިކަން ލިބުނީ ޖޭޕީ އާއި ގުޅިގެންކަމަށްވާތީ ޖޭޕީ ދޫނުކޮށްތިބި (ކުރީގެ އެމްޑީޕީ، މިހާރު ޖޭޕީގެ) މެމްބަރުންނަށްވެސް ޕީޕީއެމް ސަރުކާރުގެ ސިޔާސީ މަޤާމުތައްވެސް ލިބެން ފެއްޓީއެވެ. (އަޅުންނަށް އޮތީ މަސައްކަތްކުރުމެވެ. މަސްބައި ލިބެނީ ރަށުގައި ހުންނަ ކޮރު ދޮންފުތަށެވެ.)

އާދެ! ރަށަށް ނުވަތަ ރަށުގެމީހަކަށް ލިބޭ ކޮންމެ ކުރިއެރުމަކީ އުފާކޮށް މަރްޙަބާ ކިޔަންޖެހޭ ކަމެކެވެ. އެގޮތުން ރަށުގެ ރަޖިސްޓްރީގައި އޮތް ބޭފުޅަކަށް ފަނޑިޔާރުކަން ލިބުމުން އެކަމަށްވެސް އަޅުގަނޑު މަރްޙަބާ ކީމެވެ. ރަށަށް އުފަން ނަމަވެސް ރަށުގެ ރަޖިސްޓްރީގައި ނެތް ޒުވާން ބޭފުޅަކަށް ރައީސް ޑރ.ވަޙީދުގެ ސަރުކާރުން، މިނިސްޓްރީއެއްގެ ނާއިބުކަމުގެ މަޤާމު ދެއްވުމުން އެކަމަށްވެސް އަޅުގަނޑު ވާނީ މަރްޙަބާ ކިޔާފައެވެ. ނަމަވެސް އެބޭފުޅާއަކީ، ރަށުގެ ބޭފުޅެއްކަން ދަންނަނީ ރަށުގެ ކިތައް މީހުންކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެބޭފުޅާއަށްދެއްވީ، ޑީއާރްޕީގެ ސްލޮޓެއްގައިކަމަށް ވިއަސް އެއީ ތަޢުލީމީ ޒުވާނެކެވެ.

އާދެ! ދިވެހީންނާއި ކުރާ މުޢާމަލާތްތަކުގައި ދިވެހި ބަހުން މުޢާމަލާތު ކުރުމަށް ލާޒިމުކުރާ ބިލެއްވެސް ވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. ދިވެހި ބަހުން ރީތިކޮށް ވާހަކަ ދައްކާށާއި، ލިޔެކިޔަން ދަންނަ ދިވެހީންގެޢަދަދު ގިނަވުން އެއީ ނުހަނު ބޭނުންތެރި ކަމެކެވެ. މިއަދު އެންމެންގެ އަތުލިޔުން އެއްގޮތެކެވެ. އެއީ މަސްނޫޢީ އާލާތްތަކުން ލިޔާތީއެވެ.  އެ އާލާތަކީ ކޮންމެފަދަ ވަގުތެއްގައިވެސް މަސްއަލަ ޖެހިދާނެ އާލާތަކަށްވާތީ، ރީތިކޮށް ލިޔަން ދެނެވަޑައިގަންނަވާ ބޭފުޅުން ނާއިބުން ފެންވަރުގެ މަޤާމުތަކުގައި މިނިސްޓްރީތަކުގައި ތިއްބެވުން އެއީ ވަރަށް މުހިންމު ކަމެކެވެ.

މީލާދީން 1980 ގެ އަހަރުތައް ފެށުނު އިރު މާލޭގައި ހުރި އެންމެ ޙަރަކާތްތެރި އެއްތަނަކީ "އެސްއެލްޓީ އެންޑް ހިރްކާން އޭޖެންސީ" އެވެ. ބޯޓުދަތުރުކުރަން މީހުން ފޮނުވާ އެ އޭޖެންސީން އޭރު ކުރި ވަރަށްމުހިންމު އެއްމަސައްކަތަކީ، ވިޔަފާރި އުޞޫލުން ސިޓީ ލިޔެދިނުމެވެ. ކޮންމެއަކަސް 1980 ގެ އަހަރުތައް ނިމުނު އިރު އެ އޭޖެންސީ ވުޖޫދުގައި ނެތްކަމަށް ވިއަސް އެ އޭޖެންސީގެ އެންމެ އިސް ލިޔުންތެރިޔާ އޭގެ ފަހުންވެސް ކޮންމެވެސް ކަމެއް ކުރައްވާނެކަން ޔަޤީނެވެ. މިދެންނެވި ލިޔުންތެރިޔާއަކީ، އަޅުގަނޑުމެންގެ ރަށަށް އުފަން ބޭފުޅަކަށްވާތީ، ސިޔާސީ ގޮތުން ބޭނުންކުރާ ކުންނިއްޔަތަކީ، ރަށުގެ ނަމެވެ. ރަށުމީހުން، އެނގުމާއި، ރަށުމީހުންނަން، އެނގުން އެއީ މުޅީން އެހެންކަމެކެވެ. ސިޔާސީ މުރުއްވަތްތެރީންގެ ކިބައިގައި ހުރުން ލާޒިމުކުރާ އެންމެ މުހިންމު އެއްސިފައަކީ "ކަނޑާކަނޑާ ބަނގަޅީސް" އެވެ. އަދިވެސް އެއްފަހަރު ނާއިބަށް މަރްޙަބާ! މަރްޙަބާ!

ނޯޓް: ކުރިއަށް އޮތީ މީގެ ދެވަނަ ބާބެވެ.
                  --------------------------------------------
ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި