އަލްޙާފިޡު އާދަމް ސަޢީދު


ކީރިތިޤުރުއާން ހިތްޕުޅުން ދަސްކުރެއްވުމާއި ގުޅިގެން ސަރުކާރުން އިމްތިޙާނުކުރެއްވުމަށް ފަހު ރާއްޖެއިން ދެވަނައަށް ޙާފިޡުކަމުގެ ސަނަދު ލިބިވަޑައިގަތީ ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ  ކަނީރުމާގެ، އާދަމް ސައީދަށެވެ. އެއީ މީލާދީ ސަނަތުން 13 ޖޫން  1955 ވީ އަންގާރަ ދުވަހުގައެވެ. ސަރުކާރުން އިމްތިޙާނުކުރެއްވުމަށްފަހު ރާއްޖެއިން ފުރަތަމައަށް ޙާފިޡުކަމުގެ ސަނަދު ލިބިވަޑައިގަތީ ތިމަރަފުށީ  ކޮއްކޮބޭގެ މުޙައްމަދުފުޅަށެވެ. އެއީ މީލާދީ ސަނަތުން 6 ފެބުރުއަރީ 1954 ވީ ހޮނިހިރު ދުވަހުއެވެ. އާދަމް ސައީދުގެ ބައްޕައަކީ ކުދިންނަށް ގުރުއާން ކިޔަވާދޭ އެދުރުބެއެކެވެ. އާދަމް ސަޢީދުގެ އެއްބަޑު އެއްބަފާ ދައްތަ ދެއްވަދޫ ކަނީރުމާގެ، ޙައްވަ މަޢުލޫމާތުދެއްވާ ގޮތުގައި އާދަމް  ސައީދަކީ ކުޑައިރު އެއްވެސް ގޮތަކަށް ކިޔެވުމާއި އެހާ ގަޔާވެގެން އުޅުނު ކުއްޖެއްނޫނެވެ. ނަމަވެސް އެހެންހުއްޓާ އޭނާއަށް ޤުރުއާން އެއްކޮށް ދަސްވެއްޖެކަމަށް ރަށުތެރޭގައި ވާހަކަދެކެވެން ފެށުނެވެ. ބެލެވޭ ގޮތުގައި އާދަމް ސައީދުއަށް ހިތްޕުޅުން ޤުރުއާން ދަސްކުރެއްވުނީ އޭނާގެ ބައްޕަ ކައިރިއަށް ޤުރުއާން ކިޔަވަންދާ ކުދިންނަށް ކިޔަވައިދޭ އަޑު އައްސަވައިގެންނެވެ.
މި ޚަބަރު ގދ.ތިނަދޫ މީހަކަށް އެނގިގެން އޭނާ އާދަމް ސައީދު ތިނަދޫއަށް ގެންގޮސް ވާރުގޭ ބެއްލެވުމުގެދަށުން އެރަށުގެ ކުދިންނަށް ޤުރުއާނު އުނގަންނައިދީ އިމްތިހާނުކުރާ ގެއަށް ގެންގޮސް އިމްތިޙާނު ކުރުމަށްފަހު މާލެއަށް ފޮނުވީއެވެ. މި އިމްތިޙާނު ކުރިއިރު އާދަމް ސައީދަށް އެއްކޮށް ޤުރުއާނު ހިތުދަސްކުރެއްވުނު ނަމަވެސް މަޚުރަޖަށް ކިޔެވުމުގެ ކަންތައް އިތުރަށް ރަނގަޅުކުރުމަށް މާލެ ފޮނުވުނެވެ. މާލޭގައި އާދަމް ސަޢީދު ހުންނެވީ އާދަމް ނަޞީރުގެ ބެއްލެވުމުގެ ދަށުގައި ފެންފިޔާޒުގޭގަ އެވެ. ފެންފިޔާޒުގެއިން ޤުރުއާން މަޚުރަޖަށް ކިޔަވަން ދަސްވުމުން އިމްތިޙާނު ކުރުމަށްފަހު ދިވެހި ސަރުކާރުން ދިވެހިރާއްޖޭގެ ދެވަނަ ޙާފިޡު ކަމުގެ ސަނަދު އާދަމް ސައީދަށް ދެއްވިއެވެ. އެއިރު އޭނާގެ ޢުމުރަކީ 14 އަހަރެވެ. 

 
އާދަމް ސަޢީދު ދެ ކައިވެނި  ކުރެއްވިއެވެ. އެއީ ދެއްވަދޫ ހިތިވިލާގެ، އައިމިނަތު ރަޝީދާ އާއި، ތ.ގުރައިދޫ ބެރުގެ، އައިމިނަތު ޔޫސުފު( އާއްމުކޮށް ކިޔާއުޅޭ ނަމުންނަމަ ދޮންކަނބުލޮ) އާއެވެ. އައިމިނަތު ރަޝީދާއާއި ކައިވެނި ބައްލަވައިގެން ބޭފުޅަކު ލިބިވަޑައިގަތެވެ. ނަމަވެސް އެ ކުއްޖާވަނީ އުމުރުން 2 އަހަރުގައި ނިޔާވެފައެވެ. ނަމަކީ މުޙައްމަދު ސަޢީދެވެ. އާދަމް ސަޢީދު ދެވަނަ ކައިވެންޏަކީ ފެންފިޔާޒުގޭގައި ކިޔަވަން އުޅުއްވި ދުވަސްވަރު އައިމިނަތު ޔޫސުފު އާއި ކުރެއްވި ކައިވެންޏެވެ. މި ކައިވެންޏަށް ބޭފުޅަކު ލިބިވަޑައިނުގަނެއެވެ. އެއަށްފަހު ދެއްވަދޫ މަކުތަބުގައި ކިޔަވައިދޭ މުދައްރިސެއްގެ މަޤާމުގައި ދުވަސްކޮޅެއްވަންދެން އުޅުއްވުމަށްފަހު ދެން ދިރިއުޅުން ބަދަލުކުރެއްވީ ތ.ގުރައިދޫއަށެވެ. އެރަށުގައި ދުވަސްކޮޅެއް ވަންދެން އުޅުއްވުމަށްފަހު އަނެއްކާވެސް ދެއްވަދޫ އަށް ވަޑައިގަތީއެވެ. އާދަމް ސައީދު އަވަހާރަވީ ވަރަށްބޮޑަށް އާލާސްކަންފުޅާ އުޅުއްވުމަށްފަހު މީލާދީން 1961 ވަނަ އަހަރުގައެވެ.  އުމުރުފުޅުން 20 އަހަރުގައެވެ.
ދާދި ފަހަކާއި ޖެހެންދެންވެސް ދެއްވަދޫގެ ބައެއްމީހުން އެކި ކަންކަމުގައ ނަދުރުބުނެ އާދަމް ސަޢީދުގެ މަހާނަދޮށަށް ޒިޔާރަތްކޮށް ފާތިޙާ ކިޔަވައިއުޅުނެވެ. މިގޮތުން ބައެއް މީހުން އެމީހުންގެ ދޯނިފަހަރު މަސްނުބޭނި ގިނަދުވެސް ވެއްޖެނަމަ ނަދުރުބުނެ، އާދަމް ސަޢީދުގެ މަހާނާމަތީ ހުދުދިދަ ޖަހައި އުޅުނެވެ. ޒަމާން ބަދަލުވެ އިންޖީނުއެޅި އުޅަނދުފަހަރުގައި  ދަތުރުކުރިއަސް އޭގެކުރިން ކާބަފައިން ދަތުރުކުރީ ކަތިރިޔާނެގި ދޯނި ފަހަރުގައެވެ. ގިނަފަހަރަށް މާލެދަތުރެއް ނިންމާލެވެނީ މަސްދުވަހުންކަމަށް ވެއެވެ. މާލެގޮސް ވައިނުބައިވެ ރަށަށް  ނާދެވިގެން އުޅޭއިރު ރަށުގައިތިބޭ މީހުން މާލެދިޔަ ދޯންޏަށް ރަނގަޅު ވައިލިބޭތޯ ނަދުރު ބުނެއެވެ. މިގޮތުން ބުނާ ނަޛުރުތަކުގެތެރޭގައި ހިމެނެނީ ވައި ރަނގަޅުވެއްޖެނަމަ އާދަމް ސައީދުގެ މަހާނަދޮށް ކުނިކަހައި، ދޮންވެލިލައި، ހުދު ދިދަޖަހައި އަދި މަހާނަ ވަށައިގެން މީރުވަސްދުވާ އެއްޗަކުން ދުންބުރުވުން، ފާތިހާ ކިޔެވުން، މަހާނައަށް ކާއްޓެއްލުން، މިކަހަލަ ކަމެކެވެ. މީގެ އިތުރުންވެސް ހިތާވެ އިންނަންއުޅޭ އުޅޭ ކުއްޖާއާއި ކައިވެނިކުރެވުން ފަދަ ނޫނީ ރަށަށް ބޮޑު ތިޔާގި ކަމެއް ލިބުން ފަދަ ކަންތައްތައް ވުމުންވެސް ބައެއްމީހުން އާދަމް ސަޢީދުގެ މަހާނަމައްޗަށް ހުދުވެލިލައި ޒީނަތްތެރިކޮށް ހަދައެވެ. އަޅުގަނޑު ހަދާން ހުންނަގޮތުގައި 1996 ވަނަ އަހާރާއި ޖެހެންދެންވެސް ބައެއްމީހުން މިގޮތަށް ކަންތައްކޮށް އުޅުނެވެ. އަލްޙާފިޡު އާދަމް ސަޢީދުގެ މަހާނާ ހުންނަނީ ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތާއި އިންވެގެން ހުންނަ ޤަބުރުސްތާނުގައެވެ.
މަތިވެރި ﷲ އަލްޙާފިޡު އަލްމަރުހޫމު އާދަމް ސަޢީދުގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވާނދޭވެ، އާމީން!
ނޯޓް: 
އާދަމް ސައީދުގެ ފުރަތަމަ އަނބިކަބަލުން ގއ.ދެއްވަދޫ ހިތިވިލާގެ، އަލްފާޟިލާ އައިމިނަތު ރަޝީދާއަކީ ދެއްވަދޫގެ ވަރަށް ގިން ކުދިންނަށް ޤުރުއާން އުގަންނައި ދެއްވި ބޭކަނބަލެވެ. އެއީ އަޅުގަނޑު ވަރަށް އިޙުތިރާމް ކުރާ އަޅުގަނޑުގެވެސް އެދުރު ދައިތައެވެ. އާދަމް ސައީދުގެ ދެވަނަ އަނބިކަބަލުން ތ.ގުރައިދޫ، ބެރުގެ އަލްމަރުޙޫމާ އައިމިނަތު ޔޫސުފަކީ އާދަމް ސަޢީދުއާއި އެކީ ފެންފިޔާޒުގޭގައި ކިޔަވަންއުޅުއްވި އުޅުއްވި ބޭކަނބެލެކެވެ. ފެންފިޔާޒުގެއިން ތަޢުލީމު ޙާޞިލް ކުރެއްވުމަށްފަހު އައިމިނަތު ޔޫސުފު އަދާކުރެއްވި ވަޒީފާތަކަކީ ތ.ގުރއިދޫ އުތުރު އަވަށުގެ އަންހެނުންގެ ކޮމެޓީގެ ރައީސާ ކަމުގެ މަގާމާއި، ފޫޅުމައި ކަމުގެ މަގާމެވެ. އައިމިނަތު ޔޫސުފަކީ ތ.ގުރައިދޫ މީހުން ގަދަރާއި އިޙުތިރާމު ކުރައްވާ ބޭކަނބަލެކެވެ. އައިމިނަތު ޔޫސުފު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ މައްކާގެބިމުގައި ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރެއްވުމުގެ ދަތުރެއްގައެވެ. އޭނާ ވަޅުލެވިފައިވަނީ މައްކާގެ މާތް ބިމުގައެވެ. 

މަތިވެރިﷲ އައިމިނަތު ޔޫސުފުގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން.

މިލިޔުމުގައިވާ މަޢުލޫމާތު ދެއްވާފައިވަނީ ގއ.ދެއްވަދޫ ކަނީރުމާގެ، އަލްފާޟިލާ ޙައްވައާއި ތ.ގުރައިދޫ ބޮޑު ކަތީބު އަލްފާޟިލް އިލްޔާސު އެވެ.
                      -----------------
ލިޔުއްވީ: 
މައުމޫން އިބްރާހީމް ދޭލިޔާގެ/ދެއްވަދޫ