މަޑަވެލީ މޫސިޔާގެ ޢާއިލާއިން - ހަތްވަނަބައި




















ހަވަރު ތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނަކީ،އިސްކޮޅުފުޅުން 6 ފޫޓަށްވުރެ ދިގު، ހަށިކޮޅު ބިޔަ، ގައިގެކުލަކޮޅު މެދުމިނަށްވުރެކަޅު، ޞިއްޙަތު ރަނގަޅު ބޭފުޅެކެވެ. ބައެއްފަހަރަށް މަކަނަށް ފޮށާ ލައްވައިގެން އާދައިގެގޮތަކަށް އުޅުއްވަ އެވެ. މަދުފަހަރަކު ހަމައެކަނި މުންޑެއް އަނދެލައްވައިގެން ވެސް ހުންނަވައިފަ އެވެ. ބޭރުން ހަދާފައިވާ ފައިވާނުގެއިތުރަށް އަމިއްލަފުޅަށް ހައްދަވާ މަރަވަޅި ބޭނުންފުޅު ކުރައްވަ އެވެ. ކޮންމެހެން ދައްކަވަންޖެހޭ ވާހަކަފުޅެއްފިޔަވައި ގިނަވަގުތު ހަނުހުންނެވުން އިސްކުރައްވާ ބަސްމަދު ބޭފުޅެކެވެ. ދުވާލުގެ ބައެއް ވަގުތުތަކުގައި ކަނބުރުގޭގައި މަސައްކަތް ކުރައްވާ ކަނބުރެކެވެ. ވިރުވައިއަޅައި އެކިއެކިތަކެތި ހައްދަވައެވެ. 


ނަގިލި، މާދާ، ދަންމާނު ބުޅި، ކަތިވަޅި، ވަޅި، ފުރޯ، ހަނުފަދަ ކިތައްމެ އެއްޗެއް ޢާއްމުކޮށް ގާތްމީހުންނާއި އަމިއްލަ ބޭނުންފުޅަށް ހައްދަވައެވެ. ލާނދާ ހައްދަވައި، އުއްކަވަ އެވެ. ބޮޑުމަލާފަތް ހެއްދެވުމާއި، ލާފެންކޮށް ލިޔެ ލާޖެއްސެވުމާއި، ދިވެހީންދަންނަ ހުރިހާ ވައްތަރެއްގެ މަސްވެރިކަމަކީ ވެސް އޭނާއަށް ރަގަޅަށް އެނގިވަޑައިގަންނަވާ އަދި ބައެއްފަހަރު މީހުންނަށް ދަސްކޮށްދެއްވުމުގެ ގޮތުންނާއިއެކު ކުރެއްވި މަސައްކަތްތަކެވެ. ހުވަދު އަތޮޅަށް ފެމުނު މަސްވެރިކަމާއި، ކަށިމިޔަރުގެ މަސްވެރިކަން ތަޢާރަފުކޮށްދެއްވީ ވެސް އޭނާއެވެ. އެ ދެ ވައްތަރުގެ މިޔަރު ބޭނޭކަހަލަ ބުޅި ޖަހަން ފެއްޓީ ވެސް އޭނާ އެވެ.

މޮޅުކެޔޮޅެއްކަމަށްބެލެވޭ ޙާޖީ މުޙަންމަދު ކަލޭފާނު ހަވަރު ތިނަދޫގެ 07 ދޯންޏަކަށް އެއްދުވަހު މަސްބާނައި ދެއްވި ކަމަށް ބުނެވެ އެވެ. އެކަންވީގޮތަކީ، އޭނާ މަސްވެރިކަންކުރައްވަން ފުއްޓަރުފަރާތަށް ބޮއްކުރާއެއްގައި ނިކުމެ އުޅުއްވަނިކޮށް ފަރާއި ދާދިގާތުން މަސްވެރީން މަސްބާނަމުން ގެންދަނިކޮށް ފެނިވަޑައިގެން އެތަނުން ދޯންޏަކަށް އަރާވަޑައިގެން މަސްބާނާދެއްވައި، އެދޯނި ފުރުމުން އަނެއް ދޯންޏަށް ވަޑައިގެން މަސްބާނާ ދެއްވައި، އެގޮތަށް ހަތްދޯންޏަށް މަސްބާނާ ދެއްވީއެވެ. އެރަށުން މީހުން ބޭލުމާއި ޖެހެންދެން ވެސް 07 ދޯންޏަށް މަސްބާނައިދެއްވި ދުވަސް ހަވަރުތިނަދޫ މީހުން ފާހަގަކުރަނީ، "ހަތްކުޑައިގެ ދުވަސް" ގެ ގޮތުގަ އެވެ. ގާތްގަނޑަކަށް 150 ވަރަކަށް ފަޅުރަށް އޮންނަ، ހުވަދު އަތޮޅުގެ ހުރިހާ ފަޅުރަށެއްގެ ނަންތަކާއި، އެރަށްރަށް އޮންނަތަނާއި، އަތޮޅުގެ ގިރިފަރު، ކަނޑުއޮޅިތައް ވެސް އޭނާއަށް އެނގިވަޑައިގަންނަވަ އެވެ. އަތޮޅުގެ އެކިވަރުގެ ހައެއްކަ ފަޅުރަށް ވަރުވާއަށް ލިޔުއްވައިގެން އުޅުއްވި އެވެ.

މުޙައްމަދު ކަލޭގެފާނަކީ، ތިލޭރުވެރިކަމާއި، އެކިވައްތަރުގެ ވަޑިކަމާއި، ބޭސްވެރިކަމާއި،  ނަކަތްތެރިކަމާއި، އަދި ފަންޑިތަވެރިކަން ވެސް އެނގި ވަޑައިގަންނަވާ ބޭފުޅެކެވެ. ތާރީޚީ މަޢުލޫމާތުތަކާއި، މާލެއާއި އަތޮޅުގެ ބޮޑެތި ޢާއިލާތަކުގެ ވަނަވަރާއި،އެޢާއިލާތަކާއިގުޅޭ މުހިއްމު މަޢުލޫމާތު ހޯއްދަވައި، އެއްކުރައްވައި، ލިޔުއްވި އެވެ. އަތޮޅުގެ ބޮޑުނާއިބުކަމާއި، ހަވަރުތިނަދޫ އިސް ކަތީބުކަންކުރެއްވި އެވެ. ބޭރުދަތުރުކުރާ ދެއޮޑިއާއި، އެތެރޭގެ މަސްވެރިކަމާއި، އެހެނިހެން ކަނޑުދަތުރުކުރާ އެކިވަރުގެ ހަތަރުފަސް އުޅަނދު ގެންގުޅުއްވި އެވެ. މިކަންކަމާއެކު ވަގުތުގައި ފަރުޟުނަމާދު އަދާއަށްކުރެއްވުމަށް އިސްކަންދެއްވިއެވެ. އަދި އޭނާއަކީ، އެޒަމާނުގައި ވަރަށް މަޝްހޫރު މުއްސަންޖަކަށް ވުމާއެކު ވެސް  ޢާއްމުކޮށް ފަރިއްކުޅުއްވަނީ، ރާބޮޅާއިން ކައްކާ ކިރުގަރު ދިޔައާއި، ހިއްކި ބަނބުކޭލެވެ.

އާދެ!  މުޙަންމަދު ކަލޭފާނަކީ، އޭރުވެސް މިހާރުވެސް ހަވަރުތިނަދޫއާއި، މަޑަވެއްޔާއި، ހޯޑެއްދޫއަށް ނިސްބަތްވާ އެންމެ ޢާއިލާ ބޮޑު އަދި އަވަހާރަވުމާއި ހަމަޔަށް ވެސް އެންމެގިނަބަޔަކު ބޯލެނބި، އަދި އެންމެގިނަ ދުވަހު އަތޮޅުގެ އެންމެ އިސްވެރިކަން ކުރެއްވި ޝަޚުޞިއްޔަ ތެވެ. އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު، މުޙައްމަދު ކަލޭގެފާނާއި އެކީގައި ކުރެއްވި އައްޑޫ ދަތުރުފުޅުގައި ފަހަރެއްގައި، އަމީރު އަމީނަށް އެނގިވަޑައިނުގެން އޮތުން އެކަށީގެން ވިޔަސް ޙާޖީ މުޙައްމަދު ކަލޭގެފާނަކީ، އެދުވަސްވަރު ރާއްޖެއަށް ވެސް ވަރަށް މަޝްހޫރު ވަރަށް ކުޅަދާނަ، މޮޅު މާލިމީ އެކެވެ. އެފަހަރު އަމީން ދީދީ ދަތުރުފުޅު ކުރެއްވީ، މުޙައްމަދު ކަލޭގެފާނުގެ ދޯންޏެއްގައެވެ. ދަތުރުގެ މާލިމީއަކަށް ގެންދެވީ ހަވަރުތިނަދޫ އާދަމްތަކުރުފާނު (ރެހެނެބޭ) އެވެ. ޙާޖީ މުޙަންމަދު ކަލޭފާނަކީ، އޭނާގެ ޒަމާނުގައި މާލޭގައިއޮތް ވެރިކަމުގެ އެންމެ އިސް ބޭފުޅުންނާއި އެހެނިހެން ބޮޑުންނާއި ވެސް ގުޅުން ބޮޑު ބޭފުޅެކެވެ. ޚާއްޞަކޮށް އަތިރީގޭ އިބްރާހީމްދޮށިމޭނާ ކިލެގެފާނާއި، ޢަބުދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނާއި، އެކިލެގެފާނުގެ އަނބިކަނބަލުންނާއި، ބޭފުޅުންގެ ވަރަށް ގާތް ބޭފުޅެކެވެ. ރަންނަބަޑޭރި ކިލެފާނުގެ އަނބިކަނބަލުން ދޮންގޮމާއަކީ، ނޫރައްދީން ބަންޑާރައިންގެ ދަރިކަނބަލުން ނެވެ. އޭރުގެ ރަދުން އައްސުލްޠާން މުޙައްމަދު ޝަމްޝުއްދީންގެ ކޮއްކޯފުޅެވެ. މިހެންކަމުން ޙާޖީ މުޙައްމަދު ކަލޭގެފާނަކީ، ރާއްޖެތެރޭގައި އޭރު ބާރުހުރި، ޤަދަރުވެރި، ބޭފުޅެކެވެ.

ޙާޖީ މުޙައްމަދު ކަލޭގެފާނު މާލެވަޑައިގަންނަވާ ކޮންމެ ދަތުރުފުޅެއްގައި ރަސްގެފާނުގެ ފައިންޕުޅު ދެކެވަޑައިގަތުމަށް ގަނޑުވަރަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހުގައި، ކަލޭގެފާނާއި އިސްތިޤްބާލް ކުރެއްވުމަށް ގަނޑުވަރުގެ ދޮރޯށިދޮށަށް އޭރުގެ ރަދުން (މުޙައްމަދު ޝަމްޝުއްދީން) ނުކުމެ ވަޑައިގަންވާތަން ފެނިފައިވާކަމަށް ގދ.ތިނަދޫ ޖޭނެސްޓް ޢަލީ ޤާސިމް (ރެއްކާބެ) ބުނުއްވައިފައިވާކަމަށް ރެއްކާބެއްޔާގެ މުޙައްމަދު ޒުހޭރު މަޢުލޫމާތު ދެއްވި އެވެ. ޒުހޭރުގެ ބައްޕައަކީ، މުޙައްމަދު ކަލޭގެފާނުގެ އޮޑި "ފަތުޙުލް ޢިނާޔަތު"ގެ ދަންޑެހެލެވެ. އަދި މުޙައްމަދު ކަލޭގެފާނު، ރަދުންގެ އަރިހަށް ގަނޑުވަރަށް ވަޑައިގަތުމުން ގަނޑުވަރުން ދިމާވާ ޚައްދާމުންނާއި، އެކިވަރުގެ ބެއިކަލުންނާއި، ބޮޑުންގެ ބޭފުޅުންވެސް މުޙަންމަދު ކަލޭގެފާނަށް އިޙްތިރާމް އަދާކުރެއްވުމަށް އެވަގުތަކު އިށީނދެތިއްބެވިނަމަ ތެދުވަންނަވައި، ސަލާމްކުރައްވައި، އުޅުއްވަ އެވެ. އެގޮތަށް އެކަންތައްކުރައްވަނީ، ހުވަދޫ ވާރުވެރިންނަކީ، އެހެން އަތޮޅުތަކާއި ޚިލާފަށް ރަސްކަމުގެ ފަރާތުން ޚާއްޞަ ގަދަރެއް ދެއްވާފައިވާ ބޭފުޅަކަށްވާތީއާއި އަދި ޙާޖީ މުޙައްމަދު ކަލޭގެފާނަކީ، އާދަޔާއިޚިލާފު ޝަޚުޞިއްޔަތަކަށް ވާތީ ވެސް މެ އެވެ.

ޝަމްޝުއްދީން ރަދުންނާއި، އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި، ޢަބުދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނާއި، އަލްއަމީރު ޙަސަން ފަރީދުދީދީގެ ބާރުފުޅު ވެރިކަމުގެތެރެއިން ނެތިގޮސް، އެބޭފުޅުންގެ ޚާންދާނަށް ނިސްބަތްވެ ވަޑައިގަންނަވާ އަލްއަމީރު މުޙައްމަދު އަމީނަށް ވެރިކަމުގެ ބާރުތައް ލިބިވަޑައިގަތުމުން މުޙައްމަދު ކަލޭގެފާނާއިމެދުގައި މުލީގެއިން (ރަދުން) ނާއި އަތިރީގެއިން (ބޮޑުވަޒީރު) ބަހައްޓަވަމުން ގެންދެވި ގާތްކަން އަލްއަމީރު މުޙައްމަދު އަމީން ބެހެއްޓެވިކަމަކަށް ނުބެލެވެ އެވެ. ވެރިއެއްގެ ގޮތުން ދަށުގައި ހުރި މީހަކާއިމެދުގައި ވިޔަސް ވެރިމީހާގެ ވާޖިބެއްގެ ގޮތުން، ކުރަންޖެހޭ ކޮންމެކަމެއް ކުރުން އެއީ ރަގަޅުކަމެކެވެ. އަދި އެކަމަކީ، ކުރަންޖެހޭނެކަމެ ވެސް މެ އެވެ. ނަމަވެސް މީހެއްގެ އިޙުސާންތެރިކަން ބޮލާލައިޖަހައި، ކަމަކަށްވާ ކަމަކާނުލައި އެމީހާ ދަށުދަރަޖައަކަށް ނިކަމެތި ކޮށްލައި، ފަޟީޙަތްކޮށް، ހޭރުވުމަކީ، އިސްލާމަކު ކޮށްގެންވާނޭ ކަމެއްނޫ ނެވެ. މިހެނީ، މުޙައްމަދު އަމީންގެ ޢިއްޒަތްތެރި މާތް ކާފާފުޅު އަލްއަމީރު އިބްރާހީމް ދޮށިމޭނާކިލެގެފާނު، މާލޭގެ ބޮޑުހުޅުގެ ޙާދިސާގައި ޤައިދީއެއްގެގޮތުން ނިކަމެތި ޙާލުކޮޅެއްގައި އައްޑޫ އޮޑިއަކުން އައްޑުއަށް ފޮނުވާލެއްވި ދަތުރުގައި ހުވަދު އަތޮޅާއި ހަމައިން ވިއްސާރަވެ، ކަނޑުގަދަވެ،ދަތުރުކުރެވޭވަރު ނުވެގެން ދެފޮއިދުވަހާ ގާތަށް ހަވަރުތިނަދޫގައި އޮޑި ބަނދަރުކުރަން ޖެހުނެވެ. އޭރުވެސް ހުވަދު އަތޮޅުގެ ވާރުވެރިއަކީ، ޙާޖީ މުޙައްމަދު ކަލޭގެފާނެވެ.

ޤައިދީއެއްގެ ގޮތުގައި ދާއިމަށް ފައިންޕުޅުގައި ހިލިހިލާ ޖައްސަވައި، އޮޑީގައި އޮންނެވި އިބްރާހީމް ދޮށިމޭނާކިލެގެފާނަކީ، ސަރުކާރުގެ ވިދާޅުބަސްފުޅެއް، އަމުރުފުޅެއްނެތި، މީހަކަށް ބަޔަކަށް ހެވަތައި ކައިރިވާން ވެސް ލާހިކު ކުޅަދާނަ ނުވާވަރުގެ ސިޔާސީ ކުށްވެރިއެކެވެ. ނަމަވެސް ވިއްސާރައިގެ ގަދަވަޔާއިއެކު އޮޑި ހަލުވައި، ކިލެގެފާނުގެ ޙާލުކޮޅު އިތުރަށް ބޮޑުވެދާނެތީ، މުޙައްމަދު ކަލޭގެފާނު ވަޑައިގެން އެކިލެގެފާނު ހަވަރުތިނަދޫއަށް ބާލުއްވައި އެރުއްވުނު ދަރަޖައަކުން ޢިއްޒަތް އަރުއްވައި ހެޔޮކޮށްހިތްތަވައި އަރިސް ގޮތެއްގައި ގެންގުޅުއްވި އެވެ. އަދި އައްޑު އަތޮޅުގައި ހުންނެވި ދުވަސްވަރު ވެސް ކިލެގެފާނާއި، ޙާޖީ ކަލޭގެފާނު ވަރަށް ގާތްގުޅުމެއް ބޭއްވެވި އެވެ.

ޙާޖީ މުޙައްމަދު ކަލޭގެފާނާއި، އޭރުއޮތް ވެރިކަމާއި ދެމެދުގައިއޮތް އިތުބާރަކާއި ގުޅުންތެރިކަމެއްގެ ބޮޑުކަމުން މިކަން ޙާޖީ މުޙައްމަދު ކަލޭގެފާނު ކުރެއްވި ނަމަވެސް، މިކަމަކީ، އެހެންމީހަކަށް ނުވަތަ  ބަޔަކަށް އޭރު ކުރިކަމެއްނަމަ އެކަންވާނީ، ޤަތުލު ވާޖިބު ހިސާބުގެ ކަމަކަށެވެ. އެކަންއޮތީ، އޭރު އެހެންކަން އެންމެ ރަގަޅަށް އެގިވަޑައިގަންނަވާ އެއްބޭފުޅަކީ ވެސް ޚޮދު އިބްރާހީމް ދޮށިމޭނާ ކިލެގެފާ ނެވެ. އެކަން ފަހުން ވެސް އެކިލެގެފާނު ދެނެވަޑައިގަންނަވަ އެވެ. ދެނެވަޑައިގަންނަވާކަން ބަހާއި ޢަމަލުން ސާބިތުކޮށްދެއްވި އެވެ. އެކިލެގެފާނުގެ ބޭފުޅުން ދެނެވަޑައިގަންނަވަ އެވެ. އަދި ކާފަ ބޭފުޅުން ވެސް ދެނެވަޑައިގަންނަވަ އެވެ. ނަމަވެސް އެކިލެގެފާނުގެ ދަރިކަލުން އަލްއަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް އެކަން އެގިވަޑައިގަންނަވާކަމަށް ބެލެވޭކަށް ނެތެވެ. އަދިކީއްތޯއެވެ. ދިވެހި ތާރީޚް ހެކިދެނީ، އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިހެނީ، އަލްއަމީރު މުޙައްމަދު އަމީނަށް ދައުލަތުގެ އިސް ބާރުތައް ލިބިވަޑައިގަތީ، އަލްއަމީރު ޙަސަން ފަރީދު އަވަހާރަ ވުމުން ނެވެ. ބާރުތައް ލިބިވަޑައިގަތީ، އެބާރުތައްދެއްވަން ޢަބުދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ވެސް ބޭނުންފުޅުވެ ވަޑައިގަންނަވާތީ އެވެ. ނަމަވެސް އެހިސާބުން ޢަބުދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ދޮށީ ދަރިކަލުން އަލްއަމީރު މުޙައްމަދު ފަރީދު (ފަހުން ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލްއައްވަލް) އާއި މެދުގައި ވެސް އަލްއަމީރު މުހައްމަދު އަމީނު ކަންކުރެއްވީ އެންމެރަގަޅަށް ނޫންކަމަށް ދިވެހި ތާރީޚުން ސާފުކޮށްއެނގެ އެވެ. 

އަލްއަމީރު މުޙައްމަދު ފަރީދާއި، އަލްއަމީރު މުޙައްމަދު އަމީނަކީ، ދެބެންގެދެދަރި ބޭފުޅުންނެވެ. ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ޙަޔާތުގެ ފަތްފުށްތައް ފިޔަވައި، އެހެނިހެން ފަތްފުށްތައް ނިގުޅައި، ބަލައި، ކިޔައިހެދުމަކީ، މިތާގައި އަޅުގަނޑު ކޮންމެހެން ކުރަންވީ ކަމެއް ކަމަށް ނުދެކެ މެވެ. ޙާޖީ މުޙަންމަދުކަލޭފާނު އަވަހާރަވީ ދެވަނަ ފަހަރަށް ޙައްޖަށް ވަޑައިގަތުމަށް މާލެއަށް ވަޑައިގެން އުޅުއްވަނިކޮށް ކުއްލި އާލާސްކަންފުޅެއް ޖެހިވަޑައިގެން، ޢުމުރުފުޅުން ގާތްގަނޑަކަށް 72 އަހަރުފުޅު ހާތާގަ އެވެ. ނަމަވެސް ޞިއްޙަތު ރަނގަޅުވެފައި ހަށިކޮޅު ފެންނަނީ ދުޅަހެޔޮކޮށްނެވެ. އަޅުގަނޑު ކުރިން ވެސް ލިޔެފައިވާނެ ފަދައިން އާލާސްކަންފުޅަށް ބޭސްކޮޅު އެރުވީ އޭރުގެ މަޝްހޫރު ބޭސްވެރިއެއް ކަމަށްވާ، މުޙަންމަދު ކަލޭގެފާނާއި ދެބެންގެ ދެދަރި ދައްތައަކަށް މާމަ ވިދާޅުވާ ހަވަރުތިނަދޫ/ކޭވަކުގޭ ޙަކީމް ޙުސޭން ޢަފީފެވެ. ޙާޖީ މުޙަންމަދު ކަލޭގެފާނު ފަސްދާނުލެވުނީ، (އޭނާގެ އަންހެން ބޭފުޅެއްކަމަށްވާ ޙައްވާފާނުގެ މަހާނަޔާއި ޖެހިގެން) މައްޗަންގޮޅީ އާމިސްކިތުގެ ޤަބުރުސްތާނުގަ އެވެ. އެއީ މިހާރު މއ.ބާބުލްއަވާލީއާ، ސްޓާރޝެލް އެހުރި ކޮއްޓެވެ.



ޙާޖީ މުޙަންމަދު ކަލޭފާނާއި، ދެކުނުގޭ ދޮންމަނިކު

މި ލިޔުމުގައި އަޅުގަނޑު ފާހަގަކޮށްފައިވާ، އަލްމަރުޙޫމް ޙާޖީ މުޙަންމަދު ކަލޭފާނު ހުވަދުއަތޮޅަށް ކޮށްދެއްވި އެންމެ އަގުހުރި ޚިދުމަތަކީ، އަތޮޅުގެތައުލީމަށްޓަކައި އޭނާކޮށްދެއްވި ޚިދުމަތްކަމަށް ބަޔާންކޮށްފައިވާނެއެވެ. އަދި އެޚިދުމަތުގެ މޭސްތިރިއަކީ، އައްޝޭޚް އަލްމަރުޙޫމް މުޙަންމަދު ފަހުމީ ފާއިޒް (ދެކުނުގޭ ދޮންމަނިކު) ކަމަށް ވެސް ލިޔެފައިވާނެ އެވެ. ވީމާ، މި ފޮތް ނިންމާލުމުގެ ކުރިން އޭނާއާއި ބެހޭގޮތުން މަޢުލޫމާތުކޮޅެއް ލިޔެލުމަކީ، މުހިންމު ކަމެއްކަމަށް ދެކެމެވެ. އާދެ! ދޮންމަނިކު ތަޢުލީމު ޙާޞިލްކުރެއްވީ އައްޝޭޚް ޙުސައިން ޞަލާޙުއްދީން އަރިހުންނެވެ. އޭނާއަކީ، އެނދުރުންނަށްވުރެ ދަރިވަރުން މޮޅުވާނެޔޭ ބުނާބަހު ފުރިހަމަ މިޘާލެކެވެ. ޢަރަބިބަހާއި، އެބަހުގެ ޤަވާޢިދުގެ ތެރެއަށް ދޮންމަނިކަށް ވެދެވަޑައިގެންނެވިފައިވާ މިންވަރު އެނގުނީ، ޢަރަބި ބަހުން އޭނާ ހެއްދެވި ޅެމެއްގެ ސަބަބުންނެވެ. އާދެ! އެ ޅެމުގެ ނަމަކީ "މާލިލްކަވާކިބް" އެވެ.

ދޮންމަނިކު ޢިލްމީ އަދި ދީނީ ބަޙުޘްތަކުގައި، ވަޒީރުލްޙައްޤާނިއްޔާ އައްޝޭޚް ޙުސައިން ޞަލާހުއްދީނާއި، ދޮންމަނިކާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެ އެކަން ޙައްލުކުރެއްވުމުގެ މައްސަލަ، އޭރުގެ ރަދުން އައްސުލްޠާން މުޙަންމަދު ޝަމްސުއްދީންގެ އަރިހަށް ހުށަހެޅިއްޖެ އެވެ. މިދުވަސްވަރު ހުވަދު އަތޮޅުގެ އަތޮޅުވެރިޔާ ޙާޖީ މުޙަންމަދު ކަލޭފާނު މާލެ ވަޑައިގެން އާދަކާދައިގެމަތީން އަތޮޅުގެ ޙާލުއަޙުވާލު ދެންނެވުމަށް ރަސްގެފާނު އަރިހަށް ވަޑައިގެން އަތޮޅުގެ ތަޢުލީމީ ކަންކަން ރަނގަޅުކުރަން ބޭނުންފުޅުވާވާހަކަ ދެންނެވުމުން ފުރުޞަތުގެ ބޭނުން ހިއްޕަވައި، އަތޮޅުވެރިޔާއާއެކު، ދޮންމަނިކު ހުވަދުއަތޮޅަށް ފޮނުއްވީއެވެ.

އަލްމަރުޙޫމް ދެކުނުގޭ ދޮންމަނިކު ހަވަރުތިނަދުއަށް ވަޑައިގަތުމުން އޭނާގެ ނާޒިރުކަމުގެދަށުން ކިޔަވައިދެއްވުމަށް ހުޅުވުނު މަދަރުސާއަކީ "މަދަރުސަތުލް އަސްބާޙް" އެވެ. އެ މަދަރުސާ ހުޅުވުނީ، ޖުމާދަލްއާޚިރާ 15، 1351ހ. (އޮކްޓޫބަރ 16، 1932މ.) ގަ އެވެ. (ފަހުން އެއީ މަދަރުސަތު ސުބުލައްސަލާމާއި އަދި މަދަރުސަތު އަމީރު އިބްރާހީމް އެވެ.) އެދުވަސްވަރު ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގައި ވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވި އެންމެންނަކީ ވެސް ދޮންމަނިކުގެ ނާޒިރުކަމުގެ ދަށުން އޭނާ އުފެއްދެވި ޢިލްމުވެރީންނެވެ. އެގޮތުން ހަވަރުތިނަދޫ/އަބްހަރީގޭ އިބްރާހިމް ރަޝީދަކީ، ދޮންމަނިކުގެ ވަރަށް އިސް ދަރިވަރެކެވެ. އިބްރާހީމް ރަޝީދަކީ، ޤްރުއާން ހިތުދަސް އަދި މޮޅު ޝާޢިރެކެވެ. މަޑަވެލީ ކަނޑުފެންނަގޭ އަލްމަރްހޫމް ޢަބްދުލްކަރީމް ޔޫސުފް (ކަރީމްބެއްޔާ) އަކީ ވެސް މޮޅު ޢިލްމުވެރިއެކެވެ. ކަރީމްބެއްޔާގެ ޝަރަޙަ ކޮށްދިނުމުން އެކަނި ވެސް ޢަރަބިބަހުގެ ޤަވާޢިދުތަކަށް ދޮންމަނިކަށް ވެދެވަޑައިގެންނެވިފައިވާ މިންވަރު އަޅުގަނޑަށް އެނގެއެވެ. ކަރީމްބެއްޔާއަކީ، އަޅުގަނޑުގެ އުސްތާޒެކެވެ.

ދުވަސްކޮޅަކަށް ގދ.ވާދޫގައި ވެސް ދޮންމަނިކު ކިޔަވައިދެއްވަން އުޅުއްވި އެވެ. އެދުވަސްވަރު ހެއްދެވި ދިވެހި ބަހުގެ ބަސްފޮތުގެ ނަމަކީ "ބަސްދަބަސް" އެވެ. އެ ފޮތުގެ ދީބާޖާ ފައްޓަވާފައިވަނީ، އިސްކޮށް ބިސްމި ކުރީލައި މި ޢިބާރާތުންނެވެ. ތަރުޖަމާކުރުމުގެ ރޮނގުން މަޝްހޫރު ގައްދޫ ރަޝީދަކީ، ދެކުނުގޭ ދޮންމަނިކުގެ މުސްޠަފާ ރަޝީދުގެ ބޭފުޅެކެވެ. މުސްތަފާ ރަޝީދުގެ މަންމައަކީ، ސިއްކަ ދޮންޙުސައިން ތައްޚާނުގެ މަރިޔަމް މަނިކެފާނުގެ ދޮންމަނިކެ އެވެ. (މި ދޮންމަނިކެގެ އިތުރު ތަފްޞީލް "ސިއްކަގޭ ދޮންޙުސައިން މަނިކުފާނުގެ ލިޔުއްވުންތައް "މި ފޮތުގެ 15 ވަނަ ޞަފްޙާއިން ފެށިގެން 29 ވަނަ ޞަފާޙާއާ ދެމެދު ލިޔެފައިވާނެ އެވެ.) ދޮންމަނިކު، މަޑަވެލީގެ ގޮއި ލިއުއްވައިގެން އެރަށުގައި ހުންނެވި ދުވަސްވަރު ކައިވެނި ބައްލަވައިގަތީ އެރަށު އަދުންގޭ (މަތިއޮއްޅާ) ދޮންކަމަނާ އާއި އެވެ. މިކައިވެނީގެ ދަރިއަކީ ފާޠިމާމަނިކެ ރަތްލިލީގެ/ މާތޮޑާ އެވެ. މީނާގެ ދަރިންނަކީ ނިޢުމަތު އިބްރާހީމް، ރަމްލާ އިބްރާހީމް، އަދި ރަޙުމާ އިބްރާހީމެވެ.

ދެކުނުގޭ ދޮންމަނިކު މާތޮޑާއިން ކައިވެނިކުރެއްވީ ތިރުގޭ ބޮޑުދޮންބެއްޔާގެ ދޮންމަރިޔަމްއާއި އެވެ. މިކައިވެނީގެ ދަރިންނަކީ އައިސާމަނިކެ، އަދި އާމިނާމަނިކެ އެވެ. މާތޮޑާ ގާޟީކަން ކުރެއްވި އަލްފާޟިލް އާދަމްމަނިކަކީ އާމިނާމަނިކެގެ ދަރިއެކެވެ. 
(ނުނިމޭ)