ސޮއި ނުކުރެވުނު ސިޓީ


ދިވެހި ރާއްޖޭގެ މީހުން އުޅޭ ރަށެއްގެ އުތުރު ފަރާތު އަތިރިމަތިން އެރަށުގެ މީހަކަށް ގޯއްޗެއް ދީފިއެވެ. މިގޯތީގެ ބޮޑުމިން ހަމަވަނީ ގޮނޑުދޮށުން ބަޔަކާއެކުއެވެ. މިހިސާބާއި ތަންކޮޅެއް ދުރަށް ކުދި ދޯނިފަހަރު އެހިލައެވެ. ބޮޑެތި ދޯނިފަހަރު އެހިލަނީ ރަށުގެ އިރުމަތީ ފަރާތު އަތިރިމައްޗަށެވެ. ރަށުގެ މޫނުމައްޗަކީ ވެސް މިފަރާތެވެ.

މިގޯތި ދިނުމުން އެކަމާއި ހިތްހަމަ ނުޖެހިގެން ދެތިން މީހަކު، އެކި މީސްމީހުންގެ ގާތުގައި ވެސް އެވާހަކަ ދައްކަމުން ދެޔެވެ. މިދެތިން މީހުންނަކީ، އެކި ކަންކަމާއި ގުޅިގެން ރަށުގެ އެކި މީސްމީހުންނަށް ޝަކުވާގެ ސިޓީ ލިޔެދީ، އެސިޓީތައް ސަރުކާރުގެ އޮފީސްތަކަށް މާލެއަށް ފޮނުވާ ބަޔެކެވެ.  

މިގޯއްޗެއް ދިނުމާއި ގުޅިގެން އެބަޔަކު ބުނަމުން ދިޔައެވެ.

މިއީ ރަށުގެ ކަތީބު ކަލޭގެ ހިންގި ބޮޑު ޖަރީމާއެކެވެ. އެގޯތި ލިބުނު މީހާ އަތުން ކަތީބަށް ލިބުނީ ކިހާވަރެއްކަން ވެސް ނޭނގެއެވެ. ވަރަށް ބޮޑު އެއްޗެއް ލިބިގެން ނޫނީ އެކަލޭގެ މިކަމެއް ނުކުރާނެއެވެ. އަނެއްކާ މިވާހަކަ އަތޮޅުވެރިންނާއި ހަމަޔަށް ގެންދެވޭނޭ ގޮތެއް ވެސް ނެތެވެ. މީގައި އަތޮޅުވެރިންގެ ބައިވެރިވުން ނެތް ކަމެއް ވެސް ނޭނގެއެވެ. އަތޮޅުއޮފީހުގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ރަށަކުން ގޯއްޗެއް ނުދެވޭނެއެވެ. އެހެންވީމާ، މިވާހަކަ ވާނީ މާލެއަށް ގެންދާށެވެ.

މިބަޔަކު، މިގޯއްޗާއި ގުޅޭ ޝަކުވާގެ ސިޓީ ލިޔެ، އެސިޓީގައި މީހަކު ލައްވައި ސޮއި ކުރުވުމަށް އެއްރެޔަކު، އެރަށު ގެޔަކަށް އައުމަށް ތިން ހަތަރު މީހަކަށް ދަޢުވަތު ދީފިއެވެ. އެމީހުން އައުމުން ސިޓީ ލިޔުނު މީހުން، ސިޓީ ކިޔައިދީފައި ކޮންމެވެސް މީހަކު ސިޓީގައި ސޮއިކުރަން ބުނީމާ އޭގެ ތެރެއިން އެކަކު ބުންޏެވެ.

"އަހަރެން މިއައީ މިރޭ މިގެޔަށް ޖައްސާލާށޭ މީހަކު ގޮސް ބުނީމައެވެ. ސިޓީއެއްގައި ސޮއިކުރާ ވާހަކަ އެމީހާ ނުބުނެއެވެ. މިރަށުގެ އެކި ތަންތަނުން ގޯތި ދެވޭނޭ ބިން އޮތްއިރު އެއިން ތާކުން ބޭނުން މީހަކަށް ގޯތި ލިބެއެވެ. އަނެއްކާ ތިޔަ ގޯއްޗެއް ދިނީ، ގޯތި ނުދޭން ހަމަޖައްސާފައި އޮތް ތަނަކުން ވެސް ނޫނެވެ. އަދި އެތަނުން ގޯއްޗެއް ހޯދަން އެހެން މީހަކު ބޭނުންވެގެން ވެސް ނޫޅެޔޭ، ރަށުއޮފީހުގެ މީހަކު ބުންޏެވެ. އެހެންވީމާ، ތީގައި ސޮއިކުރާކަށް އަހަންނަކަށް ނުކުރޭނެއެވެ."

އަނެއް މީހާ ބުންޏެވެ.

ރަށުގެ ކަތީބާއި އަތޮޅުވެރިންނާއި ގުޅޭ ކަމެއްގައި ސިޓީ ލިޔަން ވާނީ ފުރަތަމަ ޕްރޮވިންޝަލް އެފެއާޒަށް، މިނިސްޓަރު ޙަސަން ޒަރީރަށެވެ. ސިޓީ ލިޔެފައި ތިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރަށެވެ. ތީގައި ހުރީ ހަމައެކަނި އެގޯއްޗެއްގެ ވާހަކަނޫނެވެ. އެހެން ވާހަކަތަކެއް ވެސް ތީގައި އެބަ ހުއްޓެވެ. ކަތީބަކީ އޭނާގެ ބައްޕައާއި އަނބިމީހާއަށް މިހާރުވެސް ވަރަށް ނުބައި ނުލަފާ މީހެކޭ، އަދި އޭނާ ކޮލިގެޔަށް ދަރާފައި އެބައޮތޭ ވެސް، ލިޔެފައި އެބަ އޮތެވެ. މިކަހަލަ ވާހަކަތައް ހުންނަ ސިޓީއެއްގައި ސޮއި ކުރާކަށް ނުވާނެއެވެ."

ދެން ހުރި މީހާ ބުންޏެވެ.

"ރައީސް އޮފީހަށް އެންމެ ގިނަ ޝަކުވާގެ ސިޓީ ފޮނުވަނީ މިރަށުންނޭ އަތޮޅުއޮފީހުގެ މީހަކު ބުންޏެވެ. އެއޮފީހަށް ލިބޭ ސިޓީގައި ސޮއިކޮށްފައި ވަނީ ކާކުތޯ ބެލުމަށް އަތޮޅުއޮފީހަށް އެންގެވުމުން، އެކަން ބަލާއިރު މިރަށުގައި ނުހުންނަ ގޭގޭގެ އެޑްރެހާއި މިރަށުގައި ނޫޅޭ މީހުންގެ ނަމުގައި ވެސް ސިޓީ ހުރެއެވެ. މިސްކިތްތަކާއި ބޯޅަދަނޑުގެ އެޑްރެހުގައި ވެސް ސިޓީ ހުރެޔޭ އަތޮޅުއޮފީހުން ބުންޏެވެ.

އަދި ގިނަ ބަޔެއްގެ ނަމުގައި ލިޔެ ސޮއިކޮށްފައި ހުންނަ ސިޓީއެއްގައި ސޮއިކުރީ އެމީހުންތޯ ބަލާއިރު އޭގެ އެކަކުވެސް ސޮއި ނުކުރާ ވާހަކަ ބުނެއެވެ. މިކަހަލަ ކަންކަން ކުރާކަށް ނުވާނެއެވެ."

އަނެކަކު ބުންޏެވެ.

"މިރަށުން ރައީސް އޮފީހަށް ފޮނުވާ ބައެއް ސިޓީތަކުގެ ކޮޕީ ފޮނުވާ ކަމަށް ވަނީ، އެކަމާއި ނުވެސް ބެހޭ ތަންތަނަށެވެ. ޕޯޓް ކޮމިޝަނަށާއި، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމެންޓަށާއި، ނީލަން ފިހާރައަށާއި، މުނިސިޕަލްޓީއަށް ވެސް، ސިޓީގެ ކޮޕީ އެބަ ލިބެއެވެ.

ދޮގު ޝަކުވާގެ ސިޓީ ރައީސް އޮފީހަށް ފޮނުވީމާ ވަމުންދާ ގޮތް އެބަ ފެނޭ ނޫން ހެއްޔެވެ. އެޒާތުގެ  ސިޓީގައި ސޮއިކޮށް ފޮނުވާ މީހަކީ ދެކުނުގެ މީހެއްނަމަ، އުތުރުގެ ރަށަކަށް، އުތުރުގެ މީހެއް ނަމަ، ދެކުނުގެ ރަށަކަށް ފޮނުވާލަނީއެވެ. މަގޭ އަނބިދަރިންނާއި ވަކިން އުތުރަށް އަރުވާލެވެން މަށަކު ބޭނުމެއް ނޫނެވެ. އަހަރެން ދަނީއެވެ."

އެންމެންގެ ވާހަކަ އަޑުއަހާފައި ސިޓީ ލިޔުނު މީހުންގެ ތެރެއިން މީހަކު ބުންޏެވެ.

"ތިޔަ ކަހަލަ ފިނޑިން ތިބި ރަށެއްގެ އެއްވެސް ކަމެއް ރަނގަޅެއް ނުވާނެއެވެ. ކަންކަން ޙައްލުވާނީ ފިސާރި ކެރިގެންނެވެ. ރަށުގައި ހިނގާ ނުބައި ކަންކަން ސަރުކާރުގެ ހުރިހާ ތަނަކަށް ވެސް އެނގެން ޖެހެއެވެ. ބާޒާރު ފިހާރަތަކަށް ވެސް އެނގެން ވާނެއެވެ.

ހަނދާން ކުރާށެވެ. މީގެ ފަހުން އެއްވެސް ކަމެއް ކަލޭމެންނާއި ދިމާވެގެން ސިޓީއެއް ލިޔަން އަހަރެމެންގެ ގާތަށް ނާންނާށެވެ. އެކަމެއް ނުކުރާނަމެވެ."

ކޮންމެއަކަސް އެރަށުން ގޯތި ލިބުނު މީހާ އެގޯތިން ހިކިފައިވާ ތަންކޮޅުގައި ދަނޑިފަނުން ކުޑަ ގެޔެއް އަޅައި، އެތާނގައި ދިރިއުޅެން ފަށައި އެމީހާއަށް ދަރިޔަކު ލިބުނު އިރު ވެސް، އެގޯއްޗާއި ބެހޭ ގޮތުން ލިޔުނު ޝަކުވާގެ ސިޓީގައި ސޮއި ކުރާނެ މީހަކު ހުރި ކަމަކަށެއް ނުވިއެވެ.

           --------------

ޢަބްދުﷲ ޙިލްމީ

12 ޑިސެމްބަރު 2012މ.