އިންޞާފުގެ ދުރުމި


މާލޭގައި އުޅުއްވި ކުރެހުންތެރިއެއް ކަމަށްވާ މަޝްހޫރު ކުރަހާ ޢަލީ ވަޙީދު، އެއްދުވަހަކު ރަސްގެފާނު މުޙައްމަދު ފަރީދަށް ކުރެހުމެއް ވެދުމަށް އެރުވުމުން، ރަދުން ބެއްލެވިއިރު އޭގައިވަނީ ރަދުންނެވެ.

ރަދުން ވިދާޅުވިއެވެ.

ހާދަހާ ރީއްޗެވެ. ވަރަށް ފުރިހަމައެވެ.

ދެން އެތާނގައި ތިއްބެވި ވަޒީރުންގެ ބޭފުޅުންނަށް ރަދުން ވިދާޅުވިއެވެ.

ހާދަހާ ރީއްޗެވެ. ވަރަށް ފުރިހަމައެވެ. އެހެންނޫންތޯއެވެ.

އެބޭފުޅުން ދެންނެވިއެވެ.

އެހާ ހުތުރެއްނޫނެވެ. އެކަމަކު މުޅިން ފުރިހަމައެއް ނޫނެވެ. ދިވެއްސެއްގެ ކުރެހުމަކަށް ބަލާއިރު އެހާ ގޯހެއްނޫނެވެ.

ދެން ރަދުން އިސްދަށަށް ޖައްސަވައިފިއެވެ.

އަނެއްދުވަހު ރަދުންގެ އެންމެއަރިސް އަރިހުބޭކަލަކު ޢަލީ ވަޙީދު ގާތަށް ފޮނުއްވައި ވިދާޅުވަނީ އަންނަ ހަފުތާގައި ސިލޯނުގެ މަނަވަރެއް އެބަ އާދެއެވެ. މަނަވަރު އެނބުރި ސިލޯނަށް ފުރާދުވަހު، އަހަރެންގެ އެހެން ތަޞްވީރެއް ކުރަހައިގެން ގަނޑުވަރަށް ގެނެސްދޭށެވެ.

އޭގެ ފަހުން އެމަނަވަރެއް މާލެއަށް އައިސް އެނބުރި ސިލޯނަށްދާން ފުރިދުވަހު ރަދުންގެ އެންގެވުމާއި އެއްގޮތަށް ޢަލީ ވަޙީދު ކަންތައް ކުރައްވައިފިއެވެ. ރަދުންގެ އެހެން ތަޞްވީރެއް ކުރައްސަވައި ފޮނުއްވައިފިއެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރު އެއްކަލަ ވަޒީރުންގެ ބޭފުޅުންނާއި އެހެންވެސް ދެތިން ވަޒީރުން ގަނޑުވަރަށް ވަޑައިގަތުމަށް އަންގަވައި އެބޭފުޅުން ވަޑައިގަތްއިރު ގަނޑުވަރުގެ މަތިގެކޮޅުގައި ރަދުން އިންނެވި ތަޚުތުގެ ކުރީމަތި ހުރި މޭޒުކޮޅުގައި ރަދުންގެ ތަޞްވީރެއް އޮތެވެ.

ދެން، އެ ތަޞްވީރަށް އިޝާރާަތްކުރައްވައި އެބޭފުޅުންނަށް ރަދުން ވިދާޅުވިއެވެ.

މި ތަޞްވީރު ކިހިނެއްތޯއެވެ.

ހުރިހާ ބޭފުޅުންހެން އެއްއަޑުފުޅަކުން ދެންނެވިއެވެ.

ސިލޯނު މަނަވަރުގެ އެޑްމިރަލްގެ ވެދުމެއް ދެއްތޯއެވެ. މަހާރަދުންނޭވެ! ދަންނަވާނޭ އެއްވެސް އެއްޗެއް ނެތެވެ. ފުރިހަމަކަމުގެ ކޮޅެއްނެތެވެ. ލާމަސީލެވެ. ލާ ޖަވާބެވެ. ތިޔައީ ސިލޯނުގެ އެންމެމަތީ ފެންވަރުގެ ފުންނާބު އުސް އާޓިސްޓެއްގެ ކުރެހުމެއްކަން ހަމަ ބަލައިލުމާއެކުވެސް އެނގިއްޖެއެވެ.

ދެން ރަދުން ތަޚުތުން ތެދުވެވަޑައިގެން ތަޞްވީރަށް ބައްލަވަމުން ވިދާޅުވިއެވެ.

މިއީ ދިވެއްސެއްގެ ކުރެހުމެއްނަމަ، "އެހާ ހުތުރެއްނުވާނެއެވެ. އެހާ ރީއްޗެއްވެސް ނުވާނެއެވެ. މުޅިން ފުރިހަމައެއްވެސް ނުވާނެއެވެ. އެހާ ގޯހެއްވެސް ނުވާނެއެވެ. އެކަމަކު ރަނގަޅެއްވެސް ނުވާނެއެވެ." ދެނެވަޑައިގެން ތިއްބެވީމުތޯއެވެ. މިއީ ދިވެއްސެއްގެ ކުރެހުމެކެވެ. ކުރަހާ ޢަލީ ވަޙީދުގެ ކުރެހުމެކެވެ.

ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި ދިވެހީންނަށް އެއްވެސް ކުލުނެއް ގާތްކަމެއް ގަދަރެއް ނެތީތޯއެވެ. ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި ޝުކުރާއި ތާރީފު ފުރިފައިވަނީ ބޭރު ކަރަތަކުގެ މީހުންނަށްތޯއެވެ. އެހެން ނުހައްދަވާށެވެ. ކޮންމެ އެއްޗަކަށް ކޮންމެ ކަމަކަށްވެސް އިންޞާފުގެ ދުރުމީން ބައްލަވާށެވެ.

ނޯޓެއް:

މިއީ، ސުލްޠާން މުޙައްމަދު ފަރީދުގެ އަރިހަށް، ކުރަހާ ޢަލީ ވަޙީދު ގެންދެވި ދެ ތަޞްވީރެއްގެ ވާހަކައިގެ މަފްހޫމު ނުގެއްލޭގޮތަށް އެކުލަވާލި މަޟްމޫނެކެވެ. މިމަޟްމޫނުގައިވަނީ، ކުރަހާ ޢަލީ ވަޙީދު ކުރެއްސެވި ފޮޓޯފުޅެއް ނޫނެވެ.

             -----------

"ގަލެހިރި"