ހަވަރުތިނަދޫގެ ފުރަތަމަ ޗާބީ ލަވަފޮށި

 ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޮޑެތި އޮޑިފަހަރު ދިވެހިރާއްޖޭގައި ހުރި ދުވަސްވަރު، އޭގެ ކުރިން ރާއްޖެއަށް ގެނެސްފައި ނުވާ ބައެއް އެއްޗެތި، މާލެއާއި ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ރަށްރަށަށް ގެނެސްފައި ވެއެވެ. މިއެއްޗެތި ގެނައީ އޮޑިފަހަރު އިންޑިޔާއާއި ސިލޯނަށް ގޮސްގެނެވެ 

މީގެ ތެރޭ އަތުން ޗާބީ ދީގެން ލަވަޖަހާ ލަވަ ފޮއްޓާއި، ލަވަ ހޮޅިއާއި، ކޮއްޓާ ފޮށްޓާއި، ހަރުމޯނިޔަމާއި، ޕިޔާނޯ އާއި، ބޭރުގެ ބުންބެރާއި، ޕިންގޕޮންގ ކުޅުމަށް ބޭނުންވާ (މޭޒުނޫން) އެއްޗިއްސާއި، ޓެނިސް ކުޅޭ އެއްޗިއްސާއި، މިކަހަލަ ގިނަ އެއްޗެހި ތަކެއް ވެސް ހުއްޓެވެ.

ހަވަރުތިނަދޫ އަށް އެންމެ ފުރަތަމަ، ޗާބީ ދީގެން ލަވަޖަހާ ލަވަ ފޮއްޓަކާއި، ހަރުމޯނިޔަމެއް ގެންނެވީ، ތިނަދޫ ޖަނަވަރީގޭ މަރުޙޫމު ޙަސަން ޙިލްމީ އެވެ.

މިއެއްޗެތި ގެނައި ތާރީޚެއް މިހާރު ހޯދޭކަށް ނެތެވެ. 1949 ގައި އަޅުގަނޑު އުފަންވީ އިރު ވެސް މިއެއްޗެތި ހުއްޓެވެ. ޖަނަވަރީގޭގައި އަޅުގަނޑާއި ތިނަދޫ މުޖުމަރާގޭ އިބްރާހީމް ރާޝިދާއި ޚިތާން ކޮށްގެން އުޅުނު އިރު، މި ލަވަޖަހާ ފޮށިން ހިންދީ ލަވަތަކެއް ޖެހިއެވެ. އޭގެ ތެރޭ "އޭ ޝަމްމާ ތޫ ބަތާ" "ނައިނޯން މޭ ޕްރީތު ހޭ" "ތޫ މެރާ ޗާންދު މައި ތެރީ ޗާންދްނީ" "މައި ކެހެދޫން ތުމްކޯ" މިކަހަލަ ލަވަތަކެއް ހުއްޓެވެ.

ރޭ، ޔޫޓިއުބް އިން މިލަވަތައް ބެލިއިރު އަންހެން އަޑުގެ ވެރިޔަކީ، ޕާކިސްތާނަށް އުފަން މުސްލިމު މޮޅު ލަވަ ކިޔުންތެރިޔާ، އަދި މޮޅު އެކްޓްރެސް ސުރައްޔާ އެވެ. އަދި މިލަވަތަކުގެ ފިލްމު އެކްޓްރެސް އަކީ ވެސް ސުރައްޔާ އެވެ. އޭނާވަނީ 1936–1963 އަށް ބޮލީވުޑްގައި މަސައްކަތް ކޮށްފައެވެ.

މީގެ ތެރެއިން ދެ ލަވަޔެއްގެ ފިލްމު އެކްޓަރަކީ، ރާޖް ކަޕޫރެވެ. އެއްލަވައިގެ އެކްޓަރަކީ ސިޔާމު އެވެ. އަނެއް ލަވަ ދޭވް އާނަންދެވެ. ސުރައްޔާގެ "ނައިނޯން މޭ ޕްރީތު ހޭ" މިލަވަ ޔޫޓިއުބް އިން މިހާރު ކުލަކޮށް ފެނެއެވެ.

އިންޑިއަން އައިޑޮލް ސީޒަން 12 ގެ ސްޓޭޖްގައި މޮޅަށް ލަވަ ކިޔާފައިވާ އަރުނިތާ އަކީ، ސުރައްޔާ ކަހަލަ މޮޅު ކުއްޖެއް ކަމަށް ރާޖް ކަޕޫރުގެ ދަރިފުޅު ރަންދީރް ކަޕޫރު ބުނެފައި ވެއެވެ. ލަތާ މަންގޭޝްކަރް ކިޔާފައިވާ މަޝްހޫރު ލަވަޔެއް، އެއަށްވުރެ މޮޅަށް ކިޔާފައިވަނީ ވެސް އަރުނިތާ ކަމަށާއި، އޭނާއަށް ތާރީފުކޮށް "ހީރޯއިން މެޓީރިއަލް, ސިންގަރ މެޓީރިއަލް" ރަންދީރް ކަޕޫރު ބުންޏެވެ.

       
 އިންޑިއަން އައިޑޮލް ސީޒަން 12 ގެ އެންމެ މޮޅު ދެ ލަވަކިޔުންތެރިން، ޕަވަން ބެއްޔާ - އަރުނިތާ ދީދީ

****

އިންޑިޔާގެ ބަޔަކު ބުނެފައި ވަނީ، މިހާތަނަށް އެންމެ މޮޅަށް އެންމެ ރީއްޗަށް ލަވަ ކިޔާފައިވާ އިންޑިޔާގެ އަންހެން ލަވަ ކިޔުންތެރިޔަކީ، އަރުނިތާ ކަމަށެވެ.

އިންޑިއަން އައިޑޮލް ސީޒަން 12 ގެ ފަހުން، "ރޫޙާނީ އާވާޒް ކީ މަލިކާ" ގެ ނަމުން ވެސް އަރުނިތާ، މަޝްހޫރުވެފައި ވެއެވެ.

ތިނަދޫ ޖަނަވަރީގޭގައި ހަރުމޯނިޔަމް ޖަހަނިކޮށް އަޅުގަނޑު ފުރަތަމަ ދުށް ހަނދާންވަނީ، ކޮޅުމަޑުލު އޮމަދޫ މަރުޙޫމު ދޮން މޫސާ އެވެ. ވަރަށް މޮޅަށް ހަރުމޯނިޔަމް ޖަހައެވެ. މަރުޙޫމު ދޮންމޫސާ އަކީ، ޕްރިންސް ޙަސަން ޢިއްޒުއްދީން، މުލީއާގޭގައި ގެންގުޅުއްވި މިޔުޒިކް ގްރޫޕްގެ ބޭކަލެކެވެ. މިދޮން މޫސާގެ ތިނަދޫ ދަރިކޮޅު އެބަ އޮތެވެ. 

ހަރުމޯނިޔަމް ޖަހަން އަޅުގަނޑަށް ދަސްކޮށްދެއްވީ، ޖަނަވަރީގޭ މަރުޙޫމާ ފާޠިމަތު ޙުސައިން އެވެ. ދަސްކުރި ފުރަތަމަ ލަވަޔަކީ "ބޭ ޗޭނި ނަޒަރް" އެވެ.

ތިނަދޫ ޖަނަވަރީގޭ މަރުޙޫމު ޙަސަން ޙިލްމީ ގެންނެވި ލަވަ ފޮއްޓާއި، ލަވަ ހޮޅިޔާއި، ހަރުމޯނިޔަމާއި ވައްތަރު އެއްޗެތި ގޫގުލްސް އިން ހޯދައިލީމެވެ.

 

       -----------------

ޢަބްދުﷲ ޙިލްމީ

11 މޭ 2023މ.