ރައްޔިތުންގެ ޚަޒާނާގެ ތަޅުދަނޑި

 

ޢަދުލުވެރި ރަސްކަލަކު އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އަދި އެއީ، އެރަސްގެފާނު ފުރައުއްތަ ވެދާނޭ އާލާސްކަންފުޅު ކަމަށް ބެއްލެވިއެވެ.

އެއަށްފަހު، އެރަސްގެފާނުގެ އަމުރުފުޅަށް ޝަހަރުގެ ކޯއްޓޭތަކުގައި ޑަނޑޫރާ ޖަހައި މައިދާންތަކާއި ބޮޑެތި މަގުތަކުގައި ގޮވާބަޔަކު ގޮވަމުން ގެންދިޔައެވެ.

"މީސްތަކުންނޭވޭ!

މިއިއްވަނީ ރަސްގެފާނުގެ ވިދާޅު ބަސްފުޅެވެ. ހަމަ އެންމެތަކުން މިޔަށް ކަނުލައި އަހައި ބޯލަނބައި ކިޔަމަންވާހުށި ކަމެވެ!

އަހުރެންގެ ފަހަށް ތިޔަބައިމީހުންގެ ތެރެއިން ގިނަ ބަޔަކަށް ފެންނަމީހަކު، އަހުރެން އިށީނދެގެން އިން ގޮނޑީގައި ބައިންދާށެވެ. އަދި އުރެދުމަކަށް ނުވާ ކަމަކަށް އެމީހަކު އަމުރެއްކޮށްފިނަމަ އެއަމުރަކަށް ކިޔަމަންވާށެވެ. ފަހެ، އުރެދުމަކަށްވާ ކަމަކަށް އެމީހަކު ވިޔަސް އަމުރުކުޅަ ނަމަ، އެއަމުރަކަށް ކިޔަމަންވުމެއް ނެތެވެ.

މީސްތަކުންނޭވެ!

އަހުރެން އިން ގޮނޑީގައި ތިޔަބައިމީހުންގެ ގިނަމީހުންނަށް ފެންނަ މީހަކު ބޭންދިކަމަކަށް ވިޔަސް، ތިޔަބައިމީހުންގެ ޚަޒާނާގެ ތަޅުދަނޑި އޮންނަންވާނީ ތިޔަބައިމީހުންގެ ގިނަމީހުންގެ ލޮލަށް ފެންނަ ގޮތަށެވެ. އެތަޅުދަނޑިން ޚަޒާނާ ހުޅުވައިގެން ކުރާކަމެއް ގިނަމީހުންގެ ލޮލަށްފެނި އެނގޭ ގޮތަށެވެ. އަދި އެޔަށް ފާރަވެރިވެ ބެލެހެއްޓުމަށްޓަކައި އޭގެ އެކަކު އަނެކަކު ދަތުމެއް ގުޅުމެއް ކަމެއް ނުވާ ތިން މީހަކު އެތަޅުދަނޑި ބަލަހައްޓަން ބައިތިއްބާށެވެ.

މީސްތަކުންނޭވެ!

އަހުރެންގެ މިނިންމުމަކީ، ދުނިޔޭގެ ޖާހާއި ތަނަވަސްކަމާއި ޒީނަތާއި ކަންފަސޭކަމާއި އަމިއްލަ ފައިދާއަށް، ތިޔަބައިމީހުންގެ ވެރިމީހާ ހެއްލި، އިބުލީހުގެ މަގުން ދަތުރުކޮށް އެމީހާ ނަރަކަޔަށް ވަނަނުދީ ސަލާމަތްކުރުމަށް ކުރާ ކަމެކެވެ."

          ------------

ޢަބްދުﷲ ޙިލްމީ

17 އޭޕްރީލް 2023މ.