އޭސީ ކޯޕަރޭޝަނުން ޑުރައިވަރެއްގެ ވަޒީފާއަށް އިޢުލާނު ކުރުމުން އެކަމާބެހޭ ފޯމު ފުރައި އެތަނަށްލީމާ، ދިހަދުވަސް ފަހުން އިންޓަވިޔުއަށް އެތަނަށް ދިޔުމަށް އާދަނަށް އަންގައިފިއެވެ. އެހެންވެ އެންގި ގަޑިޔަށް އެތަނަށްދިޔައިރު އެވަޒީފާއަށް އެދިފައިވާ ތިރީހަކަށް މީހުން އެތާ ތިއްބެވެ. އާދަނާއި ޖެހުމުން އެތެރޭގެ ކޮޓަރިޔަކަށް އޭނާ ވެއްދިއިރު ހަތަރުމީހަކު ތިބި ކޮމިޓީއެއްގައި ސުވާލުކުރަން އިންނެވީ އެތާނގެ އެންމެ އިސް މާޖިދުގެ ދަށުން ހަތަރުވަނަޔަށް ހުންނަވާ ޒުހޫރެވެ. އާދަނު ވަދެ އިށީނުމުން އޭނާގެ ކަމާބެހޭ ފޯމާއި އައިޑީ ކާޑާއި އެހެނިހެން ލިޔުންތައް ޒުހޫރު ބެއްލެވިއެވެ.
ޒުހޫރު:
މިތަނުގެ ޑުރައިވަރަކަށް
އާދަނު ކުރިމަތިލީ ކީއްވެ؟
އާދަނު:
މިއީ ސަރުކާރުގެ
ތަނަކަށްވާތީ އިންޞާފުވެރިކަމާއެކު ވަޒީފާ ހަމަޖެހޭނެ ކަމަށް ދެކިގެން. އެކަންވެއްޖެނަމަ
ސަލާން ނުޖަހައި ދަރިންނަށް ކާންބޯންވެސް ދެވިދާނެތީވެ. މިހާރު ތަކެތީގެ އަގު
އުޅެނީވެސް އާދައިގެ ނިކަމެތިންގެ އަތްފޯރާފަށަކު ނޫން.
ޒުހޫރު: އެންމެފަހުން
އުޅުނީ ކޮން ވަޒީފާއެއްގައި؟
އާދަނު: ޞޮދުރީ
ފިހާރައިގައި.
ޒުހޫރު: އެތަނުން ވަކިވީ
ކިހިނެއްވެގެން؟
އާދަނު: މިފަހުން ޖީއެސްޓީ ބޮޑުވީމާ
އެތާނގައި ތިބޭ ބޭރުމީހުން ހިތަށްއެރި އަގެއްގައި ހިތަށްއެރި މީހަކަށް
ބޮޑުއަގުގައި އެއްޗެތި ވިއްކާތީ، ނަރަކަޔަށް ދާން ބޭނުންނުވެގެން.
ޒުހޫރު:
އެއްޗެހި ދުއްވައި
އުޅެމުތަ؟
އާދަނު: އެންމެފަހުން
ދުއްވީ ބޭބެގެ ކުޑަ ދޯނި.
ޒުހޫރު: މިހާރު އެއްގަމުގައި
ދުއްވަނީ ކޮންކޮން އެއްޗިއްސެއް؟
އާދަނު:
އިންޖީނުލީ ހުރިހާ އެއްޗެއް
ދުއްވަންވެސް އެނގޭ. އެކަމަކު މިހާރު ދުއްވަނީ ބައިސިކަލު. އެއީ އެންވާރުމެންޓަށް
ބަލަން ޖެހޭތީ. ދުއްވާ އެއްޗެތީގެ ދުމުން ޖައްވު ނުސާފުވިޔަ ނުދޭން. އެހެންޏާ،
އިހަކަށް ދުވަހުވެސް މީހުން އުޅުނީ ޖައްވު ނުސާފުވެގެން އެޔެއް މިޔެއް ނޭނގިގެންވިއްޔާ.
ޒުހޫރު:
އާދަނަކީ ކޮން ޕާޓީއެއްގެ
މީހެއްތަ؟ ސަޕޯޓު ކުރަނީ ކާކަށް؟
އާދަނު:
މިހާރު ނަން އޮތް ޕާޓީއެއް އެނގޭނީ
އިލެކްސަނަށް. އެކަމަކު ޕާޓީއަކަށް ވައްދަން ބޭނުންވެގެން އަޅުގަނޑު ގާތަށް ގެނައި
ކޮންމެ ފޯމެއްގައި ވާނީ ސޮއިކޮށްފައި. އެއީ ބަޔަކު ކަމަކަށް އެދިގެން އައީމާ ހުސް
އަތާ އެމީހުން ނުފޮނުވުމަށް. އެކަމަކު އަޅުގަނޑު ސަޕޯޓުކުރަނީ އަމީތާބަށް.
އެވަރުގެ ގަދަ، މޮޅު އެހެން މީހަކު އަދިޔެއް ނުފެނޭ.
ޒުހޫރު(ހީލާފައި):
އެންމެރަނގަޅު. ބޮޑު
މީހާއަށް ސަޕޯޓުކޮށްފާނަންތަ؟
އާދަނު:
އަސްތާ! ތިޔަ ކަމެއް
ކުރާކަށް ލާހިކެއްނޫން! ބިރުހުރި ކަމެއް. އައިމިނަ ގޯތީ ކަތްދަ މަރުވީވެސް
ބޮޑުމީހާ އަވަލައި މޮޔަވެގެން. އެހެންނޫނަސް މިހާރު ރޭގަނޑު ހުރިހާ ތަނެއް އަލިގަދަވީމާ
ބޮޑުމީހާ އުޅޭކަމަށްވެސް ނުވޭ. އެހެނެއްނޫން އަޅުގަނޑުމެން ކުޑައިރު އެތަން
މިތަނުން ބޮޑުމީހާ ފެންނަކަމަށްވޭ. އައިމިނަގެ ބަފާ ގޯތިންވެސް ކިތަންމެ ރެޔަކު
ބޮޑުމީހާ ފެނިފައި އެބަހުރި.
މިހިސާބުން އިންޓަވިޔު ނިމުނީ
ކަމާއި ބޭނުންވެއްޖެ ނަމަ އަންގާލާނެ ކަމަށް ޒުހޫރު ވިދާޅުވެއްޖެއެވެ.
+++++++++++++
ވަޒީފާ ހަމަޖެހުނު
ކަމެއްވެސް ނުޖެހޭ ކަމެއްވެސް އާދަނަށް ނޭނގުމުން އެކޯޕަރޭޝަނުގައި އުޅޭ ރޫބީނާ(ރޫބީ)
ގެ ގެޔަށް ގޮސް ރޫބީ ގާތުން ޚަބަރު އަހައިލިއެވެ. ރޫބީއާއި އާދަނުގެ އަނބި
އައިމިނައާއި ދެބެންގެ ދެދަރިއެވެ.
ރޫބީ:
އާދަންބެ ސިޓީލީ ވަޒީފާ
އެހެންމީހަކަށް ހަމަޖެހި އެމީހާ އެވަޒީފާގައި އެބަ އުޅެއެވެ. އާދަންބެއަށް
ނޭނގެނީތާއެވެ. މިހާރު ބައެއް ތަންތަނުން ވަޒީފާދެނީ އެވަޒީފާއަކަށް ގެންނަން ބޭނުންވާ
މީހަކަށް ހެޔޮވަރުކޮށް ފަހާ ކޯޓެއްގެ ގޮތަށެވެ. އެހެންމީހަކަށް ހެޔޮވަރުނުވާ
ގޮތަށެވެ. ކޮންމެހެން ވަކި ފެންވަރަކަށް ބަލައިގެން ނޫނެވެ. އެންމެ އިސްކަން ދޭނީ
ނުލަފާ އަޑުގަދަ މީހުންނަށެވެ. ޕޯޑިޔަމްތަކަށް އަރައި ކަރުން ނާރު ފުއްޕައި މީސްމީހުންގެ
އަބުރާ ބެހި، ނެތިނުބައި ގޮވައި އުޅޭ އެކްޓިވިސްޓުންނަށެވެ. ވިސްނައިލީމާ މިކަން
އާދަންބެއަށް ވެސް އެނގޭނެއެވެ.
މިހިސާބުން އެގެއިން
ނުކުންނަމުން އާދަނުގެ ހިތަށް އެރިއެވެ. މިއޮތީވާ ކަމެކެވެ. މިފެންނަނީ ފަހު
ޒަމާނުގެ ޢަލާމާތެވެ. ބުރަ މަސައްކަތުން ކިޔެވުމެއް އެނގުމެއްގެ ބޭނުމެއްނެތް
ކަމެވެ. ކިޔަވައިގެން ތިބޭ މީހުންގެ މައްޗަށް ނުކިޔަވައި ތިބޭ މީހުން ބާރު ފޯރުވާތަނެވެ.
އެނގުމުގެ މައްޗަށް ނޭނގުން އިސްވާތަނެވެ.
ތެދެކެވެ. ގެންދަވާނީ
ދައްކަވަން ހުރި ތަނެއް ދައްކަވާފައެވެ.
--------------------
ޢަބްދުﷲ ޙަސަން،
ހުޅުދުމައިގެ
7 މާރިޗު 2023މ.