އަދުގެ ދުނިޔެ: ޕްރިންސް ހެރީއަކީ ޗާލްސްގެ ދަރިކަލެއް ނޫންކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ ކޮބާ؟


އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައިގެ ދެވަނަ ދަރިކަލުން ޕްރިންސް ހެރީގެ އަސްލު ނަންފުޅަކީ ހެންރީ ޗާލްސް އަލްބަރޓް ޑޭވިޑެވެ. އޭނާއަކީ މިވަގުތު އިނގިރޭސި ތަޚުތު ވާރުތަވާ ލައިނުގައި ފަސްވަނަޔަށް ހުންނެވި ބޭފުޅާއެވެ. އެއްވަނައިގައި ހެރީގެ ބޭބޭފުޅު ޕްރިންސް ވިލިއަމެވެ. ދެވަނައިން ހަތަރުވަނައަށް ތިއްބެވީ ޕްރިންސް ވިލިއަމްގެ ތިން ބޭފުޅުންނެވެ. ޖޯޖާއި ޝާރލޮޓާއި ލުއިސްއެވެ. ޕްރިންސް ހެރީގެ ވަރަށް ތުއްޕުޅު އުމުރުފުޅުން ފެށިގެން އޭނާއަކީ ޗާލްސްގެ އަސްލު ބޭފުޅެއް ނޫންކަމުގެ ވާހަކަތައް އިނގިރޭސި ނޫސްތަކުން ތިލަކުރަމުން ފަތުރަމުން އާދެއެވެ. ޕްރިންސް ހެރީގެ އަސްލު ބައްޕަކަމަށް އޭރު ނޫސްތަކުގައި ލިޔަމުން އައީ ޖޭމްސް ހެވިޓްގެ ނަމެވެ. އެއީ ހެރީގެ މަންމާފުޅު ޕްރިންސަސް ޑަޔާނާއަށް އަސްދުއްވަވާން ދަސްކޮށްދިން އިންސްޓްރަކްޓަރެވެ.

ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމަށްފަހު ޗާލްސް ރަސްކަމަށް ވަޑައިގެންނެވީމާ ޕްރިންސް ހެރީގެ ޝާހީ ހައިސިއްޔަތުގެ ސައްހަކަމުގެ ސުވާލު އަނެއްކާވެސް ބައެއް މީހުންވަނީ ކުރަން ފަށައިފައެވެ. މިކަމާ ގުޅިގެން ހެރީގެ ބައްޕަ ކަމަށް ބައެއް މީހުން ޝައްކުކުރާ ޖޭމްސް ހެވިޓް ވަނީ ވާހަކަވެސް ދައްކައިފައެވެ. ހުވައިކޮށްފައި އޭނާ ބުނެފައިވަނީ ޕްރިންސް ހެރީއަކީ އޭނާގެ ދަރިއެއް ނޫންކަމަށާއި އޭނާޔާއި ޕްރިންސަސް ޑަޔާނާ އެންމެ ފުރަތަމަ ބައްދަލުވީވެސް ހެރީއަށް ދެތިން އަހަރުވީފަހުން ކަމުގައެވެ. ހެރީއަކީ ޖޭމްސް ހެވިޓްގެ ދަރިއެއް ކަމަށް ޝައްކުކުރެވެންފެށީ ޗާލްސްއާ ވައްތަރު ނުވުމާއި ހެވިޓް ފަދައިން ރަތްކުލައިގެ އިސްތަށިގަނޑެއްގެ ވެރިޔަކަށް ވުމުންނެވެ. ޑީއެންއޭ ހަދައި މި ޝައްކު ފިލުވައިލުމަށްވެސް ބައެއް މީހުން ވަނީ ހެރީއާއި ޗާލްސްއަށް ގޮވާލައިފައެވެ.

ޕްރިންސަސް ޑަޔާނާ އާއި ޖޭމްސް ހެވިޓްގެ ލޯބީގެ ކުޅިސަމާގެ ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ. ޑަޔާނާ އަވަހާރަވުމުގެ ކުރިން ޚުދު ޑަޔާނާވެސް އެކަމަށް އިއުތިރާފް ވެވަޑައިގެންނެވިއެވެ. ދެބޭފުޅުންގެ ގުޅުމަކީ ޖިސްމާނީގޮތުންވެސް ބަދަހިކޮށް އޮތް ގުޅުމެއްކަން ޖޭމްސް ހެވިޓްގެ ވާހަކައިންވެސް އޮތީ ޔަގީން ކުރެވިފައެވެ. އެކަމަކު ޕްރިންސް ހެރީގެ ޚާންދާނީ ސައްހަކަމާއި މިކަމަކާއި ގުޅުމެއް ނެތެވެ. މިކަން ފެށިފައި އޮތީ ޕްރިންސް ހެރީ އުފަންވެވަޑައިގެންނެވި ފަހުންނެވެ. ޑީއެންއޭ ހަދަން ގިނަބަޔަކު ގޮވައިލިޔަސް އެފަދަ ޓެސްޓެއް ހެދިކަން ޔަގީނެއް ނޫނެވެ. މިކަމާމެދު ޕްރިންސް ހެރީ ވިދާޅުވެފައިވަނީ ޑީއެންއޭ ހެދުމުގެ ބޭނުމެއް ނެތް ކަމަށާއި ބައްޕަޔަކީ ޗާލްސްކަމާމެދު ޝައްކެއްވެސް ނެތް ކަމުގައެވެ. ޑީއެންއޭ ހަދަންޖެހޭނީ ޝައްކު އޮތިއްޔާ ކަމުގައެވެ.

ޕްރިންސް ހެރީގެ އަސްލު ބައްޕަޔަކީ ކާކުކަމާމެދު އެވަރަށް ޝައްކު އުފެދި، ރަށުތެރޭގައި އެންމެން އެވަރަށް އެވާހަކަ ދައްކައި، ނޫސްތަކުގައި އެވަރަށް ލިޔުނުއިރު މިކަމުގެ ހަގީގަތް ކޮންމެވެސް ގޮތަކުން ރާނީ އެލިޒަބަތާއި ޝާހީ އާއިލާއިން ބަލައި ސައުފުކޮށްފައި އޮންނާނޭކަމީ ޔަގީން ކަމެކެވެ. ޑީއެންއޭ ހެދިކަމާއި އޭގެ ނަތީޖާއަކީ ކޮބައިކަން ހާމަނުކުރެވުނު ކަމަށްވިޔަސްމެއެވެ. ރާނީ އެލިޒަބަތަކީ މިޒާތުގެ އާއިލީ ގުޅުމާއިބެހޭ ކަންކަމަށް ވަރަށް ބޮޑު ސީރިއަސްކަމެއް ބެހެއްޓެވި ބޭފުޅެކެވެ. ވާހަކަތައް ފެތުރުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް ރާނީގެ މާމަ ކުދީންގެ ތެރެއިން އެކަމަނާޔާއި އެންމެ އަރިސް ބޭފުޅަކީ ޕްރިންސް ހެރީއެވެ. ރާނީ އެންމެ ބޮޑަށް ލޯބިފުޅުވީ ޕްރިންސް ހެރީދެކެއެވެ. ޕްރިންސް ހެރީއަކީ ރާނީގެ އަރިހުގައި އެހެން ބޭފުޅުންނަށް ކުރައްވަން ކެރިވަޑައިނުގަންނަވާ ކަންކަންވެސް ކުރައްވާ ބޭފުޅެކެވެ. ޕްރިންސް ހެރީއަށް މަނާކަމެއް ނޯވެއެވެ.

އެހާބޮޑަށް ރާނީގެ އަރިހުގައި ޕްރިންސް ހެރީގެ ހައިސިއްޔަތު އުފުލި ލޯބިވެސް އިތުރުވާނީ ޕްރިންސް ހެރީއަކީ ޗާލްސްގެ ދަރިކަލެއްކަން ރާނީއަށް ކަށަވަރުވެވަޑައިގަންނަވާތީއެވެ. ހަމައެކަނި ރާނީއެއް ނޫނެވެ. ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕްގެ އެންމެ ޚާއްސަ ކާފަދަރިކަލަކީވެސް ޕްރިންސް ހެރީއެވެ. ތެދެކެވެ. ޗާލްސްއާއި ހެރީ ވައްތަރެއް ނޫނެވެ. އެކަމަކު ޗާލްސްގެ ބަފައިކަލުން ޕްރިންސް ފިލިޕާއި އެއްވެސް ތަފާތެއް ނެތެވެ. މިޒާޖެވެ. ހިންގެވުމެވެ. އިސްކޮޅެވެ. ސިފައެވެ. ވާހަކަފުޅު ދެއްކެވުމެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކަމެކެވެ. ހެރީޔާއި ޕްެރިންސް ފިލިޕް އެހައިބޮޑަށް ވައްތަރުވުމަކީވެސް ރާނީގެ އަރިހުގައި ހެރީގެ ހައިސިއްޔަތު އުފުލުމުގެ ސަބަބެކެވެ. ޑީއެންއޭ ނެހެދިޔަސް ހެރީގެ ސިފަޔާއި މިޒާޖަށް ބައްލަވައިފައި ރާނީއަށް ހެރީގެ ސައްހަކަން ކަށަވަރުކުރެއްވޭނެއެވެ.

ޕްރިންސް ހެރީއާއި މޭގަން މާކަލްގެ ކައިވެނިފުޅަށްފަހު ޝާހީ އާއިލާގެ ތެރޭގައި އުފެދުނު ތޫފާނާއި، ޝާހީ އާދަކާދަތަކަށް ޕްރިންސް ހެރީ ފާޑު ވިދާޅުވެފައި އެމެރިކާއަށް ހިޖުރަ ކުރެއްވުމާއި ހެރީގެ ބޭފުޅުން ޝާހީ ކަސްތޮޅަކުން ބަނދެވޭން ބޭނުންފުޅު ނުވާކަމަށް ވިދާޅުވުންފަދަ ކަންކަން ހެރީ ކުރައްވާނީވެސް އެއީ ޗާލްސްގެ ހަގީގީ ދަރިކަލެއްކަން ސައިންސްގެ އަލީގައި ކަށަވަރުވެގެންނެވެ. އެހެންނޫނީ އެހާބޮޑު ހިތްވަރެއް ކުރައްވަން ކެރިވަޑައެއް ނުގަންނަވާނެއެވެ. މިހުރިހާ ކަމެއް މިބީދައިން ހުރީމާ ދަންނަވަން ޖެހެނީ މިހެންނެވެ. ޕްރިންސް ހެރީއަކީ ޗާލްސްގެ ސައްހަ ދަރިކަލެކެވެ. އެކަމާމެދު ޝާހީ އާއިލާގެ ތެރޭގައި އެއްވެސް މިންވަރަކަށް ޝައްކުކުރުމެއް ނެތެވެ. ޝައްކެއް އޮތިއްޔާ އެ ޝައްކެއް އޮތީ އިނގިރޭސި ނޫސްވެރިންގެ ސިކުނޑީގައެވެ.

                   -----------------

ލިޔުއްވީ: ޢިމާދު ލަޠީފު

https://oneonline.mv/68263